އިދިކޮޅު ފަރާތްތަކުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އިބޫ އާއި ފާރިސް: މި ދެ ބޭފުޅުން މަޖިލީހުގެ ރިޔާސަތަށް ގެންނަން ނިންމީ މިނިވަންކަމާ އެކު މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން ކަމަށް ނަޝީދު ވިދާޅުވި.
27 އޯގަސްޓް 2017 - 10:59
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކޮށް، އެ މަގާމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހަމަޖެއްސުމަށް ފަހު، ނައިބުކަން ދޭން ނިންމާފައި އޮތީ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.
"ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ނިންމާފައި އޮތީ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހުގެ ރައީސަކަށް ހަމަޖައްސަން. އަދި މަޖިލީހުގެ އާ ނައިބު ރައީސަކީ ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް ކަަމަށް،" އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި ވޯލްޑް އިޒް ވަން ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވި އެވެ.
ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވި ފަހުން ފުރަތަމަ ފަހަރަށް އިންޑިއާ އަށް ވަޑައިގަތް ނަޝީދު ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މަސީހު މަގާމުން ދުރުކުރަން ޖެހެނީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތަށް މިނިވަންކަމާ އެކު މަޖިލިސް ހިންގަން ކަމަށެވެ. މަސީހުގެ ރިޔާސަތުގައި މަޖިލީހުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފަށް އެތައް ކަމެއް ހިންގައި، ސަރުކާރުގެ ރަބަސްޓޭމްޕަކަށް މަޖިލިސް ބަދަލުކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މަޖިލީހުގެ މި ހާލަތު ބަދަލުކޮށް، ކުރިއަށް ގެންދަން ގުޅިފައިވާ ޕާޓީތަކުން އިސްލާހީ އެޖެންޑާއެއް އެކުލަވާލާފައި އޮތް ކަން ވެސް ނަޝީދު ފާހަގަކުރެއްވި އެވެ. މަސީހުގެ މަގާމުން ދުރުކުރަން އިދިކޮޅު ފަރާތްތަކުން ތިން ފަހަރަށް ކުރި މަސައްކަތް ސަރުކާރުން ނާކާމިޔާބު ކޮށްލާފައިވާއިރު، ނަޝީދު އިއްޔެ ވެސް ވިދާޅުވީ މަޖިލީހުގެ ރައީސް ކަމުން މަސީހު ދުރުކުރާނެ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތީ ފުޅާ ކޯލިޝަނަކުން ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ މަދު ދުވަސްތެރޭގައި އެ ކޯލިޝަން ރޫޅިފައިވާ ކަމަށެވެ. އަދި ރައީސް ޔާމީން ވެރިކަމަށް ގެންނަން އެންމެ ބޮޑަށް މަސައްކަތްޕުޅު ކުރެއްވި އެއްބަފާ ބޭބޭފުޅު، މައުމޫން ވެސް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަންނަވާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ސަރުކާރާ މެދު ހިތްހަމަނުޖެހިގެން، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ގިނަ އަދަދެއްގެ މެމްބަރުން އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމުން މަޖިލީހުގެ މެޖޯރިޓީ އެމަނިކުފާނަށް ގެއްލިފައިވާ ކަން ވެސް ނަޝީދު ފާހަގަކުރެއްވި އެވެ.
ވޯލްޑް އިޒް ވަން ނޫހަށް ނަޝީދު އިންޓަވިއު ދެއްވަނީ: މަޖިލީހުގެ ރައީސް ކަމުން މަސީހު ދުރުކުރެވޭނެ ކަމަށް ވިދާޅުވި.
ނަޝީދު ވިދާޅުވީ އެއާއެކު، އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް މެމްބަރުންތަކެއްގެ ގޮނޑި ގެއްލުވާލާފައިވާ ކަމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ހުކުމް އިއްވުން ލަސްވެގެން ދަނީ އުއްތަމަފަނޑިޔާރަށް ރައީސް ޔާމީން ނުފޫޒު ފޯރުއްވައިގެން ކަަމަށް ވެސް ނަޝީދު ތުހުމަތު ކުރެއްވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުންވާ ގޮތަށް މެމްބަރުންގެ ގޮނޑި ގެއްލުވާލާކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ މެޖޯރިޓީ ބޭނުމެއް ނުވެ އެވެ. މައްސަލަ ހުށަހެޅި ފަހުން ދޮޅު މަހެއްހާ ދުވަސްވެފައިވާއިރު ވެސް އެ ހުކުމް ލަސްވަނީ އެހެންވެ ކަމަށް ވެސް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ. އެ ހުކުމް ލަސްވެގެން މުޅި ދައުލަތް މިހާރު ހުއްޓިފައި ކަމަށް ވެސް ވިދާޅުވި އެވެ.
އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރުގެ އިސްބޭފުޅުންނާ އެކު ވެސް ބައްދަލުވުންތައް ބާއްވައި ރާއްޖޭގެ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ރާއްޖޭގައި ހިނގަމުންދާ ކަންކަން އިންޑިއާ ސަރުކާރަށް އެނގޭ ކަމަށް ޔަގީންކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިވެވޭ މިނިވަން އިންސާފުވެރި އިންތިހާބެއް ރާއްޖެ އަށް މުހިއްމު ކަަމަށް ވިދާޅުވާ ވާހަކަފުޅު ތަކުރާރު ކުރައްވަމުން ވިދާޅުވީ އެކަމަށް އިންޑިއާ އާއި ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާން
12 March 2018
މީ އަޅެ މޮޔައެއްތަ.ކޮން ހައިސިއްޔަތަކުން ފާޑުގެ ގޮތްތައް މިކިޔަނީ
ޅަކެކުރި
19 November 2017
އަދިވެސް ބުނާނެތާ ސިއްރު ރޭވުމެއްނެތޭ. ޢިސްލާހޭ ހުދުކާފުރާ ބޮޑުެކެުރިއެޭ އޮތީ.
ބޮލި މުލައް
27 August 2017
ރާކަނިމަސް ކެވިއްޖެއްނު
އަތްފުނާ
27 August 2017
މިހިރީ ނަށީދުގެވެސް ވާހަކަ ހުރިގޮތް.ގާސިމު ހުރިހާ ތެޅުމެއް ތުޅުނީމާ ހުރިހާ އުފަލެއް ދޭން ތި އުޅެނީ ނަށީދުގެ މީހުނަށާއި މައުމޫނުގެ ދަރި އަށް.އެންމެ ފަހުން ކަލޭމެންގެ ހައްގުގައި ވާހަކަ ދަށްކަމުންގޮސް ގާސިމު އެ ދިޔައީ ޖަލަށް.ނަށީދު ތިބުނި ބަހެއް
އިބްރާހީމް
27 August 2017
މާތް ރަސްކަލާކޯ މިކުރީގެ ރައީސް މުޙައްމަދު ނަޝީދު ދިވެހިރާއްޖޭގެ ވެރިކަމަށް ދުވަހަކުވެސް އަޔަނުދެއްވާންދޭވެ. އާމީން
އަލީ ނަސީރު
27 August 2017
ސަޅި. ތާއީދު!
ސޮކްތެރެޕީ
27 August 2017
ނަޝީދުގެ ތާއީދު މިދަނީ ދުވަހެއް ދުވަހަކައް ގެއްލެމުން.
ތެރަޕީސޮކް
27 August 2017
ސޮކެއްޖެހި ސޮކްތެރެޕީ ގެ ތާއީދު ވަނީ ގެއްލި ހަލާކުވެފަ. ވަރަށް ސަލާމް.
އިޚްސާލް
27 August 2017
ޤާސިމްފަކީ މިއޮއް ހުރިހާ ދުވަހު ކުރި މަސައްކަތް ފަނުފުލުން އެދުއްވާލީ، ޤާސިމް ގޮޅިއަކަށް ފައްތާލުމަށްފަހު، މަޖްލިސްގެ ރައީސްކަން ދޭންރާވާފައިވާ މީހުންގެ ނަންތައް މި އިޢުލާނުކުރީ، ކެނެރީގެ ނަސީދުގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރި މީހުންގެ މައްޗަށް ހިތެއް ރަނގަޅެއް ނުވާނައެވެ.
މެންޓަލިސްޓް
27 August 2017
ނަޝީދުއަށް ވަރަށްސަލާމް ،،، ތިޔަވާހަކަ މީގެ 2 މަސްދުވަސްކުރީން މާލޭގައި ހުންނަ އީވްނިންގކެފޭގެ ބޮޑުމީހާ ދައްކަނިކޮށް އަޑުއެހީމެވެ ،، އޭނާއަކީ ދިވެހި ޕޮލިޓިކްސް ވަރަށް އަޕްޑޭޓް މަނިކުފާނު ތިޔަބޭނުންވާ އިންޑިޔާގެ އިންފުލުއަންސް ސާރކަލް ތެރޭގެ ބޭފުޅެށް ، ،،، ދެންއެންމެ ފައްކާކޮށް ވާނުވާ ކިޔާދީ އުޅެނީ އިންޑިޔާގެ ސިއްރު ރޯ އޭކިޔާ ޖަމާއަތުން ،، އެވެސް ހަމަ އާދަޔާހިލާފް ކުޅަދާނެ ބައެއް ،،، އެހެންވީމައި ތިޔަވާހަކަ އަކީ ވަރަށްބާ ވާހަކައެއް ކަމަށް ދަންނަވާންޖެހެނީ ،،، ވަރަށްވެދުން
ނެވަރ
27 August 2017
ކުރިންވެސް އެމްޑީޕީ މީހަކު މަޖްލިހުގެ ރައީސްކަން ކޮށްފި. މާ ރަގަޅަށް އިންސާފުން ކުރިއެކޭ ނުބުނެވޭނެ. ދެން އަރާ އެމްޑީޕީ މީހަކުވެސް ކުރާނެކަމަކަށް ނުބެލެވޭ. މިގައުމުގައި އެންމެ ނަގާކިޔާ ދެ ޕާޓީންކުރެ އެއް ޕާޓީއެއްގެ މީހަކުވެސް މަޖްލިހުގެ ރައީސްކަމަށް އަރުވައިގެން ރައްޔިތުންނަށް ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ އަދި މަޖްލިހުގެ މަސައްކަތަށް އަންނާނެ އެއްވެސް ކުރިއެރުމެއް ނޯންނާނެ. އަބަދުވެސް ކޮންމެވެސް އެއް ޕާޓީއަކަށް ފައިދާވާތަން ފެންނާނީ. މިހާތަނަށް ކަން ހިނގާފައިވަނީ މިގޮތަށް.