ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވ) އާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން
12 ޖުލައި 2017 - 19:03
ވެރިކަން ކުރާ ޕީޕީއެމުން އެކި ސަބަބުތަކާ ހުރެ ވަކިކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ މައްސަލަތައް އަލުން ބެލުމަށްޓަކައި އެ ޕާޓީގެ އިސްތިއުނާފް ކޮމެޓީއަށް ހުށަހަޅައިފި އެވެ.
ޕާޓީގެ ވިޕްލައިނާ ޚިލާފަށް ވޯޓު ދިނުމާއި ސަރުކާރު ބަދުނާމު ކުރަން މަސައްކަތް ކުރުމާއި އިދިކޮޅު ފަރާތްތަކާ ގުޅިގެން އެކި ހަރަކާތްތައް ހިންގަމުންދާ ކަމަށް ބުނެ ޕީޕީއެމުން މީގެ ކުރިން ހަތަރު މެންބަރަކު ވަކިކޮށްފައިވެ އެވެ. އެއީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަދި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އެވެ.
އާންމު ވެފައިވާ ސިޓީތަކުން އެނގޭ ގޮތުގައި ޕީޕީއެމްގެ އިސްތިއުނާފު ކޮމެޓީން އަލުން ބަލަނީ ވަހީދާއި ސައުދުގެ މައްސަލަ އެވެ. އަނެއް ތިން ބޭފުޅުންގެ މައްސަލަ އަލުން ބަލާ ކަމެއް އަދި ކަށަވަރެއް ނުވެ އެވެ. އަދި ވައްޑެ އާއި ސައުދު ވެސް ވަނީ އެ ބޭފުޅުންނަށް ސިޓީ ލިބިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.
އާންމުވެފައިވާ ސިޓީގައި ބުނީ އެ ޕާޓީގެ ސުލޫކީ ކޮމެޓީން އެ ބޭފުޅުންނަށް އަޅާފައިވާ ފިޔަވަޅު އިތުރަށް ދިރާސާކޮށް "އިންސާފު ކަށަވަރުކުރުމަށް" ޕީޕީއެމްގެ އިސްތިއުނާފް ކޮމެޓީ އަށް އަލުން ހުށަހަޅާފައިވާ ކަމަށެވެ.
ޕީޕީއެމުން މިހެން ނިންމާފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ މަގާމަށް ހޮވޭއިރު ތިބޭ ޕާޓީ ފިޔަވައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ އެ ޕާޓީއަކުން ވަކިވެއްޖެ ނަމަ މެމްބަރުކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ދައުލަތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށެވެ.
ޕީޕީއެމުން ވަކިކުރި މެމްބަރުންގެ މައްސަލަތައް އަލުން ބަލަން ނިންމި ކަމަށް އަންގާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ކުރެއްވުމަށް ފަހު، ޕީޕީއެމުން ވަކިވާން ހުށަހެޅުއްވި 10 މެމްބަރަކު ވަކިކޮށްދެވެން ނެތް ކަމަށް އެ ޕާޓީން ވަނީ އަންގައިފަ އެވެ. އެއީ ޕީޕީއެމުން ބުނިގޮތުގައި އެ ބޭފުޅުންގެ ސުލޫކީ މައްސަލަތަކެއް ބަލަމުން އަންނާތީ އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލް މިއަދު ވިދާޅުވި ގޮތުގައި އެ މެމްބަރުންނާ ގުޅޭ ސުލޫކީ މައްސަލަތަކެއް، އެ ޕާޓީގެ ސުލޫކީ ކޮމެޓީއަށް ވަނީ ހުށަހަޅާފަ އެވެ. އަދި އެ މެމްބަރުން ޕާޓީން ވަކިކުރުމާ މެދު ގޮތެއް ނިންމާނީ މައްސަލަތައް ބަލައި ނިމުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމުން ވަކިކޮށް ދިނުމަށް އެދި އެ ޕާޓީ އަށް ސިޓީ ފޮނުވި މެމްބަރުންނަކީ ދަނގެތީ ދާއިރާގެ އިލްހާމް އަހުމަދާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި މަހިބަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތޯރިގާއި ތިމަރަފުށި ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހެވެ.
މެމްބަރުން ވަކިކޮށްދިނުމަށް ޕީޕީއެމުން ދެކޮޅު ހެދުމުން އެ ބޭފުޅުންގެ ގިނަ ފާޑުކިޔުންތަކެއް ޕާޓީއަށް ވަނީ އަމާޒުވެފަ އެވެ. އެއީ މެމްބަރުން ޕީޕީއެމްގައި "ހައިޖެކް" ކުރުން ކަމަށާއި އެއީ ގާނޫނުއަސާސީއާ ޚިލާފަށް ކުރަމުން އަންނަ ކަަމެއް ކަމަށް މެމްބަރުން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ
13 July 2017
ސައުުދު ބިނީ ވަކި ކުރިޔަސް އަލުން ގޮނދީ ނަގާނަމޯ.. ގަދަ ސައުުދު. ސައުުދމެނަށް ރައްޔިތުންގެ ތާއިދު އެބައޮތޭ
ޢަބްދުﷲނާފިޒު
13 July 2017
އޭ ޚަލީލޫ ތިޔަހެންވެސް ތިކަން ކުރެވޭނެ ކަމަށް ޕާޓީގެ އަސާސީ ޤަވާޢިދުގަ އޮވޭތޯ، ޕާޓީގެ ވިޕްލައިނާ ޚިލާފަށް ވޯޓު ދިނުމާއި ސަރުކާރު ބަދުނާމު ކުރަން މަސައްކަތް ކުރުމާއި އިދިކޮޅު ފަރާތްތަކާ ގުޅިގެން އެކި ހަރަކާތްތައް ހިންގަމުންދާ ކަމަށް ބުނެ ޕީޕީއެމުން މީގެ ކުރިން ވަކިކުރި ހަތަރު މެމްބަރުންވެސް ލަސްނުކޮށް އަވަހަށް ޕާޓީން ވަކިވާން ހުށަހެޅުމަށް އަޅުގަނޑު ގޮވާލަން، މިވެރިން އެއުޅެނީ ވަރަށް ނުބައި މަޅިއެއްގަ ތިބޭފުޅުން ޖައްސަން، އަވަހަށް ޕާޓީން ވަކިވާން ސިޓީލުމަށް ގޮވާލަން.
މަމީމަ
12 July 2017
ވައްޓަގޭމްޕްލޭން!
ދިވެހިން
12 July 2017
ޕާޓީއާ މެމްބަރުންނާއި ދެމެދު އެއްބަސްވުމެއް އޮތްނަމަ ކޯޓަށް ވަޑައިގަންނަވީނު، ޕާޓީގެ ފަރާތުން . އެމީހަކު ބޭނުން ފިކުރަކަށް ތާޢީދުކޮށް ބޭނުން ޕާޓީއެއްގައި ބޭނުންއިރަކު އުޅެވޭނެ، ބަރުލަމާނީ ނިޒާމެއް ނޫން.
......ޔ
12 July 2017
ނާޒިމްގެ ކަންތަކާ އެމްއެން ޕީއާރު ސީގެ ލާރިއާބެހޭގޮތުން އަދީބުގެ ވާހަކަ ތަހްގީގު ކުރަންޖެހޭ
ކޮސްބެ
12 July 2017
ޕާޓީން ވަކިވުމަށްފަހުވެސް މައްސަލަ ބެލޭތަ؟ ތިޔައީ ދެން ބޮޑުވަރު! މިހާރުތިޔައުޅެނީ ޖެއްސުންކޮށްގެންވެސް މަސީހުގެ ވޯޓަށް ނުފޫޒް ފޯރުވަން! މިއޮއްހުރިހާ ދުވަހަކު ތިޔަ ގަޓްފެކަޝަނުން ކީއްތޯކުރީ؟ ބައެއް ބޭފުޅުން ވަކިކޮށްފައިވަނީ ސީދާ ޕާޓީން ސިޓީދީގެން! ދެނޯ! ތިޔައީހަމަ ކަނޑުކޮސް ފެކްޝަން!!!
ޕޮކަންޑި މޭން
13 July 2017
ހަމަ ގުއިރޯނު ފެކްޝަން.
މޮޔަވީތަ
12 July 2017
މޮޔަ ވެގެންތަ؟ އިސްތިއުނާފު އަކީ ހައްޤު ގެއްލުނު ފަރާތުން ހުށަހެޅުމުން ބަލާ އެއްޗެކެވެ.ވަކި ކުރި މީހުން ހުށަ ނާޅަނީސް ޢެ މައްސަލަ ތަށް ބެލުމަކީ އޮންނަ ކަމެއް ނޫނެވެ.
މޯޑް
12 July 2017
ރަގަޅުވާނެ! މަރުވެފަ ތިބޭ މީހުންގެ އޯޓޮޕްސީވެސް ހަދަނީނު ދޯ؟ އެކަމަކު އެމީހުން އަނބުރާ ނުއެއްގެނެވޭނެ ދޯ؟އެކަހަލަ ކަމެއް މިއީ!
އަލީ
12 July 2017
މިހާރުދެން ނޯތު ކޮރެއާއަކާއި ތަފާތެއް އެބައޮތް؟
ޔޯބުރޯ
12 July 2017
މި މީހުން މިއުޅެނީ ހޭބަލިވެގެންތަ؟ ވަކިކޮށްފަ ތިބި މެމްބަރުންނަކީ މިހާރު މިނިވަން މެމްބަރުން. ދެން ތިބަލާ އެއްޗެއް ބެލިއަސް އެމެންބަރުން އަނބުރާ ނުގެނެވޭނެ. ދެއަރ އިސް ނޯ އަންޑޫ ބަޓަން
ޢަބްދުﷲނާފިޒު
13 July 2017
މަޅިއެއްގަ ޖެއްސޭތޯ އެއުޅެނީ، ހާދަ ނުބައި ނުލަފާ ފެކްޝަނެކޭ އުތަ، މިމިޙުނަށް ގާތުން ބަސްބުނެލެވޭނެ ދުވަހެއްގެ އިންތިޒާރުގަ މިހުންނަނީ، ﷲގެ އިާދަފުޅުން އެދުވަސް ދައްކަވާނެ.