ޚިޔާލު

އޮޅުންބޮޅުން: ކީއްވެ؟ ކީއްވެތޯ؟

އެމްޓީޑީސީގެ އަހަރީ ޖަލްސާ، މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދަނީ: އާމްދަނީ 26 ޕަސެންޓް ދަށްވެ، ގެއްލުމާ ކުރިމަތިލާން ޖެހުމުގެ ސަބަބުން އެ ކުންފުނީގެ ހިއްސާދާރުން މި އަހަރު ވެސް ގެއަށް ދާންޖެހުނީ ހުސް އަތާ--. ފޮޓޯ:ނިޝާން އަލީ/މިހާރު

އަހުމަދު އަބްދުﷲ

26 ޖޫން 2018 - 08:55

9 comments

މިއީ އަޅުގަނޑުގެ ބޮޑު ސުވާލެވެ. އަބަދުވެސް ކުރަމުން އަންނަ ސުވާލެކެވެ. ފަތުރުވެރިކަމުގެ ފައިދާގެ ކުޑަ ވެސް މިންވަރެއް ސީދާ ރައްޔިތުންނަށް ލިބޭނޭ ގޮތަކަށް ހަމަނުޖެހިގެން އުޅެނީ ކީއްވެ ބާވަ އެވެ؟ ޕީޕީއެމް ވެރިކަމަށް އަންނަން މަސައްކަތް ކުރި އިރު ނެރުނު "ވަޢުދުނާމާ" (މެނިފެސްޓޯ) ގައި ވެސް، ފަތުރުވެރިކަމުގައި ރައްޔިތުންގެ ޙިއްޞާ ބޮޑު ކުރެވޭނެ ގޮތަކަށް ހުށަހެޅުމެއް އޮތް ކަމުގައި ވެ އެވެ. ރިޒޯޓްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ހިއްސާ އެ މީހަކު މަސައްކަތް ކުރާ ރިޒޯޓެއްގައި އޮންނަ ކަހަލަ ނިޒާމެއް ގާއިމްކޮށްގެންނެވެ. ވަޢުދުނާމާ ކިޔައިލި ކޮންމެ މީހަކަށް ވެސް ފަތުރުވެރިކަމުގައި ރައްޔިތުންނަށް ހޯދައިދޭނެ ކަމަށް ވެފައި އޮތް ވަޢުދަކީ ފުއްދައި ނުދެވޭނެ ވަޢުދެއް ކަން ރަނގަޅަށް އެނގުނެވެ. ފަތުރުވެރިކަމުގެ ސިނާއަތް ހިނގަމުން ދާ ގޮތުގެ މައުލޫމާތާ، މާ ރައްޓެހި ނޫން މީހުންނަށް ވެސް އެ ކަން ކަށަވަރު ވި އެވެ.

"ގަޓްސް ހުރި ސަރުކާރުން"، ފަތުރުވެރިކަމުގައި ރައްޔިތުންގެ ހިއްސާ ބޮޑު ނުކުރެވިގެން އުޅެނީ ކީއްވެގެން ބާވަ އެވެ؟ ފަތުރުވެރިކަމުގެ ޞިނާޢަތުގެ މަހާ މަހުޖަނުންނާ ޖެހުމުން "ގަޓް"ގެ މައްސަލައެއް އުޅެނީ ބާވަ އެވެ؟

ތެދުފުޅެކެވެ. މުސްތަގުބަލްގެ ޖީލަށް ދަރަނިތަކެއް ބޮލުގައި އަޅަން ޖެހުނު ކަމުގައި ވިޔަސް، މިހާރު ވެސް ރާއްޖޭގެ އިޤްތިޞާދު ހަމަޖެހޭ ފައްތަރެއްގައި މި އޮތީ ފަތުރުވެރިކަމުގެ ޞިނާޢަތުންނެވެ. ފަތުރުވެރިކަން ދަށަށް ދާން ފެށުމާ އެކު ޑޮލަރު ލިބުމުގެ ދަތިކަމާ ރައްޔިތުންނަށް ކުރިމަތިލާން ޖެހެ އެވެ. ރާއްޖޭގެ ވަރަށް ގިނަ މީހުން ސީދާކޮށްނާއި ނުސީދާކޮށް ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތް ކުރެ އެވެ. ފަތުުރުވެރިކަމާ ގުޅޭ ތަފާތު މަސައްކަތްތައް ކުރުމުގައްޔާއި، ފަތުރުވެރިންނަށް ބޭނުންވާ ތަކެތި ހޯދައި ދިނުމާއި އުފައްދައި ދިނުމުގަ އެވެ. އަޅުގަނޑު މި ދަންނަވަނީ މި ފަދަ ޚިދުމަތްތަކުން ގިނަ ބަޔަކަށް ފަތުރުވެރިކަމުގެ ޞިނާޢަތުން ނަފާއެއް ނުހޯދޭ ވާހަކައެއް ނޫނެވެ. ރިޒޯޓުގެ އިންވެސްޓުމެންޓްގައި އާދައިގެ ރައްޔިތުންނަށް ބައިވެރިވެވޭނެ ގޮތެއް ހޯދޭނެ ގޮތެއްގެ ވާހަކަ އެވެ.

ރާއްޖޭގައި މިހާރު ރިޒޯޓު ވިޔަފާރި އަށް ވަދެވޭނީ ޑޮލަރު މިލިއަނަރުންނަށެވެ. ނުވަތަ ޑޮލަރު މިލިއަނަރުންނާ އިތުބާރު ހުރި ގުޅުން އޮންނަ މީހުންނަށެވެ. ނުވަތަ ބޭންކްތަކުގެ އިތުބާރު އޮންނަ މީހުންނަށެވެ. މިހެން ވުމާ އެކު ފަތުރުވެރިކަން ފަށައިގަތް އިރު އޮތް ގޮތަށް އާދައިގެ މީހަކަށް ރިޒޯޓު ތަރައްޤީ ކުރުމުގެ އިންވެސްޓުމެންޓްގައި ބައިވެރިވުމުގެ ފުރުޞަތު ވަރަށް ހަންޏެވެ. ނުވަތަ އެއްގޮތަކަށް ވެސް ނެތެވެ. ޚަރަދު ކުރަން ޖެހޭ ފައިސާގެ އަދަދު ބޮޑުކަމުންނެވެ.

ރާއްޖޭގައި ހިންގާ ހުރިހާ ޞިނާޢަތެއްގައި ރައްޔިތުން ބައިވެރިކުރުމުގެ ސިޔާސަތެއް ސަރުކާރުން ގެންގުޅެ އެވެ. މި ކަން އެނގެނީ ސަރުކާރުގެ ފައިދާވާ ކުންފުނިތަކުގެ ޙިއްސާ ވެސް ރައްޔިތުން ބައިވެރިކުރުމުގެ ގޮތުން ރައްޔިތުންނަށް ވިއްކަމުން ދާތީ ވެ އެވެ. ނުވަތަ ވިއްކާފައި ވާތީ ވެ އެވެ. މިސާލަކަށް ދަންނަވާ ނަމަ ދިރާގު، އެސްޓީއޯ، އެމްޓީސީސީ ކަހަލަ ކުންފުނިތަކެވެ. އެހެން ނަމަވެސް މި އުޞޫލު ފަތުރުވެރިކަމުގެ ވިޔަފާރީގައި ނުފެނެ އެވެ. ސަރުކާރުން ގެންގުޅޭ ސިޔާސަތުން އަޅުގަނޑުމެންނަށް ފެންނަނީ އަގުހެޔޮ ފަތުރުވެރިކަމުގެ ވިޔަފާރި އަށް ވަނުމަށް ވެސް އާދައިގެ މީހުން އަތް ފޯރާ ވަރަށް ވުރެ މަތިން އިންވެސްޓް ކުރެވޭނެ ފަދަ ނިޒާމެއް ގާއިމް ކުރުމެވެ. އެ ގޮތަށް އޮތުމުން ކުރިން ވަރަށް އާދައިގެ މީހުންގެ އަތްމަތީގައި އޮތް ގެސްޓު ހައުސް ވިޔަފާރި އަށް ވެސް ވަދެވޭނީ ޑޮލަރު މިލިއަނަރުންނަށެވެ. ސަރުކާރުން ބޭނުން ވަނީ ވަކި ބަޔަކު ފަތުރުވެރިކަން ކޮންޓްރޯލް ކޮށްގެން ކުރިއަށް ދިއުން ކަމަށް ވާ ނަމަ އެއީ މައްސަލައެއް ނޫނެވެ.

ރާއްޖޭގެ ރިސޯޓެއް: ޓޫރިޒަމް ދާއިރާގައި ރައްޔިތުންނަށް ހިއްސާ ވިއްކާނެ ކުންފުންޏެއް ނެތް

ސަރުކާރުގެ ކުންފުނިތައް ބަނގުރޫޓު ވާން ފެށުމުން ނުވަތަ ފައިސާ އަށް ދަތިވުމުން، އެ ފަދަ ކުންފުނިތައް ކޮޅަށް ޖެހުމަށް ސަރުކާރުން މާލީ އެހީވެ ދެ އެވެ. ބައެއް ފަހަރަށް ފައިދާ ވާ ކުންފުނީގެ ތެރެއަށް ފައިދާ ނުވާ ކުންފުނި ލައިގެން ދެ ކުންފުނި އެއްކޮށްލާފައި ވެސް އެބަ ހުއްޓެވެ. އަނެއް ބައި ފަހަރު އެ ފަދަ ބައެއް ކުންފުނީގެ އޮނިގަނޑު ބަދަލުކޮށްގެން އެހެން ނަމެއްގައި ވެސް ކުންފުނި ހިންގާފައި އެބަ ހުއްޓެވެ. މި ގޮތަށް ދެ ކުންފުނި، އެއް ކުންފުންޏަކަށް ހެދުމަށް ފަހު ފައިދާވާ ކަމަށް ވެސް ބައެއް ފަހަރު ބުނެފައިވެ އެވެ. އެ ފަދަ ކަންތައް އިތުބާރު ހުރި ގޮތަކަށް ސާފުވާނީ މިނިވަން އޮޑިޓަރުންގެ ހިސާބުތަކުންނެވެ.

އަޅުގަނޑުގެ ސުވާލަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި ރައްޔިތުންގެ ޙިއްޞާ ބޮޑުކުރުމަށް އެމްޓީޑީސީ ކޮޅަށް ނުޖެހެންވީ ކީއްވެގެންތޯ އެވެ؟ އިވޭ އަޑުތަކުން ހީވަނީ އެމްޓީޑީސީއާ މެދު ސަރުކާރުން ކަންތައް ކުރަނީ ކުރީ ޒަމާނުގައި ބައެއް މީހުން ދޮންދަރީންނާ މެދު ކަންތައް ކުރާ ގޮތް ކަމަށް ބުނާ ގޮތަށެވެ. އަޅާނުލައި ދޫކޮށްލަނީ އެވެ. އެމްޓީޑީސީ ރަނގަޅަށް ހިނގައި ނުގަތުމުން ފައިދާ ވާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މިހާރު ފުންނާބު އުސް ބޮޑުންނަށެވެ. ސަރުކާރުގެ އެތެރޭގައި ނުފޫޒު ފޯރުވޭ ހިސާބުގައި ހަރަކާތްތެރިވާ މި ފަދަ މީހުންގެ ލަފާގެ މަތިން އެމްޓީޑީސީ ކުރިއަށް ދާން އޮންނަ މަގުތަކަށް ހުރަސް އަޅަމުން ގެންދަނީ ކަމަށް ޝައްކު ކުރެވެ އެވެ. ދައްކާނެ ހެއްކެއް ނެތެވެ. ހަމައެކަނި ދެއްކެން އޮތީ ކަންތައް ހިނގަމުންދާ ގޮތުގެ ތަޖުރިބާ އިންނެވެ. އާދައިގެ މީހަކަށް ބީލަމުން ރަށެއް ނަގައިގެން ޕާޓްނަރަކަށް އިންވެސްޓަރެއް ހޯދައިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރިޒޯޓެއް ތަރައްޤީ ކުރެވޭ އިރު ރައްޔިތުންގެ ހިއްސާ އޮންނަ ސަރުކާރުގެ ފަތުރުވެރިކަމުގެ ކުންފުނިން މި ގޮތަށް ކަންތައް ނުކުރެވެންވީ ކީއްވެތޯ އެވެ؟

އެމްޓީޑީސީން އިންވެސްޓަރެއް ނުލިބިގެން އުޅެނިކޮށް، އޭރު ބާރުގަދަ ކުރީގެ ޑިފެންސް މިނިސްޓަރަކު، ދިފާއީ ބާރަށް ދޫކޮށްފައި އޮތް ރަށެއް ފަތުރުވެރި ކަމަށް ތަރައްޤީ ކުރުމަށް ވަރަށް އަވަހަށް އިޓަލީގެ އިންވެސްޓަރަކު ހޯއްދެވި ވާހަކަ އަޅުގަނޑުމެން ނޫހުން ކީމެވެ. އެއީ ހައިރާން ވާން ވީ ކަމެއް ނޫނެވެ. އިންވެސްޓަރަކު އެހާ ފަސޭހަ އިން ލިބުނީ އެއްކޮޅުގައި އޮތީ ސަރުކާރަށް ވީމަ އެވެ. އިތުބާރު އޮތީމަ އެވެ. އަނެއްކާ ސަރުކާރުގެ އެންމެ ބާރުގަދަ މިނިސްޓްރީ އެވެ. ހަމަ މި ގޮތް އެމްޓީޑީސީ އަށް ވެސް އޮންނާނެ އެވެ. ސަރުކާރު ޝާމިލް ވާތީ ވެ އެވެ. ކުރިއަށް ނުދިއުމުގައި އެހެން ގޯހެއް އެބަ އުޅެ އެވެ.

އެމްޓީޑީސީ އަށް ބައެއް ފަހަރު ފައިދާވާ ކަމަށް ބައެއް އަހަރުތަކުގައި އިޢްލާން ކުރެ އެވެ. އެ ފައިދާއެއް ވަނީ އެ ތަނުގައި އޮތް ކޮންމެވެސް ހަރު މުދަލެއް ވިއްކައިގެންނެވެ. ދުވަހަކު ވެސް އެ ފައިދާއެއް ބެހޭ ތަނެއް ނާދެ އެވެ. ސަރުކާރުން ބަަދަލުކުރި ގަވައިދެއް ނުވަތަ ގާނޫނެއްގެ ސަބަބުން އެމްޓީޑީސީގެ ދަރަނި ބޮޑުވެގެން ސަރުކާރަށް ދައްކަން ޖެހޭ ދަރަނި ބޮޑުވަނީ ޔޯލަ އެވެ. ހާލުގައި ޖެހޭ ސަރުކާރުގެ ކުންފުނިތަކާ މެދު ފާއިތުވި ދުވަސްތަކުގައި ކަންތައް ކޮށްފައި އޮތް ގޮތަށް އެމްޓީޑީސީއާ މެދު ކަންތައް ނުކުރެވެނީ ކީއްވެ ބާވަ އެވެ؟ މިސާލަކަށް ދަންނަވާ ނަމަ ކަރަންޓުގެ ޚިދުމަތް ދޭ ކުންފުނިތަކާއި މަސް ގަންނަ ކުންފުނިތަކެވެ. ބައެއް ފަހަރަށް އެސްޓީއޯ އަށެވެ. އެތައް އަހަރެއް ވާންދެން މާލޭގެ އެންމެ މުހިއްމު ހިސާބުތަކުގައި ބައިވަރު ބިން ހިލޭ ދޫކޮށްފައި ހުއްޓެވެ. ހަމަ އެ ގޮތަށް އެމްޓީޑީސީ އަށް ފަހުން ބޮޑުކުރި ކުލި ލުއި ނުކުރެވެން ވީ ކީއްވެ ބާވަ އެވެ؟ "ގަޓް ހުރި ސަރުކާރު"ގައި އެމްޓީޑީސީ ކޮޅަށް ޖެހޭނެ ހާ ގަޓް ނެތީ ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެ ވެ އެވެ. ކޮންމެވެސް އެހެން ގޯހެއް އެބަ އުޅެ އެވެ. އާދޭހެވެ! ގޯހެކެވެ.

ގައުމުގެ އެންމެ ފައިދާވާ ޞިނާޢަތުން ރައްޔިތުންނަށް ސީދާ ގޮތުގައި ދާއިމީ ފައިދާއެއް ލިބޭނެ މަގެއް ތަނަވަސްކޮށް ނުދީ ބޭއްވުމަކީ އަޅުގަނޑުގެ ނަޒަރުގައި ދުނިޔަވީ ފާފައެކެވެ. ގައުމީ އަޅާނުލުމެކެވެ.

ފަތުރުވެރިކަމަށް ކަމުދާ ހުރިހާ ރަށެއް ކަހަލަ ގޮތަކަށް މަޑުމަޑުން ކުއްޔަށް ދޫކުރަމުން ގޮސް ހުސްވަނީ އެވެ. މަތިންދާބޯޓެއް ޖެއްސޭނޭ ކުޑަ ވައިގެ ބަނދަރެއް އަމިއްލަ ޚަރަދުގައި ހަދާ ބަޔަކަށް ވެސް ފަޅުރަށެކެވެ. ރިިޒޯޓެއް ހެދުމަށެވެ. ވައިގެ ބަނދަރު ހެދުމަށް ކުރެވުނު ޚަރަދު ހޯދުމަށެވެ. ވައިގެ ބަނދަރެއް އޮންނަ ކަމަށް ވާ ނަމަ އެއާ އެކު ފަތުރުވެރިކަމުގެ ތަރައްޤީ އެ ތަނަކަށް ދާނެ ކަން ޔަޤީން ވެ އެވެ. ދަތުރުފަތުރު ކުރުމަށް ފަސޭހަވާނެތީ ވެ އެވެ. ރަނގަޅު ހުށައެޅުމަކާ އެކު އެތައް އަހަރެއްގެ ކުލީގެ ފައިސާ ކުރިއަށް ދޭން ތައްޔާރަށް ހުރި ފަރާތަކަށް ފަތުރުވެރިކަން ތަރައްޤީ ކުރާނެ ރަށެއް ނުލިބުމަކީ ދުުރު ކަމެކެވެ. ރަށެއް ނެތް ތަނެއްގައި ފަޅެކެވެ. އަގު ޖެހުމުން މި ސަރުކާރުން ކޮންމެ ތަނެއް ވެސް ކުއްޔަށް ދޫކޮށްފާނެ ކަން ކަށަވަރެވެ.

އެމްޓީޑީސީ އަކީ ފައިދާވާ ދިރޭ، ކުރިއަރާ ކުންފުންޏަކަށް ހަދައި ދެވިއްޖެ ނަމަ، މި ސަރުކާރަކީ "ގަޓް" ހުރި ސަރުކާރެއް ކަމަށް ޤަބޫލު ކުރަން މަޖުބޫރު ވާނެ އެވެ. އެެ ގޮތަށް ނުވެއްޖެ ނަމަ "ގަޓް" ހުރި ކަން ދެއްކެނީ ބާރެއް ނެތް މީހުންނަށް ކަމަށް ޤަބޫލުކުރުމުގެ ފުރުޞަތު ބޮޑު ވާނެ އެވެ.

9 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 61%
icon sad icon sad 6%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

hAlުge ދޫ

26 June 2018

ޝުކުރިއްޔާ ލިޔުންތެރިޔާ... މިފަދަ ހަޤީގީ ގައުމީ މައްސަލަތަކަށް ލިޔާ އަގުހުރި ލިޔުމަކަށް ލިބިފައިވާ މަދު ކޮމެންޓުން އެބަ ދައްކައިދޭ ވަރަށް ބޮޑު ހަގީގަތެއް... ހަގީޤަތުގައި ދިވެހީންގެ މެދުގައި ގައުމާ މެދު ހެޔޮ އެދިގެން ވިސްނާ މީހުން ނެތްކަން... އަމިއްލަ އެދުމާއިގެން، އަވަސް ގޮތަކުން ބޮޑު ފައިދާ ހޯދަން ދުވާ މީހުން ގިނަކަން... ގައުމަށް ވަމުން މި ދަނީ ހަމަ ހަގީގަތުގައި ގިނަ ރައްޔިތުން ބޭނުންވާ ގޮތް... ހިތާމަ ހުރި!

The name is already taken The name is available. Register?

ޔުނައިޓެޑް އައްޑޫ

26 June 2018

ތިޔައީ އޮޅުން ބޮޅުން އަރާވަރުގެ ކަމެއްނޫން. ތިކަން ކުރަން މިރާއްޖޭގެ މުއްސަނދިކަން ނަހަމަގޮތުގައި ފޭރިގެންތިބި "އިންޑަސްޓްރީ" ގެ ބޭފުޅުން ބޭނުންނުވަނީ. މިރާއްޖޭގެ މަނިޓަރީ ސިޔާސަތު ބައްޓަން ކޮށްފައިވަނީ މުއްސަނދިން އިތުރަށް މުއްސަނދިކޮށް ފަގީރުން ފަގީރު ކުރުމަން.

The name is already taken The name is available. Register?

ނޫސް ބަލާމީހާ

26 June 2018

ތިޔަ އެމްޓީޑީސީ ރައްޔިތުންނަށް ފައިދާ ލިބޭގޮތަށް ހިންގަން ހަވަލުކުރީ ރާއްޖޭގައިހުރި އެންމެ ކުޅަދާނަމަށް ބުނާ މީހަކާ (.) އެތަނަށް ކޮށްދިން އެއްކަމެއްވެސް ނެތް (.) އެކަމަކު މިއަދު މުޅި ޅ. އަތޮޅު މިބުނާ ހިންގުންތެރިމީހާއަށް ދީހުސްކޮށްފި (.) އެމީހަކު ތިޔަ ކުންފުނި ބޭއްވީ ވަކި މަޤުޞަދެއްގައިކަން ސާބިތު ކުރެވޭ ވަރަށް މިއަދު އެހުރީ ފުދިފައި (.) ތަންތަން ހަދައިއެނިންމަނީ ތިޔަވިދާޅުވިހެން ކޮންމެވެސް އެހެންކަމެއް އުޅޭތީ (.) މުޅިއަތޮޅު އެމީހަކަށް (.) އަތޮޅުގެ ރައްޔިތުން ޓާކޫރަށް ބޯލަބަންޖެހޭގޮތަށް އެއަރ ޕޯރޓްވެސް ރިސޯރޓުވެސް ހަމަ އެމީހަކަށް (.) މީޙަޤީޤީ ސިފަހުރި ލިއުމެއް ސާބަސް ސައީދު

The name is already taken The name is available. Register?

ތަކުރު

26 June 2018

އަހަރެމެށް ހަމަޖެހިލާގެން އާއިލާކާރީގަ އުފަލުގަ އުޅެދާނެތީ ސިސާސީ މީހުން ކާރިއަށް ނުގޮސް ލިބޭ އެއްޗަކުން ފުދިގެން އުޅެފާނެތީ މާލެ ނައިސް އަހަރެމެން ރަށުގަ ތިބެގެން އާއިލާ އާއެކު އުފަލުގަ އުޅެފާނެތީ!

The name is already taken The name is available. Register?

އުމަރުބެ

26 June 2018

ހަމަ ރައްޔިތުންނަށް ފައިދާދޭން ބޭނުން ނުވަނީ، ޓޫރިޒަމުން ލިބޭ ފައިދާ ދިވެހިންނަށް އެނގިދާނެތީ، ހިސާބުތަށް ފެނިދާނެތީ

The name is already taken The name is available. Register?

ދޮންހަސަންބެ

26 June 2018

އަމިއްލަ ޖީބުފުރަން ބޭނުންވާ ސިޔާސީމީހުން ގެ ސަބަބުން ތިޔަކަހަލ އެއްވެސް ކަމެއް މިގައުމުގައި ކުރިޔަކަ ނުދޭނެ. އަދި ވެރިޔަކަށް ހުރިމީހަކީ ކިތަންމެ ގަޓް ހުރެގެން އުޅޭމީހެކޭ ހީވިޔަސް އެމީހާއަކީވެސް އަމިއްލަ އެދުމުން ފުރިގެން ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމާ ހަރަދު ކުރަމުންދާމީހެއް.

The name is already taken The name is available. Register?

އަލީ ނަސީރު

26 June 2018

މިހާރު އެބަ އިނގޭނު ކީއްވެގެން ކަން މަޖްލިސް ކޮންޓްރޯލް ކުރަން ލާރި ހުރި ދެތިން މީހަކު ނޫނީ ބަޔަކު އެ އުޅެނީ!!

The name is already taken The name is available. Register?

އަބުހަރީ

26 June 2018

މިސަރުކާރު ގަޓުހުންނަނީ ޕާޓުންކުރިމަތީގާ.

The name is already taken The name is available. Register?

އަލީގ

26 June 2018

ރިސޯޓުތަކުގެ ހިއްސާގެ އެންމެ ޕަސެންޓެއްވިޔަސް އާންމުންގެ އަތުޖެހޭނެ ކަހަލަ ނިޒާމެއް ހަދަން ނުކެރިގެން އުޅެނީ އޭރުން އޭގެ ބޮޑުންނައް ތިބިމީހުންނައް ލިބޭފައިދާ ރައްޔިތުންނައްއެނގި ރައްޔިތުންނައް، އެމީހުންގެ ހައްގުމުދަލުން މިލިބެނީ ދާދިކުޑަމިންވަރެއްކަން އެނގި ޔަގީންކުރެވޭނެތީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454