ފަސް މިނެޓް: މުޅި ދުނިޔެ މުސްލިމުންގެ ބާރުގެ ދަށުގައި

ދުވަސްވަރަކީ މުސްލިމުންގެ ތިން ވަނަ ޚަލީފާ ޢުޘްމާންގެފާނު ޝަހީދު ކޮށްލުމުގެ ހާދިސާ އަށް ފަހު، ޢަލީގެފާނު ޚިލާފަތަށް އިސް ކުރެވުނުތާ ކުރީކޮޅުގެ ދުވަސްވަރެވެ. ބައެއް ޞަޙާބީން ބޭނުންފުޅުވީ ޢުޘްމާންގެފާނުގެ މަރުގެ ބަދަލު ހިއްޕެވުމަށެވެ. އެ ކަމަށް އެދި ޢަލީގެފާނަށް ބާރު އަޅުއްވަމުން ގެންދަވަނީ އެވެ. އޭގެ ތެރޭގައި ކީރިތި ރަސޫލާގެ ހުވަފަތް އަނބިކަނބަލުން ޢާއިޝަތުގެފާނާއި ޠަލްޙަތުގެފާނާއި ޒުބައިރުގެފާނު ހިމެނިވަޑައިގަންނަވަ އެވެ.


ޢަލީގެފާނު ހުންނެވީ އެކަން ކުރައްވާނެ މަގެއް ފެނިވަޑައިނުގެންފަ އެވެ. އެންމެ ބޮޑު އެއް ސަބަބަކަށްވީ، އޭރު މަދީނާ އަށް ބާރު ހިންގަމުން ގެންދިޔައީ ޢުޘްމާންގެފާނު ޝަހީދުކޮށްލައި ވެރިކަން ފުރޮޅައިލުމުގައި ބައިވެރިވި މީހުން ކަމަށްވެފައި، އެމީހުން ޢަލީގެފާނުގެ ޚިލާފަތަށް ތާއީދުކުރަން ފެށުމެވެ. އެ ފިތުނަގަނޑު މައިތިރި ކުރެއްވޭތޯ ޢަލީގެފާނު ވަރަށް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އިސްލާމީ އުންމަތުގައި ދިޔައީ ރެނދުލައި ބައިބައިވަމުންނެވެ.

އެ ދުވަސްވަރު ޝާމްކަރައިގައި މުސްލިމުންގެ ގަވަރުނަރަކަށް ހުންނެވީ މުޢާވިޔަތު ބްނު އަބީ ސުފްޔާނެވެ. ޢަލީގެފާނަށް ބައިޢަތު ހިތްޕެވުމަށް މުޢާވިޔާތުގެފާނަށް އެންގެވުމުން، މުޢާވިޔަތުގެފާނު އެދިވަޑައިގަތީ އެންމެ ފުރަތަމަ ޢުޘްމާންގެފާނުގެ ޤިޞާޞް ހިއްޕެވުމަށެވެ. އޭރުން ޢަލީގެފާނަށް ބައިޢަތު ހިތްޕަވާނެ ކަމަށެވެ. ނަމަވެސް ޢަލީގެފާނަށް އެކަން ނުކުރެއްވި ގިނަ ދުވަސް ވަމުން ދިޔަ ވަރަކަށް، މުޢާވިޔަތުގެފާނާއި ޢަލީގެފާނާ ދެމެދު ދިޔައީ ގުޅުން ގޯސް ވަމުންނެވެ. އެންމެ ފަހުން ޝާމްކަރައިގެ ގަވަރުނަރުކަމުން މުޢާވިޔަތުގެފާނު ވަކިކުރެއްވުމަށް ޢަލީގެފާނު އުޅުއްވުމުން އެކަމެއް ވެސް ނުކުރެއްވުނެވެ.

ޞަލީބީންނާ ދެކޮޅަށް މުސްލިމުން ކުރި ހަނގުރާމައެއްގެ ޚިޔާލީ ކުރެހުމެއް.

އިސްލާމީ އުންމަތުގައި ހިނގަމުންދާ މި ހަމަނުޖެހުންގަނޑުގެ ޚަބަރު ލިބިވަޑައިގަތުމުން، ރޫމްކަރައިގެ ޤައިޞަރު ހިރަޤުލް މުޢާވިޔަތުގެފާނަށް ސިޓީފުޅެއް ފޮނުއްވި އެވެ. އޭގައި ލިޔުއްވި އެވެ؛ މުޢާވިޔަތުގެފާނާއި ޢަލީ ބްނު އަބީ ޠާލިބުގެފާނާ ދެމެދު ހިނގަމުންދާ ކަންކަމުގެ ޚަބަރު ތިމަންނާ އަށް ލިބިއްޖެ އެވެ. ޢަލީގެފާނަށް ވުރެ ބޮޑަށް ކަލޭގެފާނު މުސްލިމުންގެ ޚިލާފަތަށް ޙައްޤު ކަމުގައި ތިމަންމެންނަށް ފެނެ އެވެ. ކަލޭގެފާނު އަމުރުކުރައްވައިފި ނަމަ، ޢަލީގެފާނުގެ އިސްތަށިފުޅު ކަނޑައިގެން ކަލޭގެފާނުގެ އަރިހަށް ގެނެސްދޭނޭ ފަދަ ލަޝްކަރެއް ކަލޭގެފާނުގެ އަރިހަށް ފޮނުއްވައިދެއްވާނަމެވެ.

އެ ސިޓީފުޅުގެ ޖަވާބުގައި މުޢާވިޔަތުގެފާނު ހިރަޤުލް އަށް ލިޔުއްވި އެވެ؛ މުސްލިމުންގެ ދެ އަޚަކު ތަޅައިފޮޅާ އިރު، އެ ދެމީހުންގެ ދެމެދަށް ތިބާ ވަންނަންވީ ކޮން ކަމަކު ހެއްޔެވެ؟ ތިބާ މި ކަމުގެ ތެރެއަށް ނުވަދެ ހިމޭނުން ނުހުރެއްޖެ ނަމަ، އެ ލަޝްކަރުގެ ކުރީކޮޅު ތިބާއާ ހަމައިގައި އަދި އެ ލަޝްކަރުގެ ފަހަތުކޮޅު ތިމަންކަލޭގެފާނާ ހަމައިގައި އޮންނަ ވަރުގެ، އަދި ތިބާގެ ބޯ ކަނޑާލައިގެން ޢަލީގެފާނަށް ގެންގޮސްދޭނޭ ފަދަ ލަޝްކަރެއް ތިބާގެ ގާތަށް ފޮނުވައިފާނަމެވެ.

ވިސްނަވާށެވެ! އެއީ މިއަދު ހިނގި ކަމެއް ނަމަ ކަންތައް ވީހީ ކިހިނެއްބާ އެވެ؟ ޢިރާޤާއި ކުވައިތު ހަނގުރާމައިގައި، ސަޢޫދީ ޢަރަބިއްޔާ އިން އެމެރިކާގެ އެހީތެރިކަމާއި މަދަދު ހޯދި ގޮތަކީ އޭގެ މިސާލެކެވެ. ސީރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އިދިކޮޅު ފަރާތްތަކުން ވިލާތުގެ ގައުމުތަކުގެ މަދަދު، އަދި ސީރިޔާ ސަރުކާރުން ރޫސީންގެ މަދަދު ހޯދަމުންދާ ގޮތަކީ ވެސް އޭގެ މިސާލެކެވެ. މިފަދަ އެތައް މިސާލެއް މިއަދު ފެންނަން އެބަ ހުއްޓެވެ.

އެންމެ ފުރަތަމަ އިސްލާމީ ލަޝްކަރު ރަމްޒުކޮށްދޭ ގޮތަށް ކުޅެފައިވާ ފިލްމެއްގެ މަންޒަރެއް.

އިސްލާމް ދީނަށް ދައުވަތު ދެއްވައި، ޚާލިދު ބްނުލް ވަލީދުގެ ފަރާތްޕުޅުން ފާރިސް ކަރައިގެ ކިސްރާ އަށް ސިޓީފުޅެއް ފޮނުއްވި އެވެ؛ ތިބާ އިސްލާމްވާށެވެ! އޭރުން ތިބާ އަށް ސަލާމަތްކަން ހުއްޓެވެ. ތިބާ އިސްލާމް ނުވެއްޖެ ނަމަ، މަރުނުވެ ދިރިތިބުމަށް ތިޔަބައިމީހުން ބޭނުންވާ ފަދައިން، މި ދުނިޔެ ދޫކޮށް މަރުވެ ދިޔުމަށް އެދިއެދި ތިބި ބައެއްގެ މައްޗަށް އެކުލެވިގެންވާ ލަޝްކަރަކާއިގެން ތިބާގެ ގާތަށް އަންނަ ހުށީމެވެ.

ކިސްރާ އަށް މި ސިޓީފުޅު ލިބުމާ އެކު ސިޓީފުޅު ވިދާޅުވެ، ޚާލިދު ބްނުލް ވަލީދުގެ ކިބައިން ސަލާމަތް ވެވޭނެ ފަދަ މަދަދުވެރި ކަމަކަށް އެދި ޗައިނާގެ އެމްޕެރާ އަށް ސިޓީފުޅެއް ފޮނުއްވި އެވެ. އެ ސިޓީފުޅުގެ ޖަވާބުގައި ޗައިނާގެ އެމްޕެރާ ކިސްރާ އަށް ލިޔުއްވި އެވެ؛ ކިސްރާ އެވެ! ފަރުބަދަތައް ވެސް ބިމުން ލުހެލުމަށް ބޭނުންވެއްޖެ ނަމަ، އެކަން ވެސް ކުރާ ވަރުގެ ބަޔަކާ ހަނގުރާމަކުރުމުގެ ބާރެއް ތިމަންނާއަކަށް ލިބިގެން ނުވެ އެވެ.

މިއީ ވެސް މުސްލިމުންނާ މެދު ދުނިޔޭގެ ބޮޑެތި ބާރުތައް ޖެހިލުންވެ ބިރުގެންފައި ތިބި ވަރު ރަމްޒުކޮށްދޭ ހާދިސާއެކެވެ. މުސްލިމުންގެ އަދަދު ގިނަވެ ހަތިޔާރުތައް މޮޅު ކަމަކުން ނޫނެވެ. އެމީހުން އިސްލާމް ދީނުގެ ޢަޤީދާގައި ސާބިތުވެ ތިބުމުގެ ސަބަބުން، ﷲގެ ނަޞްރާއި މަދަދު ލިބެމުން ދިއުމުގެ ސަބަބުންނެވެ.

އުސްމާނީ ދައުލަތުގައި މުސްލިމުންގެ ކަނޑުގެ ލަޝްކަރުން ހުޅަނގުގެ ބާރުތަކާ ދެކޮޅަށް ކުރި ހަނގުރާމައެއްގެ ޚިޔާލީ ކުރެހުމެއް.

ޢުޘްމާނީ ޚިލާފަތުގެ ޒަމާނުގައި މުސްލިމުންގެ ކަނޑުގެ ލަޝްކަރުތައް ޔޫރަޕްގެ ރަށްރަށުގެ އައްސޭރިފަށުން ދަތުރުކުރާ އިރު، އެ ރަށްތަކުގެ ފައްޅިތަކުން ރަނގަބީލު ޖެހުން ހުއްޓައިލަ އެވެ. އެއީ ﷲ އަށް ޝިރުކުރުމަށް ގޮވައިލެވޭ އެ ގޮވައިލުންތަކުގެ އަޑު އިވި، އެކަމުން ލިބޭ ނުތަނަވަސްކަމުގެ ސަބަބުން އެ ރަށްތައް ފަތަޙަކުރުމަށް އިސްލާމީ ލަޝްކަރު ކުރިމަތިލައިފާނެ ކަމުގެ ބިރަށްޓަކަ އެވެ.

ބުނެވޭ ގޮތުގައި މެދުތެރޭ ޒަމާނުގެ އަހަރުތަކުން ދުވަހެއްގައި، އިޓަލީގެ އިސް ފާދިރީއަކު އެ ރަށުގެ މައިދާނެއްގައި ބޭއްވި ދީނީ އިހްތިފާލެއްގައި ނަޞާރާ ޒުވާނުންނާ މުޚާތަބުކުރަމުން ބުންޏެވެ؛ "އަހަރެމެންގެ ނަޞާރާ ޒުވާނުންގެ މިއަދުގެ ހާލަތު ފެނިފައި ހަގީގަތުގައި ވެސް އަހަރެން ދެރަވެ މާޔޫސްވެއްޖެ އެވެ. މިއަދު އަހަރެމެންގެ ޒުވާނުން އެދަނީ ޢަރަބީންގެ ހުރިހާ ކަމެއް ނަކަލުކޮށް، އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި އެ މީހުންގެ ފިކުރުތައް ނަކަލު ކުރަމުންނެވެ. މިކަމުގައި ޒުވާނުން ހައްދުފަހަނަޅާފައިވާ މިންވަރަކީ، ނަޞާރާ ޒުވާނަކު، އޭނާގެ ލޯބިވެރިޔާ ގާތުގައި ލޯބިވެޔޭ ބުނަނީ ވެސް ޢަރަބި ބަހުންނެވެ. އެއީ ޢަރަބި ބަހުން ވާހަކަ ދައްކަން އެނގުމަކީ، ތިމާއަކީ ވަރަށް ސިވިލައިޒް މީހެއްކަން ސާބިތުކޮށްދެވޭ ކަމެއް ކަމަށް ދެކޭތީ އެވެ."

ޞަލީބީންނާ ދެކޮޅަށް މުސްލިމުން ކުރި ހަނގުރާމައެއްގެ ޚިޔާލީ ކުރެހުމެއް.

ޞަލީބީން ބަލިކޮށް، މުސްލިމުން ބައިތުލް މަޤްދިސް ފަތަޙަ ކުރި ޙިއްޠީން ހަނގުރާމަ އަށް ދެ ލަޝްކަރު ޖަމާވެފައި އޮތް ރޭގެ މެންދަމުގެ ވަގުތުގައި އިސްލާމީ ލަޝްކަރުގެ ކޮމާންޑަރު، ޞަލާޙުއްދީނުލް އައްޔޫބީ އެކަލޭގެފާނުގެ ފޭލިގެކޮޅުން ނުކުމެވަޑައިގެން މުޖާހިދުންގެ ފޭލިގެތަކުގެ ޙާލަތު ބައްލަވަން ހިންގެވި އެވެ. އެއް ފޭލިގެއެއްގެ ކައިރިން ވަޑައިގެންނެވި އިރު، އެ ފޭލިގޭ ތެރެއިން އިވެނީ އެންމެން ޖަމާއަތުގައި ދަމު ނަމާދު ކުރާ އަޑެވެ. އެހެން ފޭލިގެއެއްގެ ކައިރިން ވަޑައިގެންނެވި އިރު އިވެނީ ﷲގެ މަތިން ޛިކުރު ކުރާ އަޑެވެ. އަނެއް ފޭލިގެއެއްގެ ކައިރިން ވަޑައިގެންނެވި އިރު އިވެނީ، ކީރިތި ޤުރްއާން ކިޔަވާ އަޑެވެ. އަދި އެހެން ފޭލިގެއެއްގެ ކައިރިން ވަޑައިގެންނެވި އިރު، އެއްވެސް އަޑެއް ބަޑެއް ނީވެ އެވެ. ބައްލަވައިލެއްވި އިރު އެ ފޭލިގޭގެ އެންމެން ތިބީ ނިދާފަ އެވެ. އެހިނދު ޞަލާޙުއްދީން އަލް އައްޔޫބީ އެކަލޭގެފާނުގެ އަރިހުގައި ހުންނެވި ބޭކަލަކަށް ވިދާޅުވި އެވެ. މާދަމާގެ ކުރިމަތިލުމުގައި އިސްލާމީ ލަޝްކަރަށް ނިކަމެތިކަމެއް ކުރިމަތިވިއްޔާ ކުރިމަތިވާނީ މި ފޭލިގޭގެ މީހުންގެ ސަބަބުންނެވެ.

އޭރުގެ މުސްލިމުން، ދުނިޔޭގެ ބޮޑެތި ބާރުތަކާ ބައްދަލުކޮށް ކާމިޔާބާއި ނަޞްރު ހޯދީ އެމީހުންގެ ޢަޤީދާ އިން ހިތްވަރާއި ފަންވަރު ލިބިގެންނެވެ. ހަނގުރާމައަކަށް ލަޝްކަރު އެކުލަވާލައިފި ނަމަ، ކާމިޔާބާއި ނަޞްރު ދެއްވުން އެދި ﷲގެ ޙަޟްރަތުގައި އެދި ދެންނެވުން ހުއްޓައެއް ނުލަ އެވެ. ރޭގަނޑުގެ ވަގުތުތައް ހޭދަކުރަނީ ނިދުމާއި އަރާމުކުރުމުގައެއް ނޫނެވެ. ހަނގުރާމަ އަށް ނުކުންނަނީ، ދަމުނަމާދުކޮށް ޤުރްއާން ކިޔަވައި ﷲ ޛިކްރުކުރުމުގައި ރޭގަނޑުގެ ނިދި ނަގާލައިފަ އެވެ. އަނެއް ދުވަހުގެ ދުވާލު ހަތަރުދަމު ހަނގުރާމަ ކުރިޔަސް، ވަރުބަލިކަމެއް ލޮޑުކަމެއް ކަންނެތް ކަމެއް އިހްސާސެއް ނުކުރެވެ އެވެ. އެއީ އީމާންކަމާއި ޢަޤީދާގެ ބާރުގައި މުސްލިމުން ދުނިޔެ އަށް ވެރިކަން ކުރި ދުވަސްވަރެވެ. ޢަޤީދާ އާއި އީމާންތެރިކަން ދޫކޮށްލުމުން މުޅި ދުނިޔެ މިއަދު ވަނީ މުސްލިމުންގެ މައްޗަށް ގަދަވެގެންފަ އެވެ.