ވިޔަފާރި / ޗައިނާ

ރާއްޖެއާ ޗައިނާގެ ގުޅުމަށް 50 އަހަރު، ދެ ގައުމުން ވެސް އެދެނީ އެކުވެރިކަން ދެމިއޮތުން

އެމްބެސެޑަރު ވަންގް ލިޝިންގް ވަނީ ރައީސަށް ގޯލްޑަން ޖުބްލީގެ ހަނދާނީ ފިލައެއް އަރުއްވަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

ރާއްޖެ އަކީ ޗައިނާއާ އަބަދު ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެކެވެ. ދެ ގައުމުގެ ގުޅުންތައް، ރާއްޖޭގައި ހިންގާފައިވާ، އަދި ހިންގަމުންދާ މަޝްރޫއުތަކުން ވެސް އެނގެ އެވެ.

އެކަން ޗައިނާގެ އެމްބެސެޑަރު ވަންގް ލިޝިންގް ވެސް ފާހަގަކުރައްވަ އެވެ. ޗައިނާ އާއި ރާއްޖެ އާ ދެމެދު އޮތް ސިޔާސީ ގުޅުމަށް 50 އަހަރު ފުރުން ފާހަގަ ކުރަން އިއްޔެ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވެސް އޭނާ އެކަން ފާހަގަކުރެއްވި އެވެ.

އެ ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ވަންގް ލިޝިން އާއި އެމްބަސީގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގަތެވެ. އަދި އެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ނައިބު ރައީސް ފައިސަލް ނަސީމާއި ވަޒީރުން ވެސް ބައިވެރިވެ ވަޑައިގަތެވެ.

އެމްބެސެޑަރު ވަންގް ލިޝިންގް (ކ).، ރައީސް ސޯލިހު، ނައިބު ރައީސް ފައިސަލް ޗައިނާގެ ގައުމީ ސަލާމަށް ތެދުވެ ވަޑައިގެން: އެ ރަސްމިއްޔާތުގައި ރާއްޖެއާ ޗައިނާގެ ގުޅުމާ ބެހޭ މުހިންމު ކަންކަން ރައީސް ފާހަގަ ކުރެއްވި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. އަދި ރާއްޖޭގެ އިޖުތިމާއީ އަދި އުމްރާނީ ތަރައްގީ އަށް ޗައިނާއިން އަދާ ކޮށްފައިވާ މުހިންމު ދައުރު އޭނާ ފާހަގަކުރެއްވި އެވެ. އަދި ދެ ގައުމުގެ ގުޅުން ދެމިއޮތީ އެއް ގައުމު އަނެއް ގައުމަށް ކުރާ އިހުތިރާމުގެ ސަބަބުން ކަމަށް ވެސް ވިދާޅުވި އެވެ.

ސަފީރު ވަނީ އެ ގައުމުގެ ކުރިއެރުމަށް، ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ މަސައްކަތްތަކާއި ރައީސް ޝީ ޖިންޕިންގެ މަސައްކަތްތައް ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން، ހަލުއިމިނުގައި އިގުތިސާދު ތަރައްގީ ކޮށްފައި ވާ ކަމަށާއި، މަދުން ނޫނީ ނުފެންނަ އިޖުތިމާއީ ހަމަޖެހުން ވެސް އެ ގައުމަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ގައުމުގެ އިގުތިސާދީ ކުރިއެރުންތައް ފާހަގަ ކުރައްވައި، އެ ގައުމުން ފަގީރުކަން އެއްކޮށް ނައްތާލެވިފައިވާ ކަމަށާއި، ފާއިތުވި 10 އަހަރު އެ ގައުމުގެ އިގުތިސާދަށް 18.5 ޕަސެންޓުގެ ކުރިއެރުމެއް އައިސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަފީރު ވާހަކަ ދައްކަވަނީ - ފޮޓޯ: ނިޝާން އަލީ/ މިހާރު

ދުނިޔޭގެ ފަގީރުކަން ނައްތާލުމަށް ޗައިނާ އިން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެކި ގައުމުތަކާ އެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ވިދާޅުވެ، "ބެލްޓް އެންޑް ރޯޑު"ގެ ދަށުން 140 އަށް ވުރެ ގިނަ ގައުމުގެ ޓްރޭޑިން ޕާޓްނަރަކަށް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަންގް ލިޝިންގެ ވާހަކައިގައި، ޗައިނާއިން ރާއްޖޭގެ އިޖުތިމާއީ އަދި އުމްރާނީ ތަރައްގީ އަށް ޗައިނާ އިން ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ބައެއް މަޝްރޫއުތަކުގެ ތެރޭގައި ދާދިފަހުން ރާއްޖޭގައި ހިންގާފައިވާ ބޮޑެތި މަޝްރޫއުތައް ހިމެނެ އެވެ. އޭގެ ތެރޭގައި ސިނަމާލެ ބުރިޖުގެ މަސައްކަތާއި، ހިޔާ ފްލެޓުގެ މަޝްރޫއާ، އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ހިމެނެ އެވެ. ސަފީރު ވިދާޅުވީ، އުއްމީދުކުރައްވަނީ ރާއްޖެއާ އޮތް ގުޅުން އިތުރަށް ހަރުދަނާވެ ކުރިއެރުން ކަމަށެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ސަފީރު ވަނީ ރައީސަށް ގޯލްޑަން ޖުބިލީގެ ހަނދާނީ ފިލައެއް އަރުއްވައިފަ އެވެ. އަދި ދެ ގައުމުގެ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހާއްސަ ކޭކެއް ވެސް އެ ރަސްމިއްޔާތުގައި ފެޅި އެވެ. އެ ރަސްމިއްޔާތް ނިންމާލީ ވަނީ ދެ ގައުމުގެ ސަގާފީ ކުޅިވަރުތައް ދައްކައިދިން ހަރަކާތްތަކަކުންނެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ށަވިޔަނި

23 October 2022

ރާއްޖޭގެ ގިނަ ރައްޔިތުން ގުޅުން އަދި ގުޅުން ފުޅާކުރަންވެސް އެދޭ. އެކަމަކު ބައެއް ބޮޑުން ނޭދޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454