ކޮލަމް 27: މިއޮތީ ވަރުގަދަ ކައުންސިލެއް!

އިއްޔެ ހެނދުނު އިރުއެރުމާ އެކު މީޑިއާތައް ކައްކުވާލައި، ލޭ ހޫނުކޮށްލީ މީޑިއާގެ ބެލެނިވެރި ފަރާތުން ފޮނުވި ސިޓީތަކަކާ ގުޅިގެންނެވެ. ބައެއް މީޑިއާތަކަށް ނުސީދާކޮށް ވަރުގަދަ އިންޒާރުތަކެއް ދެމުންނެވެ. ރައީސް އޮފީހުން ކުރި ޝަކުވާތަކެއް ކައުންސިލްގެ އިސްނެގުމަކަށް ބަލާތީ އެއަށް ޖަވާބުދާރީ ވުމަށް މައްސަލަ ބޮނޑިވަރެއް ހަތަރު މީޑިއާއަކަށް އަ އެވެ. އަޅުގަނޑުމެންގެ ނޫސް ހިމެނެނީ އޭގެ ތެރެއިން އެންމެ ގިނަ މައްސަލަ ރައްދުވި ފަރާތުގެ ގޮތުގަ އެވެ.


އެކަމަކު އިރު އޮއްސުނުއިރު، އެ މައްސަލަ އެކި ގޮތްގޮތަށް ނިއުޅެމުން އެނބުރެމުން ގޮސް، ހުށަހެޅި ފަރާތް ސުވާލުތަކެއްގެ ތެރެއަށް ވެއްޓި އެންމެ ފަހުން މައްސަލަތައް އަނބުރާ ވަނީ ގެންގޮސްފަ އެވެ. މީޑިއާގެ ބެލެނިވެރި ފަރާތް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ހޫނުފެނަށް ވެއްޓި، ނޫސްވެރިންގެ ކުރިމަތީގައި ބަދުނާމްވެ، ނޫސްވެރިންނަށް ބިރުދެއްކި ކަމުގެ ތުހުމަތު ވެސް ބައެއް ނޫސްވެރިން ވަގުތުން ކުރަން ފެށި އެވެ. ހަގީގަތުގައި ވެސް، ކައުންސިލުން އިއްޔެ އެ ކުރީ، އަޅުގަނޑު ދެކޭ ގޮތުގައި އެހާ ނާޒުކު ހާލަތެއްގައި އޮތް މީޑިއާތަކަކާ ދޭތެރޭ ހިންގައިގެން ވާނެ އަމަލެއް ނޫނެވެ. ސަބަބުތައް އަޅުގަނޑު މި ކިޔައިދެނީ އެވެ.

މީޑިއާ ކައުންސިލް އުފެއްދީ ރާއްޖޭގައި މިނިވަން ނޫސްވެރިކަމުގެ ވެއްޓެއް ގާއިމްކުރުމުގެ މަސައްކަތަށެވެ. ކައުންސިލް ވަކި ބަޔަކު ހިސޯރު ކުރިޔަ ނުދިނުމަށް ޓަކައި، ދެ އަހަރުން ދެ އަހަރުން ދައުރު ބަދަލުވާ ގޮތަށް 15 މެމްބަރުންގެ ކައުންސިލެއް އެކުލަވާލަނީ ވެސް އެ ކައުންސިލްގެ މުސްތަގިއްލުކަން ޔަގީން ކުރުމަށެވެ. ކައުންސިލްގެ އެންމެ ބޮޑު މެންޑޭޓަކީ ހަމަ އެންމެ ކަމެކެވެ؛ މިނިވަން ނޫސްވެރިކަމެއް ކުރަން އޮތް ހުރަސްތައް މުޅިން ނައްތާލަން މަސައްކަތް ކުރުމެވެ. ދެން ހުރީ އެ މިނިވަންކަން ދެމެހެއްޓުމަށް ޓަކައި ކުރަން ޖެހޭ އިތުރު މަސައްކަތްތަކެވެ. އަބުރުގެ ގާނޫނުގެ ދަށުން އިތުރު ބާރުތަކެއް ކައުންސިލަށް ލިބުނު ނަމަވެސް ކައުންސިލްގެ މަގުސަދުތަކަކަށް އައި ހަމަ އެއްވެސް އިތުރު ބަދަލެއް ނެތެވެ.

މީޑިއާ ކައުންސިލުގައި މިހާތަނަށް ދެ އަހަރުގެ ތިން ދައުރު ނިމިއްޖެ އެވެ. ޖުމްލަ ހަ އަހަރު ވީ އެވެ. އެ ކައުންސިލަށް މީގެ ކުރިން ވެސް އެކި ފަރާތްތަކުން މައްސަލަތައް ހުށަހަޅާފައި ވެ އެވެ. އަބުރުގެ ބޮޑެތި މައްސަލަތައް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. ނަމަވެސް ކައުންސިލްގެ ގާނޫނު ބުނާ ގޮތުން ވެސް، އަދި އެ ކައުންސިލްގައި މިހާތަނަށް އަމަލު ކުރަމުން އައި އުސޫލަކީ ވެސް ދެ ފަރާތް ފުރަތަމަ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން އުޅުމެވެ. ސަރުކާރުން ވިޔަސް ދައުލަތުގެ މުއައްސަސާއަކުން ވިޔަސް ނުވަތަ އަމިއްލަ ފަރާތަކުން ވިޔަސް، ހަމަ މައްސަލައެއް ހުށަހަޅާ އިރަށް ފުންމައިގެން ގޮސް ސިޓީ ފޮނުވައި ބިރު ދެއްކުމުގެ އުސޫލަކީ މީގެ ކުރިން ދުވަހަކު ވެސް މީޑިއާ ކައުންސިލުން އަމަލު ކުރި ގޮތެއް ނޫނެވެ.

އަޅުގަނޑަކީ ވެސް އެ ކައުންސިލްގެ އެއް ދައުރުގެ މެމްބަރަކަށް ވީތީ، މި ދެންނެވި، މަޝްވަރާ ކުރުމުގެ އުސޫލު އޮތީ ހުރިހާ ފަރާތަކަށް ވެސް ވަރަށް ކާމިޔާބު އުސޫލަކަށް ވެފަ އެވެ. ސިޔާސީ ކަންކަން އެންމެ ހޫނުވެގެން ދިޔަ ދަނޑިވަޅުތަކުގައި ވެސް ނޫސްވެރިންނާއި ސަރުކާރާ ދެމެދު، އަދި ޖުޑިޝަރީއާ ދެމެދު ވެސް އުފެދުނު މައްސަލަތައް ހައްލުކޮށްފައި ވަނީ ވާހަކަ ދައްކައިގެންނެވެ. އަބުރާ ބެހުނު ކަމަށް ބުނެ ހުށަހެޅި އެތައް މައްސަލައެއް ދިރާސާކޮށް ނިމުނު އިރު އަބުރާ ބެހުނުކަން ސާބިތު ނުވެ، މައްސަލަ ހުށަހެޅި ފަރާތުން މާފަށް އެދި، އަދި އަބުރާ ބެހުނުކަން އެނގިފައިވާ ބައެއް މައްސަލަތަކުގައި ނޫސްތަކުން މާފަށް އެދުމުން މައްސަލަ ހުރީ ވަރަށް ރަނގަޅަށް ހައްލުވެފަ އެވެ. މިއީ، މިވީހާ ދުވަހު އެ ކައުންސިލުން ކަންކަން ކުރަމުން އައީ ވަރަށް ރީތި އުސޫލެކެވެ.

އެކަމަކު ރައީސް އޮފީހުން ފޮނުވި ކަމަށް ބުނާ ހުރިހާ ޝަކުވާއެއް، އެއީ އަބުރާ ބެހިފައި އޮތް އެއްޗެއްތޯ ނުވަތަ ނޫންތޯ ވެސް ބަލައިނުލައި، އަދި އެއީ ކިހިނެއް ވެގެން، ކޮން ގޮތަކުން މީހެއްގެ ހައްގަށް އުނިކަން އަންނަ ކޮންޓެންޓެއްތޯ ވެސް ބެލުމެއް ނެތި މައްސަލަތަކަށް ޖަވާބުދާރީވާން އެންގުމަކީ ވަރަށް ގޯސްކޮށް ދިޔަ ކަމެކެވެ. އޭގެ ބަދަލުގައި އެއީ ކައުންސިލަށް ބެލިދާނެ މައްސަލައެއްތޯ މެމްބަރުންގެ މެދުގައި މަޝްވަރާކޮށް އަދި އަބުރުގެ ގާނޫނުގެ ދަށުން އެ ފެތެނީ ކޮން މާއްދާއަކަށްތޯ ރަނގަޅަށް ދިރާސާކޮށްފައި ނޫން ގޮތަކަށް އެ އިޝޫ ހިއްލާލައިގެން ވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ.

"މިހާރު" އާ ދެކޮޅަށް ހުށަހަޅާފައިވާ 14 މައްސަލައަކީ، އަޅުގަނޑު ދެކޭ ގޮތުގައި، އަބުރުގެ ގާނޫނުގެ އެއްވެސް މާއްދާއަކަށް ފެތޭނެ އާޓިކަލްތަކަކަށް ނުވާތީ، ވިސްނެނީ އެއީ ސަރުކާރުން ބުނެލީމަ، ނުވަތަ ސަރުކާރު ރުއްސަން ކޮށްލި ކަމެއްގެ ގޮތުގަ އެވެ. އެއީ އަބުރާ ބެހުން ކަމަށް ވަންޏާ "މިހާރު" ނޫހަށް ވުރެ ކުރިން ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމްގެ އިއްޒަތަށް ނުވަތަ ކަރާމާތަށް ނުވަތަ އެކަމަނާގެ ހައްގަށް އުނިކަން އަންނަ ކަންކަން ކުރެއްވީ އެކަމަނާގެ ވަރަށް އަރިސް ބޭފުޅުންނެވެ. ސަބަބަކީ އޭގެ ތެރެއިން ބައެއް ހަބަރުތައް ލިއުނީ އެކަމަނާގެ އަރިސް ބޭފުޅުންގެ ރަސްމީ ޓްވިޓާ އަދި ފޭސްބުކްގެ ސްޓޭޓަސްތަކަށް ބިނާކޮށް ކަމަށް ވާތީ އެވެ. "މިހާރު"ގައި އެކަމަނާގެ މަސައްކަތަށް ތައުރީފުކޮށް ލިއެފައި ހުރި ރިޕޯޓްތަކެއް ވެސް، އެއީ އެކަމަނާގެ ހައްގަށް އުނިކަން އަންނަ ލިއުންތަކެއް ކަމަށް ބަލައި، އެމްއެމްސީން މައްސަލައެއްގެ ގޮތުގައި ނެގި އެވެ. އެހެންކަމުން ތަނެއް ދޮރެއް ބަލައިނުލައި، ވީނުވީ ވެސް އަހާނުލައި، ބަރިބަރި އަށް މައްސަލަތައް އޮއްސާލި އިރު، މީޑިއާ ކައުންސިލް އަށް މިއޮތީ ކިހިނެއް ވެފައި ހެއްޔޭ އެތައް ބަޔަކު އިއްޔެ އެހީ އެހެންވެ އެވެ.

މީޑިއާ ކައުންސިލުން އިއްޔެ ބޭއްވި ޖަލްސާގައި ބައެއް މެމްބަރުން މަޝްވަރާކުރައްވަނީ

މޯލްޑިވްސް މީޑިއާ ކައުންސިލުން ފޮނުވި ސިޓީގައި ބުނެފައި ވަނީ ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރު ހުށަހެޅުއްވި މައްސަލަތަކެއް ކަމަށެވެ. މައްސަލަ ހުށަހެޅި ތާރީހުގައި ރައީސް އޮފީހުގައި ހުންނެވި ކޮމިއުނިކޭޝަން އޮފިސަރު އަލީ ޚާލިދު ވިދާޅުވީ އެއީ އޭނާ އަށް އެނގިވަޑައިގެންފައިވާ ކަމެއް ނޫން ކަމަށާއި އެފަދަ އެއްވެސް ޝަކުވާއެއް ކުރައްވާފައި ނުވާނެ ކަމަށެވެ. ރައީސް އޮފީހުންް ވެސް ބުނަނީ ނޫސްވެރިންނާ ދެކޮޅަށް އެއްވެސް މުއައްސަސާއަކަށް، އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާނެ ކަމަށެވެ. މީޑިއާ ކައުންސިލުން އެކި ފަރާތްތަކަށް ފޮނުވި 30 އަށް ވުރެ ގިނަ މައްސަލައަކީ ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމްގެ ހައްގަށް އުނިކަން އަތުވެދާނެ ކޮންޓެންޓް ކަމަށް ބުނެފައި އޮތަސް، އެކަމަނާގެ ފަރާތްޕުޅުން، ރައީސް އޮފީހުން ބުނެފައި ވަނީ، އެއްވެސް ނޫސްވެރިއަކާ ދެކޮޅަށް އެކަމަނާ މައްސަލަ ހުށަހަޅުއްވާފައި ނުވާނެ ކަމަށެވެ. ހަމަ އެހެންމެ، ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް އޮތުމަކީ އެކަމަނާ ގަބޫލުފުޅު ކުރައްވާ ކަމެއް ކަމަށް ވެސް ބުނެފައި ވެ އެވެ. އެކަމަކު އެމްއެމްސީން ބުނެފައި ވަނީ އެއީ ހަމަ ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރުގެ މެއިލުން އައި ޝަކުވާތަކެއް ކަމަށެވެ.

މިއީ މިހާ އޮޅުންބޮޅުން ގިނަ މައްސަލައެކެވެ؛ ސުވާލަކީ މި އެވެ؛ ވީ ނުވީއެއް ނުބަލައި ނޫސްތައް ހޫނު ފެނަށް ވައްޓާލުމުގައި އެމްއެމްސީ އަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟ އަބުރުގެ ގާނޫނުގެ ދަށުން އެހާ ނާޒުކު މައްސަލަތަކެއް ބަލައި، މިލިއަނުން ޖޫރިމަނާ ކުރަމުން ދާ ވަގުތެއްގައި އަޅުގަނޑުމެންގެ ހައްގުތައް ހިމާޔަތްކޮށް މަގު ދައްކަން ތިބި ބަޔަކު ނޫސްވެރިންގެ "ހިތް މަރާލައި" މިހާ ބޮޑު ހާސްކަމެއްގެ ތެރެއަށް ވައްޓާލީ ކީއްވެ ހެއްޔެވެ؟

މީޑިއާ ކައުންސިލަކީ ސަަރުކާރުގެ މުއައްސަސާއެއް ނޫނެވެ. ސަރުކާރުން ބެރުޖެހީމަ އެއަށް ފައި ހަމަކޮށް ނަށަން ހޮވާފައި ތިބި ބައެއް ވެސް ނޫނެވެ. ރާއްޖޭގައި މިހާތަނަށް އެންމެ މިނިވަންކޮށް ހިނގަމުން އައި މުއައްސަސާ ވެއްޔާ މޮޑެލުމުގެ ހައްގެއް އެ ކައުންސިލްގައި މިހާރު ތިއްބެވި އެއްވެސް މެމްބަރަކަށް ލިބިގެނެއް ނުވެ އެވެ. އެ ބޭފުޅުންގެ މަސައްކަތަކަށް ވާން ޖެހޭނީ ސަރުކާރުން ހުށަހެޅިޔަސް، އަދި އެހެން ބަޔަކު ހުށަހެޅިޔަސް އެ މައްސަލައެއްގައި އޮތް އެންމެ ދީލަތި ހައްލެއް މީޑިއާ އަށް ހޯދައިދިނުމެވެ. ސަރުކާރާ ގުޅިގެން، މިނިވަން މީޑިއާތައް ދުއްވާލުމުގެ ވިސްނުން މީޑިއާ ކައުންސިލްގައި އޮތް ނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. ހަމަ އެހެންމެ، ސަރުކާރު ދެކެ ބިރުގަނެ، ކުރިއަށް އަޅަން ޖެހޭ ފިޔަވަޅު ފަހަތަށް އަޅަމުން ގޮސް ސަރުކާރުގެ ތުންފުއްސަކަށް ވެސް ވެގެން ނުވާނެ އެވެ.

ސަރުކާރަށް ތާއީދުކުރާ މެޖޯރިޓީއެއް އޮތް މިހާރުގެ ކައުންސިލާ ދޭތެރޭ އަޅުގަނޑު މިދެންނެވި ނަޒަރުން ޝައްކު ކުރަމެވެ. މީގެ ކުރިން ވެސް އެކަހަލަ ކިތަންމެ ކަމެއް ހިނގައިފި އެވެ. އިއްޔެ ވެސް ފެނިގެން އެ ދިޔައީ އޭގެ ތެރެއިން އެއް މަންޒަރެވެ. އޭގެ އެއް މިސާލަކީ، ކުރިން ދެންނެވި، "މިހާރު"ގައި ޖެހި ވަރަށް ގިނަ ހަބަރުތައް ސަރުކާރަށް ތާއީދުކުރާ ފަޅީގައި އޮތް މީޑިއާތަކުން ވެސް ގެނެސްދިން އިރު އެތަންތަނުގެ މައްސަލަ ބަލަން އުޅެފައި ނުވުމެވެ.

މިއީ މެމްބަރަކަށް މަހަކު 5،000ރ. ގެ އެލަވަންސެއް ކަނޑައަޅާފައި އޮތް މިނިވަން މުއައްސަސާއެއްގެ ހާލު އޮތް ގޮތެވެ. ދެން މަހަކު 40،000ރ ލިބޭ ކޮމިޝަންތަކުގެ ހާލު، މި ދުވަސްވަރު، އޮންނާނެ ގޮތް ވިސްނާލަމާ ހިނގާށެވެ!