ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ: އޭނާ ވިދާޅުވެފައިވާ ގޮތުގައި ފަނޑިޔާރުންނާ މެދު ގޮތް ނިންމާފައިވަނީ ގާނޫނާ ހިލާފަށް
13 މެއި 2025 - 16:40
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ މައްސަލައެެއް ބަލާފައިވަނީ އިޖުރާއަތްތައް ފުރިހަމަނުކޮށް، ގާނޫނާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ. އެއީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި ވަނީ ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމީ ރަނގަޅަށް ކަމަށް ނިންމައި، އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފަ އެވެ.
އެގޮތަށް ކޮމިޓީން ފާސްކުރި ރިޕޯޓަށް ކައުންސެލް ޖެނެރަލް ފިލްޒާ ދެއްވި ލަފާގައި ފިލްޒާ ވިދާޅުވީ، ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖޭއެސްސީން ބެލީ އާންމު ފަރާތަކުން ސިޓީއަކުން ހުށަހެޅި ސުލޫކީ މައްސަލައެއް ކަން އެނގޭ ކަމަށާއި ގާނޫނުގައިވާ ގޮތުން އެފަދަ މައްސަލައެއް ކޮމިޝަނުން ބަލާނެތޯ ކަނޑައަޅަން ފޮނުވާން ޖެހެނީ ތިން މެންބަރުންގެ މައްޗަށް އެކުލެވޭ މައްސަލަ ބަލާ ކޮމިޓީއަށް ކަމަށެވެ.
ނަމަވެސް، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނާ ގުޅޭ މައްސަލަ އެ ކޮމިޓީއަށް ފޮނުވާފައެއް ނުވެ އެވެ. އޭގެ ބަދަލުގައި މައްސަލަ ކޮމިޝަނަށް ހުށަހެޅީ އެ ކޮމިޝަންގެ ރައީސް އަދި މާފުށި ދާއިރާގެ މެމްބަރު ހުސައިން ރިޒާގެ ފަރާތުންނެވެ. އެ މައްސަލަ ބެލުމަށް ކޮމިޝަނުން ނިންމި ނަމަވެސް، ފިލްޒާ ވިދާޅުވި ގޮތުގައި އެއީ ގާނޫނުގައި އިޖުރާއަތް އޮތް ގޮތެއް ނޫނެވެ.
ޖޭއެސްސީ އަށް އަމިއްލަ މީހަކު ސިޓީއަކުން ހުށަހެޅި މައްސަލައެއް ނަމަވެސް، އެ ކޮމިޝަނުން ބުނެފައިވަނީ އެ މައްސަލަ ބަލަން ނިންމީ އަމިއްލަ އިސްނެގުމުގެ މަތިން ކަމަށެވެ. އެހެން އެ ކޮމިޝަނުން ބުނާ ސަބަބަކީ ކޮމިޝަންގެ ރައީސަށް ލިބުނު ސިޓީއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު، އެ މައްސަލަ ބެލުމާ މެދު ކޮމިޝަނުން ގޮތެއް ނިންމާފައިވާތީ އެވެ.
ޖޭއެސްސީން ބުނާ ގޮތަށް އެއީ އަމިއްލަ އިސްނެގުމަށް ބަލަން ފެށި މައްސަލައެއް ކަމަށް ބަހުސުގެ ބޭނުމަށް ބުނި ނަމަވެސް، ފިލްޒާ ވިދާޅުވި ގޮތުގައި ސިޓީއާ ގުޅިގެން އަމަލުކުރަން ޖެހޭނެ ގޮތަކީ އެ ސިޓީގައިވާ މައްސަލަ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ ސަމާލު ކަމަށް ގެނެސް، އެކަމެއް ތަހުގީގު ކުރުމާ މެދު ގޮތެއް ނިންމުމަށް މައްސަލަ ބަލާ ކޮމިޓީ އަށް ސެކްރެޓަރީ ޖެނެރަލް ފޮނުވުމެވެ. ޖޭއެސްސީގެ ގާނޫނުގެ 22 ވަނަ މާއްދާ އާއި 51 ވަނަ މާއްދާގައި އޮތީ އެ އިޖުރާއަތް ކަން ފިލްޒާ ފާހަގަކުރެއްވި އެވެ.
"...އެހެންކަމުން ކޮންމެ ގޮތަކުން ކުރެ ގޮތަކަށް ކޮމިޝަނަށް އެ މައްސަލަ ހުށަހެޅުނު ކަމުގައި ބެލި ނަމަވެސް، އެ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީން ކަން ސާފު،" ފިލްޒާ ވިދާޅުވި އެވެ.
ފިލްޒާ ވިދާޅުވީ ފަނޑިޔާރުންނާ ގުޅޭ ގޮތުން ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބެލުމާ މެދު ގޮތެއް ކަނޑައެޅުމުގައި އެކި މައްސަލަތަކުގައި އެކި ގޮތަށް އަމަލުކޮށް، ގާނޫނުއަސާސީ އާއި ގާނޫނުން ކަށަވަރު ކޮށްދީފައިވާ އެންމެންނަށް އެއް ހަމައަކުން އަމަލުކުރުމުގެ އުސޫލާ ޖޭއެސްސީން ހިލާފު ވެފައިވާ ކަމަށެވެ.
"... އަދި ގާނޫނުގައި ވަކި ކަމަކަށް ވަކި އިޖުރާއަތެއް ކަނޑައަޅާފައިވަނިކޮށް، އެ އިޖުރާއަތަށް އަމަލު ނުކުރުމަކީ ކޮމިޝަނަށް ލިބިގެންވާ އިހްތިޔާރެއް ނޫން،" ފިލްޒާ ވިދާޅުވި އެވެ.
އެހެންވެ، ފިލްޒާ ޖުޑިޝަރީ ކޮމިޓީއަށް ލަފާ ދެއްވީ ދެ ފަނޑިޔާރުންނާ ގުޅޭ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމުމުގައި ޖޭއެސްސީން އަމަލު ކޮށްފައިވަނީ އެ ކޮމިޝަންގެ ގާނޫނުގައި ބަޔާންކުރާ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީގެ ދައުރެއް ނެތި، އެ އިޖުރާއަތު ފުރިހަމަނުކޮށް ކަމަށެވެ.
ފިލްޒާގެ މި ލަފާ ލިބުމާ އެކު ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް މިއަދު މެންދުރުފަހު ބޭއްވި އެވެ. އެ ބައްދަލުވުލުމުގައި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ހުށަހެޅުއްވީ ކޮމިޓީގެ ނިންމުމަށް ބަދަލު ނުގެނެސް، ފިލްޒާގެ ލަފާއާ އެކު ކޮމިޓީގެ ރިޕޯޓް ތަޅުމަށް ފޮނުވުމަށެވެ. އެ ހުށަހެޅުމަށް ކޮމިޓީގައި ތިއްބެވި ޕީއެންސީގެ ނިސްބަތްވާ ހަ މެންބަރުން ވޯޓު ދެއްވި އެވެ.
ވޯޓު ނުދެއްވީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ނާޒިލް އެކަންޏެވެ. ނާޒިލް ހުށަހެޅުއްވީ ފިލްޒާގެ ލަފާ އެ ކޮމިޓީން ދިރާސާ ކުރުމަށެވެ. އަދި އެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ޖުޑިޝަރީ ކޮމިޓީން ގޮތެއް ނިންމުމަށެވެ. ނަމަވެސް، އެ ހުށަހެޅުމަށް ތާއީދެއް ނުލިބުނެވެ.
ސުލޫކީ މައްސަލަ ބަލާފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ، އެކަމާ ގުޅޭ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ދެއްވުމަށް ދެ ފަނޑިޔާރުން ވެސް ވަނީ އެދިވަޑައިގެންފި އެވެ. އަދި ކަންބޮޑުވުންތައް ހިއްސާކުރަން ބާ ކައުންސިލުން ވެސް ވަނީ ކޮމިޓީ އަށް ހާޒިރުވުމުގެ ފުރުސަތަކަށް އެދިފަ އެވެ. ނަމަވެސް، ކޮމިޓީން އެ ފުރުސަތު ދީފައެއް ނުވެ އެވެ.
ޖޭއެސްސީގެ ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީން ނިންމި އެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިރުހަމް
14 May 2025
މިދިޔަ ވެރިކަމުގައި ސްޕްރީމް ކޯޓުގެ 5 ފަނޑިޔާރުން ވަކިކޮށް އެއްލާލި އިރު ކަމަނާ ބްރޭކް ގަޑީގައިތޯ؟
ސަލާމަތް
14 May 2025
މިހުރިހާ ކަމަކުން އިނގޭ އެކެއްޗަކީ ފަޑިޔާރުންގެ މައްސަލަ އެބައޮތްކަން. އިޖުރާތާ ހިލާފުވީމަ ގާނޫނުގައިވާ ބާގަނޑުން ސަލާމަތްވާން އުޅޭކަން
އެމްސް
14 May 2025
އެއީ ކަންކަން އަވަސްކުރަންވެގެން ކަމަށްވެސް ވެދާނެއެވެ! އެހެނީ ކޯޓަކަަށް މައްސަލައެއް ލައިފިއްޔާ އެއީ އެތަކެއް އަހަރެކެވެ!
ޝަޖޫ
14 May 2025
އެހެން ގައުމު ތަކުގަ އުއްތަމަ ފަނޑިޔާރުންނަކީ ހާދަ ބަސް ބުނާ އެކްޓިވް މީހުންނޭ. މިތާ މިހުންނަ މީހާ ވައްކަން ނުކުރިޔަސް އަހުލާގު ރަނގަޅަސް ވަރަށް ފިނޑި ލޮނުމަޑު މީހެއް މީ. މިވަރުގެ ކަންތައްތައް ހިނގާއިރު ބަސް ނުބުނެ ހުރީމާ ހިސްޓްރީ މުއުތަސިމް ޖަޖް ކުރާނީ ވަރަށް ހަޑިކޮށް. ރައްޔިތުންގެ މަޖްލިސްގެ ކައުންސެލަ ޖެނެރަލް މިއޮތީ އުއްތަމަ ފަނޑިޔާރަށްވުރެ ކެރިހުރެ ހައްގު ބަސް ބުނެފަ. ސާބަސް!
ކޮރަލް
14 May 2025
ފިޒްލާ މަގާމުން ވަކި ކުރުން ލަސް ވެއްޖެ އެވެ. ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމުގެ ފުރުސަތު ދޭނެ ކަމެއް ނެތެވެ.
އެެމްސް
14 May 2025
ސަރުކާރަކަށްވުރެ ބޮޑީ ޤައުމު އެވެ!
ފަރަންޖީ
14 May 2025
ކޮބާ ނެތްތަ މިމަންޖެގެ ސުލޫކީ މައްސަލައެއް ކައްކާ ލެވޭކަށް؟
ސުލޫކީ
14 May 2025
ނިމިދިޔަ ސަރުކާރައް ވުރެން ބޮޑަކައް ސުލޫކީ މައްސަލައެއް ނުކެއްކޭނެ
ޗަކް
14 May 2025
ޖޭއެސްސީން މައްސަލަ ބަލާގޮތުގެ މައްޗަށް މީނަ ވާހަކަ ދައްކާކަށް ނުޖެހޭނެ. މިއީ އަނދުން ހުސައިންގެ ކޮއްކޮ އެއް. މިސަރުކާރުގައި އަނގައިން ބުނަން ތިބެނޫ މިވައްތަރުގެ މީހުން. ޢެމްޑީޕީގެ ވެރިކަމެއްނަމަ ފިކުރާ ތަފާތު އެކަކުވެސް ނުބަހައްޓާނެ ބަސްބުނެވޭ ފެންވަރެއްގައި.
އެމްސް
14 May 2025
މިއީ ހުރިހާ ދިވެހީންގެވެސް ޤައުމެވެ! ޢަދުލު އިންސާފަށް މި ޤައުމުގަ އޮތް 1 ހުރަހަކީ ނަސްލީތަފާތުކުރުމާއި ޒާތީ ތަޢައްސުބެވެ!
އުއްތަމަ އުސްތާޛް
14 May 2025
ފިލްޒާގެ ދުވަހެއް ނުދާނެ. ތިޔަކަހަލަ ފިނޑި ވިސްނުން ހުންނާތީއޭ މައްސަލައަކީ. ސާބަހާ އައްސަރިބަސް ފިލްޒާއަށް ރައްދުކުރަން.
މަޖްލިސް
14 May 2025
ފިލްޒާ އަކީ ގަދަ މީހެއް. މޫނަކަށް ކަނދުރާއަކަށް ނުބަލާ ހައްގު ބަސް ބުނޭ އަބަދުވެސް.
މުހައްމަދު..
14 May 2025
ޖޭ.އެސް.ސީ ގެ ރައީސް ގާނޫނާއި ޚިލާފަށް އަމަލުކޮށްފައިވާކަން ސާބިތުވާތީ އޭނާގެ ސުލޫކީ މައްސަލަ ބަލާ ކަމިޝަންގެ މެމްބަރު ކަމުންނާއި މަޖުލިސް މެމްބަރު ކަމުން ދުރުކުރަންޖެހޭ.