މާލޭގައި ހަދަމުން އަންނަ އިމާރާތެއްގެ ފާރު ގަދަވަޔާ އެކު މިއަދު ވެއްޓި ދެ ގެއަކަށް ގެއްލުން ވެއްޖެ އެވެ.
ވައިގަދަވިއިރު އެ ފާރު ވެއްޓުނު ވީޑިއޯ ވަނީ އާއްމުކޮށްފަ އެވެ. އޭގެއިން ފެންނަ ގޮތުގައި، ގަލޮޅު ރަތްވިލާ ގޯޅީގައި ހަދަމުން އަންނަ އިމާރާތެއްގައި ވަކިން އުސްކޮށް ރާނާފައިވާ ފާރުގެ ބައިތައް ވެއްޓުނީ ޖެހިގެން ހުރި އިމާރާތަށެވެ. އެއީ ވެސް ހަދަމުން އަންނަ އިމާރާތެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އެ ފާރު ވެއްޓުމުގެ ސަބަބުން ދެ ގެއަކަށް އެކި ވަރުގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެކަމަކު އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ފާރު ވެއްޓި ލިބުނު ގެއްލުންތަކަށް އިމާރާތުގެ ވެރިފަރާތުން ޒިންމާވެ، ސިޓީ ކައުންސިލާ ގުޅިގެން އެކަން ހައްލު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށެވެ. ދެ ގެއަކަށް ގެއްލުންވި ކަމަށް ފުލުހުން ބުނި ނަމަވެސް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އޮފީހުން ވަނީ މުޅި ރާއްޖެއަށް ރީނދޫ އެލާޓް ނެރެފަ އެވެ. އެގޮތުން މިއަދުގެ ހަވީރު 5:30 އިން މިރޭގެ 8:30 އާ ދެމެދު މާލެ ސަރަހައްދަށް އާންމުކޮށް ވައި ޖެހޭނެ ކަމަށް، މެޓް އިން ލަފާ ކުރީ ގަޑިއަކު 25 މެއިލާއި 30 މެއިލާ ދެމެދުގެ ބާރު މިނެއްގަ އެވެ. އަދި ވިލާގަނޑުގައި 55 މެއިލަށް ވައިގަދަ ވާނެ ކަމަށް ލަފާ ކުރެ އެވެ.
ވައިގަދަވުމުގެ ސަބަބުން ގަސްތައް ވެއްޓި އިމާރާތްތަކަށް ގެއްލުން ލިބިދާނެތީ މަގުތަކުގައި ހުރި ބައެއް ގަސް ގަހުގެ ގޮފިތައް ކެނޑުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިހާރު އަންނަނީ ކުރަމުންނެވެ.
ހުޅަނގު މޫސުމުގައި އާންމުކޮށް ވެސް ރާއްޖެއަށް 15 މެއިލާއި 20 މެއިލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހެ އެވެ. އަދި ވިލާގަނޑުގައި އެއަށް ވުރެ ގަދަކޮށް ވައި ޖެހެ އެވެ.
ހުޅަނގު މޫސުން ނިމި އިރުވައި މޫސުމަށް ފެށޭނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު ކުރީކޮޅުގަ އެވެ.