ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާނު ވާހަކަ ދައްކަވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
08 މާޗް 2018 - 23:06
މާލޭގެ ހަމަނުޖެހުން ނަގައިލުމަކީ އިދިކޮޅު އެމްޑީޕީން އަބަދުވެސް ބޭނުންވެފައި އޮތް ކަމެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު މި ރޭ އެ ޕާޓީ އަށް ފާޑު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާނު މި މޭރުމުން ވާހަކަ ދެއްކެވީ، މި ރެޔާއި މާދަމާ ރޭ މާލޭގެ އެކި ތަންތަނުގައި އަލިފާން ރޯކޮށް ދައުލަތާއި އާންމު ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުމަށް ރާވަމުންދާ ކަން ފުލުހުން ހާމަ ކޮށްފައިވަނިކޮށެވެ.
ނިހާނު ވިދާޅުވީ 2004ގެ ފަހުން މާލޭގައި ހިނގި ހާދިސާތަކާ ގުޅިގެން ސިޔާސީ ގޮތުން އެމްޑީޕީން ފައިދާ ނަގަމުން ދިއުމަކީ އާންމު ގޮތެއްގައި އެ ޕާޓީން ކުރާ ކަންކަން ކަމަށެވެ. އަދި އެއްވުންތަކުގެ މަންޒަރުތައް ދައްކައިގެން، ރާއްޖެއާ މެދު ފިޔަވަޅު އަޅައި، މީހުން ރާއްޖެ ނައުމަށް ގޮވަމުންދާ ކަމަށެވެ.
ނިހާނު ވިދާޅުވި ގޮތުގައި މާލޭގައި ހަމަނުޖެހުން ހިންގައި، ފައިސާ ދީގެން މާރާމާރީ ހިންގުމަކީ ރައްޔިތުންގެ ހިތްތަކުގައި އުފެދިގެންދާނެ ބޮޑު ބިރުވެރިކަމެކެވެ. އެގޮތުން ސިޔާސީ ހަރަކާތްތަކާ ގުޅުން ނެތް މީހުންނަށް މިފަދަ ހަމަލާތައް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ނިހާނު ވިދާޅުވި އެވެ.
"ބޭނުމަކަށް ވާނީ ހަލަބޮލިކޮށްލައި، މާލެ ތެރޭގައި އާންމު ރައްޔިތުންގެ ހިތްތަކުގައި އިންތިހާ އަށް ބޮޑު ބިރުވެރިކަން އުފެދިގެން ދިއުން،" ނިހާނު ވިދާޅުވި އެވެ.
މާލޭގެ އަމަން ނަގާލުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އާއި ހުޅުމީދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) އާއި އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމުގައިވާ ހުސައިން އިލްހާމެވެ.
ނިހާނު ވިދާޅުވި ގޮތުގައި ސަލާމަތީ ބާރުތަކަށް ހިތްވަރު ދޭ ސަބަބަކީ މިފަދަ ހަމަނުޖެހުންތައް ހުއްޓަވަން އެ ފަރާތްތައް ތިބުމުންނެވެ. އަދި މާލޭގެ އެއްވެސް ތަނެއްގައި ހަމަނުޖެހުމެއް ހިންގަން އުޅޭ ކަމަށްވާ ނަމަ، ރައްޔިތުން ލަސްނުކޮށް، ކަމާ ބެހޭ ފަރާތްތަކާ ހިއްސާ ކުރުމަށް ނިހާނު އެދިވަޑައިގެންނެވި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ގައުމަށް ޣައްދާރުވާ މީހުން އުޅޭ ޕާޓީތައް އުވާލެވޭ ގޮތަށް ގާނޫނުގެ ތެރެއިން އެ ޖާގަ ހޯދަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަބްދުއްރަހީމް ވަނީ ގޮވާލައްވައިފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމުން ވަނީ އިދިކޮޅު ފަރާތްތަކުން ރާއްޖެއާ މެދު ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ބުނެ އެކަން ވެސް ކުށްވެރިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅުގަޑު
19 March 2018
ފުލުހުންގެ ބެރިކޭޑް ހުރަސްކޮށް ފުންމި މީހުންގެ ލިސްޓް!!!!!!!؟؟؟؟؟؟
އަބްދުއްލާ
10 March 2018
ގދ . ތިނަދޫއާއައްޑޫގަ ހުޅުޖެހުމާ . 2008 ގަ ބޭސްގުދަނުގަ ރޯކުރުމާ މިއީ އެއްބަޔކު ކުރުވި ކަންކަން .މިހާރުވެސް އެކަން ކުރުވަން މަސައްކަތްކުރަނީވެސް ހަމަ އެމީހުން.
ލައިސާޓް
10 March 2018
މޑޕ އަކުނޫން އަމަން ނަގާލަން އުޅެނީކީ އަމަން ނަގާލަން އުޅެނީ ސަރުކާރުގަ ތިބިބަޔަކު ދޮގުޥާހަކަ ފަތުރައިގެން
ދޮޅިދާން
10 March 2018
ފުލުހުން ގެ ބެރިކޭޑު ފަޅާލި މީހާއަށް 2 ގަނޑުވަރު
މާލޭ މީހާ
10 March 2018
މަގުމަތީގައި ހަމަނުޖެހުން ހިންގުމަކީ އެމްޑީޕީގެ ފެށުން ، މިއަދަކު ދިވެހި ސިފައިންނާއި ފުލުހުން އެފަދަ ކަމެއް ކުރުމަށް ފުރުސަތެއް ނުދޭނެ. ( އއ )
ޖާން / ވިލިނގިލި
10 March 2018
އިލްޙާމް ކުރެއްވީ ތޯއްޗެއް . މުޅި ޤައުމުގެ މަސްލަހަތު ނަގާލީ ތިމީހުން. މުޅިޤައުމުގެ މަސްލަޙަތު ނަގާލި ގޮތަކީ ޤައުމުގެ ޚަޒާނާ ރޯމާދުވާލު ފެންފޮދަކާ ނުލާ ދިރުވާލުން. އާމްދަނީއާއި ނުބައްދަލު މުދާ ރޮލެކްސް ގަޑި، މޮޅެތިކާރު ލިބުނުއިރު ޙަލާލެއް ޙަރަމާއެއްތޯ ބަލާލާނެ މީހަކު ނެތުން.
ކިޔުންތެރިއެއް
10 March 2018
މުޅިގައުމުގެ އަމާންނަގާލާ އަނިޔާވެރިވަމުން ތިދަނީ ހަމަ ތިމީހުން
ބިޑި
10 March 2018
ކިހިނެެއް ނިހާންއަށް އެމްޑީޕީ ބޭނުންވާގޮތް އިގެނީ؟ ޢެމީހަކަށް އިގޭނީ އެމީހަކު ބޭނުންވާގޮތް. ފަހަރުގަ އެއީ ނިހާންބޭނުންވާ ގޮތްކަމަށް ވެދާނެ.!
ޝާޔަދު
10 March 2018
މާލެ އެއްނޫން މުޅި ދިވެހިރާއްޖެ ގެ އަމާންކަން ނަގާލަމުންދަނީ ނިހާނުމެން ކަހަލަ ފައިސާއަށް ދަހިވެތިވެފަ ތިބިބަޔަކު، ގާނޫނާ ގަވައިދަކަށް ބެލުމެއްނެތި ޢަމަލުކުރަމުންދާ ގޮތުން އަމާންކަން ގެއްލިގެން މިދަނީ، އަމިއްލަ އެދުން ފޯވެގެން ދިވެހި ދައުލަތް ހަލާކުކުރަނިތި.
އެމްސް
10 March 2018
ނިޖާން އަށްވެސް މިހާރު ކަންކަން އިލްހާމްވާން ފެށީތާ!