މި ފަހަރު ނުކުރަންވީ ކަންތައް: ވޯޓު "ގަތުމަށް" ނުތެދުވެވޭ ވަރުގެ ޚަރަދުކުރުން

ކޮންމެ އިންތިޚާބަކާ ދިމާކޮށް، ރައްޔިތުންގެ ވޯޓު "ގަތުމުގެ" މަގުސަދުގައި ސަރުކާރަކުން ބޮޑެތި ޚަރަދުތަކެއް ކުރެ އެވެ. ނަމަވެސް ރައްޔިތުން ވޯޓު ލަނީ އެބައި މީހުން ތާއީދުކުރާ ބަޔަކަށެވެ. އެބައި މީހުންގެ ވޯޓެއް ނުގަނެވެ އެވެ. ގަނެ ވިއްކުމުގެ ބާޒާރުގައި ނީލަން ކިޔެނީ ސިޔާސީ ބައެއް މީހުން ލައިގެން ތިބޭ ފޭރާމެވެ. އެހެންކަމުން، ރައްޔިތުންގެ ވޯޓު ގަތުމުގެ މަގުސަދުގައި ކުރާ، ރިޓާން އޮން އިންވެސްޓްމަންޓް ރަނގަޅު ނޫން ބޮޑެތި ޚަރަދުތައް މި ފަހަރު ނުކުރަމާތޯ އެވެ؟


ޢުމްރާނީ ތަރައްގީގެ ނަމުގައި ހިންގާ ޕްރޮޖެކްޓްތައް

ރިޔާސީ، މަޖިލިސް އަދި ކައުންސިލް އިންތިޚާބުތަކާ ދިމާކޮށް، ކޮންމެ ފަހަރަކު ވެސް އުމްރާނީ ތަރައްގީގެ ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގަ އެވެ. އަދި ހަމައެކަނި ސުރުޚީ ހަދާލުމުގެ ބޭނުމުގައި އެކަނި ވެސް އިތުރު އެތައް މަޝްރޫޢުތަކެއް އިފްތިތާޙު ކުރެވެ އެވެ. ރައްޔިތުންގެ ވޯޓު ގަތުމުގެ މަގުސަދުގައި ހިންގާ މިފަދަ ބޮޑެތި، ބިޔަ އުމްރާނީ ޕްރޮޖެކްޓްތަކުގެ ފައިދާ ރައްޔިތުން ހިފަނީ ފިސާރި ރަނގަޅަށެވެ. ޕްރޮޖެކްޓްތައް ހިނިތުންވުމާ އެކު ބަލައިގަނެ އެވެ. ނަމަވެސް ބަދަލުގައި އެބައި މީހުންގެ ވޯޓު ނީލަމުގައި ވިއްކައެއް ނުލަ އެވެ. މިއީ ނިމިދިޔަ އިންތިޚާބުތަކުގައި ތަކުރާރުކޮށް، ސާފުކޮށް ފެންނާން އޮތް ހަގީގަތެކެވެ.

ދައުލަތުން ޚަރަދު ކުރަން ވާނީ އަދި ކުރެވޭނީ ލިބޭ އާމްދަނީގެ މައްޗަށެވެ. މި ގޮތުން ލިބޭ އާމްދަނީން، ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށް ދިނުމަކީ ކޮންމެ ސަރުކާރަކުން ވެސް ކުރަން ޖެހޭ އަދި ކުރާނޭ ކަންކަމެވެ. ކޮންމެ ސަރުކާރަކުން ވެސް، ކުރީ ސަރުކާރުން އަޅާފައިވާ ބިންގާގެ މައްޗަށް އިތުރު މަސައްކަތް ކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އިހުނަށް ވުރެ ރަނގަޅުކޮށް ދިނުން މުހިންމެވެ. ފަހަރެއްގައި ވެސް އަޅުގަނޑު މި ދަންނަވަނީ މިފަދަ ޕްރޮޖްކްޓްތައް ނުހިންގާށެކޭ ނޫނެވެ. އޮޅުވައި ނުލައްވައްޗެވެ. ޖުމްލަ ވޯޓުގެ ނަތީޖާ އެންމެ ފަސޭހައިން ބަދަލުކޮށްލެވޭނީ އާބާދީ ބޮޑެތި ރަށްރަށުގެ ވޯޓު ކާމިޔާބު ކުރެވެމުން ކަން ދެނެގަތުމަކީ ދާދި ފަސޭހައިން ހަދައިލެވޭ ހިސާބެކެވެ. މިއީ ސިޔާސީ ބޭފުޅުން ވަރަށް ފަރިތަކަމާ އެކު ކުރައްވާ ހިސާބެކެވެ. އެހެންކަމުން އިންތިޚާބާ ކައިރިވެގެން އަންނަން ފެށުމުން، ކޮންމެ ފަހަރަކު ވެސް އާބާދީ ބޮޑެތި ރަށްރަށަށް، ބޮޑެތި ޕްރޮޖެކްޓްތަކެއް އަމާޒުކުރެވި، ބޮޑެތި މީހުން، ބިޔަ ގާފިލާގައި ގޮސް ބިޔަ ޕްރޮޖެކްޓްތައް ހިންގުމަށް ރަށުގައި ބޭން ޖަހަ އެވެ.

ނަމަވެސް މިފަދައިން ކުރާ މަސައްކަތުން، ކުރެވޭ ހޭދައިގެ ރިޓާން އޮން އިންވެސްޓްމަންޓް ރަނގަޅެއް ނޫނެވެ. ރައްޔިތުން ގަންނަމޭ ހިތާ ކުރެވޭ މަސައްކަތުގެ ފައިދާއެއް ނުފެނެ އެވެ. ތަކުރާރުކޮށް ރައްޔިތުން ވޯޓު ލަމުން ގެންދަނީ އެބައި މީހުން ތާއީދުކުރާ ޕާޓީ އަށެވެ. ބޮޑެތި ޕްރޮޖެކްޓްތައް އެ މީހުންނަށް އޯކޭ އެވެ. އެ ފަދަ ޕްރޮޖެކްޓްތަކުން ރަށަށް ލިބޭ އުމްރާނީ ތަރައްގީ ބަލައިގަންނަނީ ހިނިތުން ވެފައިވާ މޫނަކާ އެކު އެވެ. އެކަމުގެ ބަދަލުގައި އެ މީހުންގެ ވޯޓު ނީލަމަކަށް ނުލަ އެވެ. މި ޙަޤީގަތް ސިޔާސީ ފަރާތްތަކުން ގަބޫލުކުރަން ވެއްޖެ އެވެ.

ސިޔާސީ މީހުން ނީލަމުގައި ގަތުން

ރައްޔިތުންގެ ވޯޓު ހޯދައިގެން މަޖިލިހުގެ ދޮރުން ނުވަތަ ކައުންސިލް އިދާރާ އަށް ވަންނަ ބައެއް މީހުންނަކީ ފުރަތަމަ ދުވަހު ވެސް ނީލަން ބޯޑު އަޅުވާފައި ތިބޭ މީހުންނެވެ. އެ ފަދަ މީހުން ރައްޔިތުންގެ ޚިދުމަތަށޭ ކިޔާފައި ފުރަތަމަ ވެސް ނުކުންނަނީ ވިޔާފާރި ކުރުމަށެވެ. ނަމަވެސް ވަކި ސިޔާސީ ފިކުރެއްގައި ރައްޔިތުން ގާތަށް ގޮސް، ރައްޔިތުންގެ ވޯޓުން ހޮވޭ މެންބަރު ގަތުމަކުން، އޭނާ އަށް ވޯޓުދިން މީހުންގެ ހިތް ހަލާލެއް ނުލިބޭ ކަން މިހާރު މި ވަނީ ތަކުރާރުކޮށް ރައްޔިތުން ދައްކައިފަ އެވެ. ހާމަކަން ބޮޑު ގޮތުގައި ފެންނާން އޮތް ގޮތުގައި ސިޔާސީ ނީލަމުގައި ބައިވެރިވާ މީހުން ބޮޑު އަގުގައި ގަތުމުގެ ސިޔާސީ ބޭނުމެއް ނެތެވެ. ބައެއް މެންބަރުންގެ އަތްމަތި ތަނަވެސް ކޮށްދިނުމަކުން، އޭނާ އަށް ވޯޓުލީ ރައްޔިތުންނެއް ބައި ހަދާފަކާ ނާދެ އެވެ. ކައުންސިލަރުގެ އެކައުންޓް މުއްސަނދި ކުރުމަކުން، ރަށުގެ ރައްޔިތުންގެ ސިޔާސީ ފިކުރެއް ބަދަލެއް ނުވެ އެވެ.

އޮޅުވައި ނުލައްވައްޗެވެ. އަޅުގަނޑު މި ދަންނަވަނީ ހުރިހާ ސިޔާސީ ބޭފުޅުންގެ ވާހަކައެއް ނޫނެވެ. ނުލާހިކު ދަތި ހާލުގައި، ލިބުނު އެތަކެއް އަނިޔާއަކަށް ބޯނުލަނބައި، އެބައި މީހުންގެ ވިސްނުން ބަދަލުނުކޮށް ތިބި ސިޔާސީ އެތައް ފަރާތްތަކެއް އަޅުގަނޑުމެންނަށް ފެންނާން އެބަ ތިއްބެވެ. އެބައި މީހުންނަކީ ތެދުވެރިންނެވެ. އަމާނާތްތެރިންނެވެ.

މަޖިލިހަށް ނުވަތަ ކައުންސިލަށް ވަންނަނީ އެންމެ ދައުރަކަށްޓަކައި، އެ ދައުރުގައި، ޓްރާންސްފާ މާކެޓުން ލިބެން ހުރި ފައިދާއެއް ހޯދައިގެން ދަނޑުން ފައިބަން ކަމުގައި ވަނީ ނަމަ، މި ކަމަކީ ވިޔަފާރީގެ ގޮތުގައި ކުރަން އެންމެ ރަނގަޅު ކަމަކަށް ވެދާނެ އެވެ. ނަމަވެސް، ތަކުރާރުކޮށް، ގިނަ ދުވަހަށް، މަގާމުގައި ދެމިހުރެ، މަގާމުގެ ފައިދާ އާއި ނަފާ ގިނަ ދުވަހަށް ހޯދަން ބޭނުން ނަމަ، ނީލަމުގައި ވިކުމަކުން ކުރާނޭ ފައިދާއެއް ނެތެވެ. ނީލަން ބޯޑު އަޅުވައިގެން އުޅޭ ސިޔާސީ މީހާ ގަންނަ ޕާޓީތަކުން ގިނަ ފަހަރަށް މި ކަމަށް އެންމެ ކުޅަދާނައީ އެ އިރެއްގައި އޮންނަ ސަރުކާރެއް ހިންގާ ޕާޓީއަކުން ކުރާ ޚަރަދުގެ ރިޓާން އޮން އިންވެސްޓްމަންޓު ވެސް ރަނގަޅު ކަމަކަށް ނުފެނެ އެވެ. ބޮޑު އަގުގައި، ބޮޑު ޚަރަދު ކޮށްގެން ގަންނަ މެންބަރު ނުވަތަ ކައުންސިލަރާ އެކު އޭނާގެ ކޮންސިޓްޓުއަންސީ ނުގެނެވޭ ކަން ފަހެ ފާާޅުގައި އިނގޭކަށް ނެތްތޯ އެވެ؟ ދާއިރާގެ މީހުން ވޯޓު ލާ ގޮތް މި އޮތީ ފެންނާށެވެ. އެއް ފަހަރަކު ނޫނެވެ. ތަކުރާރުކޮށެވެ.

މީގެ އިތުރުން ނީލަމުގައި ގަނެގެން ގެންނަ މީހާ ބަދަލުކުރަނީ ހަމައެކަނި އޭނާ ލައިގެން ހުންނަ ސިޔާސީ ފޭރާމެވެ. އޭނާގެ ހިތާއި ސިކުނޑިއެއް ބަދަލެއް ނުވެ އެވެ. ނީލަމުގައި ގަންނަ ފަރާތްތައް ތަކުރާރުކޮށް ޖެހެނީ ރީޗާޖް ކުރާށެވެ. ކުއްލިއަކަށް ހީކަރުވައި، ބަލިވެ ހުން އައިސް، ރަޖާލާއިގެން ގޭގައި އޮތަ ނުދިނުމަށްޓަކައި، ކޮންމެ ވޯޓަކާ ދިމާކޮށް ދެ ގުޅަ ޕެނެޑޯލާއި ފަނީ ބޭސް ގުޅައަކާއި އަތަށް ބަރު ސިޓީ އުރައެއް ފޮނުވާން ޖެހެ އެވެ. މި ފަދައިން ކޮންމެ ވޯޓަކަށް، ކޮންމެ ރެލީއަކަށް އިތުރަށް ޚަރަދުކުރަން ޖެހި، ފޫނެއް ފަޔަށް ފެން ފުރަމުން ގެންދާއިރު، ވަފާތެރިކަމާ އެކު ޕާޓީގައި ތިބި މެންބަރުންނާއި ކައުންސިލަރުންގެ ހިތްހަމަނުޖެހި، އެބައި މީހުންނާ މޫނުކެނޑޭ ހަމައަށް ދާން ޖެހެ އެވެ. ފާޅުކޮށް ފެންނާން އޮތް ފަދައިން ކޮންސިޓުޓައަންސީ ގަތުމުގެ ނިޔަތުގައި، މެންބަރު ގަތުމަށް ކުރާ ޚަރަދަކީ ރިޓާން އޮން އިންވެސްޓްމަންޓް ރަނގަޅު، އިންވެސްޓްމަންޓެއް ނޫނެވެ.

އެހެންކަމުން، ވޭތުގެ ދިޔަ އިންތިޚާބުތަކުން ތަޖުރިބާ ލިބި، ދުނިޔެ ދައްކަމުންދާ ދަރުސްތަކުން ޢިބްރަތް ލިބިގަންނަމާތޯ އެވެ؟ ރައްޔިތުންގެ ވޯޓު "ގަންނާނަމޭ" ހިތައި، އިންތިޚާބުތަކާ ކައިރިކޮށް، ހިފައިގެން ހިންދެމި ނުލެވޭ ވަރުގެ ބޮޑެތި އިންވެސްޓްމަންޓްތައް މި ފަހަރު ދެން ނުކުރަމާތޯ އެވެ؟ މެންބަރަށް ވޯޓު ދިން ކޮންސްޓިޓުއަންސީ ގަންނާނަމޭ ހިތައި، ނީލަން ބޯޑު އަޅުވައިގެން އުޅޭ މެންބަރުންނާއި ކައުންސިލަރުން ގަތުމަށް ބޮޑެެތި ޚަރަދު ނުކުރަމާތޯ އެވެ؟ ސިޔާސީ ކަންކަމުގައި ވެސް، ރިޓާން އޮން އިންވެސްޓްމަންޓް ރަނގަޅު، ގިނަ ދުވަހަށް ނަފާ އާއި ރޯދި ލިއްބައިދޭ އިންވެސްޓްމަންޓްތަކަށް އިސްކަންދެމާތޯ އެވެ؟

އެޑިޓަރުގެ ނޯޓު

އާތިފަކީ އިގުތިސާދީ އަދި މެނޭޖްމަންޓް ދާއިރާގެ ތަޖުރިބާކާރެކެވެ. އޭނާ ވަނީ ސަރުކާރުގެ ބައެއް ކުންފުނިތަކާއި އަމިއްލަ ބައެއް ކުންފުނިތަކުގެ މަތީ މަގާމުތައް ފުރުއްވައިފަ އެވެ. އާތިފްގެ މި ކޮލަމްތަކުގައި ހިމެނެނީ ޕާޓީ ނިޒާމަށް ރާއްޖެ ހުޅުވުނު ފަހުން އުފެދުނު އެކި ސަރުކާރުތަކުން ކަން ކުރި ގޮތާއި އޭގެ ތަޖުރިބާ އަށް ބިނާކޮށް، ރަނގަޅު ކުރެވިދާނެ ކަންކަމެވެ. މިއީ މި ސިލްސިލާގެ ތިން ވަނަ މަޒުމޫނެވެ.