ރާއްޖެ އާއި ކޮންގޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރުމުގެ އެއްބަސްވުމުގައި އަލީ ނަސީރު (ކ) ސޮއިކުރައްވަނީ. - ފޮޓޯ: ފޮރިން މިނިސްޓްރީ
20 އެޕްރީލް 2018 - 21:46
ރާއްޖެ އާއި ރިޕަބްލިކް އޮފް ކޮންގޯއާ ދެމެދު ސިޔާސީ ގުޅުން މިރޭ ގާއިމްކޮށްފި އެވެ.
މިއީ ރާއްޖެ އިން ސިޔާސީ ގުޅުން ގާއިމްކުރި 168 ވަނަ ގައުމެވެ.
ފޮރިން މިނިސްޓްރީން ބުނީ ނިއު ޔޯކްގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތުގައި، ސިޔާސީ ގުޅުން ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެ އިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ކަމަށެވެ.
ފޮރިން މިނިސްޓަރު އާސިމް (މ) އާއި އަލީ ނަސީރު (ކ). - ފޮޓޯ: ފޮރިން މިނިސްޓްރީ
މި ރަސްމިއްޔާތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވެސް ބައިވެރިވެވަޑައިގަތެވެ. އާސިމް، ނިއުޔޯކަށް ވަޑައިގަތީ އދ. ގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.
ފަހަކަށް އައިސް، ރާއްޖެ އިން އަންނަނީ އެފްރިކާގެ ގިނަ ގައުމުތަކާ ސިޔާސީ ގުޅުން ގާއިމް ކުރަމުންނެވެ. އެގޮތުން ރާއްޖެ އިން ދާދި ފަހުން ވަނީ އައިވަރީ ކޯސްޓް އަދި ޒެމްބިއާއާ އެކު ސިޔާސީ ގުޅުން ގާއިމް ކޮށްފަ އެވެ. ފޮރިން މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި އެފްރިކާ ގައުމުތަކާ އެކު ސިޔާސީ ގުޅުން ގާއިމް ކުރުމަކީ އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރަން ހުޅުވުނު ފުރުސަތެކެވެ.
ކޮންގޯއާ އެކު ރާއްޖެ އިން ސިޔާސީ ގުޅުން ގާއިމްކުރި އިރު، އދ. ގެ އެންމެ ބާރު ގަދަ އަދި އެންމެ ވާދަވެެރި ކައުންސިލް ކަމަށްވާ ސެކިއުރިޓީ ކައުންސިލްގެ މެމްބަރު ކަމަށް ރާއްޖެ އިން ވާދަ ކުރުމަށް ކުދި ގައުމުތަކުގެ ވޯޓު ހޯދުމުގެ ކެމްޕޭނެއް ވަނީ ފަށައިފަ އެވެ.
އެފްރިކާ ބައްރުގެ މެދުތެރޭގައި އޮންނަ ކޮންގޯ އަކީ އާބާދީގައި 5.1 މިލިއަން މީހުން ދިރިއުޅޭ ގައުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
22 April 2018
ޔޫރަޕްގެ ގައުމުތަކާއި ދުރަށް އަދި އެންމެ ބޮޑަށް ތަރައްޤީވެފައިވާ ގައުމުތަކާއިވެސް ދުރަށް، ހަމަ ބޭނުމަކީ ޑިމޮކްރަސީ އާއި ދުރަށް ދިއުމަށް، އެފްރިކާގެ ގިނަ ގައުމުތަކަކީ ފަގީރު ގައުމުތަށް އަދި ކޮރަޕްޝަނާއި ފަސާދަ ހައްދު ފަހަނަޅާފައިވާ ގައުމުތަށް، ދިވެހިންނަށް އެގައުމުތަކުން ލިބޭނީ ކޮން މަންފާއެއް،
އ.ދ.
21 April 2018
"ފަހަކަށް އައިސް، ރާއްޖެ އިން އަންނަނީ އެފްރިކާގެ ގިނަ ގައުމުތަކާ ސިޔާސީ ގުޅުން ގާއިމް ކުރަމުންނެވެ." އ.ދ. ގަ ވޯޓެއް ގަނެލަން ރެޑީވަނީތަ؟. ކާކުބާ މިފައިސާ ދޭނީ؟ ޗައިނާއިން ނޫނީ ސައުދީއިން ބޭނުންވާ ކަންކަން ކުރުވަން ސަލާމަތީ މަޖިލީހުން ގޮނޑިއެއް ގަނެލަނީހެން މަށަށް ހީވަނީ.
ރަދީފް
21 April 2018
މަރުހަބާ ދިވެހިރާއްޖެ.މަރުހަބާ ކަބީލާ.ބުރުންޑީ އަދި ހެއިޓީ ފަދަ ގައުމުތައް ވެސް ލިސްޓަށް އިތުރުވެގެން ދާނެކަަމަށް އުއްމީދުކުރަން.އިފް ޔޫ ނޯ ވަޓް އައި މީން.
ލަނޑަޔާ ވާނީ ލަނޑޔާ
21 April 2018
ކޮންގޯގެ ރައީސް ގެ ވެރިކަމުގެ ދައުރު ހަމަވީ 2016 ވަނަ އަހަރުގައި ނަމަވެސް އޭނާ ހުރީ އަދިވެސް މަގާމުގައެވެ. އިންތިހާބު ވަނީ އެތައް ފަހަރަކު ޤާނޫނާ ހިލާފަށް ފަސްކޮށްފައެވެ. އިދިކޮޅު އެންމެން ވަނީ ޓެރަރިޒަމްގެ ދައުވާކޮށް ޖަލަށްލާފައެވެ. މުޒާހަރާ ކުރާ މީހުންނަކީ ޓެރަރިސްޓުން ކަމަށް ބަލައި ބަޑިޖަހާ މަރައެވެ. މީޑިއާތައް ވަނީ އެއްކޮށްހެން ނެތި ގޮއްސައެވެ. ދައުލަތުން ބުނަނީ ރައްޔިތުންނަށް ފުރިހަމަ މިނިވަންކަން އެބައޮތް ކަމަށެވެ. ޖުޑިޝަރީގެ މިނިވަންކަން ނިގުޅައިގަނެފައިވާއިރު ޤާނޫނީ ވަކީލުންނަށް ގިނަ އަނިޔާކުރެއެވެ. އިންތިހާބެއް ބޭއްވިޔަސް މިނިވަން ނުވާނެ ކަމަށް ރައްޔިތުން ދެކެއެވެ. އާންމު ރައްޔިތުންގެ ހާލަތު ވަރަށް ދައްވެ ނިކަމެތި ވެފައިވީ އުފަން ބިމުގައެވެ. ހުޅަނގުގެ ޕްރެޝަރަށް އަޅާ ނުލާ އަނިޔާވެރިކަން ކުރިއަށް ގެންދަނީ ޗައިނާގެ ބިޔަ ޕްރޮޖެކްޓްތައް ލިބޭތީއެވެ. ކޮންގޯގެ ވެރިކަން ކުރާ ޕާޓީ ސަޕޯޓަރުން ބާރަށް އަޖަހައެވެ.
އަލީނިން
21 April 2018
މީގަތަރައްވުރެ މުހިއްމު ގައުމަކީތޯ ގުޅުން އުފައްދަން ގަތަރާ ގުޅުން ކަނޑާފަ
މީނާ
21 April 2018
ކޮބާ ދެން ކޮންގޯއަށް ދާން ވިސާ ލިބޭނެތަ