ހޯމް މިނިސްޓްރީގައި ބޭއްވި ކޭކުފެޅުމުގެ ހަފުލާގައި ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީީ/ މިހާރު
29 އެޕްރީލް 2018 - 13:54
ވަޒީރުންނާއި ވަޒީރުންގެ އާއިލާގެ މެމްބަރުންގެ ހެލްތު އިންޝުއަރެންސަށް ދައުލަތުން ކޮންމެ އަހަރަކު ވެސް ޚަރަދު ކުރާ އަދަދު 24،000ރ. އަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ވަޒީރުންނާއި އެ ބޭފުޅުންގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނާއި އުމުރުން 18 އަހަރު ނުފުރޭ ކުދިންގެ ހެލްތު އިންޝުއަރެންސްގެ އަހަރީ ޕްރިމިއަމަށް ދައުލަތުން ދޭ އަދަދު މުރާޖައާ ކޮށްދެއްވުމަށް އެދި މަޖިލީހަށް ހުށަހެޅުއްވީ ރައީސް އަބްދުﷲ ޔާމީނެވެ. އަދި މި މައްސަލަ ދިރާސާ ކުރި މާލިއްޔަތު ކޮމިޓީން ނިންމާފައި ވަނީ ވަޒީރުންނަށް ދޭ ހެލްތު އިންޝުއަރެންސް ޕްރިމިއަމް ބޮޑު ކުރަން ފެންނަ ކަމަށެވެ.
މާލިއްޔަތު ކޮމިޓީގެ ރިޕޯޓު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަންނެވި 36 މެމްބަރުންގެ އިއްތިފާގުންނެވެ. ޖަލްސާގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
ވަޒީރުންގެ ހެލްތު އިންޝުއަރެންސްގެ އަހަރީ ޕްރިމިއަމަށް ދައުލަތުން ކުރިން ޚަރަދު ކުރަނީ އަހަރަކު 19،000ރ. އެވެ. ވަޒީރުންނަށް ހެލްތު އިންޝުއަރެންސް ދެމުންދާ ޕްރިމިއަމް ޕެކޭޖަށް 19،000ރ. ކުރިން ޚަރަދު ކުރަމުން އައީ އެ ޚިދުމަތް ދޭ އެލައިޑު އިންޝުއަރެންސް ކުންފުނިން އޭރު އެ ޕެކޭޖްގެ އަގު ހެޔޮކޮށް ދިނުމުންނެވެ. އެ އަގުގައި ޕެކޭޖްގެ ޚިދުމަތް ދިނުމުގައި ދަތިތައް ކުރިމަތިވާ ކަމަށް ކޮމިޓީ ރިޕޯޓުގައި ވެ އެވެ.
މީގެ އިތުރުން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރުންނާއި އެ ބޭފުޅުންގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނާއި އުމުރުން 18 އަހަރު ނުފުރޭ ކުދިން ވެސް ދައުލަތުގެ ޚަރަދުގައި ހެލްތު އިންޝުއަރެންސް ދޭ ސްކީމްގައި ބައިވެރިކުރަން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ކުރިން މަޖިލީހުން ނިންމާފައި އޮތީ އެންއައިސީގެ މެމްބަރުން ހެލްތް އިންޝުއަރެންސް ސްކީމްގައި ބައިވެރި ނުކުރުމަށެވެ.
އެކަމަކު، ކޮމިޓީން ނިންމީ އެހެން މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށް ވެސް ހެލްތު އިންޝުއަރެންސް ދޭ ގޮތަށް އެންއައިސީގެ މެމްބަރުންނާއި އެ ބޭފުޅުންގެ އާއިލާތައް ވެސް ހެލްތު އިންޝުއަރެންސް ދިނުމަށެވެ.
މީގެ އިތުރުން، މަޖިލީހުން ވަނީ އާންމު ގަވައިދުތަކާ ބެހޭ ގަވައިދުގެ ޖަދުވަލު އެކެއް އަދި ދޭއްގައި ބަޔާންކޮށްފައިވާ ގަވައިދުތަކަށް އަމަލުކުރުމުގެ މުއްދަތު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް މުއްދަތު އިތުރު ކުރުމަށް މަޖިލީހުގެ ގަވައިދު ކޮމިޓީން ނިންމި ނިންމުން މިއަދު ފާސްކޮށްފަ އެވެ. ގަވައިދު ކޮމިޓީގެ ރިޕޯޓު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިލަދުންމަތި ރައްޔިތުމީހާ
03 May 2018
އެއް އަނގައިން ކިޔަނީ ރައްޖޭން އެންމެ މަތީފެންވަރުގެ ބެސްފަރުވާ ކުރެވެއެވެ. އެކަމު އަނެއް އަނގައިން ވަޒީރުން މިކިޔަނީ 19000 ރުފިޔާގެ އިންސިރެންސް ޕެކޭޖް އަކުން ވެސް ހިދުމަތް ރަގަޅަށް ނުލިބެއެވެ. ރައްޔިތު މީހާ އުޅޭނެ ހާލު ވިސްނާލައްވާ. ހަގީގަތަކީ ރާއްޖެން އިތުބާރުކުރެވޭ ރަގަޅު ފެންވަރެއްގެ ބޭސްފަރުވާ ޙިދްމަތް ނުލިބޭތީ ވަޒީރުންވެސް ބޭނުންވަނީ ރާއްޖޭން ބޭރުން ފަރުވާ ހޯދަން. މިބުނީ ދޮގެއްތަ!އެހެންޏާ ފަހެ.
ނެޝަނަލިސްޓް
30 April 2018
ކިއްކުރަންބާ؟ ރައްޔިތުންނަށް، ގައުމަށް ހިދުމަތެއް ކޮށްދޭ ބައެއް ނޫން އެއީ!
އިނާ
30 April 2018
އިނާޔަތްތަށް ބޮޑުކޮށް ނަގާ ،2018 އިގެ ފަހުން ތިޔަ ވަޒީރުންނަށް ޓާޓާ،ބުރަ މަސައްކަތް ކޮށްދިނީތީ ވ ބޮޑަށް ޟުކުރިއްޔާ،އަދި އެހެނިހެން ދައުރުތަކުގައި ވެސް މިނިސްޓަރުކަން ކުރެއްވި ހުރިހާ މިނިސްޓަރުންނަށް ވެސް ޟުކުރިއްޔާ،ދެން ފެންނާނީ އިން ޟާ ﷲ އާ ޒައީމަކާއެކު އާ ޒައާމަތާއެކު އާ މިނިސްޓަރުން.
ހަޒާން
30 April 2018
މިމީހުންގެ ލަދުހަޔާތް ކުދަކަމާމެދު މަހަމަ އާސޯހްވެއްޖެ! ނިކަން ވިސްނާލަބަލަ ރައްޔިތުންނައް ފައިދާވާނެ ހަމަ އެންމެ ބިލެއްވެސް ފާސްނުކުރާތާގައި މިބައިގަނޑުގެ ފައިދާބޮޑުވާނެހުރިހާކަމެއް އެއޮށްކޮށްނިންމާލީ އަޅެމީ ގޮތްކުޑަ ގޮތެއްފޮތެއްނެތް ބައެއްނޫންތަ!
މުހައްމަދު މޮލޭ
29 April 2018
ވަޒީރުންނާ އަދި މެންބަރުންނާ އެމީހުންގެ އާއިލާތަކާ ޕްރީމިއަމް ބޮޑުކޮށް އެބަޔަކަށް ހެދުނު އެއްޗެއް ހަދަމުން ދޭ. ނިކަމެތި ރައްޔިތުން ބިކަ ހާލުގަ. މަރުވެގެން ކައްވަޅުގަ ތިބޭނީ އެކަނި. މެންބަރުންވެސް އަދި ވަޒީރުންވެސް އަދި އެންމެން މަރުވެގެން ދާނީ މިފަސްގަނޑު ދަށަށް. ކުނިވެ ކަށިފުރޭނި އަދި އަލުން ގިޔާމަތް ދުވަހުން ކައްވަޅުތަކުން ތެދުވެ ތި ބޮޑުކުރި ޕްރިމިއަމް ކިހިލި ޖަހައިގެން ޖަހަންނަމަޔަށް ދާއިރު ހިތައް އަރާނެ އެއްކަލަ ދުވަހު ޕްރިމިއަމް ބޮޑު ނުކުރެވުނު ނަމަ ޔޭ. އެކަމަކު އޭރުން ވަގުތު އޮންނާނީ ފާއިތުވެފަ.
ޓޯކިޔޯ ވަރަށް ސާފު
29 April 2018
ގައުމުގަ ތިބި އެންމެ ނިކަމަތި ބޭފުޅުން
ޖަލީލު
29 April 2018
ވަޒީރުންގެ ހެލްތު އިންޝުއަރެންސް ކިތަންމެ ބޮޑު ކުރިޔަސް މިހާރު ދިމާ ވެފައިވާ ބައްޔައް ފަރުވާއެއް ލިބޭނެ ކަމުގެ އުންމީދެއް ނެތް. ޚިޔާލު ފާޅު ކުރުމުގެ ހައްގެއް ނެތްއިރު ފިކުރު ކުރުމުގެ ހައްގުވެސް ނެތިފަ އެ ތިބީ. އެ ވެރިންނަށް ބަލައިގަނެވޭނީ އެންމެ މީހެއްގެ ފިކުރެއްކަމަށް އެ ބުނަނީ.
މަހަށްދޭދޭ
29 April 2018
ކޮބާ ރަންރީނދޫ ޓްވިޓަރޭ ރާކަނި މަސް ކެވުނުތޭ. މަހަށް ދޭބަލަ ދެން. މަހަށް މަަހަށް މަހަށް މަހަށް ދޭބަލަ..