ރައީސް އަބްދުﷲ ޔާމީން ކިތަންމެ މަސައްކަތްޕުޅެއް ކުރެއްވިއަސް އިނގިރޭސިވިލާތުގައި ތިއްބެވި ސިޔާސީ ލީޑަރުން އަތުނުވާނެ ކަމަށާއި 2018ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ރަށްތަކަށް ދަތުރުފުޅު ކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ރޭ ވިދާޅުވެއްޖެ އެވެ.
މެއި 1، 2015 ގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި ބޮޑު މުޒާހަރާއާ ގުޅިގެން އަލީ ވަހީދުގެ މައްޗަށް އުފުލި ޓެރަރިޒަމް ދައުވާއާ ގުޅިގެން ރާއްޖެ ޓީވީގައި އޭނާ ވިދާޅުވީ ޓެރަރިޒަމް ދައުވާ އަކީ ސިޔާސީ މަސައްކަތް ކުރައްވަން ރައީސް ޔާމީން ދެއްވާ އެންމެ މަތީ ލަގަބު ކަމަށެވެ. ރާއްޖޭގެ ސިޔާސީ ހުރިހާ ލީޑަރުންނަށް އެ ލަގަބު ދެއްވުމަށް ފަހު އަމިއްލަފުޅު ޕާޓީ ވެސް ބައިބައިކުރައްވައި "ވާނުވާއެއް ރައީސް ޔާމީނަށް އެނގިވަޑައިނުގަންނަވާ" ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ސަރުކާރުން ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ދިގު މުއްދަތަކަށް ޖަލަށް ލައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް "ފިއްތަވާލައްވައި" ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް މަގާމުން ދުރުކުރައްވައި އެންމެ ފަހުން ބޭބޭފުޅު، އަދި ވެރިކަން ކުރާ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް އެކަހެރި ކުރައްވާފައިވާތީ ރާއްޖޭގައި ސިޔާސީ މަސައްކަތަށް ފަސޭހަ މާހައުލެއް ނެތް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާގެ މައްޗަށް އުފުލި ދައުވާގެ ވެސް މާ ބޮޑު ތަފްސީލެއް ލިބިވަޑައިގެންފައި ނުވާ ކަމަށް، އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ، އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޯޓަށް މައްސަލަ ފޮނުވައި ޝަރީއަތް ޝެޑިއުލްކުރިއިރު އޭނާ އަށް ކޯޓަށް ހާޒިރުވުމުގެ ޗިޓް ފޮނުވާފައެއް ނުވެ އެވެ. އަދި މައްސަލަ ކޯޓަށް ފޮނުވީ އޭނާ އަށް ރާއްޖެ ވަޑައިނުގެންނެވޭ ގޮތަށް ޕާސްޕޯޓް ވެސް ކެންސަލްކުރުމަށް ފަހު ކަމަށް ވިދާޅުވި އެވެ.
"އެއްވެސް ކަމެއް ދެކޮޅު ޖެހޭ ސަރުކާރެއް ނޫން. މިއީ ހައިރާންވާން ޖެހޭ ކަމެއް ވެސް ނޫން. ރައީސް ޔާމީން ކިތަންމެ މަސައްކަތެއް ކުރިއަސް އަތެއް ނުލެވޭނެ،" އިދިކޮޅު އިއްތިހާދުގެ ޑެޕިއުޓީ ލީޑަރެއްގެ ގޮތުގައި ހުންނެވި އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓެރަރިޒަމްގެ ހުކުމް އިއްވައި 13 އަހަރަށް ނަޝީދު ޖަލަށް ލާފައި ވަނިކޮށް އެމަނިކުފާނު އިނގިރޭސިވިލާތަށް ގެންދެވުމާ އެކު ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ މައްޗަށް ވަނީ ކުރި ހޯދިފަ އެވެ. އިންތިހާބުގައި ނަޝީދު ވާދަކުރައްވާއިރު، ކެމްޕޭންގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"އެކަމާ މެދު އަޅުގަނޑުމެން އެއްވެސް ޝައްކެއް ނުކުރަން. އެ ވަގުތާ ދެމެދު ހިނގަމުން ދާ ވަގުތުކޮޅެއްގެ ތެރޭގައި އަޅުގަނޑުމެން މި ތިބީ. ނުތަނަވަސް ވަގުތުކޮޅެއް،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތައި މިހާރު ފެންނަނީ ރައީސް ޔާމީންގެ ސަރުކާރު ވެއްޓޭ މަންޒަރެވެ.
ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ފަހު ރާއްޖެ އާއި ބޭރު ގައުމުތަކުގެ ގުޅުން ކަނޑާލައި ރައްޔިތުން ނިކަމެތިކުރަމުންދާ ކަމަށް ވިދާޅުވެ ފާޑުވިދާޅުވި އެވެ.
ރައީސް ޔާމީނަށް ފިޔަތައް، ކަރުގަނޑު ލިބޭނީ މައުމޫނަށް،
އަލީ ވަހީދު ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ޕާޓީ ހިންގާނެ ގޮތް ކަނޑައަޅާފައި އޮއްވައި، ކޯޓު މެދުވެރިކޮށް، ޕީޕީއެމްގައި މައުމޫން އަދާކުރެއްވި ޒިންމާތަކާއި ބާރު ރައީސް ޔާމީން އަތުލެއްވީ ވަރަށް ހުތުރުކޮށް ކަމަށެވެ. ރައީސް ޔާމީން އަމަލު ކުރައްވާ ގޮތުން ނަމަ، ކޮންމެ މީހަކަށް ވެސް ޕީޕީއެމަށް ބާރު ފޯރުވިދާނެ ކަމަށް ވިދާޅުވި އެވެ.
"ހަގީގަތުގައި ޕީޕީއެމަކީ ރައީސް މައުމޫން. ޕާޓީގައި ސަޕޯޓު އޮތީ ރައީސް މައުމޫނަށް، އެ ހަގީގަތަކާ ދެކޮޅެއް ނުހެއްދެވޭނެ. ވެރިކަން އޮތީތީވެ ޖަލްސާތަކަށް ވެސް ބޭފުޅުންތަކެއް [ހިނގައި] ދާނެ،" އަލީ ވަހީދު ވިދާޅުވި އެވެ.
ޕީޕީއެމް އިދާރީ ހިންގުމުގެ އެއްވެސް ބާރެއް ޕާޓީގެ އަސާސީ ގަވައިދުގައި ދީފައި ނެތް މުސްތަޝާރުގެ މަގާމުގައި ހުންނެވި ރައީސް ޔާމީން ބާއްވާ ކައުންސިލް ބައްދަލުވުންތަކަށް އަލީ ވަހީދު ވަނ ފާޑު ވެސް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ކައުންސިލް ބައްދަލުވުންތަކުގެ ފޮޓޯތަކަށް ބަލާއިރު އެއް މެމްބަރަކު އިންނަވަނީ، ފޯނާ ކުޅުއްވަން އަދި އަނެއް ބަޔަކު ތިއްބަވަނީ މޭޒުގައި ހުންނަ އެއްޗެހި ގުނަން ކަމަށެވެ.
"ހަމަ ފިތިފައި އިނގޭތޯ. އެ ބޭފުޅުން ހިތް އޮތީ ރައީސް މައުމޫނާ އެކު. ބިރުގަނެފައި މި ތިބެނީ ރައީސް ޔާމީނާ އެކު،" ސިޔާސީ ދާއިރާ އަށް މައުމޫންގެ އެހީތެރިކަމުގައި ނުކުންނެވި އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި "އަތުލަފިކޮށްގެން" ރައީސް ޔާމީން ވެރިކަމަށް އެރުވި ހުރިހާ އެންމެން މިހާރު ވަނީ އެމަނިކުފާނާ ފެއަށް ޖެހިވަޑައިގެންފަ އެވެ.
ރައީސް ޔާމީނާ ދެކޮޅަށް މައުމޫން ނިކުންނެވީ، އަލީ ވަހީދު ވިދާޅުވި ގޮތުގައި، ވަރަށް ބޮޑުވަރު ވެގެންނެވެ. ގައުމާއި ޕާޓީ އަށް ޓަކައި މައުމޫން ކުރައްވާ މަސައްކަތް ކާމިޔާބު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ޔާމީނަށް ލިބޭނީ ތޮށިގަނޑު، މަލެއް ވިއްޔާ ފިޔަތައް، ކަރުގަނޑެއް ނުލިބޭނެ. ވަސް ވެސް ހުންނާނީ ރައީސް މައުމޫނާ އެކު،" އަލީ ވަހީދު ވިދާޅުވި އެވެ.