ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީނާއި މަޖިލީހުގެ ރައީސް މަސީހް ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މިހާރު
04 މެއި 2018 - 23:50
ރައީސް އަބްދުﷲ ޔާމީނަކީ ސިޔާސީ ގޮތުން "ޕޮލިޓިކަލް ޖީނިއަސް" ނުވަތަ ސިޔާސީ ގޮތުން އާދަޔާ ޚިލާފަށް ވިސްނުން ތޫނު ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މިރޭ ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި މަސީހްގެ ވާހަކަފުޅު ބޮޑަށް އަމާޒު ކުރެއްވީ ރާއްޖޭގެ ސިޔާސީ މަސްރަހާއި ފުޓްބޯޅަ އާއި ގުޅުވާލައިގެންނެވެ. އެގޮތުން ވޭތުވެދިޔަ ދެ މަހެއްހާ ދުވަސް ކުރިން ރައީސް ޔާމީންގެ ޓީމާއި އިދިކޮޅު ޓީމުން "ވަރުގަދަ މެޗެއް" ކުޅުނު ކަމަށް ވެސް މަސީހް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެ މެޗުން ރައީސް ޔާމީންގެ ޓީމު މޮޅުވީ ފަހު ވަގުތު ޖެހި ލަނޑުތަކުންނެވެ.
ބެލެވޭ ގޮތުގައި މަސީހް އެ އިޝާރާތް ކުރެއްވީ، އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރަށް ފަހު ހިނގައިދިޔަ ކަންތައްތަކަށެވެ. ޕީޕީއެމާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ސިފަ ކުރާ ގޮތުގައި އެ އަމުރަކީ ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި އިދިކޮޅު ފަރާތްތަކުން ރޭވި ބަޣާވާތެކެވެ.
ފުޓުބޯޅަ މެޗެއްގައި ހިނގާ ކަންކަމުން މިސާލު ނަންގަވަމުން މަސީހް ވިދާޅުވީ މޮޅު ކެޕްޓަނުން އާންމުކޮށް ވަރަށް ނުފެންނާނެ ކަމަށެވެ. ރާއްޖޭގައި ވަރަށް މޮޅު ފުޓުބޯޅަ ކުޅުންތެރިން ތިބިއިރު، ސިޔާސީ މައިދާނުގައި މޮޅު ރައީސުން ވަރަށް މަދު ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މަސީހް ވިދާޅުވީ ސިޔާސީ މައިދާނުގައި ރައީސް ޔާމީން ގޭމް ޕްލޭން ގެންގުޅުއްވާ ގޮތުން ރާއްޖޭގެ ސިޔާސީ މައިދާނުގެ ކުރީގެ ތަރިންނާއި ކުރީގެ ރައީސުންނަށް ވެސް އެމަނިކުފާނާއެކު ވާދަ ކުރެއްވިދާނެ ކަމަށް ހީފުޅުވެ ވަޑައިގެން ދަނޑަށް ނުކުންނަވާ ކަމަށެވެ. އެކަމަކު ރައީސް ޔާމީންގެ ސްޓްރެޓަޖީ އާއި ގޭމް އަތުރާލާ ގޮތް އެހެން ބޭފުޅުންނާ ވަރަށް ބޮޑަށް ތަފާތު ކަމަށް ވެސް މަސީހް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ގޭމް ޓެކްޓިކްސްއާ ޖެހުމުން ސިޔާސީ ދަނޑުގައި އެބޭފުޅުން "އަނގަ ވަތަށް ވެއްޓި ވަޑައިގަންނަވާ" މަންޒަރު ފެނިގެންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމަށް ތައުރީފް ކުރައްވައި މަސީހް ވިދާޅުވި ގޮތުގައި އެކަމަނާ އަކީ ހުރިހާ ރައްޔިތުންގެ އެކުވެރިއެކެވެ. ފުވައްމުލަކަށް ފަސްޓް ލޭޑީ ކުރެއްވި ދަތުރުފުޅުގައި ފެނިވަޑައިގަތީ ވަރަށް އޯގާތެރި، ހިތްތިރި، ސާދާ މިޒާޖެއްގެ ބޭފުޅެއްގެ ގޮތުގައި ކަމަށް ވެސް މަސީހް ވިދާޅުވި އެވެ.
ފުވައްމުލަކުގައި ހިނގަމުން އަންނަ ތަރައްގީގެ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި މަސީހް ވިދާޅުވީ އެ ރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިމެން ދެ މަސް ދުވަހަށް ވެފައިވާ ކަމަށެވެ. އަދި ފުވައްމުލައް ގިރާ މައްސަލަ ހައްލު ކުރަން ސަރުކާރުން މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް މަސީހް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަމްޒާ
15 August 2018
ސީޔާސީ ގޮތުން ހީޓްލަރުވެސް ވަރައް ވީސްނުންތޫނު.. އެކަމަކު އޭނާއަކީވެސް ވެރީކަމުގަ ބަހައްޓަން ހެޔޮ މީހެއް ނޫންކަން ދުނީޔެއައް އެނގުނީ އޭނާގެ ބޭއީންސާފާއީ އަނީޔާވެރީކަމުގެ ސަބަބުން. މީއީ އަޅެ ދޮގެއްތޯ.؟
އަޖީތު
06 May 2018
ވަރަށް! އެހެންވެ ތާ އިތުބާރު ގެއްލިފައިވާ މަޖިލިސްގެ ރައީސްއެއް އެ ގޮޑީގައި ބައިންދާފައި އެއިނީ ދެއްތޯ؟
މަހަށްދޭދޭ
06 May 2018
ކޮބާ ރަންރީނދޫ ޓްވިޓަރޭ ރާކަނި މަސްކެވުނުތޭ. ތަމެން ދެން މަހަށް ދޭބަލަ. މަހަށް މަހަށް މަހަށް މަހަށް މަހަށް ދޭބަލަ.
ނަށާ ސްޕީކާ
06 May 2018
ޔާމީނު ވިސްނުންތޫނުކަމުން މަށަށް މިއޮއް ނެށެނީ!
ކިންގް
05 May 2018
ކޮމެންޓްތަކަށް ބަލާލީމަވެސް އެނގޭ ވިސްނުން ތޫނު ވަރު. ރައްޔަތުންގެ ލޯބި އޮހެނީ އަޅުގަނޑަށް ނިދީގަވެސް އަތްޖެހެނީ.
ކަރޭ
05 May 2018
ނޯތު ކޮރެއާގެ ޖެނެރަލުންވެސް ބުނަނީ ހަމަ ތިހެން މުގާބޭގެ މިނިސްޓރަރުންވެސް ބުނީ ހަމަ ތިހެން ގައްޒާފީގެ މިނިސްޓަރުންވެސް ބުނީ ތިހެން
ޝާޢްނާ
05 May 2018
އަޅުގަނޑު ހަނދާނަށް އަންނަނީ 2 ވަނަބޮޑުހަނގުރާމައިގެ ވާހަކަތަކާއި ވީޑިއޯތަކާއި ސްޕީޗްތަށް ، އޭރުގެ ނާޒީސަރުކާރުގެ ބޭފުޅުންވެސް ބުމަނުންދިއަ އެޑޮލްފް ހިޓްލަރއަކީ މާސްޓަރމައިންޑެއްކަމަށް ، ނަމަވެސް އެކަންއޮތީ މަދުއަހަރުތަކެއްވަންދެން ، ދެންފެނުނީ އެއްކަލަ ހިޓްލަރވެސް ސުއިސައިޑެއް ހެދިކަމަށް ބުނެ ގެއްލިގެންދިއަތަން ، ދެން ފެށުނީ މަޝްހޫރު ނިއުރަންބާރގް ޓަރަޔަލްސް ، އޭގައި އެއްކަލަ ހިޓްލަރއަށް ތައުރީފްކޮށް އޭނާގެ އޯޑަރތަށް ތަންފީޒް ކުރި ފަރާތްތަށް ކުރައިމްސް އަގައިންޓް ހިއުމަނިޓީގެ ދަށުން ޖަލުގެ ތޭރިތަކުގެ ތެރެއަށް ވަދެގެންދިއައީ، މީދުނިޔޭގެ ތާރީޙް ހެކިދޭކަންކަން، އަޅުގަނޑު ވަރަށް އެދެން މަސީހްމެންވެސް އެމަގުން ނިދުއުމަށް ، އަޅުގަނޑުގެ ދުއާއަކީ މަސީހްމެންނަށްވެސް ހެޔޮވިސްނުންދެއްވާ އިންސާނިއްޔަތަށް ލޯބިކުރާ ބަޔަކަށްވުމަށް ،
ވަޓަބަރަނި
06 May 2018
ސަތޭކައިގެ ބަސްކޮޅެއް މަސީޙް މެން އެތިބީ ބަނދެފަ ދެން ޚުޝާމަދު ކުރިވަރަކަށް އުޅެން ފަސޭހަވާނީ އެހެންވެ ހިތާއި ދެކޮޅަށް ބުލާ ބުލާ ކިޔެނީ
ސަބްނަމް
05 May 2018
ޖަލްސާ ގައި ފައިން ޖަހާގޮތަށް ދެއްކެވި ބޯޅަ އެގޮތަށް ޖެހިނަމަ ހޭންޑުވާނެ . ދެންވެސް ހަމަ އެގޮތަށްތޯ ކުރިއަށް އޮތީ
ހަސަނު
05 May 2018
ރާއްޖޭގާ މޮޅެތި މީހުން އުޅޭ.. އިހަކަށް ދުވަހު ހުޅުމާލޭ އެކި ތަންތަނުން އެއްފަހަރާ ކަހަލަ ގޮތަކަށް ވައްކަން ކޮށްލި. އަދި މާލެ ތެރޭ ެރބަ އުޅޭ ޕެޕާ ސްޕްރޭ ޖަހާލައިގެން ލާރި ފޭރޭ ގުރޫޕެއްވެސް.. ވަރަށް މޮޅަށް ރޭވިގެން އެކަންކަން ކޮށްނިންމާލަނީ، އެހެނ ްމީހަކަށް ހިލަމެއްވެސް ނުވެ.. އަދި ވެސް މިއުޅޭ ގޭންގުތައް ވެސް އެހާ މޮޅު. މިދޭތެރެއަކުން އެތަށް ބައެއްގެ ގަޔަށް ވަޅި ޖަހާ މަރާލައިފި. ހަމަ ހެދި ނެހެދިއެއް ނޭނގޭ މީހަކު ހައްޔަރެއް ވެސް ނުކުރެވޭ.. ނުކުރެވޭނެތާ މޮޅު ކަމުން...
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
05 May 2018
ދުނިޔޭގެ މީޑިޔާ އާއި އދ އަދި ޔޯރަޕިއަން ޔޫނިއަން އާއި ކޮމަންވެލްތުން ތިޔަބުނާ މީހަކަށް އަމާޒުކޮށް ފާސްކޮށްފައިވާ ޤަރާރުތަކާއި ތިޔަނީހެއްގެ ސަރުކާރާއި ސަރުކާރަށް މާލީއެހީތެރިކަންދޭ މަދަދު ވެރިންނާއި ދެކޮޅަށް އަޅާންނިންމާފައިވާ ފިޔަވަޅުތަކާއި އަލްޖަޒީރާއިން ގެނެސްދިން “ސްޓީލިންގ ޕެރަޑައިސް” އަދި ޖަޕާނުން މިދޭތެރެއިން އަތުލައިގަތް ނޯތު ކޮރެއާ އާއި އެކު “ތެލުގެ ވަގު ވިޔަފާރި ކުރަނިކޮށް” އަތުލައިގަތް މޯލްޑިވްސް ފްލޭގް ކެރިއަރ ޝިޕް ޝިންގ ޔޮއާންގ18 ގެ ހަބަރު ތަކާއި އެކު ދުނިޔެއަށް ފެތުރުނު ހަބަރުތަށް ބަލާލީމަ “ވިސްނުން ތޫނުކަން” އެގިގެން ހިގައްޖެ. . . . . އެކަމަކު އަބުދުﷲ ޔާމިން އާއި އަބުދުﷲް މަސީޙްގެ ވިސްނުމުން ރައްޔިތުންނަށާއި ޤައުމަށް ލިބުނީ ގެއްލުންތޯ ނުވަތަ ފައިދާތޯ އިގޭނީ ކުރިއަށް އޮތް 6 ނުވަތަ 7 މަސްދުވަހަށްވުރެ ފަހުން.