ކޮލަމް އެހެން މިހެން: ސައުދީ އަށް ޝުކުރިއްޔާ، އެކަމަކު މިއީ ބެހޭ ކަމެއް ނޫން

ސައުދީ އަަރަބިއްޔާ އިން ރާއްޖެ އަށް ދިން ކަދުރުގެ ބައެއް ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމްގެ ޖަމިއްޔާއަކަށް ނަގައި، އެ ޖަމިއްޔާގެ ނަމުގައި ބަހަމުން ދިއުމުގެ މައްސަލަ "ފިނިކުރަން" ސައުދީ އެމްބަސީން މިދިއަ ހަފުތާގައި މަސައްކަތްކުރި އެވެ. އެ މަސައްކަތާ މެދު ދިވެއްސެއްގެ ހައިސިއްޔަތުން ސައުދީ އެމްބަސީ އަށް ބުނެލަން ޖެހެނީ މަންޒަރު ރީތިކުރަން އުޅުމުގެ ބޭނުމެއް ނެތޭ އެވެ. މިއީ ދިވެހިން ގަބޫލުކޮށްގެން، ދިވެހިން ތައާރަފުކޮށްފައިވާ ޑިމޮކްރެޓިކް އުސޫލްތަކާއި ހަމަތަކާ ގުޅޭ މައްސަލައެކެވެ. މިއީ، ހިތާމަޔާ އެކު ދަންނަވަން ޖެހެނީ، ސައުދީ އަރަބިއްޔާއާ ވަރަށް ބީރައްޓެހި އުސޫލްތަކަކާއި ހަމަތަކެއް ކަމަށެވެ.


ސައުދީއާ ގުޅުން އޮންނަ ބައެއް ގައުމުތަކުގެ ވެރިންގެ ފަރާތުން ފެންނަ ޚިޔާނާތުގެ މައްސަލަތަކުގައި އެ މީހުންނާ އެއްކޮޅަށް ވާހަކަ ދެއްކުމަކީ ސައުދީގެ އާދައެކެވެ. އޭގެ އެއް މިސާލަކީ މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ އަމިއްލަ ބޭންކް އެކައުންޓަށް 681 މިލިއަން ޑޮލަރު ޓްރާންސްފާ ކުރި މައްސަލަ ފަޅާއެރުމުން އެކަމުގެ ދިފާއުގައި ސައުދީން ކުޅުނު ރޯލެވެ. ސައުދީން ބުނެފައިވާ ގޮތުގައި އެއީ "އެއްވެސް ބަދަލެއް ހޯދުމުގެ ނިޔަތެއް ނެތި، ނަޖީބަށް ހެޔޮހިތުން ދިން ހަދިޔާއެކެ"ވެ.

ޑިމޮކްރެޓިކް އަދި ސާފުތާހިރު ސިޔާސީ ވެއްޓަކަށް މަސައްކަތްކުރާ މީހުންނަށް ނުވަތަ އަޑުއިއްވާ މީހުންނަށް ސައުދީގެ އެ ވާހަކަ ވީ ބޮޑު ޖޯކަކަށެވެ. އެކަމަކު މެލޭޝިއާގައި ވެރިކަން ކުރަމުން އަންނަ އުސޫލުތަކަށް ބަލާއިރު އެ ގައުމުގެ ރައްޔިތުންނަށް ދެން ހެދޭނެ ގޮތެއް ނެތެވެ. އެހެންކަމުން ނަޖީބު އެ ހުންނެވީ މެލޭޝިއާގެ އެންމެ މުއްސަނދި މީހުންގެ ލިސްޓްގަ އެވެ. އޭނާއާ ދެކޮޅަށް އެޅޭނެ ފިޔަވަޅެއް އަލުން ޖެހޭނީ ހޯދާށެވެ.

ސައުދީ އަރަބިއްޔާ އަކީ ޑިމޮކްރެޓިކް ގައުމެއް ނޫނެވެ. މުއްސަނދިކަމުގެ ގޮތުން ބަލާއިރު ދުނިޔޭގެ އެންމެ ވަރުގަދަ މުސްލިމް އެއް ގައުމަށް ވިޔަސް، ޑިމޮކްރެސީގައި ދުނިޔޭގެ މުސްލިމް އެހެން ގައުމުތަކަށް ނަމޫނާ ދައްކާފައިވާ ރާއްޖެ އަށް މި ވަގުތު ސައުދީ އަށް ދެވޭނެ ލަފައެއް އޮތް ކަމަކަށެއް ނުފެނެ އެވެ. އަރަބި ގައުމުތަކުގައި ޑިމޮކްރަސީގެ "ބަހާރު މޫސުމް" 2011 ގައި ފެތުރުމުގެ ހަ އަހަރު ކުރިން ރާއްޖެ ވަނީ ޒަމާނީ ޑިމޮކްރަސީގެ މަސައްކަތް ފަށައިފަ އެވެ. އާ ގާނޫނުއަސާސީއެއް ހަދައި، މިނިވަން އިންތިހާބުތައް ބާއްވައިފަ އެވެ. މިނިވަން މުއައްސަސާތައް ގާއިމްކޮށް، ޒިންމާތައް ހަވާލުކޮށްފަ އެވެ. އަދި ވެރިންގެ އަމަލްތަކާ މެދު ފާޑުކިޔޭ، ސަރުކާރާ ދެކޮޅަށް ބަސް ވެސް ބުނެވޭ ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވެސް އޮތީ ދިވެހިންނަށް ލިބިދީފަ އެވެ.

ދިވެހިން ބޭނުންވީ އަދި ކުރިއަށް އޮތް ތަނުގައި ބޭނުން ވެސް ވަނީ އާންމުންނަށް ބަސް ބުނެވޭ ވެރިކަމުގެ ނިޒާމެކެވެ. ދިވެހިން ގަބޫލުކުރީ ސަރުކާރުގެ ވެރިންނަކީ އާންމު ދިވެހިންނަށް ވުރެ މާ މަތީ ބައެއް ކަމަށް ނުދެކޭ ނިޒާމެކެވެ. ނަހަމަ ގޮތުގައި ބާރާއި ނުފޫޒު ބޭނުންކުރެވިގެން ނުވާނެ ނިޒާމެކެވެ.

ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ދޭ އެހީތެރިކަމާއި ބާއްވާ ގާތް ގުޅުމަށް ދިވެހިން ޝުކުރުވެރިވެ އެވެ. އަދި ސައުދީއާ މެދު ދިވެހިން ދެކެނީ ވަރަށް ޚާއްސަ ގޮތަކަށެވެ. ސައުދީ އެމްބަސީ އަށް އެކަން އެނގޭނެ އެވެ. ހަމައެހެން ސައުދީން ހިލޭ ދޭ ކަދުރު މީގެ ކުރިން ބަހަމުން އައީ ދައުލަތުގެ އިދާރާތަކުން ކަން ވެސް އެނގޭނެ އެވެ. އެ ކަދުރުން ބައެއް އަމިއްލަ ޖަމިއްޔާއަކަށް ނަގައި، އެ ޖަމިއްޔާގެ ނަމުގައި ބަހާފައެއް ނުވެ އެވެ. އެގޮތަށް ބަހަން އެ ކަދުރު ލިބޭ ކަމަށް ވަންޏާ އެތައް ޖަމިއްޔާއަކުންނާއި ސިޔާސީ އެތައް ބަޔަކު އެ ފުރުސަތު ބޭނުންވާނެ އެވެ. ސޮދަގާތު ފައުންޑޭޝަނުން އެ ކަދުރު ބަހަން ފެށުމުން މައްސަލަ އުފެދޭ ހިސާބަކީ މި އެވެ.

ވެރިކަންކުރުމުގެ ނިޒާމުގައި ސައުދީ އަރަބިއްޔާ އަށް ދިވެހިންނަށް ދެވޭނެ އެހީތެރިކަމެއް އަދި ލަފައެއް ވެސް ނޯންނާނެއޭ ބުނަން ޖެހެނީ އެހާ ހިސާބަށް އެކަން ދިއުމުންނެވެ. މިއީ މުޅިން ތަފާތު ދެ ނިޒާމަކަށް ވެރިކަން ހިންގާ ދެ ގައުމެވެ. ސައުދީން ރާއްޖެ އަށް ހަދިޔާކުރި ކަދުރު، ފަސްޓް ލޭޑީގެ އަމިއްލަ ޖަމިއްޔާއެއްގެ ނަމުގައި ބެހުމުން އެކަން ބައެއް ދިވެހިންނަށް މައްސަލައަކަށް ވީ ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަ ނިޒާމުގެ ތެރޭގައި ވެރިން ދައްކަވަން ޖެހޭ ރީތި ނާމޫނާއާ މުޅިން ޚިލާފު ކަމަކަށް އެކަން ވުމުންނެވެ. އެއީ ނުފޫޒާއި ބާރު ބޭނުންކުރެއްވުމުގެ އަމަލެކެވެ.

ސައޫދީން މި އަހަރު ރާއްޖެ އަށް ހަދިޔާ ކުރި 50 ޓަނު ކަދުރާ، ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މި މަހުގެ 2 ވަނަ ދުވަހު ހަވާލުވެވަޑައިގަންނަވަނީ. ފޮޓޯ: ސަން އޮންލައިން

ދިވެހިންނަށް 2008 ގައި ލިބުނު ގާނޫނުއަސާސީގައި ހިމެނޭ ގިނަ ހަމަތަކެއް މިހާރު މިވަނީ ނެތިފަ އެވެ. ސަރުކާރުގެ ބާރު ގަދަވެ، މިނިވަން މުއައްސަސާތަކުގެ ބާރު ކެނޑިފަ އެވެ. ސަރުކާރަށް އަދި ނައްތާނުލެވިގެން އުޅެނީ ގާނޫނުއަސާސީގައި އޮތް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގެވެ. ފަސްޓް ލޭޑީގެ ސަދަގާތު ފަައުންޑޭޝަނުން ބެހި ކަދުރާ ބެހޭ ގޮތުން ދިވެހިންގެ ތެރޭގައި ފާޑުކިޔުންތައް ފެތުރުނީ އެ ހައްގު އަދި ދެމި އޮތުމުންނެވެ. އެހެންކަމުން ސައުދީ އަރައްބިއްޔާގެ އެމްބަސީން ގަބޫލުކުރަން ޖެހޭނެ ހަގީގަތަކީ މޫނު ރީތިކުރަން ބަޔާނެއް ނެރުނަސް ދިވެހިން އެކަން ބަލައިނުގަންނާނެ ކަމެވެ. އަދި ސަދަގާތު ފައުންޑޭޝަނުގެ އަމަލަކީ ބާރާއި ނުފޫޒު ބޭނުންކުރުމުގެ ނަމޫނާއެއްކަމެވެ. އެކަމަކު ޑިމޮކްރެޓިކް އަގުތައް ގަބޫލުކޮށްގެން ތިބި އެއްވެސް ދިވެއްސަކު އެފަދަ އަމަލްތައް ގަބޫލެއް ނުކުރާނެ އެވެ.

ދިވެހިން ބޭނުންވީ އަދި ކުރިއަށް އޮތް ތަނުގައި ބޭނުން ވެސް ވަނީ އާންމުންނަށް ބަސް ބުނެވޭ ވެރިކަމުގެ ނިޒާމެކެވެ. ދިވެހިން ގަބޫލުކުރީ ސަރުކާރުގެ ވެރިންނަކީ އާންމު ދިވެހިންނަށް ވުރެ މާ މަތީ ބައެއް ކަމަށް ނުދެކޭ ނިޒާމެކެވެ. ނަހަމަ ގޮތުގައި ބާރާއި ނުފޫޒު ބޭނުންކުރެވިގެން ނުވާނެ ނިޒާމެކެވެ. މި ރިވެތި އުސޫލުތަކާ އެއްގޮތަށް ކުރިއަށް ދިއުމުގެ ފުރުސަތު ސަރުކާރުން ހަނިކުރަމުން އައި ނަމަވެސް ގިނަ ދިވެހިންގެ އުއްމީދު ކަނޑައެއް ނުލަ އެވެ. އަބަދުވެސް ކަންކަން ހަމަޔަކަށް އެޅޭނެ ފުރުސަތު ދިވެހިންނަށް ލިބޭނެ ކަމަށް ދެކޭ ހުވަފެން ކުރިން ވެސް އޮތީ ހަގީގަތަކަށް ވެފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ހަގީގަތަކަށް ވާނެކަމުގެ ޔަގީންކަން ދިވެހިންނަށް އޮވެ އެވެ.

ރާއްޖޭގެ ވެރިންނާ އަޅުގަނޑުމެން ހަވާލުކުރީ ރައްޔިތުންގެ ހައްގު ހިމާޔަތްކުރުމުގެ މަސްއޫލިއްޔަތެވެ. ޚިޔާނާތް ހުއްޓުވުމުގެ މަސްއޫލިއްޔަތެވެ. އެކަން ނުކުރެވެންޏާ ދިވެހިން އަޑު އިއްވާނެކަން ސައުދީ އެމްބަސީ އަށް އެނގެން ޖެހޭނެ އެވެ.