އަދާލަތު ޕާޓީ އަދި އެމްޑީޕީ ގުޅިގެން ބޭއްވި ޖަލްސާގެ ތެރެއިން.--ފޮޓޯ:އަދާލަތު ޕާޓީ
06 ޖޫން 2017 - 13:48
އަދާލަތު ޕާޓީ ހިއްސާވެ ރާއްޖޭގައި އުފެދޭ ސަރުކާރެއްގައި ގަތަރާ އެކު އޮތް ގުޅުން އަލުން އިޔާދަކުރާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
މީގެ 33 އަހަރު ކުރިން ގަތަރާ އެކު ރާއްޖެ އިން ގާއިމްކުރި ގުޅުން އިއްޔެ ކަނޑާލީ، ސަރުކާރުން ބުނެފައިވާ ގޮތުގައި، ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމަށް ވާގިވެރިވާ މީހުންނާ އެކު ގުޅުން ބޭއްވުމަކީ ދިވެހި ސަރުކާރުން ތާއީދުކުރާ ކަމަކަށް ނުވާތީ އެވެ.
މި ވާހަކަ އަށް ފާޑުވިދާޅުވަމުން އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފް ވިދާޅުވީ ބޭރު ގައުމުތަކާ އެކު ރާއްޖޭގެ ގުޅުން ދެމެެހެއްޓުމަކީ އޭގެ ފައިދާ ދިވެހި ގައުމާއި ރައްޔިތުންނަށް ލިބޭ ކަމެއް ކަމަށެވެ. ދިވެހިރާއްޖޭގައި، ޒަމާންވީ މި ސިޔާސަތާ ދެކޮޅަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުއްލި ނިންމުންތައް ނިންމުމަކީ މުޅި ގައުމަށް އޭގެ ނޭދެވޭ އަސަރުކުރަމުންދާ ކަމެއް ކަމަށް ވިދާޅުވި އެވެ.
"އަދާލަތު ޕާޓީން އިސްކަންދޭ ކަމެއް އެއީ ގައުމުތަކާ އޮންނަ ގުޅުން ދެމެހެއްޓުމަކީ. މި ޕާޓީ ހިއްސާވާ ސަރުކާރެއްގައި އެންމެ ފުރަތަމަ އިސްކަންދޭ ކަންކަމުގެ ތެރޭގައި ހިމަނައިގެން ގަތަރުގެ ގުޅުން އިއާދަކުރާނަން،" ޝިދާތާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގައުމުތައް ހަމަހަމަކޮށް، ރާއްޖެ އިން ދަމަހައްޓަމުން އައި އުސޫލުތައް މިވަނީ މުޅިން ބަދަލުކޮށްލައިފަ އެވެ. ރާއްޖެ މި ފެންނަނީ، ސައުދީ އަރަބިއްޔާ އާއި ޗައިނާ ފަދަ މަދު ގައުމަކާ ދިމާލަށް އަމާޒު ހިފައި އެހެން ގައުމުތަކާ އެކު ގުޅުން ހީނަރުކުރާ ތަން ކަމަށް ވެސް ޝިދާތާ ވިދާޅުވި އެވެ.
"ހާރިޖީ ސިޔާސަތުގައި މި ސަރުކާރުގެ ނިންމުންތައް މި ފެންނަނީ ވަރަށް ދޯހަޅިކޮށް ކުރިއަށް ގެންދާތަން،" އޭނާ ވިދާޅުވި އެވެ.
މެއި 26، 1984 ގައި ގަތަރާ އެކު ގާއިމުކުރި ސިޔާސީ ގުޅުން ކުއްލިގޮތަކަށް އިއްޔެ އިން ފެށިގެން ކަނޑާލަން ނިންމީ ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި، ރާއްޖެއާ އެކު ގާތް ގުޅުމެއް ބާއްވާ ސައޫދީ އަަރަބިއްޔާގެ ނުފޫޒުންނެވެ. ގަލްފް ސަރަހައްދުގައި އުފެދިފައިވާ ދެބަސްވުންތަކަށް ފަހު ސައޫދީ އަރަބިއްޔާ، ޔޫއޭއީ، ބަހްރެއިން، ލީބިއާ އަދި މިސްރުން ވެސް ވަނީ ގަތަރާ ގުޅުން ކަނޑާލައިފަ އެވެ.
މެދުއިރުމަތީގެ ހަމަޖެހުން ނަގާލަން މަސައްކަތްކުރާ ކަމަށް ބުނެ ގަތަރާ ގުޅުން ކަނޑާލި ގައުމުތަކުން ބުނަނީ ގަތަރުން ދަނީ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވަމުން ކަމަށެވެ. އޭގެ ތެރޭގައި މުސްލިމް ބްރަދަހުޑާއި އީރާނަށް އެހީވުން ވެސް ހިމެނޭ ކަމަށް އެ ގައުމުތަކުން ތުހުމަތުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑްމުންޑޯ
07 June 2017
ހިއެއްނުވޭ ތިކަން ވާނެހެން ، ސަބަބަކީ އަދާލަތަކީ އެއްވެސް ބައެއްގެ އެކްވެރިންގެ ގޮތުގައި ތިބެވޭ ބަޔަކަށް ނުވާކަން ، ކޯލިޝަން ހެދިއަސް އަބަދުވެސް ވެރިކަން ކުރާ ޕާރޓީ އާއި އިދިކޮޅަށް މަސައްކަތް ކުރާތީ
އާދަން
07 June 2017
އަދާލަތު އެއީ ޕާޓީއެެއް ތަށް
ހުސައިން
07 June 2017
މިހާތަނަށް މިޤައުމުގެ އެންމެ ރަނގަޅަށް ހިނގާފައިވަނީ ޢަދާލަތު ހިއްސާވެގެން .. ދިވެހިން ވީހާވެސް ބޮޑަށް މި ޕާޓީއަށް ތާޢީދު ކުރަންވީ
ދިވެހި
07 June 2017
ވަރަށް ރަނގަޅު ނިންމުމެއް،، ޢަދާލަތުގެ ޕޮލިސީ ތައް ވަރަށް ފައްކާ
މަގުބައްތި
06 June 2017
ތިޔައީ މާކުތިންވެސް ޔަގީންވާ ކަމެއް ލަނޑަޔާ ވާނީ ހަމަ ލަނޑަޔާ
ރާބޮޑޭ
06 June 2017
އަންދުލުސް ބޭބެ ނިދިކުރައްވާފަ ދެއްތޯ؟
ކަރަޕުސަން ގުންޑާ
06 June 2017
އަދާލަތާ ދޭތެރޭ ދެކުންގޮތް ބަދަލުވެއްޖެ ކުރިފަހަރު އެމްޑީފީޔައް ވޯޓުދިނީ އަދާލަތު އޮތްފަޅިޔައްވޯޓު ނުދޭޏްވެގެން މިފަހަރު ދޭނީ އަދާލަތު ހިމެނޭ ފަޅިޔަކައް
ރަދީފް އެންޑް ރަފައިދާ
06 June 2017
ތިބުނި އެއްޗެއް ޖުމްލަކޮށް ގޯހެއް ނޫން. އެކަމަކު ތިއުޅެނީ މޮޅު އެއްޗެކޭ ކިޔައިގެން ވެރިންކަން ހޯދަންދޯ.
މަސްރޫރާ
06 June 2017
އަދާލަތުވެސް ޔާމީނަށްވުރެ ހެޔޮވާނެ.
ރާޝީދު
06 June 2017
ރާއްޖޭގެ ނިންމުމަށް އެންމެ ބޮޑަށް މަރުހަބާކީ އިޒްރޭލުން. ދެން މައްސަލަ ވަރަށް ސާފު. އަދާލަތުގެ ސްޓޭންޑް ރަނގަޅު.
ސައީދު
06 June 2017
އިޒްރޭލަށް ރަގަޅީ ހުރިހާ އަރަބިން ތަޅާފޮޅާ ސުންނާފަތި ވީމަ. އަރަބި ސިޔާސީ ކަންކަމަކީ 1+1=2 ކަހަލަ ކަމެއް ނޫން.