ހަތަރު މީހެއްގެ އެކައުންޓުން މިދިޔަ ފަސް އަހަރު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފައިވޭ.
އައްޑޫ ހިތަދޫގެ ޑްރަގް ބޮޑުން
05 ޑިސެމްބަރ 2025 - 01:14
އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މައްސަލާގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން ދެންމެ އާންމުކޮށްފި އެވެ.
އެއީ:
1- އަލީ ނަދީމް، 30، ކޮންމުލި، ސ. ހިތަދޫ
2- ހާފިޒު ފައުޒީ، 31، ފަލާހް، ސ. ހިތަދޫ
3- އިބްރާހިމް ސިރާޖު، 43، ވެޔޮފެހެބުރުގެ، ސ. ހިތަދޫ
4- ހަސަން އަލްފާފް، 28، ދޮރުފޮތިމާގެ، ސ. ހިތަދޫ
5- އަމީން މުހައްމަދު، 23، ކެކުރިމާގެ، ސ. ހިތަދޫ
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ނަދީމާއި ހާފިޒު އަދި ސިރާޖު ތަހުގީގު ބޭނުމަށް 30 ދުވަހަށް ބަންދުކުރަން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަލްފާފާއި އަމީން ބަންދުގައި ބަހައްޓަން ކޯޓުން ދިނީ އެންމެ ފަސް ދުވަހެވެ.
އެ އެންމެންނަކީ ވެސް ހިތަދޫ "މައިލޯ" ގުރޫޕަށް ނިސްބަތްވާ މީހުން ކަމަށް ވާއިރު އެންމެ އިސް މީހަކީ ނަދީމް ކަމަށް ވެ އެވެ.
ފުލުހުން ބުނީ، އެ ފަސް މީހުން ހިމެނޭ "ނެޓްވޯކް" ގެ މީހުންނަށް އަމާޒު ކޮށްގެން މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގު ފެށީ މި އަހަރުގެ މާޗު މަހުން ފެށިގެން ކަމަށެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން އެ "ނެޓްވޯކް" ގެ މީހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަން ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން ހިތަދޫގެ މި ޑްރަގް ނެޓްވޯކްގެ ހަތަރު މީހެއްގެ އެކައުންޓުގައި މިދިޔަ ފަސް އަހަރު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި އައްޑޫގެ ޑްރަގް ބޮޑުން ހައްޔަރުކުރީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް މިދިޔަ މަހު ފެށި "އޮޕަރޭޝަން އަލިމަގު" ގެ ދަށުންނެވެ.
އެ އޮޕަރޭޝަން ބޮޑަށް އަމާޒު ކޮށްފައި ވަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރީގައި އެންމެ އިސްކޮށް އުޅޭ މީހުންނަށެވެ.
"ރާއްޖޭގައި މި ވިޔަފާރިކުރާ ފަރާތްތަކަށް މިކަން ހުއްޓާލުމަށް ތަކުރާރުކޮށް އިންޒާރުދީ ނަސޭހަތްތެރިވަން. ފުލުހުންގެ ތަހުގީގު އެ މީހަކާ ހިސާބަށް ފޯރުމުން އެކަކަށް ވެސް އިތުރު ރަހުމެއް ހަމްދަރުދީއެއް އިސްތިސްނާއެއް ނޯންނާނެ! ހަމައެކަނި އޮންނާނީ ހަރުކަށި ގާނޫނީ ފިޔަވަޅު،" ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައި ވެ އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުން އިއްތިފާގުވާ ހާލަތުގައި އެ އަދަބު ކަނޑައެޅޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ވެސް ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ވަނީ ފާސްކޮށްފަ އެވެ.
އެ ބިލުގައިވާ ގޮތުން ދެ ޝަރުތެއް ފުރިހަމަވާ ނަމަ އެ މީހެއްގެ މައްޗަށް މަރުގެ އަދަބު އިއްވަން ޖެހޭނެ އެވެ. އެއީ އެ މީހަކު އެތެރެކުރި މަސްތުވާކެތީގެ ބާވަތަށް ބަލައި ވަކި ބަރުދަނެއް ހަމަވާ ނަމަ އަދި އެ މީހަކު ރާއްޖެއަށް އެތެރެކުރި މަސްތުވާއެއްޗަކީ، އެ މީހަކު އެތެރެވި އިރު އެތެރެކުރި އެއްޗަކަށްވާ ނަމަ އެވެ.
މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ކަނޑައަޅާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ ގޮތުގައި އޮންނަ 25 އަހަރުގެ އަދަބު އުވާލައި، އެ މީހަކު މަރުވަންދެން ޖަލުގައި ހުންނަން ޖެހޭ ގޮތަށް ބަދަލުކުރަން ވެސް އެ ބިލްގައި ވަނީ ހިމަނައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކާރކް
05 December 2025
އައްޑޫ ސިޓީ ގެ މާފިޔާ ބޮޑުން ހިފާ ހައްޔަރުކުރުން މުހިއްމު. އެންމެން ގޮޅިއަކަށްލާ ގޮޅިންނުނެރެވޭނެގޮތަެއްވެސް ހޯދުން މުހިއްމު.
އަބްޑޫޅް +
05 December 2025
"ދޮރުފޮތިމާގެ" މިނަން، އަހުރެން ގަންނަން ލިބިދާނެބާ؟ އައުދަހައި ރިވެތި ނަމެކާއު.
އަލިބޭ
05 December 2025
މަސްބޯޓު ކުދިން. ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. އެމީހުން ދަށުވެފައި ވެރިން ތިބީ
އަދުހަ
05 December 2025
ހާފިޒެއްވެސް އެބަ ހުރި. މައިންބަފައިން ވަރަށް އުއްމީދާ އެކު ކީ ނަމެއް ކަމަށް ބެލެނީ. އެކަމަކު މި ހިނގަނީ މުޅިން އެހެން މަގަކުން.
ނަންރީތި ކަޅޭ
05 December 2025
ލޮލް. ހެވިއްޖެ މަށަށް.
ޖައްލާދު
05 December 2025
ގެންގޮސް އުމުރު ދުވަހު ހިލިހިލާ ޖަހާފަ ބައިތިއްބާ!
އަގުބޮޑުކާރު
05 December 2025
އައްޑޫގެ މަަގުތުން މި ފެންނަ އެންމެ އަގުބޮޑު ކާރުތަކަކީ ހަމަ ހައްގު މުއްސަދިކަމުން ހޯދާތަކެތިތޯ ވެސް މިނިސްޓަރު އިހްސާން ބަލާލުން ރަގަޅު.
ހަސަނު09
05 December 2025
އައްޑޫ މީހުން ނުކުރާނެ ތިވިޔަފާރިއެއް
ދަގޭ
05 December 2025
ސްޓޭޓް މިނިސްޓަރު ކަމަށް ކުފޫ ހަމަވާ އިއްޒަތްތެރި ބޭފުޅުން ކޮޅެއް
ނާކު
05 December 2025
ތިޔަތާގަ އިންސާނެއްގެ ސިފަހުރި އެކަކުވެސްް ނުތޭ. ބޮލާ ތުނބުޅި އެބަފެނޭތަ ބަޔަކައް.
އަހަރެން
05 December 2025
ތިބަޔަކު ހައްޔަރުކޮށްފަ ކުޑަ ދުވަސްކޮޅަކުން ދޫކޮށްލާތީ މައްސަލައަކީ. އުސްގަނޑައާއި ހަމައަށްވެސް ދާންޖެހޭ އެއީވެސް ތިވިޔަފާރީގެ ބައެއް. މިނިސްޓަރު އިހުސާނުގެ މިފިޔަފަޅުތައް ވަރަށް ރަނގަޅު. ޖެނީހު ޕީއެންސީގެ މީހަކަށް ވެހުރެ ރައީސްގެމިފިޔަވަޅުތަކާދެކޮޅަށް ޕޯސްޓުކޮށް މަސްތުވާތަކެތި ވިއްކާ ބޮޑުންގެ ދިފާއުގައި ވާހަކަދައްކާތީ އޭނާ ސްޓިއަރިންގް ކޮމިޓީން ވަކިކުރަންޖެހޭ. ހާއްސަކޮށް ހިތަދޫގައި ސިޔާސީމަގާމުތަކުގައި ތިބިމީހުން ވަޒީފާއިންވަކިކުރަންއެބަޖޭހޭ.
ހަދަމާނަދަމާ
05 December 2025
އަމަންވެސް ވަކިކުރަންވީ