ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު.---ފޮޓޯ: މަޖިލިސް
14 މާޗް 2022 - 10:03
އުތުރުތިލަފަޅު ތަރައްގީ ކުރުމަށް އިންޑިއާ ސަރުކާރާއެކު ރާއްޖެ އިން ހަދާފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައްކަވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި އޭގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، އދ. މަހިބަދޫގައި މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގައި ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްދު ދެއްވަމުންނެވެ.
ޔާމީން ވިދާޅުވެފައިވާ ގޮތުގައި، އުތުރުތިލަފަޅުގައި އޮންނާނީ އިންޑިއާ ސިފައިންގެ މިލްްކުވެރިކަމެވެ. އަދި އިންޑިއާގެ މަނަވަރުތައް ހުއްދައެއް ނެތި އުތުރުތިލަފަޅުގައި ބަނދަރު ކުރެވޭނެ ކަމަށާއި ބޭނުން ހަތިޔާރެއް ވެސް އެތެރެ ކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެކަމަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ، އުތުރުތިލަފަޅުގެ އެއްބަސްވުން މަޖިލީހުގައި ދިރާސާ ކޮށްފައިވާ ކަމަށާއި އެ ތަނުގައި ގާއިމުކުރާ ފެސިލީޓީތަކާއި އިންފްރާސްޓްރަކްޗާތަކާއި އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް އަދި އެކި ބޭނުންތަކަށް ހަރުކުރާ ސާމާނުތަކަކީ ހަމައެކަނި ދިވެހި ދައުލަތުގެ މިލްކެއް ކަމަށް އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވިގޮތުގައި، އުތުރުތިލަފަޅުގެ އެކި ވަސީލަތްތައް ބޭނުންކުރާނީ އެކިއެކި ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ސަރަހައްދުގެ ސަވައިލެންސަށް ބޭނުންވާ މަސައްކަތް ކުރުމާއި އެ މަސައްކަތަށް ބޭނުންވާ އުޅަނަދު މަރާމާތު ކުރުމަށެވެ.
"އިންޑިއާ ސިފައިން ބޭނުންވާ ހަތިޔާރެއް ވެއްދޭނެ ކަމަށް ބުނާ ވާހަކައަކީ ވެސް ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއް. ދިވެހި ސަރުކާރުން ވެފައިވާ އަސްކަރީ ގުޅުން ގާއިމް ކުރުމާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ދައްކާ ފެތުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާތެރިކަން ހުރި އަދި ހާރިޖީ ގުޅުންތަކަށް ހީނަރުކަން އަތުވެދާނެ ކަމަކަށް ވާތީ އަޅުގަނޑު މަޖިލިސް ރައީސްގެ ހައިސިޔަތުން މެމްބަރުންނަށް ދަންނަވަން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.
ސަރުކާރުން އިންޑިއާއާއެކު އެކުލަވާލާފައިވާ އެއްބަސްވުންތައް މަޖިލީހުގެ 241 ކޮމިޓީ އަށް ގެނެސްގެން ކުރި ދިރާސާތަކާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ކަންބޮޑުވުުން ފާޅު ކުރާ މައްސަލައަކީ އެއްވެސް އެއްބަސްވުމެއްގެ ހާޑް ކޮޕީ މެމްބަރުން އަތަށް ނުދިނުމެވެ. އޭގެ ބަދަލުގައި ކޮމިޓީގައި ދެއްކީ އެއްބަސްވުންތަކުގެ ފޮޓޮއެއް ފެންނަ ޕްރެޒެންޓޭޝަނެކެވެ.
ނަޝީދު ވިދާޅުވީ ސްކްރީން މެދުވެރިކޮށް އެއްބަސްވުންތައް މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި ދެއްކި ނަމަވެސް އެއީ އަސްލު އެއްބަސްވުންތައް ކަމަށް 241 ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ކަށަވަރު ކޮށްދެއްވާފައިވާ ކަމަށެވެ. އެކަމަކު، އެ އެއްބަސްވުންތަކުގެ ކޮޕީ މެމްބަރުން އަތަށް ނުދެއްވީ ނަޝީދު ވިދާޅުވިގޮތުގައި މައުލޫމާތު ބޭރުވެދާނެތީ އެވެ.
"ހާޑް ކޮޕީ ހިއްސާ ނުކުރީ އެއްބަސްވުމަކީ ދޭދޭ ގައުމުތަކަށް ވެފައިވާ އެއްބަސްވުންތަކަށް ވެފައި ސޯޝަލް މީޑިއާގައި އާންމު ވެއްޖެ ނަމަ ދެ ގައުމުގެ މަސްލަހަތަށް ބުރޫއަރާފާނެތީ،" ނަޝީދު ވިދާޅުވި އެވެ.
އުތުރުތިލަފަޅު އެއްބަސްވުމާ ގުޅޭ ގޮތުން ޔާމީން އެންމެ ފަހުން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ޑިފެންސް މިނިސްޓްރީން ވެސް ވަނީ ބަޔާނެއް ނެރެ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އެ މިނިސްޓްރީން ބުނީ ރާއްޖޭގެ އެއްވެސް ތަނެއްގައި ހަތިޔާރު އެޅި ސިފައިން ނުތިބޭނެ ކަމަށާއި ދިވެހި ސަރުކާރުގެ ހުއްދަ ނުހޯދާ އެއްވެސް މަނަވަރަކަށް ކައިރި ވެސް ނުކުރެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝާނީޒްމ
14 March 2022
އިންޑިޔާ އައުޓު... އެއީ ނުހޮރޮއްޕާނެ. ކަލޭވެސް އައުޓް.
މުލޭ
14 March 2022
މަނިކުފާނު ކޮންމެ ވަހަކައެއް ދެއްކިޔަސް ނުރައްކަލެއް ނުވޭދޯ. ތިޔަ ދެ މީހުން ވެސް ދެއްކީ އެއްކަހަލަ ވާހަކަތަކެއް. ގުދޯގުދޯ ނުގޮވާ.
މުޙުއްމާ
14 March 2022
ކިހިނެއްތޯ ހަތިޔާރު އެޅި ސިފައިން ނެއްކަން ކަމަނާ އަށް އެގެނީ. އިންޑިއާ ސިފައިންތިބެނީ ޑިޕްލޮމެޓިކް އިމިއުނިޓީ ދީފަ. އެމީހުން ގެންގުޅޭއެއްޗެއް ފާހެއްނުކުރެވޭނެ. މަނަވަރަށް ގޮއްސަ ގެންނަ ބޮޑެތި ފޮށިގަޑުގަ ހުންނަނީ ކޯޗެއްކަމެއް ދިވެހި ސަރުކާރަކަށް ނޭގޭ. ކޮބައިތޯ މިނިވަންކަމަކީ.
ސޮފާނާއަލީ
14 March 2022
އޭނާ އަކީ މޮޔައެއް އޭނާ އެކަހެރިކޮށް ގުރައިދުވަށް ގެންދަންޖެހޭ ވެރިކަމާހެދި މޮޔަވެފަ
އައްޔަ ބޮޑޭ
14 March 2022
ޔާމީނު އެދެއްކީ އޭނަގެ ވެރިކަމުގަ ކަންތައް ބާއްވާނެ ގޮތުގެ ވާހަކަ.
އިބްރ
14 March 2022
ގައުމީ ސަލާމަތަށް ނުރައްކާވަނީ ކޮންބައެއްގެ ފަރާތުން ކިހިނެތްތޯ؟ އިންޑިއާ ސިފައިން ރާއްޖެ ހިފަނީތޯ؟ އިންޑިއާ ބޭނުމިއްޔާ ރާއްޖެ ހިފިދާނެކަމަށްބުނާ މީހަކު ޑިފެންސް މިނިސްޓަރަކަށް ބެހެއްޓުމަކީ ގައުމީ ސަލާމަތަށް ނުރައްކަލަކަށްނުވޭތޯ؟
ޓިނު
14 March 2022
ޔާމީނު ހީވަނީ އިންޑިޔާ ގެ ވެރިކަން ހޯދަން އުޅޭހެން. މުޅިންވެސް ދައްކަނީ އިންޑިޔާ ގެ ވާހަކަ
އަބްދޫ
14 March 2022
ގައުމިސަލާމތަށް ނުރައްކަލީކީ ޔާމީނާ ހެދިއެއްނޫން. ގައުމިސަލާމަތަށް ނުރައްކާވެގެން މިއުލެނީ ރާއްޖޭގެގާނޫނުއަސާސިއާއި ހިލާފަށް ހަދާފައޮތް ސިއްރު އެގްރީމެންޓެއްގެ ސަބަބުން އަދި އެއެގްރީމެންޓަސކީ ގާނޫނުއަސަސާިއާއހިލާފު ވުމުގެ ސަބަބުން އުފެދުމުގަ ވެސް ބާތިލްއެގްރީމެންޓަކަށް ވެފަ. ބާތިލް އެގްރިމެންޓެއްގެ ދަށުން އިންޑިޔާގެ މިލިޓްރިސިފްއިން ދިވެހިގައުމުގަ މަރުކަޒު ކުރެވިފަ ތިބުމުން. ގައުމީސަލާމަތަށް ނުރައކަވަނީ މިހެންވެ
އުދުހޭ
14 March 2022
ޖިންނި ބަޑިއެއް ދިއްކުރިކަމަށް ތުހުމަތުކޮށް އިސްތިއުފާދިން ލަޓޯފަޓޯ މީހަކު ގާބިލް މީހުންދެކެ ހަސަދަވެރިވާނެ. އެއީ ލޯބިހެން ހީވިޔަސް އެއީ ލޯތްބެއްނޫން.
ރާއްޖެ
14 March 2022
އިންޑިއާ ސިފައިން ރާއްޖޭގަ ތިބި އަދަދެއް ނޭނގޭ. ކުރާ މަސައްކަތެއް ނޭނގެ. އެމީހުން އަތުގަ ހުރި އެއްޗެއް ނޭނގޭ. ޢެމީހުން ތިބި ތަނަކަށް ދިވެއްސަކަށް ނުވަދެވޭ. އެމީހުން ކުރާ ކަމަކާ ބެހޭ ގޮތުން ދިވެއްސަކަށް އެއްޗެއް ނުބުނެވޭ. އެގްރީމަންޓެއް ދިވެއްސަކަށް ދައްކައިގެން ނުވޭ. މިވާހަކަ މިހެން ދެއްކީމާ ގައުމީ ސަލާމަތަށް ނުރައްކާވޭ. މިއީ އެކަމަކު އަހަރެންގެ ގައުމު؟!