އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުން: މި ސަރުކާރުން އަނެއްކާވެސް ބަޔަކު ފްރޭމްކޮށްފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުން.
07 ފެބުރުއަރީ 2018 - 21:24
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށާއި ކުރީގެ ރައީސް މައުމޫން އަބްދުގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް "ފްރޭމް ކޮށްފައިވާ" ކަމަށް އިދިކޮޅު ޕާޓީތަކުން މިރޭ ބުނެފި އެވެ.
އެ ޕާޓީތަކުގެ ވަކީލުން ކުނޫޒްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ ދަރިކަލުން ސިޔާދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ވެސް ޖަލަށް ލީ ގާނޫނާ ޚިލާފަށް ކަމަށެވެ. ބޭނުމަކީ އިދިކޮޅު ފަރާތްތަކަށް ބިރު ދެއްކުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެބަ އެނގޭ ފުރަތަމައިނުން އެ މީހުން ބަލައި ފާސްކޮށްގެން ވެސް އެއްޗެއް ނުފެނުކަން. މިސާލަކަށް ހަސަން ސައީދުގެ ގެ ފާސްކޮށްގެން ވެސް އެއްޗެއް ނުފެނިގެން އޭނާ ހައްޔަރުކުރުމަށް ފަހު، އަނެއްކާ ގޮސް ކޮންމެވެސް އެހެން ތަނަކުން އެއްޗެއް ހޯދައިގެން މި އުޅެނީ،" އަލީ ހުސެއިން ވިދާޅުވި އެވެ.
އޭނާ މިހެން ވިދާޅުވީ، ހަސަން ސައީދުގެ ގެ ބަލައި ފާސްކުރިއިރު ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ އެ ގެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވާތީ އެވެ.
އަލީ ހުސެއިން ވިދާޅުވި ގޮތުގައި ފުލުހުންނަކީ ސިޔާސީ ބޭފުޅުން ފްރޭމް ކުރުމުގައި މާޒީއެއް އޮތް ބައެކެވެ. މިސާލެއްގެ ގޮތުން ދެއްކެވީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނުނު މައްސަލަ އެވެ.
މާފަންނު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ ދައުލަތުގެ އެއް ބާރު ކަމަށްވާ ސުޕްރީމް ކޯޓަށް ސަލާމަތީ ބާރުތަކުން ވަދެ އުއްތަމަ ފަނޑިޔާރު ގެންދިޔައީ "ބިންމަތީގައި ދަމާކޫއްތާފައި" ކަމަށް އަޑު އިވިވަޑައިގެންނެވި ކަމަށާއި މިއީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓަށް ލިބިގެންވާ ހުރުމަތް ވެސް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަން މާރިޔާ ފާހަގަކުރެއްވި އެވެ.
ސަލާމަތީ ބާރުތަކުން ސުޕްރީމް ކޯޓަށް ވަދެ، އެ ކޯޓުގެ ހުރުމަތް ކެނޑުމަކީ ޖިނާއީ ދައުވާ ކުރެވޭނެ ކަމެއް ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ރާއްޖޭގައި މިހާރު ކުރަނީ މިލިޓަރީ ވެރިކަމެއް ކަމަށެވެ. ސުޕްރީމް ކޯޓުގެ ފުރާޅު މަތިންނާއި ދޮރުތައް ވައްޓާލައިގެން ވަދެ ގާނޫނާ ޚިލާފަށް ފަނޑިޔާރުން ހައްޔަރުކޮށްގެން ގެންދިއުމުން، އެއީ ސައްހަ ކަމެއް ކަމަށް ގަބޫލު ކުރެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުރާޅުމަތިންނާއި ސުޕްރީމް ކޯޓުގެ ހައެއްކަ ދޮރު ފަޅާލައި ސިފައިން ވަދެގަނެ އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް ޖަލަށް ލެވިފައި މިވަނީ. ރައްޔިތުންގެ މަޖިލިސް ވެސް އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި މިއޮތީ. އެހެންވީމަ މިއީ މިލިޓަރީ ވެރިކަމެއް،" އިންތި ވިދާޅުވި އެވެ.
ފަނޑިޔާރުން ފްރޭމްކޮށްފައިވާ ކަމަށް އިދިކޮޅުން ފާހަގަކުރާއިރު، ފުލުހުން މިއަދު ބުނެފައި ވަނީ ރިޝްވަތުގެ ގޮތުގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އެތައް މިލިއަން ރުފިޔާއެއް ނަގާފައިވާ ކަމަށެވެ. އެކަމުގެ ހެކި ތަހުގީގަށް ހޯދިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޒުމު
08 February 2018
ފުލުހުންގެ ޢަމަލުތަކަށް ފާޑޭއް ކިޔާލާނަން! ފުލުހުންނާއި ސިފައިން ބޭނުންވަނީ މަޤާމާއި ފައިސާ. އެވަގުތަކު ވެރިކަމުގައި ހުންނަ މީހަކު މިކަންކަން ކޮށްދޭނަމަ އެމީހަކަށް ވެރިކަމުގައި ހުރެވޭނެ. އެކަމަކު ހުވާކުރަނީﷲ ގަންދީ. ކިމަންވަނީ ފައިސާދޭމީހާއަށް މިވަނީ ކޯންޗަކަށްތަ؟ ހުވާކުރާ ފަރާތަށްވެސް އޮޅުވާލަނީ ދެއްތޯ؟
ހުޔާ
08 February 2018
ކަލޭމެންތިޔަބުނާ ކޯލިޝަނުން މައުމޫނާއި ފަނޑިޔާރުން ފްރޭމްކުރީ!
އަހްމަދު
08 February 2018
ފުރޭމްކޮށްފަ ފުރޭމައްނުލާ ކީއްކުރަންތަ ގޮދަޑިދަށައްއަޅައިފަބަހައްޓަނީ
ގަލޭ
07 February 2018
ބިންމަތީ ގުންފައިތަޅާ ހިނގާފަ އުޅޭ މީހުންނަކަށްވެސް މަލަކަލްމައުތަކަށް ނުފިލޭނެ.
ޔާމީނު
07 February 2018
މަގޭ އެކައުންޓަށް ވަތް އެއްމިލިއަން ޑޮލަރގެ މައްސަލަ ބަލާނެ ފުލުހެއް މުއައްސަސާއެއް ނުހުންނާނެ, އެކަމަކު, އެކަމަކު މަގޭ ހަތްގުދު މަށަކަށް މިއަދަކު ނުފެންނާނެ, މަބަލާނީ, އެހެން މީހުން
ހަގީގަތް
07 February 2018
ކެތްތެރިވޭ, މުޅިގައުމު މުށުތެރެއަށް ލިއަސް, މަތީގަޑި ޖެހޭއިރަށް އަނިޔާވެރިންގެ ނިމުން ފެންނާނެ ވަރަށް ހިތިވާނެ ﷲއިންޝާ
ތެދެއް
08 February 2018
އެބަޔަކަށް އެއީ މޑޕ މީހުން ވާނެ! އާމީން....
ސަންތިމަރިޔަބު
08 February 2018
ޔަގީނެއްނު! ﷲ ސުބުހާނަހޫ ވަތަޢާލާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވޭ؟ ނުބައިމީހާ އެމީހެއްގެ ޢަމަލުތަކުގެ މަތީގައި ދަމަހައްޓަވަނީ އެމީހާ ރަގަޅުވެގެންނޫން. އޭނާއަށް ވިސްނި ﷲގެ މަގަށް ރުޖޫޢަވޭތޯ ނޫނީ އޭނާޣެ އުރެދުންތަކުގެ ސަބަބުން ފާފަ އިތުރުކޮށްދެއްވުމަށް.!