މާލޭ ސިޓީ މޭޔަރު ޝިފާ މުހައްމަދު-- ފޮޓޯ:މިހާރު
29 ސެޕްޓެމްބަރ 2020 - 22:00
މާލޭގެ ލޮނުޒިޔާރަތްކޮޅުގައި ސިޓީ ކައުންސިލުން ޕާކު ތަރައްގީ ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ފާހަގަކުރެވޭތީ މާލޭގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފި އެވެ.
އެ ކޮމިޝަނުން މިރޭ ބުނީ އަޑިޕާކުގެ މައްސަލަ ތަހުގީގުކޮށް ނިންމުމަށް ފަހު ގ. އެޓްނާ، ޝިފާ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އޭނާގެ މައްޗަށް ދައުވާކުރަން އެދި ފޮނުވާފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ލޮނުޒިޔާރަތްކޮޅުގައި ދެ ފާހަނާ ބަރި އާއި ތިން ހަޓާއި ތިން އެންޓްރަންސް ކެނޮފީ އާއި ލައިފްގާޑް ޓަވަރެއް މަރާމާތުކުރުމާއި ގާޑަން ބްރިޖެއް ހަދައި އިންސްޓޯލްކުރުމުގެ މަސައްކަތުގެ ތެރެއިން ދެ ފާހަނާބަރި އަމިން ކޮންސްޓްރަކްޝަން އިން ނިންމާފައިވަނީ ލިޔެކިޔުމެއްނެތި ދެފުށް ފެންނަ އުސޫލަކުން ނޫނެވެ. މިއީ އިއުލާނު ކޮށްގެން، ވާދަވެރި ބީލަމެއްގެ ތެރެއިން ހަވާލުކުރެވެން އޮތް މަސައްކަތެއް ކަމަށް އޭސީސީން ބުނެ އެވެ.
ނަމަވެސް އެންމެ ފުރަތަމަ ވެސް އަމިން ކޮންސްޓްރަކްޝަނުން ކޯޓޭޝަން ހޯދައިގެން، ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައިގެން އެކަން ހަވާލުކުރަން މަސައްކަތްކުރި ކަމަށާއި އެ ހުއްދަ ނުދީ، ކައުންސިލްގެ ބިޑް ކޮމިޓީގެ ހުއްދަ އަށް އެދުމަށް އެ މިނިސްޓްރީން އެންގި ކަމަށް ބުންޏެވެ. އެ އަށް ފަހު ތިން ކޯޓޭޝަން ހަމަކޮށް ސިޓީ ކައުންސިލްގެ ބިޑް ކޮމިޓީ އަށް ހުށަހެޅިއަސް އެ ކޮމިޓީއަށާއި ކައުންސިލްގެ މެމްބަރުންނަށް އެންގުމެއް ނެތި އެ މަސައްކަތް އަމިން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
"ބިޑް ކޮމިޓީން ނުވަތަ މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައި ނުވާކަން ފާހަގަކުރެވިފައިވާއިރު، އަމަލީ ގޮތުން އެ ބިމުގައި މަސައްކަތް ފެށުމަށް ހުއްދަ ދެވޭނީ ކައުންސިލަށް ނުވަތަ ކައުންސިލްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ކަމަށް ވެފައި، އެ ހުއްދަ ދިނީ މޭޔަރު ޝިފާ މުހައްމަދުކަން މި ކޮމިޝަންގެ ތަހުގީގަށް ވަނީ އެނގިފަ އެވެ. އަދި އެކަން ހިނގަމުން ދިޔައިރު މަސައްކަތް ހުއްޓުވުމުގެ ބާރު ލިބި އޮވެ މަސައްކަތް ހުއްޓުވާފައި ނުވާކަން ވެސް ތަހުގީގަށް ފާހަގަކުރެވެ އެވެ،" އޭސީސީން ބުންޏެވެ.
މި ސަރުކާރުން ބޮޑު އިސްކަމެއް ދީގެން ހަދާ ޕާކުގައި އިމާރާތްކުރާ ފާހާނާބަރީގެ މަސައްކަތް އަމިން ކޮންސްޓްްރަކްޝަނާ ހަވާލުކުރުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކޮށް އެކަން މީޑިއާގެ ސަމާލުކަމަށް ގެނައީ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަޒީނެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މޭޔަރު ޝިފާ، އޮކްޓޯބަރު 30، 2019 ގައި ވިދާޅުވީ ޕާކު ތަރައްގީކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާނެ ކަމަށެވެ.
ސިޓީ ކައުންސިލް ހިންގުމަށް ދަތިކޮށް ހުއްޓުމަކަށް ގެނައުމަށް ތިން ކައުންސިލަރަކު، ފެށުނީންސުރެ މަސައްކަތް ކުރައްވާ ކަމަށެވެ. ނަމަވެސް އެ ކައުންސިލަރުންގެ ނަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ދެ ފާހަނަބަރީގެ މަސައްކަތްކޮށްދޭ ފަރާތަކަށް ފައިސާ ދައްކާނެ ކަމަށް ސްރީ ލަންކާގެ ކުންފުންޏަކުން އޮކްޓޯބަރު 15، 2019 ގައި ޝިފާ އަށް އެޑްރެސްކޮށް ސިޓީ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުންޏަސް، ވަކި ބަޔަކާ ހަވާލުކޮށްގެން މަސައްކަތް ކުރިއަށްގެންދަން އެ ކުންފުނިން ވެސް އެދިފައި ނުވާ ކަމަށް އޭސީސީން ބުންޏެވެ. ހިލޭ އެހީއަކީ ދައުލަތަށް ލިބޭ ފައިސާ ކަމަށް ވާއިރު، އެ ފައިސާ ހަރަދުކުރަން އޮންނަނީ ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއްގޮތަށެވެ.
އެކަމަކު، އެފަދަ ހިލޭ އެހީއެއް ހުށަހެޅިކަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ނުވަ ވަނަ ބާބުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތަށް ފިނޭންސް މިނިސްޓްރީ އާއި ސިޓީ ކައުންސިލްގެ މެމްބަރުންނާއި ބިޑް ކޮމިޓީގެ މެމްބަރުން އަދި އެ ކައުންސިލްގެ ފައިނޭންސް ސެކްޝަނާ، ޝިފާ ހިއްސާ ކުރައްވައިފައެއް ނުވެ އެވެ. އެ މައުލޫމާތު، ފިނޭންސް މިނިސްޓްރީއާ ވެސް ހިއްސާކުރެއްވީ ފާހަނާ ބަރި ނިންމައި އެތަން ސިޓީ ކައުންސިލާ ހަވާލުކުރި ފަހުން ކަމަށް އޭސީސީން ބުންޏެވެ.
އެ ކޮމިޝަނުން ބުނިގޮތުގައި ފާހަނާ ބަރި ހަދަން ހަވާލުކޮށްފައި ވަނީ އެއްބަސްވުމެއްގެ ދަށުން ނޫން ކަމަށް ވާތީ އެ މަސައްކަތުގެ ތަފްސީލެއް އެނގޭކަށް ނެތެވެ. އެކަން ކޮށްދޭނެ ބަޔަކު ކަނޑައަޅައިދިނުމަށް އެދި ތިން މެމޯއަކުން ބިޑް ކޮމިޓީގައި ޝިފާ އެދިވަޑައިގެންފައިވާއިރު، މަސައްކަތް ފެށިކަމަށް ބުނާ ތާރީހުގެ ފަހުން ވެސް ދެ ފާހަނާ ބަރި ހިމެނޭގޮތަށް އިމާރާތްތަކުގެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދޭން އޮކްޓޯބަރު 21، 2019 ގައި މެމޯ ފޮނުއްވާފައިވާ ކަމަށާއި އެ މެމޯ ފޮނުއްވިއިރު ވެސް ފާހަނާ ބަރީގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް އޭސީސީން ބުނެ އެވެ.
އޭސީސީން ބުނީ ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ އުސޫލުން އަމިން ކޮންސްޓްރަކްޝަން ކުންފުންޏާ މަސައްކަތް ހަވާލުކުރީ މާލިއްޔަތު ގަވައިދުގައި ބަޔާންކުރާ ފަދަ ހާލަތެއް ދިމާވެފައިވާ ކަމަށް ތަހުގީގަށް ގަބޫލުނުކުރެވޭ ކަމަށެވެ.
ފާހަނާބަރި ފިޔަވައި ދެން ހުރި އިމާރާތްތައް ހަދައިދޭނެ ބަޔަކު ހޯދަން މިދިޔަ އަހަރު އިއުލާނު ކޮށްފައި ވާތީ، ކުރިން ވެސް އެ އުސޫލުން ހުރިހާ މަސައްކަތެއް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކުރުމުގެ ފުރުސަތު އޮތްކަމާއި ހުރިހާ އިމާރާތެއްގެ މަސައްކަތް ޕްރޮކިއުމަންޓް އުސޫލުން އަމިން ކޮންސްޓްރަކްޝަނާ ހަވާލުކުރުމަށް ކައުންސިލުން ފުރަތަމަ މަސައްކަތް ކޮށްފައިވިއަސް އެ މައްސަލައިގެ ތަހުގީގު ފެށި ފަހުން، ދެން ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކައުންސިލުން އިއުލާނުކޮށްފައި ވެ އެވެ. އެކަމަކު އެ މަސައްކަތް އެއްވެސް ފަރާތަކާ ހަވާލެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާލުޕަރީ
30 September 2020
ތިޔައީ އާއްމުކަމެއްތާ ދެން. ތިހެން އެއްޗެއް ޖަހާލައިގެން މިހާރު އެމީހުން ނުސިހޭނެ. މުޅި ގައުމު ކާލާއިރުވެސް ޒޯރޯ ޓޮލަރެންސް. އައްދޯއި. ދަލައް ފުންމާލާނީ
ޗޮކުން ޕާކު
30 September 2020
ކަލޯގަޔާ، މިމީހުން ކުރާ ކޮންމެކަމެއްގަ ކޮރަޕްޝަން، ވަގުން މިއުޅެނީ މިސަރުކާރުގަ ދޯ! ޒީރޯ ޓޮލަރެންސް އޭކިޔާފަ އައިމީހުންގެ ހާލު
ދީމާހު
30 September 2020
ތިޔަ ދާންވީ ހިސާބަށް ދިޔައީ. ކޯޓާ ހިސާބަށް ގޮސް ސާބިތުނުވާ މައްސަލައެއް ގޮތައް ނިމިގެންދާނީ. އަދަބު ލިބޭނީ ކުރީ ސަރުކާރުގެ މީހުންނަށް. އެމްޑިޕީން ދަންނަ އިންްސާފަކީ މިއީ.
12134
30 September 2020
ހާދަ ރީތި ޕާކެކޭ ؟ އެހެންނަހަދާ
ދޮންބެއްޔާ
30 September 2020
ބޮޑުނަގުލަށް ނުގޮއްސިއްޔާ ރަނގަޅު
ެއެއްކަލަރަށުމީހާ
30 September 2020
ހައްޖު ކޯޓާ ތަކާ، މިސްކިތު ފަންޑާ ގެއްލި، 10 ބުރީގެ މިސްކިތެއް އަޅައިގެން ތިންބުރި ލިބޭގޮތައް އެތައް މިލިއަން ރުފިޔާއެއް ދީ އެއްވެސް ކަމެއްނުކޮށް އޮތް މައްސަލައެއް ބެލީމާ ސިޔާސީ ކަމަކަށް ވަނީ! އިންފުލުއެންޒާ ރޯގާ ގައި ދިވެހިންނަށް ހިލޭ ލިބުނު ވެކްސިންވެސް ބްލެކް މާރކެޓްގައި އަގުބޮޑުކޮށް ވިއްކި ބަޔަކު ނިކުމެ މިއަދު ކޮން ވެންޓިލޭޓަރެކޭ ކިޔައިގެން މިފޮކެނީ ކަލޭނޭ؟
ކޮރަލް
30 September 2020
ސަތޭކަ މިލިއަނުން މަތި ވީމަ މައްސަލަ އެއް ނުބެލެ އެވެ. އެކަމު ރިހާކުރު ފުޅި އަދި ފާހާނާ އެއް ގެ މައްސަލަ ވ ބާރައް ކުރިއަށް ދެ އެވެ. އެއަރމޯލްޑިވްސް ، އެފްޕީއައިޑީ މައްސަލަ އަށް ވީ ގޮތެއް ނޭނގެއެވެ. ނޫސްވެރި އަކަށް ވެސް އެސުވާލު މިހާރު ކޮށްލާކަށް ނުކެރެ އެވެ.
ދިސްވޭއޭ
30 September 2020
ލޯކަލް ކައުންސިލް ނިޒާމް އެއީ ފެއިލްވެފައިވާ ނިޒާމެކޭ އެނިޒާމް އުވާލާ އެބަޖެހޭ ކުރީގައި އޮތް ގޮތަށް ސީދާ ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅަކު ކޮންމެ ރަށެއްގައި ހުންނަން އެއިރަށް މިކަން ކަން ރަނގަޅަށް ދާނީ...
ވަކީލު މީހާ
30 September 2020
މިފަހަކުން މިދައްކަނީ އަޑިޕާކުގެ ވާހަކަ ކޮބާތަ ޔާމީން ދައުރު ގަލޮޅު އަލިކިލެގެފާނު މަގު ގައި ހެދި މޮޅު ލައިޓިން ޕާކު 40ފޫޓު ކޮންޓެއިނަރެއްގެ ލައިޓާއި އެއަށް ބޭނުން ވާހައި ސާމީނު ހަރުކުރި މިހާރު ކޮބާތަ އެތަކެތި ކޮބާ އެކަން ކުރިމީހުން މީ ކޮރަޕްޝަނެއް ނޫންތަ މި މސައްކަތް ކުރީ މިމީހުންގެ އަމިއްލަ ފައިސާއިތޯ؟
ކޮމެންޓޭ1
30 September 2020
ވެރިކަމަށް އާދެވެންދެން ދުނިޔޭގެ ތިބި އެންމެ ޑިމޮކްރަޓިކް މީހުން މިއީ. ވެރިކަމަށް އާދެވުނީމާ މީމީހުން ބުނާ ޑިކްޓޭޓަރު މައުމޫނަށް ވުރެ ކުރީގަ އުޅެނީ