ޔާމީން ކެލާގައި ވާހަކަފުޅު ދައްކަވަނީ: އިންޑިއާގެ އަސްކަރިއްޔާ ހަތިޔާރާ އެކު ރާއްޖޭގައި އުޅޭ މަންޒަރު ސަރުކާރާއި އިއްތިހާދުގެ ލީޑަރުންނަށް ނުފެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި. -- ފޮޓޯ | ޕީޕީއެމް
17 އޮކްޓޯބަރ 2022 - 12:08
އިންޑިއާގެ އަސްކަރިއްޔާ ރަށްތަކަށް ގަދަވެގަނެ، ހަނގުރާމަވެރި ހަތިޔާރާއެކު ރާއްޖެ ހިފުމުގެ ޖާގަ ދީގެން ނުވާނެ ކަމަށާއި އަންނަ އަހަރުގެ ރިޔާސީ އިންތިހާބަކީ އެ ގައުމުގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރަން ލިބޭނެ ފަހު ފުރުސަތު ކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ކެލާގައި އެ މަނިކުފާނު ވިދާޅުވީ، އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ހަތިޔާރާއެކު ހަރަކާތްތެރިވަމުން ދިއުމާ ދެކޮޅަށް ރަށްރަށުގެ ޖަަގަހަތަކުން މަންޒަރާއި އަޑުތައް އިއްވަންޖެހޭ ކަމަށެވެ. އެ ޝުއޫރުތައް ޔަގީނުން ވެސް މާލެ އާއި އިންޑިއާގެ ނިއު ދިއްލީއާ ހަމައަށް ފޯރާނެ ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އިންޑިއާއާ ދެކޮޅަށް އަޑުއުފުލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން މަނާކޮށްފައި އޮތަސް ރަށްރަށުގެ ބަނދަރުމައްޗާއި ޖަގަހަތަކުގައި އެކަން ކުރެވެން އެބައޮތެވެ. އެއީ، ވަކި ގައުމެއްގެ ނަން ނުގެނެސް އަސްކަރިއްޔާ ފައިބަން ގޮވާލައި ޝުއޫރުފާޅުކުރުން ކަމަށާއި ގާނޫނު އެކަމަށް ތަންދޭ ކަމަށް ވިދާޅުވި އެވެ.
ކެލާގައި ޔާމީން ވާހަކަފުޅު ދައްކަވަނީ: އިންޑިއާގެ އަސްކަރިއްޔާ ޖެހޭނީ މި ގައުމުން ފައިބަން ކަމަށް ރޭ ވެސް ވިދާޅުވި. -- ފޮޓޯ | ޕީޕީއެމް
ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބަށް ވައުދުވާ މޫސުން ކުރިއަށް އޮތުމާ އެކު، މި ސަރުކާރުގެ ބޭފުޅުންނާއި އެކުގައި އިއްތިހާދުވެ ތިބި ޕާޓީތަކުން ރަށްރަށަށް ގޮސް ވައުދު ނުފުއްދުމުގެ ގިނަ ބަހަނާތަކެއް ދައްކައި އާ ވައުދުތަކަކަށް ޖާގަ ހޯދައި ހިތްތައް ލަންބުވާލަން އުޅޭނެ ކަމަށެވެ. އެކަމަކު މި ވެރިކަމުގައި ގައުމުގެ ހާލަތު ވަރަށް ގޯސްވެފައިވާ ކަމަށާއި އެކަން ރަނގަޅު ކުރުމުގެ ފަހު ފުރުސަތުގެ ބޭނުން ރަނގަޅަށް ރައްޔިތުން ހިފަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"އެކަން ވިސްނާ ވަޑައިގަންނަވާ. މިއީ ފަހު ޒަމާނުގައި މުޅި ދިވެހި ރާއްޖޭގައި ދިވެހި ވަންތަކަން، ގައުމިއްޔަތުގެ ސިފަވަރުު ބަދަލުވެގެންދާނެ ނުވަތަ އޮތްގޮތަށް ބާއްވާނީތޯ އަޅުގަނޑުމެންނަށް ލިބޭނެ ފަހު ފުރުސަތު. މިހާރު މިއޮތް ގޮތަށް އޮވެގެން ބޭރު ބަޔަކު ރާއްޖޭގެ މައްޗަށް އަތްގަދަކޮށްގެން ގެންދާނެ ފުރުސަތު 2023 ގައި އަޅުގަނޑުމެން ރައްޔިތުންނަށް ކުރެވޭ ކަމަކުން ނުވަތަ އެރާއެއް އަރައިގެން ކުރެވިއްޖެ ކަމަށް ވަންޏާ އަޅުގަނޑުމެންގެ ރާއްޖެ އަލްވަދާއު ކިޔައި ވަކިވެގެން ދާނެ،" ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ބަޑި ހިފައިގެން ފޯރިމަރަން އިންޑިއާގެ ސިފައިން ރާއްޖޭގައި އުޅޭ ތަން ސިޔާސީ ލީޑަރުންނަށް ނުފެނިދާނެ އެވެ. ނަމަވެސް އެ ހަގީގަތަކީ އިހަވަންދު އާއި ކެލަ އާއި ފިއްލަދު އާއި ކެލައަށް އާ ކަމަކަށް ނުވާނެ ކަމަށް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ، އިންޑިއާގެ ނުފޫޒާއި ނުރައްކާ ރާއްޖެ އަށް އޮތް ވާހަކަ އެ މަނިކުފާނުގެ ޕާޓީން ދައްކަނީ މި ސަރުކާރުން އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުންތަކުގައި އޮތް ކަންކަން ފެނިވަޑައިގެންފައި އޮތުމުން ކަމަށެވެ.
"ސަރުކާރުން އެދެވޭ ގޮތެއްގައި ޖަވާބުދާރީއެއް ނުވެވުނު އެ ކަން ކަމަކަށް. ސަރުކާރުން ދޮގު މައްޗަށް ދޮގު ހަދަން މި ޖެހެނީ،" ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމްގެ ޖަލްސާ ކެލާގައި ކުރިއަށް ދަނީ: މި ގައުމުން އިންޑިއާ ބޭލުމަކީ އެ މަނިކުފާނުގެ އެކަނި ޒިންމާއެއް ނޫން ކަމަށާއި ހުރިހާ ރައްޔިތުން އެކަމަށް ތެދުވަން ޖެހޭ ކަމަށް ވިދާޅުވި. -- ފޮޓޯ | ޕީޕީއެމް
ސިފައިންގެ ޖެނެރަލުން ޓީވީގައި މިކަމުގައި ބަހުސަކަށް އަރާވަޑައިގަތުމަށް ޔާމީން މިއަދު ވެސް ގޮވާލެއްވި އެވެ. ފޮރުވަން ކަމެއް ނެތް ނަމަ އެކަން ނުކުރަންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި "އިންޑިއާ އައުޓް" މޭމަތީގައި ޖަހައިގެން ޕީޕީއެމަށް ރަށްރަށަށް މިހާރު ނުދެވުނަސް އިންޑިއާ އަސްކަރިއްޔާ ޖެހޭނީ މި ގައުމުން ފައިބާށެވެ.
އިއްތިހާދުގެ ތެރޭގައި މިހާރު ތިބީ އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ތިބެން ރުހިގެން އުޅުނު ބޭފުޅުން ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަދި ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމާއި އަދާލަތާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިސްކޮށް އުޅުއްވާ އެމްއެންޕީ ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"ގާސިމް އިބްރާހިމްގެ ޖޭޕީ އަށް ދުވަހަކު ވެސް ފެނިވަޑައެއް ނުގަންނަވާނެ މި ތަނުގައި އިންޑިއާގެ އަސްކަރިއްޔާ އުޅޭ ތަން،" ޔާމީން ވިދާޅުވި އެވެ.
އެމްޑީޕީގެ ވެރިކަމަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ ސިޔާސީ މައިދާނުން އާ ލީޑަރުންތަކެއް ނުފެންނަ ކަމަށެވެ. އެ ބޭފުޅުންގެ ވިސްނުމާއި ފިކުރަށް ބަދަލެއް ނާންނަ ކަމަށާއި ރާއްޖެ ބަރުދާސްތުކުރާ ހިތްދަތިކަމުގައި އެ މީހުންގެ ދައުރު އޮތް ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މެނިފެސްޓޯއަކީ ރައްޔިތުންނަށް ފުއްދަން ޖެހޭ ވައުދުތަކަކަށް ވިޔަސް މި ވެރިކަމުގައި ފެންނަނީ އެ ކަމުގައި ވެސް ބަހަނާ ދައްކައި އޮޅުވައިލަމުންދާ ތަނެވެ. ނޫ އިގްތިސާދެއްގެ ވާހަކަ ދެއްކެވިޔަސް އޭގައި ތަފާތެއް ނުފެންނަ ކަމަށާއި އެއީ ހަމަ ނަމެއް ކަމަށް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މަސްވެރިންގެ ޖީބުތައް ޑޮލަރުން ފުރާލާނެ ކަމަށް މި ސަރުކާރުން ބުނަމުން އަޔަސް މަސްވެރިންގެ ހިތްހަމަނުޖެހުންތަކާއި އުދާސްތައް މި ދަތުރުގައި ވެސް އެ މަނިކުފާނާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ އިހަވަންދޫ ވެސް އެ ޝަކުވާތަކުގައި އިސްތިސްނާއެއް ނެތް ކަމަށް ވިދާޅުވި އެވެ.
މި ހާލަތު އޮތް އިރު މަސްވެރިންގެ ޖީބުތައް ޑޮލަރުން ފުރާލާނީ ކިހިނެއްތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުން މަސްވެރިކަމަށް ވެސް އިހުމާލު ވަނީ ގަސްދުގަ އެވެ. ރަށެއްގައި ހުންނަ އައިސް ޕްލާންޓެއް ހަލާކުވިކަން ފިޝަރީޒް މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކަށް އެނގިވަޑައިނުގަތުމަކީ އިހުމާލެއް ކަމަށް ވިދާޅުވި އެވެ.
ފުލުހުންނަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ މީހަކު ހައްޔަރުކުރަން ބޭނުންވެއްޖެ ނަމަ މިހާރު ވެސް ހިޔާލީ ފޮލައެއް ކައްކައި އިންޓެލިޖެންސް ރިޕޯޓް ތައްޔާރުކުރާ ކަމަށެވެ. އެ ރިޕޯޓުގެ މައްޗަށް މީހުން ނުރައްކާތެރިކަމަށް ފަނޑިޔާރުން ކަނޑައަޅާއިރު، ފުލުހުންގެ މުއައްސަސާ ސިޔާސީވެފައި އޮތް މިންވަރާ މެދު ވިސްނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"އިންޓެލިޖެންސް ރިޕޯޓަށް ބިނާކޮށް މީހުން ހައްޔަރުކުރުމަކީ އުވިދާންވީ ކަމެއް،" ޔާމީން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅުވެތިކަން
18 October 2022
އިރާދަކުރެއްވީތީ އަހަރެމެން މިތިބީ މީނަގެ އަޅުވެތިކަމުން ސަލާމަތްވެފައި. އިތުރަށް އެއަނދަވަޅަށް ވެއްޓެން ބޭނުމެއް ނޫން. ތިޔަ ލާމަސީލު ވެރިކަމުގެ ހިތިރަހަ އަދިވެސް އެބަހުރި.
ގުދުގުދާބެއްޔާ
17 October 2022
މުޅިގައުމު ޗައިނާއަށް ދަރުވާލާފަ ކުޑަވެސް ހަޔާތެއް ހުރިނަމަ ވާހަކަދައްކާކަށް ނުކެރުނީސް! ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ ޔާމީނުކަހަލަ މީހަކު! ވެރިކަމުގައި ހުރި އިރު އެމްއެމްޕީއާރސީގެ ޚިޔާނާތް ވެސް ބަލަން ނުކެރުނުމީހަކަށް ރައްޔިތުންގެ އިތުބާރެއްނެތް!
ގޮއިދޫ
17 October 2022
އިންޑިޔާ މިގައުމުން ފައްސާލަންޖެހޭ! ޝައްކެއްނެތްކަމެއް!
ނުނން
17 October 2022
އިންޑިޔާ ނޫނީ ފައިސާ މިނޫން ވާހަކަ ދައްކަބަލަ ؟
ޥަސް
17 October 2022
އަހަރުމެން މާބިރުގަނޭ މީނާގެ އަޅުވެތިކަމަށް. ނޭގި ހުއްޓާ ބާލިސްދަށުން ބޮމެއް ފެނިދާނެ. ކުއްލިޔަކަށް މީހުންގެ ގޮޑި ގެއްލިދާނެ. މުސްތަށާރާއި ޕާޓީ ހަވާލުކުރަން ޖެހިދާނެ. ނާއިބު ރައީސުންގެ އަދަދު 3 އަށް. ޕޮލިސް ކަމިޝަނަރުންގެ އަދަދު 5 އެރި. ކުއްލިޔަކަށް ސްޕްރީމް ކޯޓްގެ ފަޑިޔާރުންތަކެއްގެ ޝަރުތު ހަމަނުވެގެން ހިގައްޖެ. ގޮތްނޭގޭ ބޮންތަކެއް މަގުމަތިން ހޮވައިފި. ރައީސްމީހާގެ ލޯންޗް ގޮވާފި. ބޮންހެދި މީހާއަށް 6 މަސަދުވަހުގެ ހުކުމެއް. ބިރުބޮޑު
ކަރާސީނު
17 October 2022
ތިހެން ނުބުނި ނަމަވެސް، އިންޑިއާ އައުޓް ހަރަކާތަކީ މަނިކުފާނު 2023ށް ކުރިމަތިލުމަށް ރައްޔިތުންނަށް ވިއްކާނެ އެއްޗެއްގެ ގޮތުގަ ތިލަކުރި އެއްޗެއްކަން އަހުރެމެން ދެނަހުރިން. ދެރައީ އިންޑިއާ މިލިޓަރީއަށް ރާއްޖެއިން ޖާގަ ދިނީ ހަމަ ޔާމީނުކަން އެމަނިކުފާނަށް "ރީކޯލު" ނުކުރެވޭތީ!
ކަރުބުޑު
17 October 2022
އިންޑިއާއިން އަމުދަކުން ނޫޅޭ ރާއްޖެވއަޅުވެތިކުރާކަށް. ތިކަހަލަ ވާހަކަދެއްކުމުން މާފުރުޞަތު ބޮޑު އެޤައުމުގެ ހަރުކަށި ވިސްނުމުގެ މީހުން ތިކަމަށް ވިސްނުންވެސް . ތިވާހަކަ ދެއްކުމުންވެސް އެނގެނީ , ބައިނަލް އަޤުވާމީ ޑިޕޮލޮމަސީ ނުދަންނަ , ވެރިކަމަށް ކުފޫހަމަނުވާ ބޭކަލެއްކަން ތިއީ.
އަފްރާސިޔާބު
17 October 2022
އިންޑިއާ އަދި ޗައިނާގެ އަޅުވެތިކަމުގައި މިހާރު ތިބޭ ތިބުމަށްވުރެ ދިވެހި ސަރުކާރުގެ އަޅުވެތިކަމުގައި ތިބޭ ތިބުން އަހަންނަށް މާނުރައްކާ. އަތޮޅުތަކުގައި ހުރިއްޔާ ހުރިފަޅަކާއި ގިރިޔަކާއި ރަށެއް 99 އަހަރަށް ބޭރުމީހުންނަށް ވިއްކާ ހުސްކޮށްލައިފި. ނަޝީދުގެ ވެރިކަމުގައި މަދުރަށްތަކެއް ވިއްކާލި. ޔާމީނުގެ ވެރިކަމުގައި ގިނަރަށްރަށާއި ފަޅުފަޅާއި ގިރިގިރި ވިއްކާލައި ރިސޯޓުގެ ބިމު ކުލި ކުރިއަށް އޮތް 20 އަހަރަށް ނަގައި އެވެސް ކާލައިފި. ސޯލިހު ވިއްކިއަދަދެއްނޭގޭ.
ޢެއްމެ ބެސްޓް
18 October 2022
މިއީ ޢެއްމެ ބެސްޓް ކޮމެންޓް. ގައުމިއްޔަތަކީ ސިއާސީ އަމިއްލަފައދާއައް ބޭނުން ކުރާ ހަތިޔާރަކައް ނަހަދަމާ.
އައްޑޫ ހަސަނު
17 October 2022
އިންޑިޔާ އައުޓް. ހަނިމާދޫ އެޔާ ޕޯޓް އައްޑޫ އެޔާ ޕޯޓްގެ އެއްބަސް ވުމުގަ އޮތީ ކޮންޓުރޯލް ޓަވަރުގަ އިންޑިޔާ މީހުން ތިބޭގޮތައް.
ދިވެހިންގެ ބަސް
17 October 2022
ރޔާމިނަ ވޯޓް ދެވެންޏާ މަގޭ ވޯޓް ﷲއިންޝާ