ދައުލަތުގެ ހަރަދުތައް ތަރުތީބުކުރަން ޖެހިފައި

މި އަހަރަށް ބަޖެޓް އެކުލަވާލިއިރު އޮތީ މުޅިން އެހެން ހާލަތެއްގެ ތަސައްވަރެކެވެ. ތަސައްވަރު މުޅިން ބަދަލުވެއްޖެ އެވެ. މިހާރު އަޅުގަނޑުމެން އިސްކަންދޭންވީ، އޮތް އެއްޗެއް ދޭން އެންމެ އިންސާފުވެރި ގޮތަކީ ކޮބައިތޯ ބެލުމަށެވެ. އަޅުގަނޑު ދެކޭ ގޮތުގައި، މި ދަނޑިވަޅުގައި އިސްކަންދޭންވީ، ސަރުކާރުން ކުރާ ކޮންމެ ހަރަދެއް ވަކިވަކިން ބަލާ، އެ ހަރަދުތައް މި ދަނޑިވަޅަށް ތަރުތީބު ކުރުމަށެވެ. އިންތިގާލީ ބަޖެޓެއް އެކުލަވާލުމަށެވެ. ދައުލަތުގެ ހަރަދު ބިނާކުރަންވީ ދައުލަތުން ލަފާކުރާ އާމުދަނީގެ ބަދަލުގައި، ދެމެހެއްޓެނިވި އާމުދަނީއެއްގެ މައްޗަށެވެ.


މީރާގެ ހިސާބުތަކަށް ބަލައިލުމުން، މި ދިޔަ ތިން އަހަރު ދަލަތުގެ އެވްރެޖް އާމުދަނީ އަކީ، 16 ބިލިއަން ރުފިޔާ ކަމަށް ފެނެ އެވެ. މީގެ ތެރޭގައި ޑޮލަރުން ލިބޭ އާމުދަނީ އަކީ 615 މިލިއަން ޑޮލަރެވެ.

އިންތިގާލީ ބަޖެޓްގެ އަސްލު ބިނާކުރަންވީ، ކޮވިޑުގެ ހާލަތަށް ބަލާ، ކުރިއަށް އޮތް ދެތިން އަހަރަށް ކުރެހޭ ތަސައްވަރެއްގެ މައްޗަށެވެ. ދެން އެތަސައްވަރާ ގުޅުން ހުރި ވަކި ހާއްސަ ޕްރޮގްރާމްތަކަކަށެވެ. މި ވިސްނުމުން ބަލާއިރު، އިގްތިސާދީ ހަރަކާތެއްގައި ބައިވެރިވުމަށް ޝަރުތުކޮށް، އާއްމު އަސާސީ އުޖޫރައެއް ދިނުމަށް ހިންގާ ޕްރޮގްރާމެއްގެ މުހިންމުކަމާއި ބޭނުންތެރިކަން ބޮޑުކަމަށް ފެނެ އެވެ.

ދިވެހި ރާއްޖޭގެ ފައިސާ އަކީ، ބައިނަލްއަގުވާމީ ބާޒާރުގައި ގަނެ ވިއްކާ ފައިސާއެއް ނޫން ކަމުން، އިގްތިސާދުގެ ހަކަތަ އަކީ ބޭރު ފައިސާ އެވެ. އަދި، މަރުކަޒީ ބޭންކުތަކުން، ފައިސާ ލިބުމުގެ ދަތިކަން ކުޑަކުރަން އެހެން ގައުމުތަކުގައި ހިންގާ ފަދަ ޕްރޮގްރާމްތައް ރާއްޖޭގައި ހިންގުމުން މާ އެދެވޭ ނަތީޖާއެއް ނުނިކުމެދާނެ އެވެ. އެހެންކަމުން ދިވެހި ރާއްޖޭގައި އެމެރިކާ ޑޮލަރު ހިފެހެއްޓުމުގެ މުހިންމުކަން މިވަގުތު ވަރަށް ވެސް ބޮޑެވެ.

ދައުލަތުން ކުރާ ކޮންމެ ހަރަދެއް ވާން ޖެހޭނީ، އޭގައި އުފެއްދުންތެރިކަން ހުރި ދެކޮޅުޖެހޭ ހަރަދަކަށެވެ. މި މަޒުމޫނުގައި އަޅުގަނޑު ބަލައިލާނީ، 2019 ވަނަ އަހަރު ހުށަހެޅި، ދައުލަތުގެ ބަޖެޓްގައިވާ މައިގަނޑު ހަރަދުތަކުގެ ތެރެއިން މުސާރަ އާއި އުޖޫރައިގެ ބަޔަށެވެ. މި އަހަރުގެ ބަޖެޓް ހުށަހެޅި އިރު ދައުލަތުން ލަފާކޮށްފައިވަނީ 30 ބިލިއަން ރުފިޔާގެ އާމްދަނީއެއް މި އަހަރު ލިބޭނެ ކަމަށެވެ. ހަމަ އެއާ އެކު، ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ބަޖެޓްގައި ޖަހާފައިވާ އަދަދަކީ، 8.7 ބިލިއަން ރުފިޔާ އެވެ. އަދި ދައުލަތުގެ މުވައްޒަފުންގެ އަދަދު ކަމަށް ޖަހާފައިވަނީ، 45،835 އެވެ. އަޅުގަނޑު މައުލޫމާތު ނަގާފައިވަނީ ބަޖެޓް ވޯކްޝީޓް 8.4 (މުސާރައިގެ ތަފްސީލް) އިންނެވެ.

މުސާރަ އާއި އުޖޫރަ ބެހިފައިވާ ގޮތް

ދައުލަތުގެ ބަޖެޓްގައި މުސާރަ އާއި އުޖޫރަ ގިންތި ކޮށްފައިވަނީ އަށް ބައެއްގެ މައްޗަށެވެ. އެ ގިންތިތަކާއި، މުސާރައިގެ ހުލާސާ ތިރީގައިވާ ޓޭބަލުގައި އެވަނީ އެވެ.

ޖުމްލަކޮށް ބަލާއިރު، އެންމެ ބޮޑު ހަރަދެއް ކުރަނީ ސަރުކާރުގެ އާއްމު ހިދުމަތްތެރިން (ސިވިލް ސާވަންޓްސް) ނަށެވެ. އެއީ އަހަރަކު ހަތަރު ބިލިއަން، މަހަކަށް 335 މިލިއަން ރުފިޔާ އެވެ. މި ގިންތިން އެންމެ ބޮޑު ހަރަދެއް ކުރަނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަށެވެ. އެއީ 1.2 ބިލިއަން ރުފިޔާ އެވެ. އަދި ސަރުކާރުގެ އާއްމު ހިދުމަތްތެރިން އެންމެ ގިނައިން ތިބި ވުޒާރާއަކީ ވެސް އެޑިޔުކޭޝަން މިނިސްޓްރީ އެވެ. ސަރުކާރުގެ އާއްމު ހިދުމަތްތެރިންގެ ޖުމްލައަކީ، 24،940 އެވެ.

ސަރުކާރުގެ އާއްމު ހިދުމަތްތެރިންގެ މުސާރައިގެ ގިންތިން ބޮލަކަށް އެންމެ ބޮޑު ހަރަދެއް ނިސްބަތްވަނީ ފޮރިން މިނިސްޓްރީ އަށެވެ. އެއީ، 216 މުވައްޒަފުންނަށް، އަހަރަކު 88 މިލިއަންގެ މަގުން، މަހަކަށް އެވްރެޖްކޮށް ޖެހޭ އަދަދުގެ މައްޗަށް ބަލައިގެންނެވެ. ޔުނިފޯމު އެޅި ދައުލަތުގެ މުވައްޒަފުންގެ އަދަކީ 9،449 އެވެ. މި ގިންތީގެ ޖުމްލަ ހަރަދަކީ އަހަރަކު 2.2 ބިލިއަން ރުފިޔާ ކަމުގައިވާ އިރު، 44 ޕަސެންޓަކީ ފުލުހުންނެވެ. އަދި 38 ޕަސެންޓަކީ ދިފާއީ ބާރެވެ. މި ގިންތީގައި ދެން ހިމެނެނީ، ކަސްޓަމްސް އާއި ޖަލުތައް ބަލަހައްޓާ ކަރެކްޝަނަލް ސާވިސް އާއި އިމިގްރޭޝަން އެވެ. އެވްރެޖްކޮށް އެންމެ ބޮޑު މުސާރައެއް މި ގިންތިން ލިބެނީ ކަސްޓަމްސްގެ މުވައްޒަފުންނަށެވެ. އެއީ މަހަކު އެވްރެޖްކޮށް 20،776 ރުފިޔާ އެވެ. ކޮންޓްރެކްޓް މުވައްޒަފުންގެ އަދަދު 5،729 ގައި ހުރިއިރު، މި ގިންތީގެ ޖުމްލަ ހަރަދަކީ އަހަރަކު 1.1 ބިލިއަން ރުފިޔާ އެވެ، އޭގެ ތެރެއިން 30 ޕަސެންޓަކީ މިނިސްޓްރީ އޮފް ހެލްތުގައި މަސައްކަތްކުރާ މީހުންނެވެ. އަދި 29 ޕަސެންޓް ނިސްބަތްވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަށެވެ. ދެން 25 ޕަސެންޓް ހިއްސާކުރަނީ ދަރުމަވަންތަ ހޮސްފިޓަލް އެވެ. މުސްތަގިއްލު މުއައްސަސާތަކުގެ ގޮތުގައި 22 ތަނެއް ވެ އެވެ. މުވައްޒަފުންގެ އަދަދަކީ 3،719 އެވެ. މި ގިންތީގެ 46 ޕަސެންޓަކީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އެވެ. އެވްރެޖް މަހު މުސާރައަކީ 16،220 ރުފިޔާ އެވެ. މި ގިންތީގައި ހިމެނޭ ކޮމިޝަންތަކަށް މުސާރައިގެ ގޮތުގައި ހަރަދު ވާނެ ކަމަށް ލަފާކޮށްފައިވަނީ 83 މިލިއަން ރުފިޔާ އެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދެއްގެ ގޮތުގައި ބަޖެޓްގައި ވަނީ 785 އެވެ. ހަރަދަކީ އަހަރަކު 332 މިލިއަން ރުފިޔާ އެވެ. މި ގިންތީގެ ބޮލަކަށް ޖެހޭ އެންމެ ކުޑަ މުސާރައަކީ 20،429 ރުފިޔާ އެވެ. އަދި އެންމެ ބޮޑު އަދަދަކީ 125،766 ރުފިޔާ އެވެ. މި ގިންތިން އެންމެ ބޮޑު ހަރަދެއް ދަނީ ފޮރިން މިނިސްޓްރީ އަށެވެ. އެއީ 86 ފަރާތަކަށް އަހަރަކަށް 130 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު ހަރަދެއް ކުރަން ކަނޑައެޅިފައި އޮތީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށެވެ. އެއީ 377 މުވައްޒަފުންނަށް އަހަރަކަށް 94 މިލިއަން ރުފިޔާ އެވެ. ސިޔާސީ މުސާރަތައް ބެހިފައިވާ ގޮތުން، އެންމެ ބޮޑު ބައެއް ނިސްބަތް ވަނީ 30،000 އާއި 40،000 ރުފިޔާއާ ދެމެދަށެވެ.

ދައުލަތުގެ މުސާރައިގެ 80 ޕަސެންޓް ހަރަދުވާ ގޮތް

ދައުލަތުގެ މުސާރައިގެ 80 ޕަސެންޓް ނިސްބަތް ވަނީ، ދައުލަތުގެ 10 މުވައްސަސާއަކަށެވެ. އޭގެ ތެރެއިން، 22 ޕަސެންޓަކީ އެޑިޔުކޭޝަން މިނިސްޓްރީ އެވެ. ހެލްތް މިނިސްޓްރީ އަށް 17 ޕަސެންޓެވެ. ދެން އެއަށް ފަހު، ފުލުހުންނާއި ގައުމީ ދިފާއީ ބާރު ހިއްސާކުރަނީ، 21 ޕަސެންޓެވެ.

ދައުލަތުގެ މުސާރަތަކުގެ ތަފާތުތައް

ދައުލަތުގެ މުވައްޒަފަކަށް އެވްރެޖްކޮށް މަހު މުސާރައިގެ ގޮތުގައި ޖެހެނީ 15،785 ރުފިޔާ އެވެ. ބޮލަކަށް ޖެހޭ ނިސްބަތް އެންމެ ކުޑައީ، ކޮންޓްރެކް މުވައްޒަފުން ނުހިމަނާ، ސަރުކާރުގެ އާއްމު ހިދުމަތްތެރިންގެ މުސާރަ އެވެ. އެއީ 14،182 ރުފިޔާ އެވެ. މުއައްސަސާތަކުގެ މުސާރާއިގެ ތަފާތަށް ބަރުދަން ކުރެވިގެން މުސާރަތައް އެވްރެޖް ކޮށްލުމުން މަހަކަށް މުވައްޒަފަކަށް ޖެހޭ އެންމެ ބޮޑު މުސާރައެއް ނިސްބަތް ވަނީ "އެހެނިހެން" މިގޮތަށް ގިންތިކޮށްފައިވާ މުވައްޒަފުންނަށެވެ. މި ގިންތީގެ އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ، ގައުމީ ޔުނިވާސިޓީ (241)، ރައްޔިތުންގެ މަޖްލިސްގެ އިދާރާ (188)، އިސްލާމިކް މިނިސްޓްރީ (180) އަދި ފުލުހުންގެ އިދާރާ (120) އެވެ.

ދައުލަތުން އެންމެ ކުޑަ މުސާރައެއް ލިބޭ ގިންތި އާއި އެހެން ގިންތިތައް އަޅާބަލާލުމުން ގިންތިތަކުގެ މެދުގައި ހުރި ތަފާތު ދެނެގަނެވޭނެ އެވެ. އެގޮތުން، ސިޔާސީ މަގާމުތަކުގެ ގިންތި އާއި އަންޔަން ކުރާ މަގާމުތަކުގެ ގިންތި، ސަރުކާރުގެ އާއްމު ހިދުމަތްތެރިންގެ ގިންތި އަށް ނިސްބަތް ކުރާއިރު ދެ ގުނައަށް ވުރެ އިތުރެވެ. އަދި މި ތަފާތު އިންތިހާބުކުރާ މަގާމުތަކާ އަޅާބެލުމުން ހަތަރު ގުނައަށް ވުރެ އިތުރު ކަމަށް ފެނެ އެވެ. އިންތިހާބު ކުރާ ގިންތީގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސާއި، ރައްޔިތުންގެ މަޖްލިސް މެންބަރުންނާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންނެވެ.

ދައުލަތުގެ މުސާރަތަކާއި އިނާޔަތްތައް އިތުރަށް ދިރާސާކުރުން

ދައުލަތުގެ މުސާރަތައް މިގޮތަށް ހުރިއިރު، ދައުލަތުގެ ވަޒީފާގައި އުޅެފައި، ވަކިވާ ފަރާތްތަކަށް ވެސް ދައުލަތުން ދޭ އިނާޔަތްތަކެއް ހުރެ އެވެ. މި އިނާޔަތްތައް ވެސް، އަހަރުން އަހަރަށް މައްޗަށް ދެ އެވެ. މި ގޮތުން، މި އަހަރުގެ ބަޖެޓްގައި ވެސް 300 މިލިޔަން ރުފިޔާގެ އަދަދެއް މިކަމަށް ވެސް ހިމަނާފައިވެ އެވެ. ދައުލަތުގެ މަގާމެއްގައި ހުރުމުން، ލިބޭ ގަވާއިދު ހެދުމުގެ ބާރެއްގެ ދަށުން، އިނާޔަތްތައް ހޯދުމަކީ، އިޖްތިމާއީ އިންސާފެއް ނޫނެވެ.

ދައުލަތުގެ މުސާރަތަކާއި އިނާޔަތްތައް އިތުރަށް ދިސާރާކުރެވި، ބާކީކުރެވޭ މިންވަރަކުން، އެ ފައިސާ، ވަޒީފާ ގެއްލުނު ފަރާތްތަކަށް، އުފެއްދުންތެރި މަސައްކަތެއް ކުރުމަށް ހިންގާ ޕްރޮގްރާމަކަށް މިސްރާބު ކުރެވިއްޖެ ނަމަ، ޖުމްލަ ގޮތެއްގައި ނުކުންނަ ނަތީޖާ ރަނގަޅުވާނެ ކަމަށް އަޅުގަނޑު ދެކެމެވެ. ދިވެހިރާއްޖޭގެ އިގުތިސާދުގެ ހަރަކާތްތެރިންގެ ވަޒީފާ ގެއްލިފައިވާ އިރު، އަޅުގަނޑުމެންނަށް އެޅޭ ފިޔަވަޅަކުން މުޖުތަމައު އިތުރަށް ގިންތިވެ، ގިންތިތަކުގެ ފަރަގު ބޮޑުވެގެން ނުދާނެ ގޮތަކަށް ވިސްނުމުގެ މުހިންމުކަން މި ދަނޑިވަޅުގައި އިހުނަށް ވުރެ ބޮޑެވެ. އިގުތިސާދުގެ ދުވެލި ހަލުވިކުރުމަށް ދައުރުވާ ފައިސާ އިތުރު ކުރެވިދާނެ ގޮތްތަކުގެ ތެރެއިން އެއް ގޮތަކީ، ފައިސާ ލިބުން ވީހާވެސް ހަމަހަމަކުރުމެވެ. އިގިރޭސި ބަހުން ބުނާ ނަމަ ރީޑިސްޓްރިބިއުޝަން އެވެ.

ބައެއް ފަހަރު، އަޅުގަނޑުމެންނަށް އަބަދު ފެންނަ މަންޒަރުތައް، މުޅިން އެހެން ގޮތަކަށް ފެނިގެން ދެ އެވެ. ހުއްޓިލާ މަޑުކޮށް، އެ މަންޒަރު ރަނގަޅަށް ބަލައިލީމަ އެވެ. ކޮވިޑުގެ ދުވަސްވަރުގައި، އަޅުގަނޑުމެން ހިތަށްނާރާ ކަންތައް ވެސް ވީ އެވެ. ސަރުކަރު އޮފީސްތަކަށް ސިޓީ ފޮނުވާ، ފޯމު ނަގާ، ފޯމު ލާ، ހުއްދަ ނަގާ، ހުއްދަ ބާތިލުކޮށް، ހާޒިރީ ބަލަހައްޓާ، ގަޑީލާރި ކަނޑާ، މި ހުރިހާ ކަމެއް ނުކޮށް ވެސް ހިދުމަތް ލިބިއްޖެ އެވެ. ރައްޔިތުންގެ މަޖްލިސް ވެސް ބޭއްވިއްޖެ އެވެ. މުޅިން އެހެން ގޮތަކަށެވެ. ދައުލަތުގެ މުސާރަ އާއި އިނާޔަތްތަކާ މެދު ވެސް މި ދަނޑިވަޅުގައި ހުއްޓިލާ މަޑުކޮށް، އެ މަންޒަރު ރަނގަޅަށް ބަލައިލަމާ ހިނގާށެވެ. ދައުލަތުގެ މުވައްޒަފުންތޯ ނުވަތަ އެހެން މަސައްކަތެއް ކުރި ފަރާތެއްތޯ މި ސުވާލު ކުރުމަށް ވުރެ މުހިންމު ސުވާލަކީ، އުފެންދުންތެރިކަމަށް އިސްކަންދީ، ފައިސާ ލިބުން ވީހާވެސް ހަމަހަމަކުރެވޭނީ ކޮން ގޮތަކުންތޯ އެވެ.

އެޑިޓަރުގެ ނޯޓު

ޗާޓަޑް މެނޭޖްމަންޓް އެކައުންޓެންޓެއް ކަމަށް ވާ ހަލީމަކީ، ޕެންޝަން ފަންޑުގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރެވެ. އިންވެސްޓްމެންޓް މެނޭޖްމަންޓް އަދި އިންވެސްޓްމަންޓް އޮފަރޭޝަންގެ ތަޖުރިބާގެ އިތުރުން ހަލީމު ވަނީ ބޭންކިން އިންޑަސްޓްރީގައި ޓްރެޒަރީ މެނޭޖްމަންޓާއި، ކޯފަރޭޓް ބެންކިންގައި މަސައްކަތް ކުރައްވައި، ބޭންކިންގެ ތަޖުރިބާ ވެސް ހޯއްދަވައިފަ އެވެ. މި ދާއިރާތަކުގައި 2009 ގައި މަސައްކަތްކުރައްވަން ފެއްޓެވުމުގެ ކުރިން އޭނާ އުޅުއްވީ ގައުމީ ޔުނިވަސިޓީގަ އެވެ. އޭނާ މިހާރު މަސައްކަތް ކުރައްވަނީ ސޮލަރެލް އިންޝުއަރެންސްގަ އެވެ. މި މެއިލް info@mvmacro.com އިން ހަލީމާ ގުޅުއްވޭނެ އެވެ.