ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް މާދަމާ ނަގާ އިތުބާރު ނެތް ކަމުގެ ވޯޓުގެ ކަންކަން އޮބްޒާވް ކުރުމަށް މަދަނީ ޖަމިއްޔާތަކަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ގޮވާލައްވައިފި އެވެ.

މަސީހު މަގާމުން ވަކި ކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ. އެ މައްސަލާގައި ދެ ގަޑިއިރުގެ ބަހުސެއް ކުރާއިރު، ޖަވާބުދާރީވެވަޑައިގަތުމަށް މަސީހަށް 30 މިނެޓުގެ ފުރުސަތެއް ދިނުމަށް އާންމު ކޮމެޓީން ވަނީ ނިންމައިފަ އެވެ.

މަޖިލީހުގެ މައިނޯރިޓީ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ ވިދާޅުވީ މަސީހު މަގާމުން ވަކި ކުރުމަށް ބާއްވާ ޖަލްސާގެ އެންމެހައި ކަންކަން ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތަކުން ގާތުން ބަލަން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންނަށް ވީހާވެސް ސާފު މައުލޫމާތު ގެނެސްދިނުމަށް މަޖިލީހަށް ދިއުމަށް އޭނާ ގައިވާލެއްވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަކީ ތާރީޚީ ވޯޓަކަށް ވެފައި، މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު ޓީވީގެ ޒަރީއާ އިން ނުވަތަ ޓެކްނޮލޮޖީގެ އެހެން ވަސީލަތެއްގެ އެހީގައި، މަޖިލީހުގެ ތަޅުމުގައި ކަންކަން ހިނގާނެ ގޮތް ވަގުތުން ގެނެސްދޭނެ ކަމަށް ބަލައިގެން ތިބެގެން ނުވާނެ އެވެ.

"އެހެންކަމުން އެ ދުވަހު މަޖިލީހުގައި ހިނގާނެ ކަންކަން ގާތުން ބައްލެވުމަށް ސިޔާސީ ކަންކަމާމެދު ވިސްނަވާ ރައްޔިތުން ވެސް މަޖިލީހަށް ވަޑައިގަތުމަކީ މުހިއްމު ކަމެއް،" އިބޫ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާ މެދު އިދިކޮޅު ފަރާތްތަކުން ހިތްހަމަނުޖެހުނަސް، މަޖިލިހުގެ ޗެމްބަރުގެ ތެރޭގައި ހަމަނުޖެހުން ހިންގުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވަނީ ވިދާޅުވެފަ އެވެ.

މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ އެ ދުވަހެއްގެ ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މަސީހުގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްވާނީ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި، އިދިކޮޅު ފަރާތްތަކަށް 42 ވޯޓު ލިބިގެންނެވެ. މިހާތަނަށް މަޖިލިހުގައި ނެގި ބޮޑެތި ވޯޓްތަކުގައި އިދިކޮޅު ފަރާތްތަކަށް ގިނަވެގެން ހޯދިފައި ވަނީ 31 ވޯޓެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ބުނަނީ ބޭނުންވާ އަދަދަށް މިފަހަރު ވޯޓު ހަމަވެފައިވާ ކަމަށެވެ. މަސީހުގެ އިތުބާރު ނެތް ކަމަށް ފާސް ކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނައިރު، ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވަނީ އެ ވޯޓު ނާކާމިޔާބުކޮށްލާނީ ފަސޭހަކަމާ އެކު ކަމަށެވެ.