ސިޔާސީ ޕާޓީތަކުން އާންމު އިންތިހާބުތަކުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް އެ ޕާޓީއެއްގެ ތެރޭގައި ބާއްވާ ޕްރައިމަރީތަކުގައި ވާދަކުރުމަށް ފަހު، ނާކާމިޔާބުވާ މީހުން އެ އިންތިޚާބެއްގައި އެއްވެސް ގޮތަކުން ވާދަނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލުގައިވާ ގޮތުން، އާންމު އިންތިޚާބެއްގައި ޕާޓީއެއްގެ ޓިކެޓް ހޯދުމަށް ޕާޓީގެ ތެރޭގެ ޕްރައިމަރީގައި ވާދަ ކުރުމަށް ފަހު، އެ ޕްރައިމަރީން ނާކާމިޔާބުވާ މީހުން އެ އިންތިޚާބެއްގައި އެއްވެސް ގޮތަކުން ވާދައެއް ނުކުރެވޭނެ އެވެ.

އެފަދަ މީހުން އިންތިޚާބުގައި ވާދަކުރުމަށް އެއްވެސް ހައިސިއްޔަތަކުން ހުށަހެޅިޔަސް އެ މީހެއްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާތިލް ކުރަންޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ. މި އިސްލާހު ތަސްދީގު ކުރެއްވުމާ އެކު، ރާއްޖޭގައި ދެން ބާއްވާ އެއްވެސް އާންމު އިންތިޚާބެއްގައި ޕާޓީއެއްގެ ޓިކެޓް ހޯދަން އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށް، ބަލިވެއްޖެ ނަމަ އެއްވެސް ހައިސިއްޔަތަކުން އެ މީހަކަށް އެ އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ އެވެ.

ރައީސް ޔާމީންގެ ފެކްޝަނަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ހުށަހަޅައި، ފާސްކުރި އެ އިސްލާހަކީ ޕްރައިމަރީގައި ވާދަކޮށް، ނާކާމިޔާބުވުމުން އެހެން ހައިސިއްޔަތަކުން އިންތިޚާބަށް މީހުން ނިކުންނާތީ ކުރިމަތިވާ މައްސަލަތައް ހައްލުކުރަން ކަމަށް ބުނެ ފާސްކުރި އިސްލާހެކެވެ. އެ އިސްލާހަށް އިދިކޮޅު މެމްބަރުން ދެކޮޅު ހެދި އެވެ.