މިނިވަން ދުވަހާ ގުޅިގެން ބޭއްވި ސިފައިން ބޭއްވި ޕެރޭޑެއް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
26 ޖުލައި 2025 - 06:40
އިންސާނާގެ ކަރާމާތް ދެމެހެއްޓުމަށާއި ބިމުގެ ޚަލީފާއެއްގެ ދައުރު އަދާކުރުމަށްޓަކައި މިނިވަންކަން ބޭނުންވެ އެވެ. މިއީ އިސްލާމް ދީން ކަށަވަރު ކޮށްދޭ މުހިންމު ގިޔަމެކެވެ. އެހެންވެ މާއްދީ ގޮތުންނާއި ފިކުރީ ގޮތުންނާއި އަގީދާގެ ގޮތުން ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުވެތިވުމަށް ނުވަތަ ގަދަކަމުން އެހެން ފަރާތެއްގެ ބާރު ހިންގުމަށް ފުރުސަތެއް ނުދެ އެވެ. ނަމަވެސް މިގޮތުން ގެނެސްދޭ މިނިވަންކަމުގައި އެހެން ފަރުދުންގެ ހައްގުތަކާއި މުޖުތަމައުގެ ހައްގުތަކާއި ﷲ އަށް އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތަކުގެ ވަޒަން ހަމަ ކުރުމަށްޓަކައި ވަކި ގައިދުތަކެއް އޮވެ އެވެ.
އިސްލާމީ ނަޒަރުން ބަލާއިރު މިނިވަންކަމުގެ މާނައަކީ ދީނީ ވާޖިބުތަކާއި އަހުލާގީ އިލްތިޒާމުތަކުން މީހާ މިނިވަންކޮށްދިނުމެއް ނޫނެވެ. ނަމަވެސް އޭގެ މާނަ އަކީ އެންމެ ފުރަތަމަ، އެހެން މީހުންގެ އަޅުވެތިކަމުން ތިމާ އަށް މިނިވަންކަން ލިބުމެވެ. ޢުމަރުގެފާނު ވިދާޅުވެފައި ވެ އެވެ. "ތިޔަބައި މީހުން މީސްތަކުން އަޅުވެތިކުރަން ފެށީ ކޮން އިރަކުން ފެށިގެން ހެއްޔެވެ؟ އެ މީހުންގެ މައިން އެ މީހުން ވިހާފައި ވަނީ މިނިވަނުންގެ ގޮތުގަ އެވެ."
ދެވަނަ ކަމަކީ، އެންމެހާ ޝަހުވަތްތަކާއި ހަވާނަފުސުގެ އެދުންތަކުން މިނިވަންކަން ލިބުމެވެ. އެ މީހެއްގެ އެދުންތައް އެއީ އެ މީހަކު އަޅުކަން ކުރާ އިލާހެއް ކަމުގައި ހެދި މީހަކަށް (ވިއަސް) ﷲ ފިޔަވައި ތެދުމަގު ދައްކަވާނީ ކާކުތޯ އަދި އެކަން އެފަދަ މީހުން ހަނދުމަ ނުކުރަނީތޯ ﷲ ސުވާލު ކުރައްވަވަ އެވެ. (އަލްޖާޘިޔަތު 23).
މިނިވަންކަމުގެ މާނައިގެ ތެރޭގައި ހިމެނޭ ތިންވަނަ ކަމަކީ، ޖާހިލުކަމާއި މަގު ގެއްލުމުން މިނިވަންކަން ލިބުމެވެ. ތައުހީދާއި ސައްހަ އިލްމުގެ މައްޗަށް ހިދާޔަތު ލިބުމަކީ އިންސާނާގެ ރޫހަށާއި ބުއްދިއަށް ލިބިގެންދާ މިނިވަން ކަމެކެވެ. އެހެންކަމުން އިސްލާމީ ނަޒަރުން ބަލާއިރު މިނިވަންކަމުގެ މާނައަކީ މީހުންގެ އަޅުވެތިކުރުންތަކާއި ޝަހުވަތްތަކާއި ހަވާނަފުސުގެ އެދުންތަކާއި ޖާޙިލުކަމާއި މަގުގެއްލުމުން މީހާ މިނިވަން ވުމެވެ.
އިސްލާމީ ނަޒަރުން ބަލާއިރު އިންސާނާ އަށް ތަފާތު ހައިސިއްޔަތު ތަކުން މިނިވަންކަން ލިބިގެން ވެ އެވެ. މިނިވަންކަމުގެ އެއް ބާވަތަކީ ދީނީ މިނިވަންކަމެވެ. މީގެ މާނަ އަކީ އިސްލާމްދީން އެއްވެސް މީހަކަށް އިސްލާމްވާކަށް މަޖުބޫރެއް ނުކުރެ އެވެ. މާތް الله ގެ ވަހީބަސްފުޅެއްގެ މާނައިގައި ވެއެވެ. "ދީނަށް ވެއްދުމުގައި މަޖުބޫރު ކުރުމެއް ނެތެވެ. ހަމަކަށަވަރުން ޟަލާލަތުގެ އަނދިރިކަމުގެ ތެރެއިން، ހިދާޔަތުގެ ސާފު އަލިމަގު އެނގި ފާޅުވެއްޖެ އެވެ (އަލްބަޤަރާ 256).
އެހެންވެ އިސްލާމް ދީނުގައި އޮންނަނީ މި އަލިމަގަށް އެބަހީ ހައްގަށް މީހުންނަށް ގޮވާލުމެވެ. ހައްގަށް ތަބާ ނުވިއަސް އިސްލާމީ ދައުލަތުގެ ތެރޭގައި އެ ތަނުގެ އަމަންއަމާންކަމާއި ނިޒާމު ހިފަހައްޓާ ނަމަ އެ މީހަކު ތަބާވާ މަގަކަށް ނުވަތަ ދީނަކަށް ތަބާވުމުގެ މިނިވަންކަން ދިނުމެވެ. ނަމަވެސް ހައްގަށް ތަބާވެ އިސްލާމް ވެއްޖެ ނަމަ އެ މީހެއްގެ މައްޗަށް އިސްލާމީ ހުކުމްތައް އަންނާނެ އެވެ.
މިނިވަންކަމުގެ ދެވަނަ ބާވަތަކީ، ފިކުރީ މިނިވަންކަމެވެ. ވިސްނުމާއި ކަންކަމާ މެދު ނަޒަރު ހިންގުމާއި ފިކުރުކުރުމުގެ މިނިވަންކަން އިސްލާމް ދީން ދީފައި ވެ އެވެ. ކީރިތި ޤުރުއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި، ތިޔަބައިމީހުން "ބުއްދީގެ ބޭނުން ނުކުރަނީތޯ؟"، "ކަންކަމުގެ ފަހަތުގައިވާ ކަންކަމަށް ނަޒަރު ނުހިންގަނީތޯ؟"، "ވިސްނާ ފިކުރު ނުކުރަނީތޯ؟" ފަދަ ސުވާލުތައް ކޮށްފައި ވެ އެވެ. އަދި ވިސްނައި ފިކުރު ކުރަން ސީދާ އަމުރުތައް ކޮށްފައި ވެ އެވެ. ނަމަވެސް މި މިނިވަން ކަމަކީ ވެސް މީހާގެ އަގީދާ ފާސިދުކޮށް ހައްގުން އެއްކިބާ ވުމަށް ފުރުސަތު ނުދީ ގައިދު ކުރާ މިނިވަން ކަމެކެވެ.
ތިންވަނަ ބާވަތަކީ، ސިޔާސީ މިނިވަންކަމެވެ. އިސްލާމްދީނުގައި ޝޫރާ (މަޝްވަރާ ކޮށްގެން ކަންކަން ނިންމުން) ގެ އުސޫލު ގާއިމުކޮށްފައި ވެ އެވެ. ވެރިން އިހުތިޔާރު ކުރުމާއި އެ މީހުން ޖަވާބުދާރީ ކުރުވުމާއި އެ މީހުންނަށް ނަސޭހަތްތެރިވުމުގެ ހައްގު ދީފައި ވެ އެވެ. ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވާ ގޮތުގައި ދީނަކީ އިހުލާސްތެރި ނަސޭހަތެވެ. މިއީ ﷲ އާއި އެކަލާނގެ ފޮތާއި އެކަލާނގެ ރަސޫލާ އަށް ޓަކައި ދޭން ޖެހޭ ނަސޭހަތެވެ. މި ނަސޭހަތް ދެވޭ ފަރާތްތަކުގެ ތެރޭގައި ވެރިންނާއި އާންމު ރައްޔިތުން ހިމެނެ އެވެ (މުސްލިމް).
ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނުހުއްޓުވަ އެވެ. އިސްލާމް ދީން އައި އިރު އޮތް އަޅުވެތި ކުރުމުގެ އާދަ މަޑުމަޑުން ގޮސް ހުއްޓުވޭނެ ނިޒާމެއް ގެނެސްދިނެވެ. މިގޮތުން ޢުމަރުގެފާނުގެ ޚަލީފާ ކަމުގައި އަޅުވެތިކަމުގެ އެތައް ބާވަތެއް އުވާލި އެވެ. އިސްލާމީ ފުތޫހާތު ތަކުގައި ވެސް އިސްލާމްވުމަށް މަޖުބޫރު ކުރުމެއް ނުވެ އެވެ. މުސްލިމުން ކުރި ކަމަކީ އަޅުވެތިކަމުގެ ދަށުން ރައްޔިތުން މިނިވަން ކުރުމެވެ
ހަތަރުވަނަ ބާވަތަކީ، އިގުތިސާދީ މިނިވަންކަމެވެ. މިގޮތުން ގަނެވިއްކުމާއި ކުށްޔަށް ދިނުމާއި އުޖޫރަ އާއި ހިބަ އާއި ވަސިއްޔަތާއި މި ނޫން ވެސް އާމްދަނީ ލިބޭ ތަފާތު އެކިއެކި މުއާމަލާތުތައް ހުއްދަ ކޮށްފައި ވެ އެވެ. އަދި ދިރިއުޅުމުގެ އެކި ބޭނުންތަކަށް ހަރަދު ކުރުމުގެ މިނިވަންކަން ވެސް ދީފައި ވެ އެވެ.
ނަމަވެސް މިއިން ކޮންމެ މުއާމަލާތަކުން ވެސް ހަލާލު ގޮތުގައި މެނުވީ އާމްދަނީ ހޯދުމުގެ ފުރުސަތެއް އިސްލާމް ދީން ނުދެ އެވެ. ހަމަ އެފަދައިން އިންސާފާއި ހައްގުތައް ރައްކާ ކުރުން ލާޒިމު ކުރެ އެވެ. އެހެންވެ ރިބާ އާއި ވައްކަމާއި ޓެކުމާއި ހިޔާނަތާއި އިހުތިކާރު ކުރުން ފަދަ އަނިޔާވެރި އެންމެހާ މުއާމަލާތުތައް ނަހީކޮށްފައި ވެ އެވެ.
މިނިވަންކަމުގެ ފަސްވަނަ ބާވަތަކީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމެވެ. ދިރިއުޅުމުގެ ތަފާތު އެކި ކަންކަމުގައި އިންސާނާ އަށް ވިސްނޭ ރަނގަޅު ގޮތް ހާމަކުރުމުގެ ފުރުސަތު އިސްލާމްދީނުގައި ދެ އެވެ. ބިނާކުރަނިވި ފާޑުކިޔުމާއި އުފެއްދުންތެރި ފިކުރުތަކަށް ތަރުހީބު ދެ އެވެ. އަދި އުންމަތުގެ ވާޖިބެއްގެ ގޮތުގައި ހެޔޮ ކަންކަމަށް އަމުރު ކުރުމާއި ނުބައިކަން ނަހީކުރުމުގެ ހައްގު ލިބިގެންދެ އެވެ. ނަމަވެސް މި މިނިވަން ކަމަކީ ވެސް ވަކި ގައިދުތަކެއްގެ ދަށުން ލިބޭ މިނިވަން ކަމެކެވެ. އެހެންވެ މީހުންގެ އަބުރަށް އަރައިގަތުމާއި ދޮގު ވާހަކަ ފެތުރުމާއި ފިތުނަ ފަސާދަ އުފެއްދުމާއި މަގުފުރެއްދުން ފަދަ ކަންކަމަކަށް މިނިވަންކަމެއް ލިބިގެނެއް ނުވެ އެވެ.
އިސްލާމީ ނަޒަރުން ބަލާއިރު އިންސާނާ އަށް ލިބޭ އެކި ބާވަތުގެ މިނިވަންކަމަކީ މަތީގައި ވެސް ފާހަގަކުރި ފަދައިން އެއްވެސް ގައިދެއް ނެތި ދޭ މިނިވަންކަމެއް ނޫނެވެ. އެއީ އެހެން ފަރާތްތަކަށް އެ އިން ލިބިދާނެ ގެއްލުންތަކަކުން ސަލާމަތް ވުމަށެވެ. މި ގައިދުތައް ކަނޑައަޅަނީ ވަކި މިންގަނޑުތަކެއްގެ ދަށުންނެވެ.
މިގޮތުން އެއް މިންގަނޑަކީ މީހަކަށް ގެއްލުމެއް ދިނުމެއް ނެތުމެވެ. ކީރިތި ރަސޫލާ ﷺ ގެ ހަދީސެއްގައި ބަޔާން ކުރައްވާފައިވަނީ ގެއްލުމެއް ދިނުމެއް އަދި ގެއްލުމެއް ލިބިގަތުމެއް އޮވެގެން ނުވާނެ ކަމަށެވެ (އިބްނު މާޖާ).
ދެވަނަ މިންގަނޑަކީ، ޝަރީއަތުގެ ހުކުމްތަކަށް އިލްތިޒާމު ވުމެވެ. އެހެންކަމުން ފާހިޝް އަމަލުތައް ފެތުރުމަށް ނުވަތަ ހައްގު ދީން ބަލައިގަތުމަށް ފަހު އެ އިންކާރު ކުރުމަށް ނުވަތަ الله ކަނޑައަޅުއްވާފައިވާ ހައްދުތައް ފަހަނައަޅައި ދިއުމަކަށް މިނިވަންކަމެއް ނުލިބެ އެވެ.
ތިންވަނަ މިންގަނޑަކީ، އަމަންއަމާން ކަމާއި ނިޒާމަށް ރައްކާތެރި ވުމެވެ. އެހެންކަމުން މިނިވަންކަމުގެ ނަމުގައި ހަލަބޮލިކަން އުފައްދައި ގާނޫނާއި ގަވައިދުތަކުން ބޭރަށް ދާން އިސްލާމްދީން މިނިވަންކަމެއް ނުދެއެވެ. އޭގެ ބަދަލުގައި މުޖުތަމައު ފާސިދުވުމުން ރައްކާތެރި ކޮށްދެ އެވެ.
ހަތަރުވަނަ މިންގަނޑަކީ، ކޮންމެ މީހަކު ވެސް ﷲ ގެ ހަޒުރަތުގައި މަސްއޫލުވާން ޖެހުމެވެ. އެހެންކަމުން ކޮންމެ މިނިވަންކަމަކާ މެދު އޭގެ ބޭނުން ހިފީ ކޮން ގޮތަކަށްތޯ ސުވާލު ކުރެވޭނެ އެވެ. އައްޞާއްފާތު ސޫރަތުގެ 24 ވަނަ އާޔަތުން މިކަން އެނގެ އެވެ.
އިސްލާމީ ތާރީހަށް ނަޒަރު ހިންގާލާއިރު ފެނިގެންދަނީ މަތީގައި ބަޔާން ކުރި މިނިވަންކަން މީސްތަކުންނަށް ދެވިފައިވާ ތަނެވެ. މައްކާގައި މުޝްރިކުންގެ ދުއްތުރާތައް ބޮޑުވެގެން ދިޔަސް އެ މީހުންނަށް މިނިވަންކަން ދެވުނެވެ. އެއްވެސް މީހަކަށް އިސްލާމްދީނަށް މަޖުބޫރު ނުކުރައްވަ އެވެ. މަދީނާގެ ޗާޓަރުގައި އަގީދާގެ މިނިވަންކަމާއި ސުލްހަވެރިކަމާ އެކު އެއްތަނެއްގައި އުޅެވޭނެކަން ކަށަވަރު ކޮށްދެއްވި އެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނުހުއްޓުވަ އެވެ. އިސްލާމް ދީން އައި އިރު އޮތް އަޅުވެތި ކުރުމުގެ އާދަ މަޑުމަޑުން ގޮސް ހުއްޓުވޭނެ ނިޒާމެއް ގެނެސްދިނެވެ. މިގޮތުން ޢުމަރުގެފާނުގެ ޚަލީފާ ކަމުގައި އަޅުވެތިކަމުގެ އެތައް ބާވަތެއް އުވާލި އެވެ. އިސްލާމީ ފުތޫހާތު ތަކުގައި ވެސް އިސްލާމްވުމަށް މަޖުބޫރު ކުރުމެއް ނުވެ އެވެ. މުސްލިމުން ކުރި ކަމަކީ އަޅުވެތިކަމުގެ ދަށުން ރައްޔިތުން މިނިވަން ކުރުމެވެ. އެ އަށް ފަހު، ހައްގު ބަޔާން ކުރުމުގެ ގޮތުން އިސްލާމް ދީން ހުށަހެޅުން އެކަންޏެވެ.
ވީމާ އިސްލާމްދީން ގެނެސްދޭ މިނިވަން ކަމަކީ އިންސާނީ ކަރާމަތާއި ރަހުމަތާއި އަދުލުވެރިކަން ދަމަހައްޓަނިވި މިނިވަން ކަމެކެވެ. މި މިނިވަންކަމުގެ ބޭނުން ހިފަންވާނީ އިސްލާމް ދީން ގައިދު ކުރާ ކަންކަމަށް ރިއާޔަތް ކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށސ11
26 July 2025
އިސްލާމްދީނުގަ އޮންނަނީ އަދާވާތްތެރިކާފަރުންނާ ގުޅުންކަނޑާލަން، އަދި މުސްލިމުންނަށް ނަސްރުދޭން. އެހެންތޯ ހުރިހާ ސަރުކާރުތަކުން ކަންތައް މިކިރަނީ؟!