ޖިންސީ ގޯނާގެ މައްސަލައިގެ ކޭސް ލޮގް ހޯދަން އެންއައިސީން އެދިފައެއް ނެތް: ޕޮލިސް

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށްް ތުހުމަތުކުރެވޭ މައްްސަލައިގެ ކޭސް ލޮގް ހޯދަން ނެޝަަނަލްް އިންޓަގްރިޓީ ކޮމިޝަނުން މިހާތަނަށް އެދިފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ސިޔާސީ ނުފޫޒުން ދޫކުރިކަމުގެ ތުހުމަތާ އެކު ފުލުހުން އަމަލުކުރި ގޮތް ބަލަން ހިންގާ ތަހުގީގަށް ބޭނުންވާ ބައެއް ލިއުންތައް އަދި ނުލިބޭ ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މިއަދު ބުންޏެވެ.

އެ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާން ވިދާޅުވީ ކޭސް ލޮގް ފަދަ ތަހުގީގަށް ބޭނުންވާ މުހިއްމު ލިއެކިއުންތައް ފުލުހުން އަދި ނުދޭ ކަމަށެވެ. ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ބުނެ ބައެއް މައުލޫމާތު ނުދެވޭނެ ކަން އަންގާފައިވާއިރު، ބައެއް މައްސަލަތަކުގައި މީގެ ކުރިން ވެސް ފުލުހުން މައުލޫމާތު ފޯރުކޮށްދިނުން ލަސްވުމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.

އެންއައިސީގެ މި ވާހަކަތަކާ ގުޅިގެން ފުލުހުން ބުނީ އެމައްސަލައާ ގުޅޭ ގޮތުން އެންއައިސީގެ ފަސް ސިޓީއެއް ލިބިފައިވާ ކަމަށާއި މިހާތަނަށް އެދިފައިވާ ކަންކަމަށް ފުރިހަމައަށް އެއްބާރުލުން ދީފައިވާނެ ކަަމަށެވެ.

"ނަމަވެސް އެއިން އެއވެސް ސިޓީއެއްގައި ކޭސް ލޮގް ހޯދުމަށް އެދިފަައެއް ނުވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލް މީޑިއާތަކަށް މިއަދު ފޮނުވި މެސެއްގައިވެ އެވެ.

ސަފާރީއެއްގައި އަންހެނަކަށް ޖިންސީގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ފުލުހުން ދޫކޮށްލީ ސިޔާސީ ނުފޫޒުން ކަމަށާއި އެ މައްސަލައިގައި ފުލުހުން އަމަލުކޮށްފައި ވަނީ ޖިންސީ ގޯނާގެ މިފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލާ ތަފާތުކޮށް ކަމަށް ބުނެ ފުލުހުންނަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.

އެންއައިސީގެ ތަހުގީގަށް ބޭނުންވާ ބައެއް ލިއުންތައް ނުލިބި ލަސްވާ މައްސަލަ 241 ކޮމިޓީ އަށް ފޮނުވަން، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ނިންމައިފަ އެވެ.