ރާއްޖެއިން ނުލިބޭ ފަރުވާ ހޯދަން އާސަންދައިގެ އެހީގައި އިންޑިއާ އަށް ފޮނުވި ބަލި މީހުންގެ އެހީތެރިން އިންޑިއާގެ ކަރަންޓީން ގަވާއިދާ ހިލާފްވި ކަމުގެ ޝަކުވާ އެ މީހުން ފަރުވާ ހޯދާ އަމްރިތާ ހޮސްޕިޓަލުން އާސަންދަ އަށް ކޮށްފައިވާ ކަމަށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
އާސަންދައިން 28 ބަލި މީހަކާއި އެއިން ކޮންމެ މީހަކާ އެކު އެހީތެރިއަކު އިންޑިއާ އަށް ފޮނުވި އެވެ.
"ބަލި މީހުންނާ އެކު ދިޔަ ބައެއް އެހީތެރިން، ހޮސްޕިޓަލުގައި އެންޓި ވައިރަސް މެޝާސްގެ ގޮތުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކާ ހިލާފަށް ބޭރަށް ނުކުމެ އުޅޭ ކަމުގެ ޝަކުވާ ހޮސްޕިޓަލުން ކޮށްފައި އެބަވޭ، މިކަން ކުރިއަށްދާ ނަމަ ބަލި މީހުން ވަކިން ކަރަންޓީން ކުރަން ޖެހޭނެ ކަމަށް ވެސް ބުނޭ،" އެންއީއޯސީން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި މަބްރޫކް ވިދާޅުވި އެވެ،
މަބްރޫކް ވިދާޅުވީ ފްލައިޓްގައި ދަތުރުކުރުމުގެ ހުއްދަ 37 މީހަކަށް ލިބުނު ކަމަށާއި ނަމަވެސް ދަތުރު ނުކުރަން ފަހު ވަގުތު ނުވަ މީހަކު ނިންމުމުން އެ ޖާގަ އަށް އިތުރު މީހުން ހަމަނުޖެއްސުނު ކަމަށެވެ.
މަބްރޫކް ވިދާޅުވީ ބަލި މީހުންނާއި އެހީތެރިން ބައިތިއްބާފައި ތިބީ ހޮސްޕިޓަލް އެކޮމަޑޭޝަނުގައި ސެމީ ޕްރައިވެޓް ކޮޓަރިތަކެއްގައި ކަމަށެވެ. އެގޮތަށް ހަމަޖައްސާފައި ވަނީ ބަލި ފެތުރުން ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް ވިދާޅުވި އެެވެ.
ބަލި މީހުންނާ އެކު ފަސް ނަރުހުންނާއި ދެ ޑޮކްޓަރުން ގެ އިތުރަށް އޭޑީކޭގެ ހަތް މުވައްޒަފަކު ވެސް އިންޑިއާ އަށް ގޮސް، ބޯޓު އަނބުރާ އައި އިރު އެ މީހުން ވަނީ އަނބުރާ އައިސްފަ އެވެ. އެ މީހުންގެ އިތުރުން ޓްރިވެންޑްރަމްގައި ތިބި 24 ދިވެއްސަކާއި ކޮޗިންގައި ތިބި 61 ދިވެއްސަކު ވެސް ގެނެސްފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
އާސަންދަ އިން އިންޑިއާ އަށް މީހުން ފޮނުވުމުގެ ހުއްދަ މިދިޔަ މަހުގެ 23 ގައި ލިބުމާ އެކު ޖެހިގެން އައި އައި ހަފުތާގެ ހޯމަ ދުވަހު އެ މީހުން ވަނީ ފުރުވާލައިފަ އެވެ. އެ މީހުން ފޮނުވާފައި ވަނީ ކޮވިޑް-19 އަށް ޓެސްޓުކޮށް ނެގެޓިވް ވުމުންނެވެ.
އާސަންދައިގެ ދަށުން ދެން ދާ ފްލައިޓެއްގައި ފޮނުވާ މީހުންގެ ލިސްޓެއް މިހާރު ވެސް ތައްޔާރުކުރަމުން އަންނައިރު ލިސްޓުގައި މިހާރު ވެސް ފަންސާހަކަށް މީހުން ހިމެނޭ ކަމަށް އާސަންދަ އިން ބުނެފައިވެ އެވެ. މި ލިސްޓަށް ހުއްދަ ހޯދުމުގެ މަސައްކަތް މިހާރު ފަށާފައި ވާއިރު ފުރަތަމަ ބުރުގައި ފޮނުވާލި މީހުންނަށް ވެސް ހުއްދަ ލިބުނީ އެކަމަށް މަސައްކަތްކުރާތާ ގާތްގަނޑަކަށް ދެ މަސް ފަހުންނެވެ.