މުނިފޫހިފިލުވުން / ބޮލީވުޑް

އެކްޝޭގެ ކޮއްކޮގެ ދަރިފުޅު ވެސް ބޮލީވުޑަށް

އެކްޝޭ ކުމާރްގެ ކޮއްކޮ އަލްކާ ބާޓީއާގެ ދަރިފުޅު ސިމަރް ބާޓިއާ.

05 ޑިސެމްބަރ 2025 - 06:26

އެކްޝޭ ކުމާރްގެ ކޮއްކޮ އަލްކާ ބާޓީއާގެ ދަރިފުޅު ސިމަރް ބާޓިއާ ބޮލީވުޑަށް ތައާރަފުވާތީ އެކަމަށް އޭނާ މަރުހަބާ ކިޔައިފި އެވެ.

ސިމަރް ބޮލީވުޑަށް ތައާރަފުވަނީ މި މަހު 25 ގައި ރިލީޒްކުރާ ހަނގުރާމަ މަތީ ފިލްމު "އިއްކިސް" އިންނެވެ. އެއީ ބޮލީވުޑްގެ އާ އެކްޓަރު އަދި ސުޕަސްޓާރު އަަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތިޔަ ނަންދާގެ ދެވަނަ ފިލްމެވެ. އެ ފިލްމުގައި ސިމަރް ކުޅުނީ އަގަސްތިޔަގެ ލޯބިވެރިޔާގެ ރޯލެވެ.

"އިއްކިސް"ގައި އަގަސްތިޔަ އާއި ސިމަރް ފެންނަ ލަވައެއް މި ނިމުނު ހަފުތާގައި އާންމުކޮށްފައިވެ އެވެ.

ސިމަރް ބޮލީވުޑަށް ތައާރަފުވާތީ އެކަމަށް މަރުހަބާ ކިޔާ އަކްޝޭ ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް އިއްޔެ ކޮށްފަ އެވެ.

އަކްޝޭ ބުނީ ސިމަރް ފިލްމީ ދާއިރާއަށް ނުކުތުމުން ވަރަށް އުފާކުރާ ކަމަށާއި ކުޑައިރު އެހާ ލަދުރަކިކޮށް އުޅުނު ކުއްޖަކު މިއަދު ކެމެރާގެ ކުރިމަތީގައި މަސައްކަތްކުރުމަކީ އޭނާގެ ވަރަށް ހިތްވަރު ހުރިކަން ސާބިތުކޮށްދޭ ކަމެއް ކަމަށެވެ.

ސިމަރް އަށް ހިތްވަރުދިނުމުގެ ގޮތުން އަކްޝޭ ބުނީ މިއީ އުޅެން ވަރަށް އުނދަގޫ ދާއިރާއެއް ކަމަށާއި އެކަމަކު އޭނާއަށް މިކަން ވާނެ ކަމާ މެދުގައި ޝައްކު ނުކުރާ ކަމަށެވެ. އޭނާއާ މެދުގައި ވަރަށް ފަހުރުވެރިވާ ކަމަށް ވެސް އަކްޝޭ ބުންޏެވެ.

ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް މެޑޮކް ފިލްމްސް އިން ގެނެސްދޭ ހަނގުރާމަ މަތީ ފިލްމު "އިއްކިސް"އަކީ މިދިޔަ މަހު މަރުވި ބޮލީވުޑްގެ ލެޖެންޑް ދަރްމެންދުރަ އެންމެފަހުން ކުޅުނު ފިލްމު ވެސް މެ އެވެ.

އެ ފިލްމުގައި އަގަސްތިޔަ ކުޅެނީ އިންޑިއާގެ އަސްކަރިއްޔާގެ ސެކަންޑް ލުޓެނެންޓް އަރުން ކެތަރުޕަލްގެ ރޯލެވެ. އަރުންއަކީ އިންޑިއާގެ އަސްކަރިއްޔާއިން ދޭ އެންމެ މަތީ ޝަރަފުގެ އެވޯޑް ކަމަށްވާ ޕަރަމް ވީ ޗަކްރާ އެންމެ ހަގު އުމުރުގައި ލިބުނު ސިފައިންގެ މީހާ އެވެ. އޭނާއަށް އެ އެވޯޑް ލިބުނީ 21 އަހަރުގަ އެވެ.

އަގަސްތިޔައަކީ އަމީތާބްގެ ދޮށީ ދަރިފުޅު ޝްވެތާ ބައްޗަން ނަންދާގެ ހަގު ދަރިފުޅެވެ. ޝްވެތާގެ ފިރިމީހާ ނިކިލް ނަންދާއަކީ ބޮލީވުޑްގެ ކުރީގެ ލެޖެންޑް ރާޖް ކަޕޫރުގެ ދަރިފުޅު ރީތޫ ނަންދާ ދަރިއެކެވެ. އެހެންކަމުން، އަގަސްތިޔައަކީ ރާޖް ކަޕޫރަށް މުނިކާފަ ކިޔާ ކުއްޖެކެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމުގައި ދައްކާނީ އަރުންގެ ސިފައިންގެ ތެރެއަށް ވަތް ހިސާބުން އޭނާގެ ދިރިއުޅުމުގައި ހިނގާފައިވާ ކަންކަމެވެ.

އަގަސްތިޔަ ބޮލީވުޑަށް ތައާރަފުވީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން "ދި އާޗީސް" އިންނެވެ. އެ ފިލްމަށް މާ ބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް، އަގަސްތިޔަގެ އެކްޓިންނަށް ތައުރީފު ލިބިފައިވެ އެވެ.

"އިއްކިސް" ޑައިރެކްޓުކުރީ "ބަދުލާޕޫރް" އާއި "އަންދާދުން" އަދި "މެރީ ކްރިސްމަސް" ކަހަލަ ފިލްމުތައް ގެނެސްދީފައިވާ ސްރީރާމް ރާގަވަން އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454