ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުން ބޭއްވި މުޒަހާރެއްގައި ބަޔަކު ޝުއޫރުފާޅުކުރަނީ.
22 ފެބުރުއަރީ 2018 - 22:07
ރައީސް އަބްދުﷲ ޔާމީން، މި މަހުގެ 5 ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ފަހުން މިހާތަނަށް 50 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ އެެންމެން ދޫކޮށްލުމަށް ގުޅިފައިވާ ޕާޓީތަކުން މިއަދު ސަރުކާރަށް ގޮވާލައިފި އެވެ.
ޕާޓީތަކުން ނެރުނު ނޫސް ބަޔާނެއްގައި ބުނި ގޮތުގައި ގާނޫނާ ޚިލާފަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއެކު މިހާތަނަށް 50 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ގާނޫނީ އިމުގެ ބޭރުން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 26 މީހަކު މިހާރު ވެސް ދޫނިދޫގައި ބަންދުކޮށްފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އަދި 21 މީހަކު ހައްޔަރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ގަރާރުގެ ދަށުން ކަމަށް ކަމަށް ވެސް ޕާޓީތަކުން ބުންޏެވެ.
ނަމަވެސް ރާއްޖޭގައި މިހާރު އިތުރު 30 ދުވަހަށް ކުއްލި ހާލަތުގެ ނުރައްކާ އިއުލާންކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިސާމް ވެސް ވިދާޅުވެފައިވާތީ، އެ އެންގުމާ އެއްގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށް ޕާޓީތަކުން ބުންޏެވެ.
"ކުއްލި ނުރައްކަލުގެ ހާލަތު ގާނޫނާ ހިލާފު ކަމަށް ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރަލް މޯލްޑިވްސް ޕޮލިސް ސާވިސް ލިޔުމުން އަންގަވާފައިވާތީ އާއި ދުނިޔޭގެ މުހިއްމު ޖަމިއްޔާރތަކާއި ދިވެހި ރާއްޖެއާ ގުޅުން ބަދަހި އެތައް ގައުމަކުން ކުއްލި ހާލަތު ގާނޫނާ ހިލާފު ކަމަށް ބުނަމުން އަންނަ ހިނދު ގަދަބާރުން އަބްދުﷲ ޔާމީންގެ ވެރިކަން ދިއުފާކޮށް ދިނުމުގެ ބަދަލުގައި ގާނޫނީ އިމުގެ ތެރެއިން އަމަލު ކުރުމަށް ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކަށް އެންމެ ހަރު އަޑުން ގޮވާލަމެވެ." ޕާޓީތަކުގެ ބަޔާނުގައި ބުންޏެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، ހައްޔަރު ކުރި މީހުންގެ ތެރޭގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ރެޖިސްޓްރާ ހަސަން ސައީދާއި ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރަކާއި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންދިސް
22 February 2018
ކުއްލި ނުރައްކަލުގެ ހާލަތާ އެކު 50 މީހަކު ވަނީ ހައްޔަރުކޮށްފައިނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް އެމެންނަށް އެޒާތަށް އެމްޑީޕީގެ ހަރުގެ ކައިރިއަށް އެއްވެގެން އެޒާތަށް ކަންކަން ނުކުރެވޭނެއޭ އެއީ ވާނެ ކަމެއް ނޫނޭ އިން ދިސް ބާރބޭރިއަން ސްޓައިލް މިހާރު ޖެހޭނީ ދުއްވާލަން އޭ އިން ދިސް ބާރބޭރިއެން ސްޓައިލް ޓު ބީ އެބޮލިޝްޑް.