ޚިޔާލު / ދީން

ގެފުޅުގެ ހުރުމަތަށް ވުރެ މުސްލިމެއްގެ ފުރާނައިގެ ހުރުމަތް މަތިވެރި

ހުޅުމާލޭގައި މީހަކަށް ވަޅިން ހަމަލަ ދިން މައްސަލައެއްގެ ތަހުގީގަށް ކުށުގެ ވެށި ހިމެނޭ ސަރަހައްދު ބަންދުކޮށްފައި: މުއުމިނަކު ގަތުލުކޮށްފި މީހަކަށް ހުރި ނުބައި ޖަޒާ ވަރަށް ބޮޑު.---ފައިލް ފޮޓޯ: މިހާރު

އާދަމުގެ ދަރިއެއްގެ ފުރާނައަކީ އިސްލާމް ދީނުގައި ވަރަށް މަތިވެރި ހުރުމަތްތެރިކަމެއް ދެވިފައިވާ އެއްޗެކެވެ. ހައްގެއް ނެތި މީހެއްގެ ފުރާނަ ދުއްވާލުމަކީ މާތް ﷲ ކޯފާ ލިބޭ ކަމެކެވެ. އަދި ހައްގެއް ނެތި ފުރާނައެއް ދުއްވާލާ މީހަކަށް ގަދަފަދަ ވެގެންވާ އަޒާބުގެ ވައީދު (އުގޫބާތުގެ ވައުދު) އެކަލާނގެ ވަނީ ދެއްވައިފަ އެވެ.

އެ މީހެއްގެ ކިބައިން ގިސާސް ހިފުން ވަނީ ޝަރުއު ކުރައްވައިފަ އެވެ. ބިމުގައި ފަސާދަ ކުރުމުގެ ތެރޭގައި ވެސް ފުރާނަ ދުއްވާލުން ހިމެނޭ ނަމަ ފަސާދަ ކުރުމުން ދޭން އޮންނަ އެންމެ ވަރުގަދަ އުގޫބާތް ދޭން ޖެހެ އެވެ. މި ހުރިހާ ކަމެއް މިގޮތަށް ހަމަޖެހިފައި މިވަނީ އިންސާނާގެ ނަފްސުގެ ހުރުމަތްތެރިކަމަށް އިސްލާމް ދީނުގައި ދީފައިވާ މަތިވެރި ގަދަރުގެ ބޮޑުކަމުންނެވެ.

މުސްލިމެއްގެ ފުރާނައިގެ ހުރުމަތްތެރިކަން ވަކިން ބޮޑު

އިސްލާމީ ނަޒަރުން ބަލާއިރު ފުރާނަ ދުއްވާ ލެވުނީ މުސްލިމެއް ކަމަށްވާ ނަމަ އެ ނަފްސުގެ ހުރުމަތްތެރި ކަމުގެ ދަރަޖަ ވަކިން ބޮޑަށް އިތުރު ވެގެން ދެ އެވެ. އިބްނު ޢުމަރުގެ ކިބައިން ރިވާވެގެން ވެ އެވެ. ކީރިތި ރަސޫލާ ﷺ (އެއް ދުވަހަކު) ކައުބާގެ ވަށައިގެން ޠަވާފު ކުރައްވަމުން ގެފުޅާ މުޚާތަބު ކުރައްވައި ހަދީސް ކުރެއްވި އެވެ. "ތިބާގެ މަތިވެރިކަމާއި ހުރުމަތްތެރިކަމުގެ ބޮޑުކަމާ އެވެ! މުޙައްމަދުގެފާނުގެ ނަފްސު އެ ފަރާތެއްގެ ޔަދު ގުދުރަތްތެރިކަމުގެ ދަށުގައިވާ ފަރާތް (ﷲ) ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން މުއުމިނެއްގެ ހުރުމަތްތެރިކަން މާތް ﷲ ގެ ހަޒްރަތުގައި ތިބާގެ ހުރުމަތްތެރި ކަމަށް ވުރެ މަތިވެރިވެގެން ވެ އެވެ..." (އިބްނު މާޖާ).

އަދި އައްތިރުމިޛީ ރިވާ ކުރައްވާފައިވާ ހަދީސެއްގެ މާނައިގައި ވެ އެވެ. "މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އޭނާ އޭނާގެ އަޚާ އަށް އޮޅުވައެއް ނުލާނެ އެވެ. ދޮގެއް ނުހަދާނެ އެވެ. ނިކަމެތިވާން ދޫކޮށެއް ނުލާނެ އެވެ. ކޮންމެ މުސްލިމަކަށް ވެސް އަނެއް މުސްލިމާގެ އަބުރާއި މުދަލާއި ލޭ އެއީ ހަރާމް ވެގެންވާ އެއްޗެއްސެވެ..." އާދެ، މުސްލިމެއްގެ އަބުރާއި އިއްޒަތަކީ ހުރުމަތްތެރިވެގެންވާ އެއްޗެކެވެ. އަދި މުސްލިމެއްގެ މުދަލަކީ ވެސް ހުރުމަތްތެރިވެގެންވާ އެއްޗެކެވެ. އަބުރާއި މުދަލުގެ ހުރުމަތް ކަނޑާލުމަކީ ފުރާނަ ނުވަތަ ލޭގެ ހުރުމަތް ކެނޑިގެން ދިއުމަށް މަގުފަހިކުރާ ކަމެކެވެ.

އެހެންކަމުން ފުރާނައިގެ ހުރުމަތްތެރިކަން ދެމެހެއްޓުމަށްޓަކައި އެކަމުގެ ހުރި ނުބައިކަން ވެސް މި ވަނީ ބަޔާން ކުރައްވައިފަ އެވެ.

ގަސްދުގައި މީހަކު މެރުމުން ގިސާސް ހިފުމަށާއި ބިމުގައި ފަސާދަ އުފެއްދުމުންނާއި މުރުތައްދު ވުމަށް ފަހު، ތައުބާ ނުވުމުން މަރުގެ އުގޫބާތް ދިނުން ހުއްދަ ކަން ކަށަވަރު ކަމާއެކު ދީނުން އެނގެ އެވެ. ވަރަށް ގިނަ އިލްމުވެރިންގެ ރައުޔުގައި، މުޙުޞަނަކަށް ވުމަށް ފަހު، ޒިނޭ ކުރުމުން ވެސް މަރުގެ އުގޫބާތް ދެވޭނެ އެވެ.

މުއުމިނަކު ގަތުލު ކޮށްފި ނަމަ އެކަމުގެ ޖަޒާއާ ބެހޭ ގޮތުން ކީރިތި ޤުރުއާނުގައިވާ ބަސްފުޅުގެ މާނައިގައި ވެ އެވެ. "އެކަން ގަސްތު ކޮށްގެން، މުއުމިނަކު ގަތުލު ކޮށްފި މީހާ، ފަހެ އެ މީހާގެ ޖަޒާއަކީ ނަރަކައެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގަ އެވެ. އަދި އެ މީހެއްގެ މައްޗަށް މާތް ﷲ ކޯފާ ލައްވާފައި ވެ އެވެ. އަދި އެ މީހަކަށް ލަޢުނަތް ލައްވާފައި ވެ އެވެ. އަދި ބޮޑުވެގެންވާ އަޒާބު އެ މީހަކަށްޓަކައި އެކަލާނގެ ތައްޔާރު ކުރެއްވި އެވެ." (އައްނިސާއު 93).

މި އާޔަތުގައި މުއުމިނަކު ގަތުލުކޮށްފި މީހެއްގެ ޖަޒާއެއްގެ ގޮތުގައި އެތައް ކަމެއް އެވަނީ ބަޔާން ކުރައްވައިފަ އެވެ. ނަރަކައިގައި ދެމިހުރުމާއި މާތް ﷲ ގެ ކޯފާ ލިބުމާއި ލައުނަތް ލެއްވިގެން ވުމާއި ބޮޑުވެގެންވާ އަޒާބު ނަރަކައިގައި ތައްޔާރު ކުރެވިފައިވުން ހިމެނެ އެވެ.

މުއުމިނަކަށް ނުވިއަސް އިންސާނެއްގެ ފުރާނަ އަށް އާންމު ހުރުމަތެއް ލިބިގެންވޭ

މުއުމިނުން ނޫނަސް އިންސާނެއް ކަމުގައިވާ ނަމަ އެ މީހެއްގެ ފުރާނަ އަކީ ހުރުމަތްތެރި ވެގެންވާ އެއްޗެއް ކަމުގައި އިސްލާމް ދީން ބަލަ އެވެ. މިއަދު މުއުމިނެއް ކަމުގައި ނުވިއަސް މާދަމާ އެއީ ވަރުގަދަ އީމާންތެރި އަކަށް ވުމުގެ ފުރުސަތު އެފަދަ ކޮންމެ މީހަކަށް ވެސް އޮވެ އެވެ. އެހެންކަމުން އެންމެ ފުރާނައެއް ދުއްވާލުމަކީ ވެސް މުޅި ދުނިޔޭގައިވާ އެންމެހާ އިންސާނުން މެރުން ފަދަ ކަމަކާ އެއްވަރު ކުރެ އެވެ.

"ފުރާނައަކަށް ފުރާނައެއް ހިފާ ގޮތަށް، ނުވަތަ ބިމުގައި އުފައްދާ ފަސާދައަކަށްޓަކައި ނޫން ގޮތަކަށް މީހަކު ގަތުލުކޮށް ފުރާނައެއް ނެތިކޮށްފި މީހާ، އެންމެހާ މީސްތަކުން ގަތުލު ކުޅަ ފަދަ އެވެ." (އަލްމާއިދާ 23).

އެންމެހާ މީސްތަކުންނަކީ މިހާރު ދުނިޔޭގައި އުޅޭ އަށެއްކަ ބިލިޔަން މީހުން އެކަންޏެއް ނޫނެވެ. އާދަމުގެފާނާ ހަމައިން ފެށިގެން މީގެ ކުރިން އުޅުނު އެންމެހާ މީހުންނާއި މިހާރު އުޅޭ މީހުންނާއި އަދި ގިޔާމަތް ވާންދެން އަންނަން ތިބިހާ ބައެއް ވެސް އޭގެ ތެރޭގައި ހިމެނޭނެ އެވެ.

ފުރާނައިގެ ހުރުމަތް ލިބުން އިސްތިސްނާވާ ފަރާތްތަކެއްވޭ

އިސްލާމް ދީނުގައި އިންސާނެއްގެ ފުރާނަ އަކީ ހުރުމަތްތެރި އެއްޗެއް ކަމުގައި ވިއަސް މި ހުރުމަތް އެ މީހަކު އަމިއްލަ އަށް ކަނޑާ މީހެއްގެ ފުރާނަ އަކީ ހުރުމަތްތެރިކަން ގެއްލިގެންދާ ފުރާނަ އެކެވެ. މިގޮތުން އަދުއްވުންގެ ގޮތުގައި މުސްލިމުންގެ ފުރާނަ އާއި ދީނާއި މުދަލާއި އެ ނޫން ވެސް ހުރުމަތްތަކަށް އަރައި ގަންނަ މީހުންގެ ކިބައިން ދިފާއުވުމަށްޓަކައި އިސްލާމީ ހަމަތަކުގެ މަތިން ހަނގުރާމަކޮށް، އެ މީހުން ގަތުލު ކުރުން ހުއްދަ އެވެ. ބައެއް ހާލަތްތަކުގައި އުގޫބާތެއްގެ ގޮތުގައި ފުރާނަ ދުއްވާލުން ހުއްދަ ކުރެ އެވެ.

ގަސްދުގައި މީހަކު މެރުމުން ގިސާސް ހިފުމަށާއި ބިމުގައި ފަސާދަ އުފެއްދުމުންނާއި މުރުތައްދު ވުމަށް ފަހު، ތައުބާ ނުވުމުން މަރުގެ އުގޫބާތް ދިނުން ހުއްދަ ކަން ކަށަވަރު ކަމާއެކު ދީނުން އެނގެ އެވެ. ވަރަށް ގިނަ އިލްމުވެރިންގެ ރައުޔުގައި، މުޙުޞަނަކަށް ވުމަށް ފަހު، ޒިނޭ ކުރުމުން ވެސް މަރުގެ އުގޫބާތް ދެވޭނެ އެވެ.

ނަމަވެސް ފާހަގަކޮށްލަން ޖެހޭ މުހިންމު ނުކުތާ ތަކެއް ވެ އެވެ. އެއީ މަރަށް މަރު ހިފާ ހާލަތުގައި ވަލީވެރިން ބޭނުން ނަމަ މަރުގެ ދިޔަ ދީގެން ނަފްސު ސަލާމަތް ކުރެވެން އޮންނަ ކަމެވެ. މުރުތައްދު ވުމަށް ފަހު، ތައުބާ ވުމުގެ މުއްދަތެއްގެ ގޮތުގައި މުޅި އުމުރު އެކީ ދިނުން ވެސް ހުއްދަ ކަމެވެ. ޖަރީމާތައް ސާބިތު ކުރުމުގައި ކިތަންމެ ކުޑަ ނަމަވެސް ޝުބުހާއެއް އޮވެއްޖެ ނަމަ އުގޫބާތް ނުދީ ދޫކޮށްލަން ޖެހޭ ކަމެވެ. މި ކަންކަމުން ދޭހަވަނީ އިސްލާމް ދީން އުގޫބާތެއްގެ ގޮތުގައި ވެސް ފުރާނަ ދުއްވާލަން އެހާ ތަރުހީބު ނުދޭ ކަމެވެ. އެކަމަކު އެހެން އެއްވެސް ގޮތެއް ނެތިގެން އެންމެ ފަހުގެ ހައްލުގެ ގޮތުގައި އެކަން ހުއްދަ ކުރަނީ ކަމެވެ.

މުސްލިމަކަށް އެއްވެސް ގެއްލުމެއް ދީގެން ނުވާނެ

މި އިޝާރާތް ކުރި ހާލަތްތައް ފިޔަވައި އެހެން އެއްވެސް ހާލަތެއްގައި މުސްލިމެއްގެ ފުރާނަ އަށް އަރައިގަތުމެއް ހުއްދަ އެއް ނުވާނެ އެވެ. އަދި ފުރާނައިގެ އިތުރުން މުސްލިމެއްގެ މުދަލާއި އޭނާގެ އަބުރަކީ ވެސް އެފަދަ ހުރުމަތްތެރިކަން ދެވިގެންވާ އެއްޗެއްސެވެ. މި ހުރުމަތްތެރިކަން އިތުރަށް ދެމެހެއްޓުމަށްޓަކައި، މުސްލިމަކަށް ދަތި ހާލަތެއް ޖެހިއްޖެ ނަމަ އެހީތެރިވުމަށާއި އެއްވެސް ބާވަތެއްގެ އަނިޔާއެއް ނުދިނުމަށާއި އެހެން މީހެއްގެ ފަރާތުން އަނިޔާއެއް ލިބޭ ހިނދު ވެސް އެއިން ސަލާމަތް ކޮށްދިނުމަށާއި އަނިޔާވެރި ވާ މީހާ އަށް ވެސް ނަސްރު ދިނުމަށް (އެބަހީ އެކަން ހުއްޓުވުމަށް) އިސްލާމް ދީން އަންގަވާފައި ވެ އެވެ. އަދި ދަތިހާލު ޖެހިފައިވާ މީހަކަށް އޭނާގެ އެ ހާލުން މިންޖު ކޮށްދީފި ނަމަ އެއީ ގިޔާމަތް ދުވަހުގެ ދަތިތަކުން ތިމާ އަށް މިންޖުވާން ލިބޭ ފުރުސަތެއް ކަމުގައި ވެސް ލައްވާފައި ވެ އެވެ.

މީގެ އިތުރުން މުސްލިމެއްގެ ފަރާތުން ފެންނަ ކުށެއް (އެކަމުގައި އެހެން މީހެއްގެ ހައްގެއް ނެތް ނަމަ އަދި ކުށުގެ މަތީ ދެމި ނުހުރެ އޭނާ އިސްލާހުވެއްޖެ ނަމަ) ފޮރުވައިދިނުމަކީ ވެސް ތިމާއަށް ކުރެވިފައިވާ ކުށްތައް ގިޔާމަތް ދުވަހުން ފޮރުވޭނެ ކަމެއް ކަމުގައި ވެސް ލައްވާފައި ވެ އެވެ.

ވީމާ، ދިރިއުޅުމުގެ ހަޔާތުގައި ދެބަސްވުންތަކާއި ހައްގުތައް ނެތިގެންދިއުން ފަދަ ކަންކަން މެދުވެރި ވިއަސް އަނިޔާ ކުރުމާއި ތަޅާފޮޅައި ހެދުމާއި ޒުވާބު ކުރުމާއި ހުރުމަތްތަކަށް އަރައިގަތުމަކީ އިސްލާމީ ގޮތެއް ނޫނެވެ. އިސްލާމް ދީނުގައި އެފަދަ ކޮންމެ ހާލަތަކަށް ހައްލު އެބައޮތެވެ. ހައްގެއް ނިގުޅައި ގަނެވިއްޖެ ނަމަ އަމަލު ކުރަން ޖެހޭނީ ހައްގުތައް ހޯދުމަށް އިސްލާމް ދީނުގައި ކަނޑައަޅައިދީފައިވާ ގޮތަށެވެ. މީގެ ބަދަލުގައި އަނެކާގެ ހުރުމަތްތެރިކަން ކަނޑާލައި މާރާމާރީ ހިންގައި، އަނެކާގެ ފުރާނަ ދުއްވާލުމުން މައްސަލަ ހައްލުވުމުގެ ބަދަލުގައި ދުނިޔެ އާއި އާހިރަތުގައި އިތުރު ވޭންތަކާއި ކެކުޅުންތައް ލިބުން ފިޔަވައި އެހެން ކަމެއް ނުވާނެ އެވެ.

4 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 86%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢާދަނުބެ

26 April 2025

މިހާރު މާލޭގަ މީހަކަށްއިންސާފު ހޯދަންކުރާ މުޒާހަރާގެ އެތްވެސް އިހްލާސްތރި ކަމެތްނެތް އަސްލުމަށްސަލަޔައް އިންސާފުހޯދަން އެކަކުވެސް ނުގޮވާ ހުރިހާވެސް މައްސަލަޔަކީ މަސްތުވާތަކެތި މިކަމަށް ހުރިހާރައީތުން ނިކުމެ ޢަޑު އުފުލަންވީ ދުވަހެތް ދުވަހަކަށް ރާއްޖޭގަ މަސްތުވާތަކެތި ގިނަވެ އަހަރުމެން ދަރިންއޭގަޖެހި ހަލާކުވަމުން މިދަނީ ސަރުކާރު މުއައްސަސާތަކުންވެސް އެކަށީގެންވާ މަސަތްކަތެތްކުރާތަން ނުފެނޭ

The name is already taken The name is available. Register?

ޚސކސކކސ

26 April 2025

ދިވެހި ކުލާހަކަށް ދޭބަލަ. ލަދުން ބޯ ހަލާކު

The name is already taken The name is available. Register?

ރަނާވަތު

26 April 2025

ތިބުނަން އުޅޭ އެތި ގޯސްކުރަނީކީނޫން އެކަމަކު އަޅާކިޔަން ވެސް ހައްދެއް އޮންނަންވާނެ.

The name is already taken The name is available. Register?

މިއައު

26 April 2025

ފަލަސްތީނުގަ އޮތީ ލޭގެ ކޯރެއް. އިންސާނީ ކަރާމާތެއް ނެތް. މުޅި އިސްލާމީ ލީޑަރުން ތިބީ ގައުމިއްޔަތަކާ އަމިއްލަ ކޮރަޕްޓް އެޖެންޑާއެއް. އުއްމަތެއް ނެތްް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454