ރާއްޖެ ގެންނަން މެޑްޓެކް މޯލްޑިވްސްއާ ހަވާލުކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން އައިސީޔޫ 18 ވެންޓިލޭޓަރު މިއަދު ގެނެސްފި އެވެ.
އެ ވެންޓިލޭޓަރުތައް ގެނައީ ސްރީ ލަންކަން އެއާލައިންސްގެ ކާގޯ ފްލައިޓެއްގައި، އެ އެއާލައިންސްގެ ރާއްޖޭގެ އެޖެންޓް، އިނަ މޯލްޑިވްސްގެ އެހީތެރިކަމާ އެކު އެވެ.
މި ވެންޓިލޭޓަރުތައް ގެންނަން ކުރިން ތާވަލްކުރީ މިދިޔަ ހުކުރު ދުވަހަށެވެ. ނަމަވެސް އެ ދުވަހުގެ ކާގޯ ފްލައިޓް މާ ބޮޑަށް ބިޒީވުމުން ގެނެވޭ ގޮތް ނުވީ އެވެ.
އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 18 ވެންޓިލޭޓަރުގެ އިތުރުން މި ވަގުތަށް ކޮންމެހެން ބޭނުންވާ މެޑިކަލް ސާމާނު ވެސް މިއަދު ގެނައި ކަމަށެވެ.
ހެލްތު މިނިސްޓްރީން ކުރިން ބުނެފައި ވަނީ މެޑްޓެކްއާ ހަވާލުކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން 18 ވެންޓިލޭޓަރު މި މަހުގެ އެކެއްގައި، 10 ވެންޓިލޭޓަރު މި މަހުގެ 15 ގައި ރާއްޖެއަށް ގެންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވާ ކަމަށެވެ. މެޑްޓެކްއާ ހަވާލުކުރީ 50 ވެންޓިލޭޓަރެއް ގެންނަން ކަމަށް ހެލްތު މިނިސްޓްރީން ކުރިން ބުނެފައި ވެ އެވެ.
ވެންޓިލޭޓަރު ގެންނަން މެޑްޓެކްގެ އިތުރުން ދެން ހަވާލުކުރީ ނާޑް ކުންފުންޏާ އެވެ. ނަމަވެސް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިދިޔަ މަހު ރައްޔިތުންގެ މަޖިލީހަށް ދިން މައުލޫމާތުތަކުން އެނގޭ ގޮތުގައި ނާޑް ކުންފުންޏާ ހަވާލުކުރި 20 ވެންޓިލޭޓަރު ގެނައުމުގައި ވަރަށް ބޮޑު ލަސްކަމެއް އުޅެ އެވެ. މިނިސްޓަރު ވިދާޅުވެފައި ވަނީ ވެންޓިލޭޓަރު އުފައްދާ ކުންފުނިން އެ އުފެއްދުން ލަސްވުމުން، އެހެން ގޮތެއް ހޯދަން މަަސައްކަތް ކުރަމުން އަންނަ ކަަމަށް ނާޑް ކުންފުނިން އަންގާފައިވާ ކަަމަށެވެ. އެކަމަކު، އެ ކުންފުންޏާ ހަވާލުކުރި ވެންޓިލޭޓަރުތައް ގެނެވޭނެ ދުވަހެއް ސަރުކާރުން އަދިއެއް ނުބުނެ އެވެ.
މެޑްޓެކާއި ނާޑް ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ ބިޑްކުރުމަކާ ނުލައި، "ސިންގަލް ސޯސް ޕްރޮކިއުމަންޓް" އުސޫލުންނެވެ. އެއީ، ކޮވިޑް-19 ރާއްޖެ އަށް ހަލުވިކަމާ އެކު ފެތުރެމުންދާތީ ވީހާ ވެސް އަވަހަކަށް އެ ތަކެތި ބޭނުންވާތީ ކަމަށް މިނިސްޓަރު އަމީން ވިދާޅުވެފައި ވެ އެވެ.
ރާއްޖޭގެ ދެ ކުންފުނީގެ އިތުރުން 75 ވެންޓިލޭޓަރެއް ގެނައުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއާ އެވެ. އެ ކުންފުންޏާ ވެސް ހަވާލުކޮށްފައި ވަނީ ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ނުވަތަ ބިޑްކުރުމަކާ ނުލަ އެވެ. އަމީން ކުރިން ވިދާޅުވެފައިވާ ގޮތުން އެ ކުންފުނިން މިއަދު ވެންޓިލޭޓަރުތައް ރާއްޖެ ގެންނާނެކަން ވަނީ އަންގައިފަ އެވެ. އެކަމަކު، އެ ވެންޓިލޭޓަރެއް ނުގެނެ އެވެ. ތަފްސީލެއް ވެސް ނުލިބެ އެވެ.
ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން މިހާތަނަށް ސަރުކާރުން ފައިސާ ދޫކޮށްފައި ވާނީ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިން އަށް އެކަންޏެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށް ކަމަށް ވާއިރު އަގުގެ 75 ޕަސެންޓު ދައްކާފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައި އެވެ.
ސަރުކާރުން ބުނެފައި ވަނީ ދުބާއީގެ ކުންފުންޏާ ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) މެދުވެރިކޮށް ކަމަށެވެ.
ސަރުކާރުން ގެންނަ ވެންޓިލޭޓަރުތަކުގެ އިތުރުން، ޗައިނާ އާއި ރާއްޖޭގައި ރިސޯޓުތައް ހިންގާ ބޭރުގެ ބައެއް ފަރާތްތަކުން ވެސް ވަނީ ވެންޓިލޭޓަރުތައް ހަދިޔާކޮށްފަ އެވެ.