ކޮންޓެކްޓް ޓްރޭސިން އަށް އެޗްޕީއޭ އިން އެޕެއް ތައާރަފްކޮށްފި

ކޮވިޑް-19 ބައްޔަށް ޝައްކު ކުރެވޭ މީހަކާ ގާތުން ބައްދަލުވެފައިވާ ނަމަ އެކަން ދެނެގަންނަން އެހީވެދޭނެ އެޕްލިކޭޝަނެއް ހެލްތު ޕްރޮޓެލްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ތައާރަފް ކޮށްފި އެވެ.


"ޓްރޭސްއެކީ" އަކީ ސިންގަޕޫރުގެ "އޯޕަން ޓްރޭސް" ލައިބްރަރީގެ މައްޗަށް ބިނާކޮށް، ދިވެހި ޑިވެލޮޕަރުންގެ ޓީމަކުން ރާއްޖެ އަށް ޑިޒައިން ކޮށްފައިވާ އެޕްލިކޭޝަނެކެވެ. މި އެޕް ހަދާފައި ވަނީ ދިވެހި، އިނގިރޭސި އަދި ބެންގާލީ ބަހުން ބޭނުންކުރެވޭ ގޮތަށެވެ.

މިއީ ބްލޫޓޫތު ސިގްނަލް މެދުވެރިކޮށް، އެޕް ބޭނުންކުރާ އެހެން މީހުން ކައިރީގައިވާ ނަމަ ދެނެގަނެވޭނެ ފަދަ އެޕެކެވެ. މި ގޮތުން ފޯނުގެ ބްލޫޓޫތު މެދުވެރިކޮށް މިނެޓަކު ދެތިން ފަހަރު "ބީކަން" އެއް ފޮނުވާލަ އެވެ. މި ބީކަންގައި އެކުލެވިގެން ވަނީ އެޕް ބޭނުންކުރާ ފަރާތަށް ދޫކުރާ އައިޑީ އެކެވެ. މިއީ ކޮންމެ 15 މިނިޓަކުން ބަދަލުވާ އައިޑީއެކެވެ. އެހެންވެ އެ ބީކަން އަކީ ކާކުގެ ބީކަންއެއް ކަމެއް ކޮންމެ މީހަކަށް ނޭނގޭނެ އެވެ. ބީކަންއެއް ފެނިއްޖެ ނަމަ، "ޓްރޭސްއެކީ" އެޕްގައި ރެކޯޑް ކުރެ އެވެ. ނަމަވެސް އެ ގޮތަށް ރައްކާކުރެވޭ މައުލޫމާތު އޮޓޯ އިން އެޗްޕީއޭއަކަށް ނުފޮނުވާނެ އެވެ. އަދި އެޕްގައި ރައްކާކުރާ ރެކޯޑާ އެކު އިތުރު އެއްވެސް ޒާތީ މައުލޫމާތެއް އެޕް މެދުވެރިކޮށް ރައްކަލެއް ނުކުރާނެ އެވެ. އެޕްގައި ޒާތީ މައުލޫމާތު ގެންގުޅޭ ގޮތުގެ ޕޮލިސީ، ވެބްސައިޓްގައި ޝާއިޢު ކޮއްފައިވާނެ އެވެ. (https://trace.hpa.gov.mv/privacy.html

އެޕް އިންސްޓޯލްކޮށްފައިވާ މީހުން، ކޮވިޑް-19 އަށް ޝައްކުކުރެވޭ ނަމަ، އެޗްޕީއޭ އިން އެ މީހަކަށް ގުޅައި، މި ޑޭޓާ އަޕްލޯޑް ކުރަން ރިކުއެސްޓު ކުރާނެ އެވެ. މި ޑޭޓާ އަޕްލޯޑް ކުރާނީ އެ ފަރާތުގެ ރުހުން ހޯދައިގެން، އެ މީހެއްގެ އިޚްތިޔާރުގަ އެވެ. ޑޭޓާ ޑިކްރިޕްޓް ކުރުމަށް ފަހު، އެ މީހަކާ ބައްދަލުވީ ކޮން ބައެއްކަން ދެނެގަނެވޭނެ އެވެ. އަދި މީގެ ތެރެއިން އެންމެ ރިސްކް ބޮޑީ ކޮންބައެއްކަން އެނގޭނެ އެވެ.

މިފަދަ އެޕްތައް އެހެން ގައުމުތަކުގައި ވެސް މި ވަގުތު ބޭނުން ކުރެ އެވެ. އެޕްގެ ކާމިޔާބީ ވަނީ ވީހާ ވެސް ގިނަ މީހުން އެޕް އިންސްޓޯލްކޮށް ބޭނުން ކުރުމުންނެވެ. ޚާއްސަކޮށް، އެކި ކަންކަމުގައި މި ދުވަސްވަރު ބޭރުގައި އުޅޭ، ނުވަތަ މީހުންނާ ބައްދަލުވާ ހާލަތުގައި ތިބި މީހުން މި އެޕް ބޭނުންކުރުން މުހިންމެވެ.

މި އެޕްލިކޭޝަން މަސައްކަތް ކުރާނީ ދިމާވާ އެންމެން ވެސް އެޕް ފޯނަށް އަޅާފައިވާ ނަމަ އެވެ. އަދި އެޕްލިކޭޝަނުން ނަގާ ޕްރޮކްސިމިޓީ ޑާޓާ ފޯނުގައި ރައްކާކުރާނެ އެވެ. މީގެ ސަބަބުން، ދިމާވެފައިވާ މީހަކު ބައްޔަށް ޕޮޒިޓިވް ވުމުން، އޭނާއާ ދިމާވި މީހުންގެ މައުލޫމާތު އެނގި ބަލި ފެތުރުން ކޮންޓްރޯލް ކުރަން އެހީވެދޭނެ އެވެ.

ސިންގަޕޫރުގައި ބޭނުން ކުރޭ، ނަތީޖާ ކިހިނެއް؟

މިއީ ސިންގަޕޫރު ސަރުކާރުން ހެދި އަދި އެ ގައުމުގައި މިހާރު ބޭނުން ކުރަމުން އަންނަ "ޓްރޭސްޓުގެދާ" އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ. އެކަމަކު މި އެޕްލިކޭޝަނުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް އޮތް ގޮންޖެހުމަކީ، އެންމެން އެޕްލިކޭޝަން ބޭނުން ނުކުރުމެވެ. އެހެންވެ، މިދިޔަ މަހުގެ 20 ވަނަ ދުވަހު ސިންގަޕޫރުގައި ބޭނުން ކުރަން ފެށި މި އެޕް، ވީހާ ވެސް ގިނަ ބަޔަކު ފޯނަށް އެޅުމަށް އެ ގައުމުގެ ސަރުކާރުން ވެސް ވަނީ އެދިފަ އެވެ.

ސިންގަޕޫރުގައި މިިހާރު 1.1 މިލިޔަނަށް ވުރެ ގިނަ މީހުން މި އެޕްލިކޭޝަން ބޭނުން ކުރެ އެވެ. އެއީ އެ ގައުމުގެ އާބާދީގެ ފަސްބައިކުޅަ އެއްބަ އެވެ.

މާލެތެރެއިން އެންމެ ކޮވިޑް-19 ގެ މީހަކު އެންމެ ފުރަތަމަ ފެނިފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު، މިހާތަނަށް 269 މީހަކު ވަނީ ރާއްޖޭން ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން ގިނަ މީހުން ފެނިފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިންނެވެ.