ހަމަނުޖެހުންތަކަށް ފަހު މެމްބަރު ޝިޔާމް އޭޑީކޭ ހޮސްޕިޓަލްގައި: އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ/މިހާރު
06 ޖޫން 2020 - 14:36
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން އިއްވައި، އޭނާ ގަދަކަމުން މަޖިލީހުގެ ތަޅުމުން ނެރުމުގައި ހިނގި ހަމަނުޖެހުންތަކުގައި އަނިޔާ ލިބުމާ ގުޅިގެން ރާއްޖެއިން ބޭރަށް އިިތުރު ފަރުވާއަށް ވަޑައިގަންނަވަން ތަައްޔާރުވަމުން އަންނަ ކަމަށް ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން މިދިޔަ ހޯމަ ދުވަހުގެ ރޭ މެންދަމު ބޭއްވި ޖަލްސާގަައި ޝިޔާމްގެ ނަން އިއްވައި، ތަޅުމުން ނެރުމުގައި ހަމަނުޖެހުންތަކެއް ހިނގައި އޭނާއަށް ވަނީ އަނިޔާވެފަ އެވެ. އެ މައްސަލަ ފުލުހުން ވެސް މިހާރު އަންނަނީ ބަލަމުންނެވެ.
އެކަމާ ގުޅިގެން ޝިޔާމް ނެރުއްވި ބަޔާނެއްގައިވަނީ މެމްބަރުން އޭނާގެ ގަޔަށް އަތްލައި، އޭނާ ނެރުމުގެ ތެރޭގައި އޭނާގެ މައި ބަދައިގެ ތިރީ ބަދައެއް ކޮންމެވެސް ވަރަކަށް އެތެރެއަށް ޖެހި އަދި ބަދައިގައި ރެނދުލުމުގެ އިތުރުން މޭކަށިގަނޑަށް ވެސް އަނިޔާ ލިބިފައިވާ ޓެސްޓްތަކުން ހާމަވާ ކަމަށެވެ. އެހެންވެ، ހިނގާ ބިނގާވެ އުޅުމަށް މިހާރު ދަތިވާ ކަމަށާއި އަދި އިތުރު ސިއްހީ މައްސަލަތަކެއް ދިމާވާތީ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހިދާނެ ކަމުގެ އިޝާރާތެއް ލިބިވަޑައިގެންފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ލިބިފައިވާތީ އެކަމަށް ތައްޔާރުވަމުން ގެންދާ ވާހަކަ ދެންނެވީމެވެ." އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވަނީ ގާނޫނުއަސާސީ އިސްލާހު ކުރުމުގައި ސުޕްރީމް ކޯޓުގެ ލަފަ އާއި މަޖިލީހުގެ ގަވާއިދާ ޚިލާފަށް އެ އިސްލާހު ގެންނާތީ އެކަމާ ދެކޮޅަށް އޭނާ މަޖިލީހުގައި އަޑުއުފުއްލަވަން ފެއްޓެވުމުން އޭނާގެ ނަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްވެވީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށެވެ. އަދި އެންގެވުމަށް އޭނާ ތަބާނުވި ކަމަށް ވިދާޅުވެ، އޭނާ ތަޅުމުން ނެރުމަށް އެމްޑީޕީގެ މެމްބަރުންނަށް އެންގެވީ ނަޝީދު ކަމަށާއި އެއީ ވެސް މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކުރެއްވި ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
"މި ޣައިރު ގާނޫނީ އެންގެވުމާ ގުޅިގެން ސަރުކާރަށް ނިސްބަތްވާ މެމްބަރުންތަކެއް ވަނީ އެޗްޕީއޭގެ އެންގުންތަކާއި އެ އޭޖެންސީގެ ގައިޑްލައިންތަކާ ޚިލާފުވެ، ގައިގޯޅިވެ، ގަޔަށް އަތްލައި އަޅުގަނޑު މަޖިލީހުން ނެރެން ކަމަށް ބުނެ ގިނަ ގުނަ އަނިޔާތަކެއް ދީފަ އެވެ." އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ޝިޔާމް ވިދާޅުވެފައިވަނީ އެ އަމަލަކީ ޖިނާއީ ކުށްތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަންކަން އިންސާފުވެރިކަމާ އެކު ފުލުހުން ބަލާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ފަރުވާއަށް ފަހު އެނބުރި ވަޑައިގަންނަވާނެ ކަމަށާއި މެމްބަރެއްގެ ހައިިސިއްޔަތުން ކުރައްވަންޖެހޭ މަސައްކަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް ވެސް ޝިޔާމްގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އޭނާއަށް ލިބުނު އަނިޔާތަކާ ގުޅިގެން އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާ މީހުންނާއި އޭނާ ނިސްބަތްވާ ދާއިރާގެ ރައްޔިތުން އެކަމާ ދެކޮޅަށް އަޑު އުފުލައި، ކުރަމުން އަންނަ މަސައްކަތަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ޝިޔާމް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ތައްޔާރުވާ ކަމަށް ވިދާޅުވިއިރު، އޭނާ މަޖިލީހުން ނެރުނީ ގަވާއިދާ ޚިލާފަށް ކަމަށް މަޖިލީހުގެ މިނިވަން ބައެއް މެމްބަރުންނާއި ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒް ވެސް ވަނީ ވިދާޅުވެފަ އެވެ.
އެ ހަމަނުޖެހުުންތަކުގެ މައްސަލަ ބައްލަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެކަމުގެ ހިތްހަމަނުޖެހުން ފާޅު ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސްކު
07 June 2020
މިވެރިންނަށް ވަރަށް ފަސޭހައިން ދެވޭނެ ބޭސްފަރުވާ އަށް ބޭރު ގައުމުތަކަށް. ނިކަމެތިން ނިކަމެތި ގޮތުގައި.
ހައިވް
07 June 2020
ނޫސްވެރިން ކިހިނެއްވާނީ މިކަމުގާ ތަންކޮޅެއް ދެފުއްފެންނަ ރޯލެއް އަދާކުރެއްވުމުގެ ގޮތުން ޑޮކްޓަރުންގެ ސައްހަ ރިޕޯޓެއް މިއާޓިކަލް އާއެކު ހުށައަޅާލުން! އެންމެ ފަރާތަކުން ދައްކާހާ ވާހަކައެއް ބޮޑު ހެޑިން އެއްގައި ޖެހުމުގެ ބަދަލުގައި ދެފަރާތުގެ ބަހެއް ވަރައްމުހިންމު ތިޔަ ބުނާ މިނިވަން ނޫސްވެރިކަމެއްގާ!
އައިމިނާ
07 June 2020
ހަމަނުޖެހުމެއް ހިނގިކަމެއް ނޭނގެ. ޑްރާމާކުޅުނުކަން އެނގޭ.
ހޯރަބޭ
07 June 2020
ނޫސްވެރިން ވެސް ޖެހޭނެ ސިޔާމަށް ފަރުވާދޭ ހޮސްފިޓަލުން ކޮންމެ ދުވަހަކު ވެސް ސިޔާމް ގެ ހާލަތު އޮޅުންފިލުވާ ރަށްއިތުންނާއި ހަމަޔަސް ގެނެސްދޭށް. ސިޔާމަކީ ގާނޫނު ހަދާމަޖިލިހުގެ މެންބަރެއްވިއްޔާ. ފާޓީއެއްގެ ނައިބެއްވިއްޔާ.
ވައަތުފުއްކިނބަ
07 June 2020
ބަލަ ދުނިޔޭގެ ފެންވަރުގެ ޙިދުމަތްތައް ލިބެންހުރި 25 ބުރީގެ ހޮސްޕިޓަލް ކުޑަވެގެންތަ ބޭރަށް މިދަނީ! މިވެރިންދޯ ބުނީ 25 ބުރީގެ ހޮސްޕިޓަލުން ޒަމާނީ ފެންވަރުގެ ނުވިތާކަށް އެންމެފަހުގެ ފަރުވާ ލިބޭގޮތައް ހުންނާނޭ އެވެރިން ބުނާ ގަޓު ރަޢީސް ހަމަޖައްސައި ދީފަެި. ދެން ކީއްވެގެތޯ ބޭރަށްދަނީ. ތިމާމެން އަމިއްލަ އަށް އޮރިޔާން ވާއިރުވެސް ނޭގޭ ކުރެވޭ ނުކުރެވޭ ދެއްކޭ ނުދެއްކޭ ވާހަކައެއް ދޮތަ!
ޟުނާނު
06 June 2020
ކޮވިޑައް ޓެސްޓު ކުރަން ފެނޭ.......ވަރައް ހީވޭ.
ރައްޔިތު ސޮރު
06 June 2020
ސިޔާސީ މީހުންނަށް މޮޅުގޮތް! ބަލަ އަހަރެމެންވެސް ރާއްޖެއިން ނުކުރެވޭ ބޭސްކުރަން ބޭރަށްދާންބޭނުމޭ! ކީއްވެހޭ ތަފާތުކުރަނީ!
ބޭރުވެލާ
06 June 2020
ވަރަށް ނާޒުކް ބައެއް ތާ؟ އެހެންވީ މަތާ މި މީހުންނަށް އާސިއާނުގެ ގައު މު ތަކުން ބޭސް ފަރުވާ ކުރެވޭ ގޮތަށް މިއޮންނަނީ!
ރަދުން
06 June 2020
އަހަރެމެން ހަނދާންވަނީ ނަޝީދުގެ ސަރީއަތް.
ާާއަލިބެ
06 June 2020
މައި ބަދައަށް ބޭސްކުރަން އަންނި ގޮސް ފިލަިގެން އުޅެފަ އައިސް މަޖްލިސްގެ ރައީސްކަން ލިބުނީމަ އަނެއްކާ މެމްބަރެއްގެ މައިބަދަ ދާވަރު ތިޔަ ކޮށްލީ! މީ ވާ ޑިމޮކްރަސީ ދަންންނަ ރައީސެއް. މުޅިގައުމަށް ހުރި ހުތުރެއް