ރިޕޯޓް / ހއ. އުލިގަން

ރައްޔިތުންގެ ކުންފުނީގެ ނާކާމިޔާބު އުލިގަމު ވަލުތެރެއިން!

100 ކޮޓަރި ހިމަނައިގެން ހަދަން ފެށި އުލިގަމު ސިޓީ ހޮޓަލުގެ ނަމޫނާ ކޮޓަރިއެއް: މަސައްކަތް ހުއްޓާލިތާ އެތައް އަހަރެއް ވެއްޖެ --ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު

ހއ. އުލިގަމުން: މޫސާ ލަތީފު

05 ފެބުރުއަރީ 2017 - 06:40

49 comments

ބޭނުންނުކޮށް ގިނަ ދުވަސް ވުމުން ހަލާކުވަމުން ދާ ކެރޭނެވެ. ރީތިކޮށް ކަފާ، މަށާފައި ހުރި އެތައް ބައިވަރު ލަކުޑިތަކެވެ. ދަބަަރަށް ވެ، ފުނޑެމުންދާ ދަގަނޑުތަކެވެ. ޑީސެލިނޭޓް ޕްލާންޓަށް ބޭނުންވާ ހޮޅިތަކެވެ. ބޯކޮށް ހެދިފައިވާ ގަސްތަކުގެ ތެރޭގައި، ޓްރެކްޓަރަކާއި ބުލްޑޯޒަރާއި ޑަމްޕަރެވެ. ތަންކޮޅެއް ދުރުގައި، އަޅާލާނެ މީހަކު ނެތި، އޮތް ހައިމާކެވެ.

ޓޫރިޒަމްގެ ފައިދާ ދިވެހި ގިނަ ރައްޔިތުންނަށް ހޯދައިދިނުމުގެ މަގުސަދުގައި 2007 ގައި އުފެއްދި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ން ހއ. އުލިގަމުގައި ހަދަން ފެށި ސިޓީ ހޮޓަލަށް މަރުހަބާ އެވެ. އަޅުގަނޑު މިހިރީ އެތަނުގަ އެވެ. ރާއްޖޭގެ އެންމެ އުތުރުގައި އޮތް އުލިގަމުން ދޫކުރި 36 ހެކްޓަރުގެ ބޮޑު ބިމުގަ އެވެ.

އެކަމަކު ސިޓީ ހޮޓަލުގެ ބިން މިވަނީ ބޯކޮށް ވާ ހެދި، ދިރުން ގެއްލި، ފަޅުވެފަ އެވެ.

މިއީ އެމްޓީޑީސީގެ ތަރައްގީ އަށް މުޅި ރާއްޖެ އިން ދޫކުރި ބިންތަކުގެ ތެރެއިން އެއް ތަނެވެ. ތަރަައްގީކުރެވުނު މަދު ރިސޯޓެއް ވިއްޔާ ވިއްކަމުން، ހެދޭނެ ގޮތެއް ނެތް ރަށްތަކުގެ ބުރަ އުފުލަމުން ދާ ރައްޔިތުންގެ ކުންފުންޏަށް ނޭވާލާނެ ފުރުސަތު ނުލިބި، ފުރަތަމަ ވެސް ނާކާމިޔާބު ވެއްޖެކަމުގެ ހެކި ލޮލު ކުރިމަތިން މިހިރީ ފެންނާށެވެ. މިއީ، އާންމުންގެ ތެރެއިން އެއް ބަޔަކު ބުނާ ގޮތުގައި، ރާއްޖޭގެ ބޮޑެތި މަހުޖަނުން ބޭނުންވި ގޮތެވެ. މިއީ ރާއްޖޭގެ ޓޫރިޒަމްގެ ނަފާ މިލިއަން ޑޮލަރުން ހޯދަމުން އަންނަ މަދު ބަޔަކު، ފުރަތަމަ ދުވަހު ވެސް އުއްމީދުކުރި ގޮތެވެ. (އެމްޓީޑީސީ އެންމެ ފުރަތަމަ އުފެއްދި އިރު ޗެއާމަން ޗަމްޕާ ހުސެން އަފީފާއި މެނޭޖިން ޑިރެކްޓަރު މުހައްމަދު ސޯލިހު (ޑިމްސް) ވަރަށް ބުރަކޮށް މަސައްކަތްކުރެއްވި އެވެ. ހެރެތެރަ ރިސޯޓް ތަރައްގީކުރައްވަން ދެ ބޭފުޅުން އުފުއްލެވި ބުރަ އޭރު ވަރަށް ގިނަ ބަޔަކު ފާހަގަކުރި އެވެ.)

އުލިގަމު ސިޓީ ހޮޓަލުގައި ހިމެނޭ ބައެއް އިމާރާތްތައް: މިތަންތަން މިހާރު ވަނީ ވީރާނާވާން ދޫކޮށްލާފައި --ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު

ރައްޔިތުންގެ ހިއްސާވާ ކުންފުންޏަކުން ޓޫރިޒަމްގެ ތެރެއަށް ވަދެގެންނުވާނެ ކަމަށް ޓޫރިޒަމްގެ ބައެއް އިންވެސްޓަރުން ގަބޫލުކުރެ އެވެ. ވަދެއްޖެ ނަމަ، ކޮންމެވެސް ގޮތަކުން އެ ކުންފުނި ޖެހޭނީ ބަނގުރޫޓްކޮށްލާށެވެ. މިއީ އެ މުއްސަނދިންގެ ވިސްނުން ހުންނާނެ ގޮތޭ، އުލިގަމު ވަލުތެރެއަށް ވަންނަން ހިނގަމުން ދިޔަ އިރު، ބައެއް އާންމުންނެކޭ އެއްގޮތަށް، އަޅުގަނޑުގެ ވެސް ހިތަށްއެރި އެވެ.

ސައިޓަށް ވަންނަ ހިސާބުގައި ހުރި އެތައް ބައިވަރު ސާމާނަކީ 100 ކޮޓަރީގެ ސިޓީ ހޮޓާ ތަރައްގީކުރަން ރޭވި ވަރަށް ބޮޑު މަސައްކަތެއްގެ ފެށުމެވެ. ހޮޓަލަކަށް ބޭނުންވާ އެންމެ ފުރަތަމަ ބައިތައް ކަމަށްވާ މުވައްޒަފުން ތިބޭ އިމާރާތްތަކުގެ ބޮޑު ބައި ހުރީ ނިންމާފަ އެވެ. އެކަމަކު އެ ތަންތަނަށް ދާން އޮންނަ މަގުތައް، ހަތަރު ފޫޓަށް ވުރެ މައްޗަށް ހެދިފައި ހުރި ދިގު ހުއިތަކާއި ގަސްތަކުން އޮތީ ބެދިފަ އެވެ. އެކި ހިސާބުތަކުގައި ނިންމާފައި ހުރި އިމާރާތްތައް އެގޮތަށް ހުއްޓެވެ. ބިއްލޫރި ދޮރުތަކެވެ. ފަންކާތަކެވެ.

އެތައް މިލިއަން ރުފިޔާއެއްގެ ބޭކާރު ހޭދަ އެވެ.

މުވައްޒަފުންގެ އިމާރާތްތަކުގެ އިތުރުން އުލިގަމު ސިޓީ ހޮޓަލުގެ ގެސްޓް ކޮޓަރިތައް ހުންނާނެ ގޮތަށް ނަމޫނާ އެއް ކޮޓަރި ނިންމާފައި ހުއްޓެވެ. އެކަމަކު އެތަން މިހާރު ހުރީ ފަސޭހައިން ވަދެވޭ ގޮތަށް ވުރެ ގަސްތައް ބޯ ހިސާބެއްގަ އެވެ. ފުރާޅުގައި ބޭނުންކޮށްފައި ހުރި ފަންތައް ނެއްޓުނު ނަމަވެސް، ތަނަށް މާ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަކަށް ނުފެނެ އެވެ.

ސިޓީ ހޮޓާ އަޅަން ޚާއްސަ ކުރި ސަރަހައްދުން ފެންނަނީ މުޅިން ވެސް މި ކަހަލަ މަންޒަރުތައް --ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު

އުލިގަމު ސިޓީ ހޮޓަލުގެ މަސައްކަތް ފެށީއްސުރެ ކުރިމަތިވަމުން ދިޔައީ ތަފާތު މައްސަލަތަކެވެ. ދިވެހި ރައްޔިތުންގެ ބޮޑު ހިއްސާއެއް އޮތް ކުންފުންޏަކަށް ވިޔަސް އެތަަން ވަރުގަދަކޮށް، ތަރައްގީކޮށްލާނެ ފުރުސަތެއް އެއްވެސް ސަރުކާރަކަށް ފަހިކޮށެއް ނުދެވުނެވެ. އެކި ފަހަރު މަތިން ހަމަޖެއްސި މެނޭޖިން ޑިރެކްޓަރުންނާއި ބޯޑުގެ އެހެން މެމްބަރުންނާ ޚިޔާލު ތަފާތުވުމާއި، މިއިން ކޮންމެ ބައެއްގެ މެދުގައި އޮތް އަމިއްލަ މަސްލަހަތާ ހެދި އެމްޓީޑީސީ ބަދަލުވީ ބައެއް މުއްސަނދިން ކުޅެން ގެންގުޅޭ ބޯޅައަކަށެވެ.

ފުރަތަމަ ވެސް ހިއްސާއެެއް ވިއްކި އަގު!

ދިވެހި އާދައިގެ ރައްޔިތުންނަށް ޓޫރިޒަމްގެ ސީދާ ފައިދާ ލިބެން ޓޫރިޒަމްގެ ދިވެހި ބައެއް އިންވެސްޓަރުން ބޭނުންނުވާކަން އެނގޭ އެއް ހެއްކަކީ، ކުންފުނި ރަހީނުކުރަން ގެންގުޅުނު އުސޫލުތަކެވެ. އެކި މީހުންގެ ނަމުގައި އެތައް މިލިއަން ރުފިޔާއެއްގެ ހިއްސާ ގަނެ، ކުންފުނީގެ އާންމު ހިއްސާގެ ކޮންޓްރޯލް ނަގަން، ބައެއް މަހުޖަނުން ހިންގި ގާނޫނާ ޚިލާފު އަމަލްތަކުގެ ވާހަކަ، ކުރީގެ އޮޑިޓަ ޖެނެރަލް އިބްރާހިމް ނައީމްގެ އޮޑިޓް ރިޕޯޓްގައި، ވަރަށް ސާފުކޮށް، ބަޔާންކޮށްފައި އޮތެވެ. އެއް ބައެއްގެ ނަޒަރުގައި އެއީ "ސިޔާސީ ރިޕޯޓެއް" ނަމަވެސް އޭގައި ފާހަގަކޮށްފައި ހުރި އެމްޓީޑީސީއާ ގުޅޭ ކަންކަމާ މެދު އެހެން ބުނެވޭކަށެއް ނެތެވެ.

އެމްޓީޑީސީ ފުނޑުކޮށްލުމުގެ އެންމެ ބޮޑު އެއް މަސައްކަތަކަށް ވީ، އިގުތިސާދީ ބައެއް ތަޖުރިބާކާރުން ވެސް ގަބޫލުކުރާ ގޮތުގައި، ފުރަތަމަ ފަހަރު ވެސް، ޑިިވިޑެންޓްގެ ގޮތުގައި ބެހި މަތީ މިންވަރެވެ. ހިއްސާއެއް 100ރ އަށް ވިއްކި އިރު އެ އަހަރު ޑިވިޑެންޓްގެ ގޮތުގައި ހިއްސާއަކަށް 90ރ ދޫކުރި އެވެ. އެހެންކަމުން ގާނޫނާ ޚިލާފަށް ހިއްސާ ގަނެ، ކުންފުނި އަތްދަށުލީ މީހުން، އެމީހުން ކުރި އިންވެސްޓްމަންޓް ގާތްގަނޑަކަށް ސަލާމަތްކުރީ އެވެ. އެކަމަކު އާންމު ދިވެހި ރަައްޔިތު މީހާ 25 ނުވަތަ 50 ހިއްސާ އިން ހިއްސާ ގަތީ ގިނަ ދުވަހަށް އޭގެ ފައިދާ ލިބޭނެކަމުގެ އުއްމީދުގަ އެވެ.

އުލިގަމަށް ގެންދިޔަ މަސައްކަތު ވެހިކަލެއް ގަސްތަކުގެ ތެރެއަށް ދޫކޮށްލާފައި --ފޮޓޯ:އަބްދުﷲ އައުރާފް/މިހާރު

އެމްޓީޑީސީ ކުރު ގޮތަކަށް

އާންމުންގެ ހިއްސާ: 184 މިލިއަން ރުފިޔާ (53 ޕަސެންޓް)

ސަރުކާރުގެ ހިއްސާ: 156 މިލިއަން ރުފިޔާ (47 ޕަސެންޓް)

މި ވަގުތު ހިއްސާއެއް ވިއްކޭ އަގު: 10ރ

ހިއްސާއެއްގެ މޫނުމަތީ އަގު: 100ރ

އެވަރުގެ ޑިވިޑެންޓެއް ބަހައިގެން ކުންފުނީގެ ކުރިމަގު ބަންދުވުން ނޫން އެހެން ނުބަައެއް ނެތްކަން އޭރުގެ ސަރުކާރުގެ އިސް ވެރިންނާއި ކުންފުނީގެ ބޯޑަށް ވެސް އެނގޭނެ އެވެ. އެކަމަކު އެ މަގުން ހިނގީ ކުންފުނި ތަރައްގީވިޔަ ނުދިނުމުގެ ނިޔަތް ކޮންމެވެސް ބައެއްގެ ތެރޭގައި އޮވެގެންނޭ ބުނާ މީހުން މަދެއް ނޫނެވެ. ރައްޔިތުން ޖެހޭނީ ތިބޭށެވެ.

"އެންމެ ފުރަތަމަ ވެސް އެމްޓީޑީސީ އޮތީ ހަލާކުވެފައި،" ވަގަށް ހިއްސާ ގަންނަން ބައެއް މަހުޖަނުން ކުރި މަސައްކަތަށް އިޝާރަތްކޮށް، އޭރުގެ ކަންކަން ގާތުން ބަލަމުން ދިޔަ ވިޔަފާރިވެރިޔަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.

"އެމްޓީޑީސީ ނަގާ ކޮޅަށް ޖެހުމުގެ ވިސްނުމެއް އެއްވެސް ސަރުކާރަކު ނެތް. އެ ނިޔަތް ނެތީ ބާރުގަދަ މީހުންގެ ނުޒޫފާ ހެދި. އެ މީހުންގެ ނުފޫޒު އޮންނާނެ ސަރުކާރުގައި ވެސް، ކުންފުނިތަކުގެ ބޯޑުގައި ވެސް، ކޯޓުތަކުގައި ވެސް."

އެއީ ވަރަށް ބޮޑު ތެދެކެވެ. ރާއްޖޭގެ ވިޔަފާރީގައި އެތައް ބަޔަކު ހަރަކާތްތެރިވިޔަސް ރާއްޖޭގެ އިގުތިސާދުގެ މައި ބާރުތައް އޮތީ ވަރަށް މަދު ބައެއްގެ އަތްމަތީގަ އެވެ. އެ މީހުންގެ ވިޔަފާރިތަކުގެ ހިމާޔަތުގައި ނަމަ، ގާނޫނުތަކަށް ބަދަލު ގެންނާނެ އެވެ. އެކި ސަރަހައްދުތަކުން ރަށްރަށް ލިބޭނެ އެވެ. ހިއްސާ ވިއްކާފައިވާ ކުންފުންޏެއް ނަމަ އޭގެ ބޮޑު ބައެއް ކޮންޓްރޯލްކޮށް، އެ މީހުންގެ ހިޔަނިތަކެއްގެ ގޮތުގައި ޑިރެކްޓަރުންގެ ބޯޑުގައި ބަޔަކު ބައިތިއްބާނެ އެވެ. މި ހިޔަނިތަކުގެ ބޭނުމަކީ އެ ކުންފުނިތައް ހިސޯރުކުރުމެވެ. އެކަމަކު ނުސީދާކޮށް އެ ހިސޯރުކުރަނީ ދިވެހި ރައްޔިތުންނެވެ.

ހައްލެއް ފެންނާކަށް ނެތް

އަޅުގަނޑު މިހިރީ ރާއްޖޭގެ ނިސްބަތުން ބިޔަ ރަށްތަކެއް ހިމެނޭ ހއ. އަތޮޅުގައި ފަސް ވަނަ އަށް އެންމެ ބޮޑު ރަށުގެ ވަލުތެރޭގަ އެވެ. ހިނގަމުން ދާ ވަރަކަށް ބައެއް އިމާރާތްތައް ފެނެ އެވެ. މި މަޝްރޫއު ކާމިޔާބުވި ނަމަ އަޅުގަނޑު ހުންނާނީ ރީތި ހޮޓަލެއް (ރިސޯޓެއް)ގެ މެދުގަ އެވެ. ހިތްގައިމުކޮށް، ތަރުތީބުކޮށް، ހައްދާފައިވާ ބަގީޗާތަކުގެ ތެރޭގަ އެވެ. ހަރަކާތްތެރި މުވައްޒަފުން އެކި ކޮޅުކޮޅަށް ގޮސް އުޅޭނެތެވެ. އަތޮޅުގައި ތިބެގެން އެތައް ބަޔަކު ވަޒީފާ އަދާކުރަމުން ގެންދާނެ މެއެވެ. ކޮން ކަހަލަ ބޮޑު ފުރުސަތެއް ހެއްޔެވެ؟ ރަށްރަށް ފަޅުކޮށް، އެހެން ހިސާބުތަކުގެ ވަޒީފާތަކަށް ނުގޮސް އެތައް ޒުވާނުންނަކަށް ފަރުޖެއްސުނީހެވެ.

އުލިގަމު ސިޓީ ހޮޓަލުގައި މުވަައްޒަފުންނަށް ޚާއްސަކޮށްގެން ހެދި އިމާރާތެއް --ފޮޓޯ:އަބްދުﷲ އައުރާފް/މިހާރު

އެކަމަކު މިއީ، ވަށައިގެން ބެދިފައި އޮތް ގަސްތަކުގެ ތެރޭގައި ހުރެ، ވިސްނަމުން ދިޔަ އަޅުގަނޑުގެ ހިތަށް ސިފަވި ކަންކަމެވެ. އެ ހުރިހާ އެއްޗެއް ހިތަށްއަރައި ފައިބައިގެން ދިޔައީ ދިވެހި ރައްޔިތުންގެ ހައްގުގައި ފެށި މަސައްކަތްތަކެއްގެ ފޮނިކަން ނުލިބި މިގޮތަށް ނާކާމިޔާބުވިތަން ފެނުމުންނެވެ. އެއްވެސް ސަރުކާރަކަށް އެ ފޮނިކަން ގެނެސްދޭނެ ގާބިލް ބަޔަކު ނުހޯދުނެވެ. އެހެން ވިއްޔާ ސިޔާސީ ލީޑަރުންނަށް މިވަނީ ކޮން ކަމެއް މޮޅުވެގެން ހެއްޔެވެ؟ ފޮނި ވާހަކަތަކެއް ދައްކައި، ހައްގޭ، އަނިޔާއޭ، ޖަލޭ، ޖީލޭ، ގައުމޭ، ދީނޭ، އިގުތިސާދޭ، ދަރަންޏޭ، މިކަހަލަ ބަސްތައް އަމުނާލެވުނީމާ އެވީ ވަރުގަދަ ސިޔާސީ ވެރިޔަކަށް ހެއްޔެވެ؟ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެ އެވެ.

ކުޑަ މިސާލެއް ނަގަމާ ހެއްޔެވެ؟ ރާއްޖޭގެ އެތައް ރިސޯޓެއްގެ ސީއީއޯ ނުވަތަ މެނޭޖަރުންނަށް ތިބީ ބޭރު މީހުންނެވެ. ފައިދާގެ ވަކި މިންވަރެއް ލިބޭ ގޮތަށާއި ކުންފުނީގެ ހިއްސާ އިން ވެސް ބައެއް އެޅޭ ގޮތަށެވެ. ރާއްޖޭގެ މައި އެއާޕޯޓް ވިޔަފާރީގެ ކާމިޔާބު މޮޑަލަކަށް ބަދަލުކޮށްލި ޖީއެމްއާރުން އެ މަސްއޫލިއްޔަތު ހަވާލުކުރީ ވެސް ބޭރުގެ ހިންގުންތެރިޔަކާ އެވެ. އެ މީހުން އެ ވިޔަފާރިތައް ކޮޅަށް ޖަހާލަ އެވެ. އެކަހަލަ ކިތައްމެ ހިންގުންތެރިންނެއް ދުނިޔެއިން ލިބެން އެބަ ހުއްޓެވެ. އެހެންކަމުން ޓޫރިޒަމްގެ ގޮތުން މުޅި ދުނިޔެ އިން ވެސް ފާހަގަކޮށްލެވޭ ރާއްޖޭގައި އެމްޓީޑީސީ ކާމިޔާބު ކުންފުންޏަކަށް ނުހެދުނީ، ސިޔާސީ ވެރިންނަށް އެކަމާ އަޅާނުލެވިގެންނެވެ. ނުވަތަ ހަމަ ގަސްދުގައި އެކަން ނުކޮށް ބޭއްވީ އެވެ. ސިޔާސީ ވަޒީފާ ދީ، ސިޔާސީ ކުޅިގަނޑު ވެސް ހިމެނޭ ގޮތަށް ހިންގާ ތަނެއްގެ ސިފަ އެ ކުންފުނިން ފިލުވާނުލެވިގެން މި އުޅެނީ އެހެންވެގެންނެވެ.

އެމްޓީޑީސީ އަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވީ ޓޫރިޒަމްގެ ގާނޫނަށް ގެނައި ބަދަލުތަކާ ގުޅިގެން ކަމަށް، އެއް ބަޔަކު ވާހަކަ ދައްކާ އިރު، ތެދުވެރި ނިޔަތެއް އޮތް ސަރުކާރުތަކެއް ނަމަ، ރައްޔިތުންގެ 53 ޕަސެންޓް ހިއްސާ އޮތް ކުންފުންޏަކަށް، ގާނޫނުތަކުގެ ތެރެއިން ދެވޭނެ ލުއިތަކެއް ހުންނާނެ އެވެ. ވެރިކަން ހިމާޔަތްކުރުމުގެ ގަސްދު އޮވެގެން ގާނޫނުތަކަށް ގެންނަ، ތާކުންތާކު ނުޖެހޭ ބަދަލުތައް އަޅުގަނޑުމެން މިދަނީ ދެކެމުންނެވެ. އެހެންކަމުން ރައްޔިތުންގެ ތަނަވަސްކަމަށް އިތުރު ބާރެއް ލިބިދާނެ ކުންފުންޏެއް ނަގާ ކޮޅަށް ޖަހާ، މި ވަލުތެރެއިން ނެރެވޭނެ ގޮތެއް ސިޔާސީ ވެރިންނަށް ނުހޯދެންވީ ސަބަބެއް ނެތެވެ.

ވަލު ތެރެއިން ނުކުމެ، ރަށުގެ އަތިރިމައްޗަށް ޖެހިލީމެވެ. ހިތްގައިމު މޫދަކާއި ބޮޑު ތުނޑިއެއްގެ ނަލަ މަންޒަރު، އެ އޮތީ ދިމާއަށް ފެންނާށެވެ. ގެސްޓް ކޮޓަރިތައް އަޅަން އޮތީ ރަށުގެ ދެކުނު ކޮޅުން ދިން މި ބިމުގެ ދެ ފަރާތު ގޮނޑުދޮށުގަ އެވެ. ދެ މޫސުމަށް ދެ ފަރާތަށް ބަދަލު ވާ ބޮޑު ތުނޑީގެ މަޑު ދޮންވެލިގަނޑުގައި ފައި ބީއްސާލެވުމާ އެކު، ހުއިތަކުގެ ތެރޭގައި ހިނގުމުން ލިބުނު ލޮޑުކަން ފިލާދިޔަ އެވެ.

މި ވެލިގަނޑުގައި އަޅާ ކޮޓަރިތަކުން ހޯދެން އޮތް އާމްދަނީ އާންމު ހިއްސާދާރުންގެ ޖީބަށް ވެސް ވަނީހެވެ. އެކަމަކު އެއީ އެގޮތަށް ކަންތައް ކުރި ނަމަ އެވެ. ހިއްސާގެ ބާޒާރުގައި މިއަދު އެމްޓީޑީސީގެ ހިއްސާއެއްގެ އަގު އުޅެނީ އެންމެ 10ރ ގަ އެވެ. ހިއްސާދާރުންނަށް ފައިދާއަށް ދޭނެ އެއްޗެއް ނެތެވެ. ފައިދާ އަށް ބަހާނެ އެއްޗެއް ވެސް ނުލިބެ އެވެ. ހަދާ ރިސޯޓެއް ވިއްޔާ ވިއްކަމުން، ކުންފުނި ކިރިޔާ މެނޭޖްކުރެވި ނުކުރެވި އެކަހަލަ ހާލެއްގައި އެ އޮތް ތެޅެނީ އެވެ.

ހަގީގަތުގައި ފުރަތަމަ ޑިވިޑެންޓާ އެކު ރައްޔިތުންގެ ޓޫރިޒަމް ކުންފުނީގެ ވާހަކަ އެ އޮތީ ގާތްގަނޑަކަށް ނިމިފަ އެވެ.

އުލިގަމުން ފެންނަން މި އޮތީ އެ ވާހަކައިގެ އެއް ބަ އެވެ.

49 ކޮމެންޓް, 280 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 84%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބޫ

07 February 2017

ކޮބާތަ ހއ. ދާއިރާގެ އިއްޒަތްތެރި މެމްބަރ. އެބޭފުޅާއަށް އަދިތިތަން ނުފެންނަނީ ކަންނޭންގެ. ނޫނީ ތިހިސާބާ އެންމެ ގާތްގުޅުމެއްއޮންނަ ހައުސިންގް މިނިސްޓަރާ ހަމައަށް އަދި ތިވާހަކަ ނުގެންދެވިގެން އުޅެނީ ކަމަށްވެދާނެ

The name is already taken The name is available. Register?

އަބްދުއްލާ އަލީ

07 February 2017

މައްސަލަ އަކީ އެމްޓީޑީސީ އެއް ނޫން މައްސަލަޔަކީ 2007 ގާ މިގައުމުގާއޮތް ސަރުކާރެއްވެސްނޫން މައްސަލަޔަކީ 2008 ގާާ މި ގައުމަށް ގެނައި ސަރުކާރު ،މައްސަލަޔަކީ ސިވިލް ސާވިސް އަށް 1 ބިލިޔަން ބޮޑުކުރި ހިސާބު ، އެހިސާބުން ކޮންމެ މަހެއްގެ މުސާރަ ދިނުމަށް ވިއްކާލީ ޓީ ބިލެއް ، ބިލްތަކުގެ ސަބަބުން ދިޔައި ދަވްލަތުގެ ހުރިހާ ކުންފުނިތައް ބަގުރޫޓް ވަމުން. ސަރުކާރު ހިންގަން ދަރަނި ނަގަމުން ނަގަމުންގޮސް. 2007 ފެބްރު އަރީ ނައިނަމަ ދަވްލަތުގެ ނަމުގާ މިހާރު މިހިރަ އެއްވެސް ކުންފުންޏެއް ނެތީސް އެއް ކުންފުނި ވިއްކާލީ އެއާޕޯޓް 2012 ގަ ވިއްކާލަން ތައްޔަރު ކޮށްފައިވާ3 ކުންފުނި ނުވިއްކެނީސް އިސްތިއުފީދީފަ ދުރަށް ވަޑައިގަތީ ހަނދާން އެބަހުރިތަ ؟ ހޮސްޕިޓަލް ތަކުގާއަތަށްލައްވާނެ އަންގިއެއް ނުލިބިގެން އޭރު އުޅުނު ހަނދާން ، މުސާރަތައް ބޮޑުކޮށް ކުޑަކުރުމުންވެސް ދެކޮޅު ނުޖެހިގެން ޓީބިލް ވިއްކި ހަނދާން ، ހުރިހާވެސް މައްސަލަޔަކީ ކަންކަން ކުރަން ނޭގޭ ބަޔަކު ވެރިކަމަށް ހޮވުން

The name is already taken The name is available. Register?

ބާރު

06 February 2017

ގިނައިން އަޑުއިވޭ ބަހެކެވެ. ވިޔަފާރިވެރިން ބާރުގަދަ މީހުންގެ ނުފޫޒު. ހައިރާންވޭ މަގޭ ބާރުހިނގާތަނެއްގައި ތިކަހަލަ މީހުން ތިބޭނީ އެންމެ ނިކަމެތިންގެ ގޮތުގައެވެ. ކިތަންމެ ރުފިޔާ ހުއްޓަސް ބަޑީގެ ބާރުން ތިކަހަލަ މީހުން ސައިޒަށް ތިރިކުރާނަމެވެ. ބާރުދައްކަން އުޅުނުއުޅުނުހެން ސައިޒަށް ކަނޑަމުންދާނަމެވެ. މިއީ މަގޭ ޝިޢާރެވެ؟ ކޮންމެ ސަރުކާރެއްގައިވެސް މިކަހަލަ މީހުންކުރިމަތީ ކުޑަކަކޫ ޖަހަން މަޖްބޫރު ވަނީ ވެރިކަމަށް އައުމުގައި އެމީހުންގެ އެހީ ހޯދާތީއެވެ.

The name is already taken The name is available. Register?

އައްލާމް

06 February 2017

ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެ، ރައްޔިތުން ބާރުވެރިވުމަކީ ސިޔާސީ މީހުންނަށް ހުރި ނުރައްކަލެއް. އެއީ ރައްޔިތުން އަބަދުވެސް އާދޭސްކުރަން ދާންޖެހޭނެ ވެރިމީހާ ކައިރިއަށް، ރައްޔިތުން މަޖިލިސްގެ މެންބަރުން ކައިރިއަށް. އޭރުން ރައްޔިތުންގެ މުހުތާލުތަކުން ސިޔާސީ ނާޖާއިޒު ފައިދާ ނެގޭނީ. އަނެއްކޮޅުން ރިސޯޓް އޯނަރުން މަހުޖަނުން ނަފްރަތު ކުރާ ކަމަކަށްވާނެ ރައްޔިތުންގެ ނަމުގައި ރިސޯޓްތަކެއް ތަރައްގީވުމުން. އެއީ އެމީސްމީހުންގެ ވިޔަފާރިއަށް ''ގެއްލުންވާނެތީ''. ރައްޔިތުން އަބަދުވެސް ނިކަމެތިކޮށް، ސަރުކާރުގެ ވެރިންނާއި ރައްޔިތުން މަޖިލިސްގެ މެންބަރުންނަށް ސަލާންޖަހާ ބައެއްގޮތުގައި ތިބުމުން ވެރިންނަށް އެބައިމީހުން ބޭނުން ދުވަހަކު ވެރިކަން ކުރެވޭނީ. އަދި ރައްޔިތުންގެ މުއްސަނދިކަމުން ނާޖާއިޒު ފައިދާ ނަގާ ސިޔާސީ މީހުންގެ ޖީބުތައް ފުރާލެވޭނީ. އެހެންވެ މިމަޝްރޫޢުގެ އަޑު ކަނޑައިގެން ގޮސްފައިވަނީ. ބޮޑުން މިވާހަކަ ނުދައްކަނީ. މަޖިލިސް މެންބަރުންގެ އިޚްލާޞްތެރިކަމެއް ރައްޔިތުންނާމެދު އަޮންނަނަމަ ރަނގަޅުތާ މިހާކަ ދައްކާލަންވެސް. އެމްޓީޑީސީ މިހާރު އޮތީ ސަންދޯއް އަޅާ ހިސާބުގައި. ދުނިޔޭގެ ލަދަށް އެކަން ނުކޮށް އޮތީ

The name is already taken The name is available. Register?

ގަމާރު

05 February 2017

ރޯނުއެދުރު ހެދިގެން މާއެނގޭ މީހަކައް ވެގެން މާލެސަރަހައްދުގަ ފުލެޓުހަދައިގެން ރާއްޖެ މެނމެއް އެޢްތަނެއްގަ ވަޒަންވެރި ކުރާ ވާހަކަ ދައްކަނީ ތަންދޮރު ނޭގޭތި! ބަކަރި ކޮޓެހެން ހުރިހާ ރައްޔިތުން އެއްތަނަކައް އަޅަލީމަ ސަރުކާރު ރައްޔިތުނައް ކުރައްޖެހޭ ބަޔެއް ހަރަދުތައް ކުޑަވިއަސް ރައްޔިތުންގެ ދިރިއުޅުގެ ފެނވަރު ރަގަޅެނުވާނެ! ސަބަބަކި ގައުމުގެ އުފެއްދުތެރި ކަންބިނާވެފަ އޮތީ ރާއްޖޭ ރައްތަކުގެ މައްޗައްމައްވާތި، ރައްތަުގަ ފަންވިނުމާއި ދަނޑުހައްދައިގެން މަހަކު ފަނަރަހާހާއި އަންހާސް ރުފިޔާގެ އާންމުދަނީ ހޯދާ އެތައް އާއިލާއެން އެބައުޅޭ! އެރަތަކުން މީހުބާލާ އެތަނަކައް އަޅާ އެރަތައް ވިއްކާ އެންމެން އެތަނެއްގަ އާބާތު ކުރާތާ ވިހިއަރު ނުވެ އެ ސަރަހައް ދުފުރިގެއް ބިންހޯދައް އުޅޭއިރު، މީހުންބޭލި ރައްތައް ހުނާނީ ވިއްކާހުސްކޮއްފަ! މިގައުމުތަރައް ގީކުރަންވީ ޖަޒީރާ ގައުމެއްގޮތުގަ

The name is already taken The name is available. Register?

މޮރޮކޯ

05 February 2017

މޫސަމިފަދަލިޔުންތައްލިޔާތީ ވަރަށްއުފާވެ.އަހަރެންވެސް އަދި މޫސަވެސް އުފަން އަތޮޅުތީ.ދެންއޮތީ އައި ހެވަން ހަމަ ހުސްއަދުން ރައްޔިތު ްނަށްހެވެއްނޭދޭނެ.

The name is already taken The name is available. Register?

އަލީ

05 February 2017

އުލިގަމު މީހުން ވަރަށް ތެދުވެރި. މަޑަވެލި ހޯޑެއްދޫ ކަހަލަ ރަށެއްގަ ނަމަ އިމާރާތް ވެސް މިހާރު ނުހުންނާނެ. އަޅަން އެއުޅޭ ކޯޒްވޭ ވެސް އަޅާ ނިމުމުގެ ކުރިން ...

The name is already taken The name is available. Register?

ހަސަނު

05 February 2017

ތިކަން ތީ މައުމޫން ވެރިކަމުގައި ކުރިއަށް ގެންދަން ފެށި މަޝްރޫއެއް ދެން އައީ އެމްޑީޕީ ވެރިކަން އެމީހުން ތިކަން ހުއްޓުވީ ރައްޔިތަކަށް ފައިދާއެއްވެދާނެތީ މައުމޫން ވެރިކަމުގައި ހުރިނަމަ އުލިގަމު މީހުންގެ ހުވަފެން ހަޤީގަތަކަށް ވީސް

The name is already taken The name is available. Register?

ނުރަބޯ

05 February 2017

މިދާއިރާއަށް ނިސްބަތްވާ ރައްޔިތުންގެ މަޖްލިހުގެ މެންބަރަކު ހުންނާނެ. އެ މެންބަރަކު ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނައުމުން، މިކަމަށް ސަރުކާރުން ޙައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން އެބައޮތް.

The name is already taken The name is available. Register?

ޢަހިމަދު

07 February 2017

ޙީހީ ހަލާކު.އެއީ އަނެއްކާ މިހުއްމާ ނޫންބާ

The name is already taken The name is available. Register?

އަރުވާލި އާދަނުގެ ސިޔާސީ ހާސަރު

05 February 2017

ރެސޯޓް ހުޅުވައި ހިންގައިގެން ދައުތަށް ލިބެން ޖެހޭ ނަފާ ނުލިބި މުއްދަތު ހަމަވެގޮސް ކިތަށް ރެސޯޓް ތޯ އެވެ.؟ ސަރުކާރު ހިއްސާވާ ކުންފުން ޔަކުން އަޅާ ހުޅުވަން ސިޓީ ހޮޓަލެއް ވެސްމެއެވެ. ހިކި ސިމެންތި އަށްވެފައެވެ. ކޮންވެންސަން ސެންޓަރެއް ފަޅު މަގުބަރާ އެއްގެ ގޮތުގައެވެ. ހައްތަހާވެސް އޮޕަރޭޝަން ދޮން ދަރިން މޯޑް ގައެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454