ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަދަލުކުރައްވަން ބޭނުންފުޅުވަނީ ސީދާ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަމަށާއި މަޖިލިހުގެ ރައީސަކަށް އެމްޑީޕީގެ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަދި ނައިބު ރައީސަކަށް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ގެންނަވަން މައުމޫން ބޭނުންފުޅުވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ނައިބު ލީޑަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް "މިހާރު" އަށް ވިދާޅުވީ، މަޖިލިހުގެ ރިޔާސަތަށް އެ ދެ ބޭފުޅުން ގެންނެވުމަށް މައުމޫން ކުރައްވާ މަސައްކަތްޕުޅާ އެކު، އިބޫ އާއި ފާރިސް ލަދުގަންނަ ވަރުގެ ނަތީޖާއެއް އަންނަ ހަފުތާގެ ހޯމަދުވަހު މަޖިލިހުގެ ތަޅުމުން ދައްކާލައްވާނެ ކަމަށެވެ.
"މައުމޫން ބޭނުންފުޅުވަނީ މަޖިލިސް ރައީސް ކަން އިބޫއަށް، ނައިބު ރައީސް ކަން ފާރިސް އަށް، ﷲ ގެ ރަހްމަތުން ކިތަންމެ ޑީލެއް ހެދިޔަސް މިކަމެއް ނުވާނެ،" ރިޔާޒް މިއަދު ކުރެއްވި ޓުވީޓުގައި ވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ ހަފުތާގެ ހޯމަދުވަހަށް ވަނީ ތާވަލްކޮށްފަ އެވެ. އަދި މަޖިލިހުގެ ނައިބު ރައީސް މޫސާ މަނިކުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް އިދިކޮޅު މެމްބަރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެކަމަކު އަދި އެ މައްސަލަ މަޖިލިހަށް ނުވައްދަ އެވެ.
ރިޔާޒްގެ ޓުވީޓާ ގުޅިގެން "މިހާރު"ން ކުރި ސުވާލަކާ ގުޅިގެން އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކިތަންމެ "ޑީލެއް" ހެދިޔަސް، މަޖިލީހުގެ ރިޔާސަތު ބަދަލު ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އެއީ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަށް އޮތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ލަދު ގަންނަވަރުގެ ނަތީޖާއެއް ފެންނާނެ ވޯޓު ނަގާ ދުވަހުން، ދުވަހަކުވެސް މީހެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ނުކުރެވޭ ވަރު ވާނެ،"--ރިޔާޒް
ރައްޔިތުންގެ މަޖިލިހުގައި މެމްބަރުން ބެހިފައިވާ ގޮތް
ޕީޕީއެމް 48، އެމްޑީޕީ 21، ޖުމްހޫރީ ޕާޓީ 7، އެމްޑީއޭ 6، އަދާލަތު ޕާޓީ 1، މިނިވަން 2
މަޖިލީހުގެ ރިޔާސަތު ބަދަލު ކުރަން ޕީޕީއެމްގެ ރައީސް މައުމޫން މަސައްކަތްޕުޅު ކުރައްވާ ކަމަށް ރިޔާޒް ތުހުމަތު ކުރެއްވި ނަމަވެސް އެކަމާ ބެހޭ ގޮތުން މާ ގިނަ ވާހަކަތަކެއް އޭނާ ނުދެއްކެވި އެވެ.
"ލަދު ގަންނަވަރުގެ ނަތީޖާއެއް ފެންނާނެ ވޯޓު ނަގާ ދުވަހުން. ދުވަހަކުވެސް މީހެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ނުކުރެވޭ ވަރު ވާނެ،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސް ކަމުން މަސީހު އާއި ނައިބު ރައީސް ކަމުން މޫސަ ވަކި ކުރަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ރާއްޖެ ވަޑައިގަތުމާ ދިމާކޮށް ނޫސްތަކުގެ "ހެޑްލައިން" ހެދުމުގެ ބޭނުމުގަ އެވެ.
ސައުދީ ރަސްގެފާނު އިއްޔެ ރާއްޖެ އަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ވަނީ ފަސް ކުރައްވައިފަ އެވެ. ސަލްމާން ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރެއްވީ، މިހާރު ރާއްޖޭގައި ފެތުރެމުންދާ ހުމުގެ ރޯގާއާ ގުޅިގެން ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.
"ވޯޓު ކާމިޔާބު ކުރެވޭނެ އެއްވެސް ފޯމިއުލާއެއް ނެތް،" --- ރިޔާޒް
ރިޔާޒް ވިދާޅުވީ މަސީހާއި ރީކޯ މޫސަގެ އިތުބާރު ނެތް ކަމަށް ޕީޕީއެމާއި ޖުމްހޫރީ ޕާޓީގެ އެއްވެސް މެމްބަރަކު ވޯޓު ނުދެއްވާނެ ކަމަށެވެ. އަދި އިދިކޮޅު އެމްޑީޕީގެ ބައެއް މެމްބަރުން މަސީހާއި މޫސަގެ އިތުބާރު އޮތް ކަމަށް ވޯޓު ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވި މެމްބަރުންނަށް އެނގިވަޑައިގަންނާ މިއީ ފެއިލް ވާނެ ކަމެއްކަން. މަސީހުގެ މައްސަލަ މަޖިލީހަށް ލެވުނު މޮޔައޭ މެމްބަރުން ހިތަށް އަރާ ތިބީ،" ރިޔާޒް ވިދާޅުވި އެވެ.
"ވޯޓު ކާމިޔާބު ކުރެވޭނެ އެއްވެސް ފޯމިއުލާއެއް ނެތް."
މަޖިލިހުގެ ރައީސް ކަމުން މަސީހް ވަކިކުރުމަށްޓަކައި 26 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅި ލިޔުމުގައި އެންމެ ފުރަތަމަ ސޮއިކުރައްވާފައިވަނީ ފާރިސް އެވެ. އަދި އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގައި އެންމެ އިސްކޮށް ހުންނެވީ ވެސް އޭނާ އެވެ. މަޖިލީހުގެ ރައީސް ކަމުން މަސީހު ވަކި ކުރުމުގެ ވިސްނުން އަައީ މައުމޫންގެ ފެކްޝަނުން ކަމަށް ވެ އެވެ.
މަޖިލީހުގެ ރައީސްކަމުން މަސީހު ވަކިކުރަން ބޭނުންވާ އަދަދަށް ވޯޓު ހަމަވެފައިވާ ކަމަށް "ރާއްޖެ ޓީވީ" ގައި ވާހަކަ ދައްކަވަމުން ފާރިސް ވަނީ ވިދާޅުވެފަ އެވެ. އިތުބާރު ނެތް ކަމަށް ފާސްކުރަން މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 42 މެމްބަރުންގެ ވޯޓު ލިބިއްޖެ ނަމަ ފާސްވާނެ އެވެ. މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ އެ ދުވަހެއްގެ ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.