ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފަރުވާ ހޯދަން ގޮސް ތިބި މީހުންތަކެއް--
23 ޑިސެމްބަރ 2023 - 19:14
ރާއްޖެ އިން ނައްތާލާފައިވާ ފައިލޭރިއާ ބަލި ޖެހިފައިވާ ބިދޭސީންތަކެއް ފެނުމާ ގުޅިގެން މިހާތަނަށް މާލެ އާއި ހދ. ކުޅުދުއްފުށިން 452 މީހަކު ޓެސްޓުކޮށްފައިވާ ކަމަށާއި އިތުރު މީހުން ޓެސްޓުކުރުމުގެ މަސައްކަތް މާލެ ސަރަހައްދުގައި ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
މިހާތަނަށް 26 ބިދޭސީއަކު ވަނީ ފައިލޭރިއާ އަށް ޕޮޒިޓިވްވެފަ އެވެ. އެއީ ކުޅުދުއްފުށިން ފެނުނު 25 މީހަކާއި ހުޅުމާލެ އިން އެކަކެވެ. ފައިލޭރިއާ ޖެހިފައިވާ އިންޑިއާގެ މީހަކު ހުޅުމާލެ އިން ފެނުނީ ފައިލޭރިއާ އަށް ސްކްރީން ކުރުމަށް އެޗްޕީއޭ އިން އިއްޔެ ހިންގި ޕްރޮގްމާރާމްގަ އެވެ.
ފައިލޭރިއާއަކީ ރާއްޖެ އިން ނައްތާލާފައިވާ ބައްޔެއް ކަމަށް ވިޔަސް ކުޅުދުއްފުށީގައި އުޅޭ އިންޑިއާ އާއި ބަންގްލަދޭޝްގެ ބައެއްގެ ފަރާތުން އެ ބަލި ފެނުނުއިރު، މެޑިކަލް ޗެކަޕް ހަދައިގެން ރާއްޖެ އަށް ބިދޭސީން އެތެރެވުން ވަނީ 2020 ވަނަ އަހަރުން ފެށިގެން ހުއްޓާލައިފަ އެވެ. އަދި ރާއްޖޭގައި ތިބޭ ބިދޭސީން މެޑިކަލް ޗެކަޕް ހެދުމުގެ ކަންތައްތަކަށް ވެސް މިދިޔަ އަހަރުތަކުގެ ތެރޭގައި އޮތީ ފަރުވާކުޑަ ކޮށްލައިފަ އެވެ. އެހެންވެ، މިއީ ސިއްހީ ދާއިރާގެ މީހުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެކެވެ.
ފައިލޭރިއާ އަށް ޕޮޒިޓިވް ބަޔަކު ފެނުމާ ގުޅިގެން މިހާރު ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި މިއަދު ބުނީ، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކަމާ ގުޅުން ހުރި ފަރާތްތައް ހިމެނޭ ޓާސްކް ފޯހެއް އެ ރަށު ރީޖަނަލް ހޮސްޕިޓަލުން އެކުލަވާލާފައިވާ ކަމަށެވެ. ހަމަ އެއާ އެކު، މާލޭގައި ހެލްތު އިމަޖެންސީ ކޯޑިނޭޝަން ކޮމިޓީއެއް އެކުލަވާލައި އެ ކޮމިޓީގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ފައިލޭރިއާ ޖެހިފައިވާ ބިދޭސީން ނިސްބަތް ވަނީ އެޗްޕީއޭ އިން ބުނިގޮތުގައި، އިންޑިއާގެ ބިހާރާއި އުއްތަރު ޕްރަދޭޝް އާއި ގޯޕާލްގަންޖާއި ޓެމިލްނާޑޫގެ އިތުރުން ބަންގްލަދޭޝްގެ ކުމިލާ ކިޔާ ސަރަހައްދަކަށެވެ.
ބަލި ފެނުނު ސަރަހައްދުތަކުން އަންނަ ބިދޭސީ މަސައްކަތްތެރިން ސްކްރީން ކުރާނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ. އަދި ޑަބްލިޔުއެޗްއޯގެ ލަފާގެ މަތިން މި ސަރަހައްދުތަކުން މިހާރު ރާއްޖެ އައިސް ތިބި ބިދޭސީންނަށް ހާއްސަ ކޮށްގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ބުންޏެވެ.
ފައިލޭރިއާ އަށް ޓެސްޓުކުރުމުގެ މަސައްކަތް މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އަދި ތިލަފުށީގެ އިތުރުން ކުޅުދުއްފުށީގައި މިހާރު ފަށާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. ޓެސްޓުކުރުމަށް ބޭނުންވާ އިތުރު ޓެސްޓު ކިޓުތައް ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާއެކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
އެޗްޕީއޭއިން ބުނިގޮތުގައި، ފައިލޭރިއާއަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ބައްޔަކަށް ވާތީ މަދިރި ކޮންޓްރޯލް ކުރުމާއި ހޭލުންތެރިކުރުމުގެ މަސައްކަތްތައް ވެސް އަންނަނީ ކުރަމުންނެވެ.
އެ އިދާރާ އިން ބުނީ، މިހާތަނަށް ފައިލޭރިއާ އަށް ޕޮޒިޓިވް ވި ބިދޭސީން ނިސްބަތް ވަނީ އިންޑިއާ އާއި ބަންގްލަދޭޝް އަށް ކަމަށެވެ. އެއީ ފައިލޭރިއާ އާންމުކޮށް ފެންނަ "އެންޑެމިކް" ގައުމުތައް ކަން އެ އިދާރާ އިން ފާހަގަކުރި އެވެ. ފައިލޭރިއާ ޖެހިފައިވާ ބިދޭސީން ނިސްބަތް ވަނީ އެޗްޕީއޭ އިން ބުނިގޮތުގައި، އިންޑިއާގެ ބިހާރާއި އުއްތަރު ޕްރަދޭޝް އާއި ގޯޕާލްގަންޖާއި ޓެމިލްނާޑޫގެ އިތުރުން ބަންގްލަދޭޝްގެ ކުމިލާ ކިޔާ ސަރަހައްދަކަށެވެ.
ފައިލޭރިއާ ޖެހެނީ، ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީއާއިންނެވެ. ފައިލޭރިއާ ޖެހިފައިވާ މީހެއްގެ ގައިން ކިއުލެކްސް މަދިރި ލޭ ބުއިމަށް ފަހު، އެހެން މީހެއްގެ ގައިގައި ހަމަ އެ މަދިރި ހަފައިފި ނަމަ ފައިލޭރިއާ ޖެހުމަށް ފުރުސަތު ބޮޑުވާނެ އެވެ. އެކަމަކު، އެންމެ ފަހަރަކު މަދިރި ހެފިއަސް ފައިލޭރިއާ ނުޖެހިދާނެ އެވެ.
އެ ބަލި ޖެހުމަށް ފަހު އެތައް ދުވަހެއް ވަންދެން އަލާމާތެއް ނުފެނި ހުރެދާނެ އެވެ. އެކަމަކު ދިގު މުއްދަތަކަށް ފަހު ހަށިގަނޑުގެ އެކި ބައިތައް ދުޅަވުމާއި ހަންގަނޑު ބޯވުން ފަދަ އަލާމާތްތައް ފެންނާނެ އެވެ. ފައިލޭރިއާގެ އެންމެ އާއްމު އަލާމާތަކީ ފައި ދުޅަވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުއިއްޒު
24 December 2023
އަވަސް ފިޔަވަޅެއްގެ ގޮތުން މެޑިކަލް ހަދައިގެން ނޫނީ ރާއްޖެ ނާދެވޭގޮތަށް ހަދަންޖެހޭ. އަދި އައިމާވެސް މެޑިކަލް ރާއްޖޭގެ ހޮސްޕިޓަލަކުން ހަދައި ނަތީޖާލިބި ޑޮކްޓަރަކު އެޕްރޫވަލް ދިނީމަ ނޫނީ އެމީހަކު އާއްމުންގެ ތެރެއަށް ނެރުމުގެ ހުއްދަ ނުދިނުމަށް އިލްތިމާސް ކުރަން
ފެންނަގޮތް
24 December 2023
ސައްކުވާ މީހުން ޓެސްޓްކޮށް ޖެހިފައިވާ މީހުން ކަރަންޓީނުކޮށް، ނުވަތަށް ބިދޭސީއެއްނަމަ ހަމަތަކުގެ މަތީން ނިސްބަތްވާ ގައުމަށް ފޮނުވުން އަވަސް ކުރަންޖެހޭ. އަދި ފެތުރުން ހުއްޓުވުމަށް ގައުމީ ފެންވަރުގައި މަދިރި އާލާވާތަން ނައްތާލަން އަވަސްކުރަން ޖެހޭ.. މިކަންކަމުގެ މައުލޫމާތޫ ސާފުކޮށް ބަރާބަރަށް ދިނުން މުހިންމު..އާމުންގެ ތެރޭގައިވާ މިހާރު ނުތަނަވަސްކަން އުފެދޭއިރު ފުރިހަމަ މައުލޫމާތު އަވަހަށް ދިނުން މުހިންމުކަމަށް ފެނޭ..
އައްބެ
23 December 2023
ގޮތެއް ފޮތެއް ނުބަލާ މެޑިކަލް ނުހައްދާ އިންޑިޔާ މީހުން އެތެރެކުރުމުގެ ނަތީޖާ.
ދޯޕައްޓާ
23 December 2023
ބިދޭސީންނަށް ހާއްސަ ފިޔަވަޅު އަޅަނީ އަދިވެސް.