21 ޑިސެމްބަރ 2021 - 06:04
މި ފަހުން ފޮތް ލިޔާ ބޮލީވުޑްގެ ތަރިން އިތުރުވަމުން އަންނަ އިރު، މި ލިސްޓަށް ތުޝާރު ކަޕޫރް ވެސް އިތުރުވެއްޖެ އެވެ.
ކުރީގެ މަޝްހޫރު އެކްޓަރު ޖީތެންދުރާގެ ދަރިފުޅު އަދި މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރްގެ ކޮއްކޮގެ އަލަތު ފޮތަކީ ޕެންގްއިން އިންޑިއާގެ ތައްގަނޑުގައި ނެރޭ "ބެޗްލާ ޑޭޑް" އެވެ. މި ފޮތަކީ ކައިވެނި ނުކޮށް، ސަރޮގޭޓްކޮށްގެން ދަރިޔަކު ހޯދައި "އެކަނިވެރި ބަފައެއް" ގެ ގޮތުގައި ތުޝާރު، 45، މިހާތަނަށް ތަޖުރިބާކޮށްފައިވާ ކަންކަން ކިޔައި ދީފައިވާ އެއްޗެކެވެ.
"ބެޗްލާ ޑޭޑް" ގިނަ ބާބުތަކުގައި އޭނާ ބޮޑަށް ކިޔައި ދީފައި ހުންނާނީ އުމުރުން 40 އަހަރުވުމުގެ ކުރިން ސަރޮގޭޓްކޮށްގެން ދަރިޔަކު ހޯދަން ނިންމި ސަބަބާ ބެހޭ ގޮތުންނެވެ. ތުޝާރުގެ ދަރިފުޅު ލަކްޝް ކަޕޫރަށް މިހާރު 5 އަހަރެވެ.
މިހާރު ޕްރީ-އޯޑަރަށް ހުޅުވާލާފައިވާ "ބެޗްލާ ޑޭޑް" ބާޒާރަށް ނެރޭނީ އަންނަ މަހުގެ ތެރޭގަ އެވެ.
ބޮލީވުޑުން މާ ބޮޑު ކުރިއެރުމެއް ނުހޯދުނު ތުޝާރު އިންޑަސްޓްރީ އަށް ނުކުތީ ކަރީނާ ކަޕޫރާ އެކު ކުޅުނު 2001 ގެ ފިލްމު "މުޖެ ކުޗް ކެހެނާ ހޭ" އިންނެވެ. އޭނަގެ އެންމެ ފާހަގަކޮށްލެވެނީ ރޯހިތު ޝެޓީގެ "ގޯލްމާލް" ފްރެންޗައިޒްގައި ކުޅޭ މަންމަނު ލަކީ ގިލްގެ ކެރެކްޓާ އެވެ.
ކައިވެނި ނުކޮށް، ސަރޮގޭޓް ދަރިއެއް ތުޝާރު ހޯދި އިރު ހަމަ އެގޮތަށް އޭނަގެ ދައްތަ އެކްތާ ވެސް ދަރިޔަކު ހޯދާފައިވެ އެވެ. އެއީ މިހާރު 2 އަހަރުގެ ރަވީ ކަޕޫރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy