އެމްޑީޕީގެ ޕީޖީ ލީޑަރު އިބޫ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
20 ފެބުރުއަރީ 2018 - 11:00
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ނެރުނު ގަރާރު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީން ފާސް ކުރަން ނިންމި ނިންމުން، ސައްހަ ނުވާނެ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީން މި މަހުގެ ފަސް ވަނަ ދުވަހުގެ ރެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް ދަމަހައްޓަން ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ. ކޮމެޓީން އެ ގޮތަށް ފާސް ކުރީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ ހަ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
އިބޫ "މިހާރު" އަށް ވިދާޅުވި ގޮތުގައި މި ވަގުތު، ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަށް މަޖިލީހުގެ މެޖޯރިޓީއެއް ނެތެވެ. އެހެންވެ، ކޮމެޓީތަކަށް މެމްބަރުން އައްޔަން ކުރަން ޖެހޭނީ ޕާޓީގެ މެމްބަރުން ނިސްބަތްވާ ގޮތަށް ބަލައިގެން ކަމަށާއި ކޮމެޓީތައް މިހާރު ހިނގަނީ ގަވައިދުތަކާ އެއްގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި ކޮމެޓީތަކުގައި އިދިކޮޅު އެމްޑީޕީއަށާއި ޖުމްހޫރީ ޕާޓީ އަށް ލިބެން ޖެހޭ ސްލޮޓުތަކެއް ނުލިބެ އެވެ. ކޮމެޓީތަކަށް މެމްބަރުން އައްޔަންކޮށް، ވަކި ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ކަމަށް ވެސް އިބޫ ތުހުމަތު ކުރެއްވި އެވެ.
"މަސީހު އަމިއްލަ އަށް އެކަމެއް އެ ކުރައްވަނީ. ޕާޓީތަކަށް ހައްގުވާ މިންވަރު ލިބެން ޖެހޭ. ކޮމެޓީތަކުގެ ނިންމުންތަކާ މެދު ސައްހަކަން އުފެދޭ ގޮތަށް މި ކަންކަން ހިނގަނީ،" އިބޫ ވިދާޅުވި އެވެ.
މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 85 މެމްބަރުންގެ ތެރެއިން ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގައި މި ވަގުތު ތިއްބެވީ ރިޔާސަތުގައި އިންނަވާ މަސީހު ވެސް ހިމަނައިގެން 41 މެމްބަރުންނެވެ. ބާކީ މެމްބަރުންނަކީ އިދިކޮޅު ފިކުރުގެ ބޭފުޅުން ކަމަށްވީ ނަމަވެސް، އޭގެ ތެރެއިން ތިން މެމްބަރަކު މި ވަގުތު ވަނީ ހައްޔަރުކޮށްފަ އެވެ.
އެއީ، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނެވެ. މީގެ އިތުރުން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މިވަގުތު ހުންނެވީ ތިން އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އަދި މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުން މަޖިލީހަށް ވަނުމަށް ހުރަސްއަޅާ އަމުރެއް ސުޕްރީމް ކޯޓުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވަނީ ނެރެފަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ކުއްލި ނުރައްކަލުގެ ހާލަތަށް އިތުރު 30 ދުވަސް ބޭނުން ވަނީ ގާނޫނުއަސާސީ ހިމާޔަތްކޮށް، ގާނޫނު ނަގަހައްޓައި ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ދެމެހެއްޓުމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރަން މަޖިލީހަށް ހުށަހަޅާފައިވީ ނަމަވެސް އެ ގަރާރު ފާސްކުރަން ބޭނުންވާ އަދަދަށް ވެރިކަންކުރާ ޕީޕީއެމަށް މެމްބަރުން ހަމައެއް ނުވެ އެވެ.
ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުންް ފާސްކުރަން ވޯޓަށް އަހަން ވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާ އަށް ހާޒިރުވެ ތިބޭ ވަގުތެއްގަ އެވެ. އެއީ މަޖިލީހުގެ މިހާރުގެ ޖުމްލަ މެމްބަރުންގެ އަދަދުން ބަލާއިރު 43 މެމްބަރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެމްބަރުންކޮޅު
21 February 2018
އިބޫ އިދިކޮޅު ވިޔަސް އެމެމްބަރުން ތިބީ ޕީޕީއެމް ގެ ނަމުގަ ނޫންތޯ، މެމްބަރުންކޮޅު އެމްޑީޕީއައް ބަދަލުކޮއްލާ. މައްސަލަ ހައްލުވީ.
ބޫމް
20 February 2018
"ރައީސް އޮފީހުން ބުނި ގޮތުގައި، ކުއްލި ނުރައްކަލުގެ ހާލަތަށް އިތުރު 30 ދުވަސް ބޭނުން ވަނީ ގާނޫނުއަސާސީ ހިމާޔަތްކޮށް، ގާނޫނު ނަގަހައްޓައި ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ދެމެހެއްޓުމަށެވެ." ޤާނޫނާ ޚިލާފަށް ޢަމަލުކުރަން މަގުފަހިކުރާާށޭ ބުނިނަމަ ތަންކޮަޅެއް ތެދަށް ބުނިކަމަށްވީހެވެ. ޤާނޫނުއަސާސީއަށް ފައިން އަރައިގެންތިބެ މިކިޔަނީ ޤާނޫނު ނަގަހައްޓާ ވާހަކަ. ލަދު ނުހަންނަ ކަމޭ މަ ހިތަށްއަރާ.
7676
20 February 2018
ގާނޫނު ހަދާމަޖިލީހުގައޯ އިންނަނީ. ގާނޫނު އަސާސީއެއް ގާނޫނެއް މަޖްލީސް ގަވާއިދެއް އިބޫއަކަށް ނޭނގެ.
އަހަންމާބެ
20 February 2018
މިހާރުދެން ރާއްޖޭގައި މުޅިންވެސް މިފެންނަނީ ތިމާމީހާ ބޭނުންވާގޮތްނޫން ގޮތްގޮތަށް ހުންނަ ކަންކަން ޞައްޙަނޫންކަމަށް ނިންމާ، ތިމާރުހޭގޮތަށް ހުންނަ ކަންކަމަކީ ޞައްޙަ ކަންކަން ކަމަށް ތިމާ އަމިއްލައަށް ނިންމާތަން،
ސުނިލް
20 February 2018
ސައްހަ ކަން ނިންމަނީ އިބޫތަ؟
އަބްދުއްލާ
20 February 2018
އިބޫ އަކަށް ނޭގޭނެ
އިސްމާޢީލް
20 February 2018
އޭ އިބޫ ކަލޭމޮޔަވީތަ..އަދިވެސް މަޖިލީހުގެ މެޖޯރިޓީ އޮތީ ޕީޕީއެމް އަތުގަ..އެމްޑީޕީގަ 21 މެމްބަރުން ލައިގެން ކަލޭމެންނަށް ކޮން މެޖޯރިޓީ އެއް ލިބޭނީ