ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުން ވާދަކުރާނަމަ ފިޔަވަޅު އަޅަން ވިސްނަނީ

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރާ ނަމަ އެ މީހަކާ މެދު ފިޔަވަޅު ގާނޫނީ ގޮތުން ފިޔަވަޅު އެޅޭނެ ގޮތެއް ހަމަޖެއްސުމާ މެދު ވިސްނަމުން އަންނަ ކަމަށާއި އެކަމާ ގުޅޭ ގޮތުން އެހެން ޕާޓީތަކާ މަޝްވަރާ ކުރާނެ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.


ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލް ވިދާޅުވީ ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި ވާދަ ކުރުމަކީ ބޮޑު މައްސަލައެއް ކަމަށެވެ. އެހެންވެ، އެފަދަ ކެންޑިޑޭޓުން ޕާޓީން ވަކި ކުރުން ނުވަތަ ޕާޓީގެ އިންތިހާބެއްގައި ވާދަ ނުކުރެވޭ ގޮތް ހެދުމުގެ ވިސްނުން ގެންގުޅެމުން އަންނަ ކަމަށް ހަލީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިކަމުގައި ގާނޫނުތަކަށް ގެނެވޭނެ ބަދަލުތަކަކީ ކޮބައިތޯ ބަލަމުން އަންނަ ކަމަށެވެ.

"ވަކި ގޮތެއް ނުނިންމަން، އެކަން ނިންމާނީ ޕާޓީތަކާ މަޝްވަރާ ކުރުމަށްފަހު،" ހަލީލް ވިދާޅުވި އެވެ.

ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުންނާ މެދު އަމަލުކުރާނެ ގޮތެއް ހޯދަން ސިޔާސީ ހުރިހާ ޕާޓީތަކާ މަޝްވަރާ ކުރާނެ ކަމަށެވެ.

"މި މައްސަލަ އެންމެ ބޮޑަށް ކުރިމަތިވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި. އެހެންވީމަ މިކަމަށް ވީހާ ވެސް އަވަސް ހައްލެއް އަންނަން ޖެހޭނެ ކަމަށް ގަބޫލުކުރެވެނީ،" އާރިފް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވާ ކެންޑިޑޭޓުން، ނަތީޖާ ގަބޫލުނުކޮށް އަމިއްލަ ގޮތުން ވާދަކުރުމަކީ އާންމު ކަމެކެވެ. އެހެންވެ، ބައެއް ޕާޓީތަކަށް އިންތިހާބު ކާމިޔާބު ކުރަން ބޮޑެތި ހުރަސްތަކެއް ދިމާވެ އެވެ.