އަދާލަތު ޕާޓީގެ އިސް ބައެއް ބޭފުޅުންނާއި އެމްޑީޕީގެ އިސް ބޭފުޅުން ފޮޓޯއަކަށް ހުއްޓިގެން. - ފޮޓޯ: މިހާރު
17 ޖުލައި 2018 - 12:47
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމީ ރައީސް އަބްދުﷲ ޔާމީން އިތުރު ދައުރަކަށް އިންތިޚާބު ކުރުމުގެ ބޭނުމުގައި ކަމަށް ބުނެ، އެ ކޮމިޝަންގެ ނިންމުމަށް އަދާލަތު ޕާޓީން މިއަދު ފާޑު ކިޔައިފި އެވެ.
އިދިކޮޅު ކޯލިޝަން ގައި ހިމެނޭ އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، ސެޕްޓެމްބަރު 23 ގައި ބާއްވާ އިންތިޚާބުގައި ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އީސީން ނިންމި ނިންމުމުގެ ސަބަބުން ވޯޓުލާ އާބާދީގެ ގާތްގަނޑަކަށް 10 ޕަސަންޓު ރައްޔިތުންގެ ވޯޓު ދިނުމުގެ ހައްގު ގެއްލޭނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އެކަން ކުށްވެރިކޮށް، އަދާލަތު ޕާޓީން ވަނީ އީސީގެ ނިންމުން އިޔާދަކޮށް، އެ އަށް ވުރެ ގިނަ ރިސޯޓުތަކުގައި ވޯޓުލެވޭނެ އިންތިޒާމް ހަމަޖައްސައިދޭން އެދިފަ އެވެ.
އަދާލަތުން ބުނި ގޮތުގައި ގައުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ބަޔަކީ މެދުފަންތީގެ މަސައްކަތްތެރިންނެވެ. ދައުލަތް ހިންގުމަށް ބޭނުންވާ ޓެކްސް ފައިސާ ބިނާ ވަނީ މަސައްކަތްތެރިން އަދާކުރާ ދައުރުގެ މައްޗަށް ކަމަށް ވެފައި، މާލީ ގޮތުން ވަކަިވަކި އާއިލާތަކުގެ ބަލަދުވެރިންނަކީ ވެސް އެ މީހުން ކަމަށް ވާތީ، އެ މީހުންގެ ބަސް ދައުލަތުގެ ސިޔާސަތު ކަނޑައެޅުމުގައި ހިމެނިފައި އޮތުމަކީ ލާޒިމް ކަމެއް ކަމަށް ވެސް އަދާލަތު ޕާޓީން ބުންޏެވެ.
"އީސީގެ ނިންމުމުގެ ސަބަބުން ވަޒީފާ އަދާކުރާ އާބާދީގެ ގާތްގަނޑަކަށް 15 ޕަސަންޓު މަސައްކަތްތެރިންގެ ވޯޓު ދިނުމުގެ އަސާސީ ހައްގު ގެއްލިގެން ދިއުމުގެ ބިރު އެބައޮތެވެ. އަދި ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަކީ ނިސްބަތުން ބަލާއިރު، ޒުވާނުން ކަމަށް ވެފައި ގައުމުގެ ބޮޑެތި ކަންކަން ނިންމުމުގައި ޒުވާނުންގެ ހިއްސާ ނެތި ދިއުމަކީ އެއްގޮތަކަށް ވެސް ވެގެން ވާނެ ކަމެއް ނޫނެވެ،" ބަޔާނުގައި ވެ އެވެ.
އަދާލަތުން ބުނީ ރިޔާސީ އިންތިޚާބުގައި ހަމަހަކަމާ އެކު، ހުރިހާ އެންމެނަށް ވެސް ވޯޓު ދިނުމުގެ ހައްގު ކަށަވަރުކޮށް ދިނުމަށްޓަކައި އީސީގެ ނިންމުން ބަދަލު ކުރުމަކީ ލާޒިމް ކަމެއް ކަމަށެވެ.
ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާކުރާ މީހުންނަށް ރިސޯޓުތަކުގެ ހިއްސާ ލިބޭނެ ގޮތް ހަމަޖެއްސުމަށް ސަރުކާރުން ވި ވައުދު ފުއްދިފައި ނުވާތީ އާއި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން އެ ސިނާއަތު ހީނަރުވެ، އެ ދާއިރާގައި ޖުމްލަކޮށް ސަރުކާރަށް އޮތް ތާއީދު ބޮޑު ތަނުން ދަށްވެފައިވާ ދަނޑިވަޅެއްގައި އީސީގެ ނިންމުމަކީ އިންތިހާބުގެ ނަތީޖާ އަށް ބޮޑު ފަރަގެއް ގެނައުމަށް އެޅި ފިޔަވަޅެއް ކަމަށް ވެސް އަދާލަތު ޕާޓީން ބުނެ އެވެ.
އެހެންވެ، އެ ޕާޓީން ވަނީ ރާއްޖޭގައި ހަދާފައިވާ ވާ ގާނޫނުތަކާއި ގަވައިދުތަކުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެން އެންމެ ފަހުގެ އިންތިޚާބުތަކެކޭ ވެސް އެއްގޮތަށް، ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ފަސޭހަ އިން ވޯޓުލެވޭނެ އިންތިޒާމެއް ހަމަޖައްސައި އެ މީހުންގެ ވޯޓު ދިނުމުގެ އަސާސީ ހައްގު ކަށަވަރު ކުރުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލައިފަ އެވެ.
އެންމެ ފަހުން 2013 ގައި އޮތް ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ 42 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. އެކަމަކު، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން ނިންމުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން އީސީ އަށް ވަނީ އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންތުއްތު
22 July 2018
ދިވެހި އެންމެހާ ރައްޔިތުންވެސް ބޭނުންވަނީ ރައީސް ޔާމީން އަލުން އިންތިޚާބު ކުރަން:
ރީތި
18 July 2018
ކިހާ ބޮޑު އުނދަގުލެއް. ކާކަށް އަނިޔާވެރިވެގެންތަ މިއުޅެނީ. ޖަލަށް ލާފަ ތިބީ ބަޣާވާތް ކޮށްގެން ވެރިކަން ވައްޓަން އުޅުނު ބައެއް. އަމިއްލަ ގައުމުގަ ގާނޫނީ ގޮތުން ހޮވިފަ އޮތް ސަރުކާރެއް ބާޣާވާތް ކޮށްގެން ވައްޓާލަން އުލޭ ބައެއްގެ ދިފާއުގަ ވާހަކަ ދައްކާނީވެސް ބާޣީން..
އައްދުރަހީމް
18 July 2018
އީސީ އަކީ ޔާމީނު ފެކްޝަން.
އޯކޭ
18 July 2018
ޢޯކޭ މައްސަލައެއްނެއް.ތި 7 ފޮށި ވިލާގެ ރިސޯޓުތަކުގަބަހައްޓަންކެރޭނެތަ؟ ޓިޖައްސަންއުޅޭ ރޮކެޓްއެގެޢޭ
އަބްދުއްލާ
17 July 2018
2008 ގެފަހުން ކަންހިގާފަ ހުރި ގޮތްތަކަށް ބަލާއިރު އެމްޑީޕީ ސަރުކާރެއް މަގައުމަށް އަޔަނުދިނުމަށް އީސީން ވެސް މަސައްކަތް ކޮށްދޭންޖެހޭނެ.ގައުމަށް ޖެހުނު ހާލު ، ޑޮލަރަށް ވީގޮތްނޭގުނު ، ރަށު އެކައުންޜާ އަތޮޅުއެކައުންޓާ ބިދޭސީންގެ ޑިޕޮޒިޓް އެކައުންޓާ ކޮމިޓިފައިސާ ވެސް ގައުމު ހާލުގާ ޖައްސާ ހުސްކޮށްލި ހަރުމަުދާ ވިއްކަންފެށި ވީމާ އެމްޑީޕީ އާދެކޮޅަށް މަސައްކަތް ކުރަން ހުރިހާބަޔަކަށް ވާޖިބު ވޭ
ވާސަރީ
17 July 2018
ހުރިހާ އިންތިޚާބުތަކެއްގަ ރިސޯޓުތަކުގަ ވޯޓުފޮށިތައް ބެހެއްޓި، ކީއްވެ މިހާރު ނުބެހެއްޓެންވީ؟ ގާބިލު ބަޔަކަށް ނުވަނީ ދޯ!!
ދޮންބީފާނު
22 July 2018
އެއްތާކުވެސް ވޯޓުފޮށި ބަހައްޓާނެ ކަމެއް ނެތޭ. ވަޅުބުރިތަކާއި ހަންބުރިތަކާއި ފުޅިބުރިތައް ބަހައްޓައިގެން ކަލޭމެން ވޯޓު ލާބަލަ. ކެކެކެކެކެ
ހަސަންމަނިކުފާނު
17 July 2018
ކުރޯގެ ކޮމިސަނަރު ވޯޓް ލިސްޓްވެސް އޮޅުވާލިދެއްވި ނޫންތޯ ތިބޭފުޅުންނަށް! ދެން ކޮބާތޯ މައްސަލަ އަކީ!
ށ.އަތޮޅު މީހާ
17 July 2018
ފަހަތަށް އެޅި ފިޔަވަޅެއް.
ކޮބާ..ކޮބާ
17 July 2018
ގިނަ ރިސޯރޓް ތަކުގައި ފޮށި ނުބަހައްޓަން ނިންމިސަބަބަކީ އިދިކޮޅު މީހުން ޢީޔޫ ފައިބުޑަށް ވެއްޓިގެން، ޥޯޓް ސައްހަ ނޫން ކަމަށް ބުނުވަން....މަމެންގެ ޝަރީފު އަށްވެސް ކޮށްދެވޭނީ ކޮންމެވެސް ވަރެއްނު..
ނޯމަލް
17 July 2018
މަދުފޮށި ތަކެއްބަހައްޓާ ވޯޓުން މަޙުރޫމްކޮށް ގިނަބަޔަކު ވޯޓު ނުލެވެޭނެގޮތަށް ހެދުމުގެ ބޭނުމުގަ