ގާނޫނުއަސާސީ އިސްލާހުކުރުމަށް ރޭ ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިންގި ހަމަނުޖެހުންތަކުގައި ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ މައިބަދައިގައި ރެނދުލާފައިވާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ލިބުނު އަނިޔާތަކަށް ޝިޔާމަށް އޭޑީކޭ ހޮސްޕިޓަލުގައި ރޭ ވަނީ ފަރުވާ ދީފަ އެވެ.

ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު، "މިހާރު" އަށް ވިދާޅުވީ ހަމަނުޖެހުންތަކުގައި ޝިޔާމްގެ މައިބަދަ އާއި މޭކަށިގަނޑުގައި ރެނދު ލާފައިވާތީ ހަތަރު ހަފުތާ އަށް އަރާމު ކުރުމަށް ޑޮކްޓަރުން އަންގައިފައިވާ ކަމަށެވެ.

"ރޭ އޭޑީކޭއިން ފަރުވާ ދިނުމަށް ފަހު ދޫކޮށްލި ފަހުން އަނެއްކާ ވެސް ރިއްސާތީ ޑޮކްޓަރަށް ދެއްކެވި. ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައި. އެކަމަކު ޑޮކްޓަރުން އެންގީ ބެޑްރެސްޓް ކުރަން،" ޓީވީއެމްގެ ކުރީގެ ޕްރެޒެންޓަރު ހީނާ ވިދާޅުވި އެވެ.

އޭޑީކޭގައި ފަރުވާ ދެމުން އަންނަނިކޮށް، ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޝިޔާމްގެ ހަށިގަނޑުގެ ބައެއް ތަންތަން ނޫފައިގެންފައިވެ އެވެ.

ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ރޭ މަޖިލީހުން ނެރުމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި ހަށިގަނޑުގެ ބައެއް ތަންތަން ނޫފައިގެންފައި.
ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ރޭ މަޖިލީހުން ނެރުމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި ހަށިގަނޑުގެ ބައެއް ތަންތަން ނޫފައިގެންފައި.

އޭނާގެ ފޯނު ނިއްވާލާފައިވާތީ ޝިޔާމްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ޝިޔާމަށް އަނިޔާވީ ރޭ ދަންވަރު 1:30 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި އަޑުގަދަ ކުރަން ފެއްޓުމުން އޭނާގެ ނަން އިއްވައި މަޖިލީހުން ނެރުމުގެ ތެރޭގަ އެވެ. އޭނާ އަޑުގަދަ ކުރައްވަން ފެއްޓެވީ ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބިލުގެ މަސައްކަތް ލަސްވީ މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ މެމްބަރުންގެ އެއްބާރުލުން ނުލިބުމުން ކަމަށާއި އެ ދެ ޕާޓީން އަމަލުކުރީ ޒިންމާދާރުކަން ކުޑަކޮޮށް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް، ރައީސް މުހައްދަމު ނަޝީދު ވާހަކަފުޅު ދައްކަވަނިކޮށެވެ.

ޝިޔާމްގެ ނަން އިއްވުމުން ވެސް އޭނާ މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިނުގަތުމުން ނަޝީދު ހެއްދެވި ގޮތަކީ ޝިޔާމް ނެރުމަށް އެމްޑީޕީގެ މެމްބަރުންނަށް އެންގެވީ އެވެ. އެއާއެކު، މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ޝިޔާމް ވަށައިލައި އޭނާ މަޖިލީހުން ނެރުމަށް މަސައްކަތް ފެއްޓެވި އެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މެމްބަރެއްގެ ނަން ރިޔާސަތުން އިއްވައިފި ނަމަ އެ މެމްބަރަކު މަޖިލީހުން ނެރުމުގައި އިސްކޮށް ހުންނަވާނީ ސާޖަންޓް އެޓް އާމްސް އެވެ. އެކަމަކު، ރޭގެ ޖަލްސާގައި ފެނުނީ ޝިޔާމް ގަދަކަމުން މަޖިލީހުން ނެރުމަށް އެމްޑީޕީގެ މެމްބަރުން އުޅުއްވި ތަނެވެ.

މި ހަމަނުޖެހުންތަކުގެ ތެރޭގައި ޝިޔާމް މަޖިލީހުގެ ތެރެއަށް ވެއްޓިވަޑައިގެންފައި ވަނިކޮށް، ވީޑިއޯއިން ފެނެ އެވެ. އޭނާގެ ގަމީސް ވެސް ވީދުނެވެ. މި ހަމަނުޖެހުމުގައި އެމްޑީޕީ އާއި އިދިކޮޅުގެ ބައެއް މެމްބަރުންނަށް ވެސް އަނިޔާވި އެވެ.

ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ އަށް ޝިޔާމް ހަމަލާ ދެއްވި ކަމަށް އެމްޑީޕީގެ މެމްބަރުން ވެސް ގެންދަވަނީ ތުހުމަތު ކުރައްވަމުންނެވެ.

ޝިޔާމް، މަޖިލީހުން ނެރުމަށް އެމްޑީޕީގެ މެމްބަރުންނަށް ނަޝީދު އެންގެވުމާއި އެކަމުގެ ތެރޭގައި ބައެއް މެމްބަރުންނަށް އަނިޔާވިއިރު، އެ މަނިކުފާނު އެކަން ނުހުއްޓުވި މައްސަލަ ވަރަށް ބޮޑަށް ހޫނުވެ، ވަނީ ފާޑުކިޔުން އިތުރުވެފަ އެވެ.