ލަންކާގައި ފެން ބޮޑުވެފައިވާ މަގަކުން ބަޔަކު ހިނގާފައި ދަނީ: އެ ގައުމަށް ތޫފާނުގައިވި ގެއްލުންތަކުން އަރައިގަތުމުގައި އެހީވުމަށް ދިވެހި ސިފައިންނާއި ފުލުހުން ވަނީ ގިނަ އަދަދެއްގެ ފައިސާ ހަދިޔާކޮށްފައި. -- ފޮޓޯ: އޭއެފްޕީ
01 ޑިސެމްބަރ 2025 - 15:38
ސްރީ ލަންކާއަށް އެރި ތޫފާނުގައި އެ ގައުމަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ދިވެހިންގެ ފަރާތުން އެހީވުމަށް ކުރިއަށް ގެންދިޔަ "ސިލޯނާ އެކު ދިވެހިން" ޓެލެތޯނަށް ސިފައިންނާއި ފުލުހުންގެ ފަރާތުން ތިން މިލިއަން ރުފިޔާ ހަދިޔާކޮށްފި އެވެ.
މި ޓެލެތޯނަށް އެންމެ ބޮޑު އެހީތެރިކަމެއް ދިނީ ދިވެހި ފުލުހުންގެ ފަރާތުންނެވެ. ޖުމްލަ 2.4 މިލިއަން ރުފިޔާ އެ އިދާރާ އިން ވަނީ ލަންކާއަށް އެހީވާން ހަދިޔާކޮށްފަ އެވެ. މިއީ އެއް އިދާރާއަކުން ދިން އެންމެ ބޮޑު އެހީތެރިކަމެވެ.
ޓެލެތޯނަށް ދެވަނައަށް އެންމެ ބޮޑު އެހީތެރިކަމެއްވީ ސިފައިންނެވެ. އެ އިދާރާ އިން ވަނީ އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފަ އެވެ.
ޕީއެސްއެމުން އިންތިޒާމުކޮށްގެން ރާއްޖޭގެ ބައެއް މީޑިއާތަކާ ގުޅިގެން ކުރިއަށްގެންދިޔަ ޓެލެތޯނުގައި މިހާތަނަށް ޖުމްލަ 11 މިލިއަން ރުފިޔާ އާއި 43،631.31 ޑޮލަރު ވަނީ އެކައުންޓުތަކަށް ލިބިފަ އެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓި ވޯޓު ފޮށިތަކަށް ލިބުނު ފައިސާ ވެސް މިހާރު އަންނަނީ ގުނަމުންނެވެ.
އިއްޔެ ހެނދުނު 9:00 ގައި ފެށި އެ ޓެލެތޯން އެންމެ ފުރަތަމަ ކުރިއަށް ގެންދަން ނިންމީ ރޭ މެންދަމު 1:00 އާ ހަމައަށެވެ. އެކަމަކު ޓެލެތޯނުގެ ވަގުތު ދަންމާލައި މިއަދު މެންދުރު ފަހު 2:00 އާ ހަމައަށް ކުރިއަށް ގެންދިޔަ އެވެ.
ސިފައިންގެ ފަރާތުން ލަންކާއަށް އެހީވުމަށް އެއް މިލިއަން ރުފިޔާ ރަމްޒީކޮށް ހަވާލުކުރަނީ
ޕީއެސްއެމުން އެ ޓެލެތޯން ބާއްވަން ނިންމީ ލަންކާ އަކީ ޒަމާނުއްސުރެ ދިވެހިންނާ އެންމެ ގާތް ގުޅުން އޮންނަ، އެންމެ ކަރިރީގައި އޮތް އަވައްޓެރި ގައުމު ކަމަށް ވާތީ ދިވެހިންގެ ފަރާތުން ދެވެން އޮތް އެހީތެރިކަމެއް ދިނުމުގެ ގޮތުންނެވެ. ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ގައުމެކެވެ.
ތޫފާނުގައި ލަންކާއަށް ލިބުނު ގެއްލުންތަކާ ގުޅިގެން ދިވެހި ސަރުކާރުން ވެސް ވަނީ 50،000 ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާކުރަން ނިންމައިފި އެވެ.
ތޫފާން ދީތުވާގެ ސަބަބުން ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާތެރި ހާދިސާތަކުގައި އެ ގައުމުން މަރުވި މީހުންގެ އަދަދު 355 މީހަކު މަރުވެ، 366 މީހަކު ގެއްލިފައިވާކަން މިހާތަނަށް ވަނީ ކަށަވަރުވެފަ އވެ. ގަދަވަޔާ އެކު ވެހުނު ބޯވާރޭގައި ލިބުނު ބޮޑު ގެއްލުމުގެ ސަބަބުން ލަންކާގައި ކުއްލި ނުރައްކާތެރިކަމުގެ ހާލަތު ވެސް ވަނީ އިއުލާނުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަޓް އަ..
02 December 2025
ބުނެވެސް ނުލާ އެންމެންގެ މުސާރައިން ކަނޑާފަ އެދިނީ.. ދިނުން މައްސަލައެއްނޫން އެކަމް އަހާލަންވާނެދޯ
ބެރިއަކްޓަރ
02 December 2025
ސިފައިންނާ ފުލުހުންގެ ނަމުގެ ދައުލަތުގެ ހަރަދުން ތޯ، ނޫނީ އެމީހުންގެ އަމިއްލަ ޖީބުންތޯ
ކެކެކެ
01 December 2025
48 ގަޑިއިރު ތެރޭ 100 ވެހިކަލް ޓޯވ ކުރީ މިކަމަށްދޯ! ވެންމަސް ވެނަށް
ޢަލީ 1
02 December 2025
މަވައްޒަފުންގެ މުސާރައިންދިނީ… ވާނުވާ ނޭނގުނަސް ފިތުނައެއް އުފެއްދޭތޯ ތިބޭފުޅުން ބަލަންވާނެ
ކަމެކޭމީ
01 December 2025
އެއީ އަދި ވަކި ބައެއްތަ؟ ދިވެހިން ކަމަށް މި ހީކުރީ މިހުރިހާ ދުވަހު.
ހެހެމެ
01 December 2025
ތިޔަކަހަލަ މަރުމޯލުންނަށް ވާނުވާ އެއް ނޭނގޭނެ. އަބަދު ހީކުރީއެއްގެ އުޅޭނީ. !!
ދޮންތުއްތު
02 December 2025
ސޮދަގާތް ކުރީ ވެކިކަލްތައް ޓޯ ކޮށްގެނޯ