ބޯ ނުރަވެފައި ތިބި ޖަޕާނު މީހުންތަކެއް.
19 ސެޕްޓެމްބަރ 2023 - 15:43
ދެ ވަނަ ބޮޑުހަނގުރާމަ އަށް ފަހު އެންމެ ހަލުވި ދުވެއްޔެއްގައި ކުރިއަރައިގެން އައި އެއް ގައުމަކީ ޖަޕާނެވެ. އެމެރިކާ އިން ދިން ވަރުގަދަ އެޓޮމިކް ބޮމުގެ ދެ ހަމަލާގައި، މުޅި ގައުމު އިނދަޖެހި އިގްތިސާދު ފުނޑުފުނޑުވެ، އެންމެ ފަގީރު ގައުމުތަކުގެ ހާލަތަށް ވެއްޓުނެވެ.
އެ ހާލަތުން އަރައިގަތުމަށް ހިތްވަރާއެކު ކުރި ބުރަ މަސައްކަތުން، މިއަދު ޖަޕާނަކީ އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން އަދި ޓެކްނޮލޮޖީ އާއި އުފެއްދުންތެރިކަމުގައި ވެސް، އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. އަދި މިހާރުވެސް އެންމެ ހަލުވި ދުވެލީގައި ކުރިއަރަމުން އަންނަ އެއް ގައުމެވެ.
ނަމަވެސް ޖަޕާނުގެ ތަރައްގީ އާއި ކުރިއެރުމަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުން ކުޑައެއް ނޫނެވެ. އެއީ ގައުމުގެ އާބާދީ މުސްކުޅިވެ، އިގްތިސާދީ އިންޖީނުގެ ހަކަތަ ދަށަށް ދިއުމުގެ އަލާމާތްތައް ފެންނަން ފެށުމެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބިނާކޮށް އިއްޔެ ޖަޕާނުން ބުނި ގޮތުގައި އެ ގައުމުގެ މިހާރުގެ އާބާދީގެ 10 އިންސައްތަ އަށް ވުރެ ގިނަ މީހުންނަކީ އުމުރުން 80 އަހަރުގެ ނުވަތަ އެއަށް ވުރެ ދޮށީ އުމުރުގެ މީހުންނެވެ. މިއީ އެ ގައުމުގެ އާބާދީގެ އުމުރުފުރާތަކާ މެދު މީގެ އަހަރުތަކެއް ކުރިން ފެށިގެން ފާޅުކުރަމުން އައި ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭ ކަމުގެ ހެއްކެކެވެ.
ޖަޕާނުގައި ދޮށީ އުމުރު ފުރާ ކަމަށް ބަލަނީ، އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. ޖަޕާނުގެ މިނިސްޓްރީ އޮފް އިންޓާނަލް އެފެއާޒް އެންޑް ކޮމިޔުނިކޭޝަންސް އިން އިން ބުނި ގޮތުގައި އެ ގައުމުގެ އާބާދީގައި ހިމެނޭ ދޮށީ އުމުރުގެ އިންސައްތަ ވެސް މިހާރު ވަނީ ރެކޯޑް މިންވަރަކަށް މަތިވެފަ އެވެ.
ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖަޕާނުގެ ޖުމްލަ އާބާދީގައި ދޮށީ އުމުރުގެ މީހުން މިހާރު ހިމެނޭ ނިސްބަތަކީ 29.1 އިންސައްތަ އެވެ. މިއީ މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު ވެސް ރެކޯޑް މިންވަރެކެވެ. ޖަޕާނު ފިޔަވައި، ދޮށީ އުމުރުގެ މީހުންގެ ނިސްބަތް 29 އިންސައްތަ އަށް އަރާފައިވާ އެއްވެސް ގައުމެއް އަދި ނެތެވެ.
އާބާދީގެ ބޮޑު އިންސައްތައެއްގައި ނުރަ ޖަހައި، އަސާގަނޑުގެ އެހީގައި އުޅެން ޖެހިފައިވާ އިރު، ޖަޕާނުގެ އިގްތިސާދަށް ލިބިދާނެ ގެއްލުންތަކާ މެދު އެ ގައުމުގެ އިގްތިސާދީ ތަޖުރިބާކާރުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ޖަޕާނުން ތަހައްމަލު ކުރަންޖެހިފައިވާ "ރިހޭ ފައި"ގެ މައްޗަށް ވެއްޓުނު އަނެއް ފޮޔަކީ، އެ ގައުމުގެ އާބާދީ އިތުރުވަމުން އަންނަ ނިސްބަތް ދަށްވުމެވެ.
އާބާދީ މުސްކުޅިވަމުންދާ ނިސްބަތާއި މީހުން މަރުވާ ނިސްބަތަށް ވުރެ އާބާދީ އިތުރުވާ ނިސްބަތް ދަށްވުމަކީ، ގައުމުގެ މަސައްކަތު އާބާދީގެ އަދަދު ދަށްވާނެ ކަމެކެވެ. އޭގެ ނަތީޖާއަކަށް ވާނީ އިގްތިސާދީ ހަރަކާތްތަކުގައި ބައިވެރިވާ މީހުން މަދުވެ އިގްތިސާދީ ދުވެލި ދަށްވުމެވެ.
ޖަޕާނުގެ އާބާދީ ދަށަށް ދާން ފެށީ، ތަފާސްހިސާބުތައް ދައްކާ ގޮތުން، 1980ގެ އަހަރުތަކުގައި އެ ގައުމުގެ އިގްތިސާދަށް އައި ހަލުވި ދުވެއްޔާ ދާދި އެކުއެކީގަ އެވެ. ބިދޭސީ މަސައްކަތު މީހުން ނުގެންގުޅޭ ގައުމުތަކުގައި، އިގްތިސާދަށް ހަކަތަ ފޯރުކޮށްދޭ އާބާދީއެއް އޮތުމަށްޓަކައި، ދަރިމައިވާ ނިސްބަތް 2.1 އިންސައްތައިގައި ހުރުން ކޮންމެހެން ލާޒިމެވެ.
ނަމަވެސް 1980ގެ އަހަރުތަކުން ފެށިގެން ޖަޕާނުގެ ދަރިމައިވާ ނިސްބަތް ވަނީ 1.3 އިންސައްތަ އަށް ވެއްޓިފަ އެވެ. އޭގެ އިތުރުން އަހަރެއްގެ ތެރޭގައި މީހުން މަރުވާ އަދަދަށް ވުރެ، އަހަރެއްގެ ތެރޭގައި ކުދިން އުފަންވާ އަދަދު، ޖަޕާނުގައި ދަށަށް ދާން ފެށިތާ މިހާރު 10 އަހަރު ވެއްޖެ އެވެ.
މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު ވެސް، މީހުން ދިރި ތިބޭނެ ކަމަށް ލަވާ ކުރެވޭ އެވްރެޖް އުމުރު އެންމެ މަތީ ގައުމަކީ ވެސް ޖަޕާނެވެ. އެހެންކަމުން، ވިހާ މަރުވާ ނިސްބަތުގައި އެހާ ބޮޑު ފަރަގެއް ހުރުމުން، ޖަޕާނަށް ދެން ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ، އިގްތިސާދީ ހަރަކާތްތައް މަޑުޖެހި، މުސްކުޅި އާބާދީ އަށް ދައުލަތުން ކުރަންޖެހޭ ހޭދަ އިތުރުވުމެވެ.
މަސައްކަތު އާބާދީ ދަށަށް ދާ މައްސަލަ ހައްލު ކުރުމުގެ ގޮތުން، މީގެ އަހަރުތަކެއް ކުރިން ފެށިގެން ޖަޕާން ސަރުކާރުން އަންނަނީ، ތަފާތު އިނާޔަތްތައް ތައާރަފްކޮށް ވަޒީފާއެއް ނެތި ގޭގައި ތިބޭ އަންހެނުން މަސައްކަތު ދާއިރާ އަށް ނެރުމަށް ހިތްވަރު ދެމުންނެވެ. ނަމަވެސް އާބާދީ އިތުރުނުވާ މައްސަލައިގެ ދާއިމީ ހައްލަކަށް އެކަން ވެސް ނުވެ އެވެ.
ޖަޕާނު ސަރުކާރުން ފެށި އެ މަސައްކަތުގެ ނަތީޖާ ރަނގަޅެވެ. އެ ގައުމުގެ މަސައްކަތު އާބާދީގައި މުސްކުޅި އުމުރުގެ 9.12 މިލިއަން މީހުން މިވަގުތު ވެސް ހަރަކާތްތެރިވެ އެވެ. މަސްކަތު އާބާދީގައި ބައިވެރިވާ މުސްކުޅިން އަދަދު އަހަރުން އަހަރަށް މަތިވަމުން އަންނަތާ މިއީ 19 ވަނަ އަހަރެވެ.
އެ ގައުމުގެ ދާޚިލީ ވުޒާރާ އިން ބުނި ގޮތުގައި މިވަގުތު އެ ގައުމުގެ މަސައްކަތު އާބާދީގެ 13 އިންސައްތައަކީ އުމުރުން 65 އަހަރާއި 65 އަހަރުން މަތީގެ މީހުންނެވެ. ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކަށް ބަލާއިރު، ޖަޕާނަކީ މަސައްކަތު އާބާދީގެ އެވްރެޖް އުމުރުފުރާ އެންމެ މަތީ ގައުމެވެ.
މި މައްސަލަތަކަށް ރިއާޔަތްކޮށް ޖަޕާނުގެ ބޮޑުވަޒީރު ވިދާޅުވާ ގޮތުގައި ޖަޕާން މިހާރު އޮތީ އެ ގައުމުގެ އިގްތިސާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ. އެހެންކަމުން ސަރުކާރުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭ ސިޔާސަތަކީ، ދަރިން ހޯދުމަށް ބާރުއަޅައި އެކަމަށް އެހީތެރިވެދިނުމެވެ.
އިރުމަތީ އޭޝިޔާ އަށް ކުރިމަތިވެފައިވާ މި މައްސަލަ ދެން އެންމެ ބޮޑަށް ފެންނަން އޮތީ، ޗައިނާ އާއި ދެކުނު ކޮރެއާ އާއި ސިންގަޕޫރު އަދި ތައިވާނުންނެވެ. މުސްކުޅިންގެ އާބާދީ އިތުރުވެ، މަރުވާ ނިސްބަތަށް ވުރެ އުފަންވާ ނިސްބަތް ދަށްވެފައިވާތީ، ދަރިން ހޯދުމަށް ބާރުއެޅުމުގެ ސިޔާސަތުތަކެއް އެ ގައުމުތަކުގައި ވެސް މިހާރު ވަނީ ތައާރަފްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހި ޒުވާނުން
24 September 2023
ހުރިހާ ގައުމެއްގާ ވެސް ކުރަންވީ ކަމަކީ ދީނީ ޝަރުޢީ ގޮތުން ބޮޑު މީހަކަށްވީމާ އަަންހެން ކުދީންނާއި ފިރިހެން ކުރިން ކައިވެނިވާން ބޭނުން ނަމަ އެކަން ކުރެވޭގޮތް ހަދަންވީ އެކަމު ސްކޫލްތަކަށް ކިޔަވައި ނިމެންދެން އެނިޒާމުގައި ކުރިއަށްދެވޭ ގޮތަށް ވިހައިގެން އުޅޭ ދުވަސްކޮޅުގައި އޮންލައިންކޮށް ކިޔެވުން އޭރުން ދުނިޔޭގެ ޒުވާން އާބާދީ އެތައް ގުނައަކުން ހިސާހިތަކު ކުރިއަރައި އަންނާނެ. އޭރުން ކުށްކުރުމުގެ ނިސްބަތް އެތައްތަނުން މަދުވާނެ
ބަރުމާޕީސް
21 September 2023
ޖަޕާނަކީ ވަރަށް ތަރުތީބު ތަހުޒީބު އަދަބު އަހުލާގު ރިވެތި ގައުމެއް. އެކަމަކު ކިތަންމެ ހިކުމަތްތެރި ބަޔަކު ނަމަވެސް ދުނިޔޭގެ އުސޫލާއި ދެކޮޅު ނުކުރެވޭނެ ކަމެއް ނުކުރެވޭނެކަން މިކަމުން އިގެނީ. އާބާދީ ކޮންޓްރޯލް ކުރުން އަތަށްގޮވާފަ. ސިންގަޕޫރުގަ މިހާލު، ޔޫރަޕުގެ ބައެއް ގައުމުތަކުން އެލާމު އެބައަޅާ.
އިހު
20 September 2023
އުމުރުން ދުވަސްވީވަރަކަށް ޖެހުނު ބަލިތަކަށް ފަރުވާކޮށްގެން ހެޔޮ ސިއްހަތުގަ ހުރުމުގެ ވިސްނުން ނުގެންގުޅެ ބަލިޖެހުމުން އެކަމާ މާބޮޑަށް އަޅާނުލާ މީހުން އިހު އުޅުނު. އެމީހުން މަރުވެދިއައީ އެމީހުން އުމުރުދިގުވާން މާގިނަ މަސައްކަތެއް ނުކޮށް ތިބެ ގުދުރަތީ ނިޒާމުގެ ތެރެއިން މުސްކުޅިވެ ދުނިޔެއިން ދާންވީ އުމުރަށް އެޅީމަ. މިހާރު އޮންނަނީ ވެވުނު ގޮތަކަށް ގިނަދުވަހު މީހުން ދުނިޔޭގަ ބޭތިއްބުން. ކަމަކަށް ބަދަލުގެނައިމަ އެއާގުޅޭ އެހެން މައްސަލަތައް ނިކުންނާނެ
ހަސަން ބުޝްރީ
20 September 2023
ދުނިޔެއަށް ލޯނުހުޅުވޭ ވެރިޔަކު ރާއްޖޭގައި ވެރިކަންކުރިއިރު، ދޭތެރެދޫކުރަން މަޖުބޫރުކޮށް ދިވެހި އާބާދީ އިތުރުވާ މިންވަރު ދަށްކޮށްލިއެވެ. ނަތީޖާ ވަރަށް ހިތިއެވެ.
ބަކުންބޭ
20 September 2023
ހައްލަކީ އަންހެނުން ގެ އަސްލު ރޯލް އަށް ރުޖޫއަވުން އެއީ އާއިލާ ހޯދުމާ އާއިލާއަށް ދޭންޖެހޭ ސަމާލުކަންދީ، ދަރިން ބެލެހެއްޓުން، އަދި ދަރިން ތަރުބިއްޔަތު ކުރުން.
ހައްލުމީ
20 September 2023
ހައްލު އެންމެނަށްވެސް އެނގޭ. އެކަމަކު އެވާހަކަ ދައްކަން ޖެހިލުންވޭ.
ރާއްޖެވެސް
19 September 2023
ދިވެހިރާއްޖެވެސް ދަނީ މި މިސްރާބަށް. ލަސްނުކޮށް ހައްލަކަށް މަސައްކަތް ފަށަންޖެހޭ.
ސަލީމު އިދުރީސް
20 September 2023
ދިވެހިން އެމިސްރާބަކައް ނުދިއަސް ޒުވާނުއް މަސްތުވާތަކެތީގެ ވަބާގަ ޖެހެމުންދާ ބާރުމިނަކީ ނުރަވުމައްވުރެ ނުރައްކާކަމެއް!