ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ޕީޕީއެމަށް ސޮއިކުރެއްވި ހަފުލާގައި އަނބިކަނބަލުން މާޝާ ބައިވެރިވެވަޑައިގަންނަވަނީ: އިލްހާމަކީ މިހާރު ރައީސް ޔާމީނާ ދެކޮޅު މެމްބަރެއް --ފޮޓޯ/މިހާރު
12 ފެބުރުއަރީ 2018 - 12:05
އެއްވެސް ތުހުމަތަކާ ނުލައި މީހުން ހައްޔަރުކުރުމާއި ބަންދުކުރުން އަދި ފުލުސް އޮފީހަށް ހާޒިރުކުރުމަކީ ފުލުހުން ހިންގާ ގާނޫނާ ޚިލާފު، ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ބުނެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.
ފުލުހުން އިއްޔެ ވަނީ، ރިޝްވަތުގެ ތުހުމަތުގައި ހޯދަން އިއުލާންކޮށްފައިވާ ދަގެނތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދުގެ އަނބިކަނބަލުން އާމިނަތު މާޝާ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. ތިން ގަޑިއިރު ވަންދެން ފުލުސް އޮފީހުގައި ބޭންދުމަށް ފަހު އޭނާ ދޫކޮށްލީ މިއަދު ހެނދުނު ވެސް ހާޒިރުވާން އެންގުމަށް ފަހު އެވެ. އެކަމަކު ސަބަބެއް ނުބުނެ އެވެ.
މީގެ އިތުރުން، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ތަރުޖަމާން ފައިސަލް އާދަމް ވެސް ރޭ ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރިއިރު ވެސް އެއްވެސް ސަބަބެއް ފުލުހުން ނާންގާ ކަމަށް ވަކީލުން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ރޭ ފަތިހު އޭނާ ވަނީ ދޫކޮށްލައިފަ އެވެ.
ބައެއް ގާނޫނީ ވަކީލުންނާއި އިދިކޮޅު ސިޔާސީ ބޭފުޅުން ވިދާޅުވި ގޮތުގައި ތުހުމަތެއް ނެތި، ފުލުސް އޮފީހަށް މީހުން ހާޒިރުކުރުމާއި ބަންދުކުރުމަކީ ގާނޫނާ ޚިލާފަށް ފުލުހުން ހިންގާ "ވަރަށް ލަދުވެތި" އަމަލެކެވެ. އެކަމުން އެނގެނީ ސަރުކާރުން ބޭނުންވާ ޣައިރު ގާނޫނީ އަމަލުތައް ހިންގަން ފުލުހުންގެ މުއައްސަސާ އަށް ނުފޫޒު ފޯރުވާ މިންވަރު ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ތަރުޖަމާނު، ފައިސަލް.-- ފޮޓޯ: ފޭސްބުކް
ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ މީހަކު ހައްޔަރުކޮށްފައި ބެހެއްޓޭނެ ހާލަތްތައް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު، ތަހުގީގަށް ބަންދުކުރުން ނުހިމެނޭ ކަމަށެވެ. އެއްވެސް ތުހުމަތެއް ނެތި ފުލުސް އޮފީހަށް ހާޒިރުކުރުމާއި ބަންދުކުރުމަކީ ގާނޫނުއަސާސީގައި އޮންނަ މަފްހޫމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"ސަލާމަތަށް ނުރައްކާ އޮތް ކަމަށް ހައްދަވައިގެން ގާނޫނާ ޚިލާފަށް ސްޓޭޓް އޮފް އިމަޖެންސީ އިއުލާންކޮށް، ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް މި ހިފަހައްޓަނީ. އެއާ އެކު ސިޔާސީ ބޭފުޅުންގެ އަނބިންނާއި ދަރިން އެއްވެސް ކަމަކާ ނުލައި މުއައްސަސާތަކަށް ދަމައި ބަންދުކުރާ ހިސާބަށް ދިއުމަކީ ވަރަށް ލަދުވެތި އަމަލެއް،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިލްހާމްގެ އަނބިކަނބަލުން ވިޔަސް އަދި އެހެން ރައްޔިތަކަށް ވިއަސް ފުލުސް އޮފީހަށް ހާޒިރުކުރަން ޖެހޭނީ މައްސަލައެއް އޮވެގެން ކަމަށެވެ. އެއްވެސް ތުހުމަތެއް ނެތި އެގޮތަށް ހާޒިރުކޮށް އެންމެ ގަޑިއިރަކަށް ނަމަވެސް މިނިވަންކަން ހިފެހެއްޓުމަކީ ގަބޫލުކުރެވޭނެ އަމަލެއް ނޫން ކަމަށް ވިދާޅުވި އެވެ.
ބައެއް ވަކީލުން ވިދާޅުވާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތުމުން ކޮންމެ ހާލަތެއްގައި ވެސް މީހަކު ހިފައި ހައްޔަރުކުރެވޭނެ ކަމަށް ފުލުހުން ވަނީ އަންގައިފަ އެވެ. އެކަމަކު ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އެގޮތަށް މީހަކު ހައްޔަރު ނުކުރެވޭނެ ކަމަށް ވަކީލުން ވިދާޅުވެ އެވެ. "ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވީ ނަމަވެސް މީހުން ހައްޔަރުކުރުމާ ބެހޭ އިޖުރާއަތްތަކާ ބެހޭ ގާނޫނުތައް ސަސްޕެންޑްކޮށްފައި އޮތުމަކީ ހިތަށް އެރިހާ މީހަކު ހައްޔަރު ކުރުމަށް ބާރު ލިބޭ ކަމެއް ނޫން. އަދި ގާނޫނުއަސާސީގައި، އެއްވެސް މީހަކު ކުރި ކުށަކާ ގުޅިގެން އަނެކުންގެ ހައްގަށް އަރައި ނުގަނެވޭނެ ކަމަށް ބަޔާން ކޮށްފައި އޮންނާނެ،" ވަކީލް އަހްމަދު އަބްދުﷲ އަފީފް ވިދާޅުވި އެވެ.
މި މައްސަލާގައި ފުލުހުންގެ ފަރާތުން ޖަވާބެއް ލިބޭ ގޮތެއް ނުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިކޮޅު
13 February 2018
ހުދު ފޮއްޗާ . ހުދުކަފަ . އޭގައި އެއްޗެއް ނުޖެހޭކަމަށަް ވާނަމަ އެހުންނާނީ ހުދުކުލައިގަކަން ޔަގީން.
ބޮޑުކަކުނި
12 February 2018
މިއަދުގެ ދވެހި ފުލުހުންގެ ފެންވަރަކީ ހިންދީ ފިލްމެއްގެ ފެނވަރު . ޣޭންގުގެ ބޮޑުމީހާ އާއި ދެކޮޅަށް ނުކުންނަ މީހަކު ބަލިކޮށްލުމަށް ކުރާކަމަކީ އެމީހެއްގެ ދައިންނަށް ބިރުދައކާ ހިފާ ހައްޔަރު ކުރުން . ފުލުހުން މިގަންނަނީ މިގަނޑުކަމަށް މިހާރު ފާޅުކަން ބޮޑޮކޮށް އެނގެމުން މިދަނީ .
ޖުހާ
12 February 2018
ފުލުހުންގެ މުއައްސަސާ މިހާރުހިގަނީ ތޮށަލިދުޅައަށް. އެހެން ވާނީވެސް ވެރިމީހަ ދިފާއުކުރަން ފޫގަގަޅަންޏާ. މިކަމުންވެސް ދިވެހިން އާ އިބްރަތެއް ލިބިގަންނާނެ.
ގަބުޅިކާށި
12 February 2018
ފޮޓޮއިން ތިޔަ ފެންނަނީ ވަރަށް އާންމު މަންޒަރެކެވެ. އެއް ދުވަހު ރަހްމަތްތެރިއެކެވެ. އަނެއް ދުވަހު އަދާވާތްތެރިއެކެވެ. ފުރަގަސްދޭއިރަށް މަސްކައި ނަގާނެއެވެ. ވެލްކަމް ޓު މިނިކާރާއްޖެ!
ޝަނީފް
12 February 2018
މިފަހަރު މިއޮތީ ގައުމުގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް ސަރުކާރުން ބަޣާވާތެއް ހިންގާފަ.
ވާލުސޮރު
12 February 2018
ރާއްޖޭގައި ޤާނޫނު އަސާސީއާ ޤާނޫތަކަށް އަލުން ޢަމަލުކުރަންފެށި ރައްޔިތުންގެ ބާރު މަޖިލިސްގަ ހިނގަންފެށުމާއެކު ކުރަން އޮތް އެންމެ މުހިންމު ކަމަކީ ކުށަކާ ނުލައި ނަޙައްޤުން ހިފާ ހައްޔަރުކޮށް މީސް މީހުންނަށް އަދަބުދޭ ފަރާތްތަކަށް ދައުވާކޮށް ޙައްޤު އަދަބު ދިނުމާއެކު އެކަމުގަ ބައިވެރިވި މީސްމީހުންގެ އަތުން އަނިޔާ ލިބުނު ފަރާތްތަކަށް ކޯޓުތައް މެދުވެރިކޮށް އެކަށީގެންވާ މާލީ ބަދަލެއް ނަގައިދިނުން. އެހެންނޫނީ ކުށަކާނުލާ ހިފާ ހައްޔަރުކުރުމާ ނަހައްގުން އަދަބުދިނުން ދުވަހަކުވެސް ނުހުއްޓޭނެ!
އައްޑޫ ސިޓީ
12 February 2018
މިކަމުގައު ބައިވެރިވާ ފުލުހުންނާއި ސިފައިން ވަޒީފާއިން ވަކިކުރަން ފެނޭ. ސަބަބަކާއި ނުލައި މީހުން ހައްޔަރުކޮށް އަނިޔާ ކުރުނަކީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމެއް ނޫން! ސުޕްރީމް ކޯޓުގެ ފުރާޅުމަތިން އަރައި ޤައުމުގެ އިސް ފަންޑިޔާރުން އިހާނެތިކޮށް ހައްޔަރުކުރުމަކީ ޤައުމީ ސަލާމަތައް މަސައްކަތް ކުރުމެއް ނޫން!
އުމަރު
12 February 2018
ފުލުހުން އެތިބީ މިހާރު ހިތުން ކުއްލި ނުރައްކަލުގެ ހާލަތުގައި ޤާނޫނު އަސާސީ އަތަށް ނަގައިގެން، އެކަމަކު މިހާރު ހިނގަމުންދާ ކުއްލި ނުރައްކަލުގެ ހާލަތަކީ ޤާނޫނީ ހިލާފް ކުއްލި ނުރައްކަލުގެ ހާލަތެއްކަން ފުލުހުންނާއި ސިފައިންނަށް އަދި ވިސްނޭނީ ޖަލުގެ ކުޑަގޮޅީގައި އޮންނަ ދުވަހަކުން، އެދުވަސް އަހަރެން ހަމަޔަގީނުންވެސް އަދި ދެކޭނަން
ޔެސް
12 February 2018
އަހަރެންވެސް ތި ދުވަސް ދެކއނ ބޭނުން
ސައިކޮލޮޖީ
12 February 2018
ކަނޑު މެދަށް ގެނބެމުންދާ މީހާ ނޭވާ ހާސްވާ ވަގުތު އަމިއްލަ ދަރި ބޮލުގައި އަންއަޅާފައިވެސް މައްޗަށް އަރަން އުޅޭނެ! ބަލިވެއްޖެ. ޢެ ޙިފަހައްޓަނީ ގައުމު ޢަޑިއަށް ދުއްވާލައުގެން. ނިމެނީ
ނަސީމްބެ
12 February 2018
ފުލުހުން ނާއި ސިފައިން މިހާރު އެތިބީ ޤާނޫނަށްވުރެ މާމަތީގަ ޔާމީން ބުނާހާ ކަމެއްކުރުމަށް ފޫގަޅައިގެން. ކޮބާ ކުރި ހުވާ އެމީހުން ކޮބާ ރައްޔިތުންގެ ޙައްޤު ތައް؟