ކުރީގެ ނައިބު ރައީސް ޖަމީލް މިއަދު ރާއްޖެ ވަޑައިގެން، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ގައިގައި ބައްދާލައްވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
06 އޮކްޓޯބަރ 2018 - 16:59
ރާއްޖޭގައި އޮތް ކާމިޔާބު ހަމައެކަނި ފޯމިއުލާއަކީ ކޯލިޝަން ކަމަށާއި އިންތިޚާބީ ރައީސް އިބްރާހިމް މުހަައްމަދު ސޯލިހު (އިބޫ) ގެ ވެރިކަމުގައި ކޯލިޝަން ދެމެހެއްޓޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި ދިރިއުޅުއްވާތާ ތިން އަހަރު ފަހުން، ޖަމީލް ރާއްޖެ ވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް، މަރުހަބާ ދެންނެވީ ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހީމާއި އިދިކޮޅު ޕާޓީތަކުގެ އިސް ބައެއް ބޭފުޅުންނާއި މަޖިލިހުގެ ބައެއް މެމްބަރުންނެވެ. ނަމަވެސް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ބޭފުޅުން ވަޑައެއް ނުގަންނަވަ އެވެ.
ކުރީގެ ނައިބު ރައީސް ޖަމީލް މިއަދު ރާއްޖެ ވަޑައިގެން އެއާޕޯޓުގައި. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ޖަމީލް، އެކިއެކި ބޭފުޅުންނާ ސަލާމް ކުރައްވަމުން ގެންދެވި އިރު، ހުންނެވީ ފެން ކަޅިވެފަ އެވެ. އަދި އެމަނިކުފާނުގެ މަންމާފުޅު މަރިޔަމް މުހައްމަދު ދީދީގެ ބައްދާލެއްވުމާއެކު، މަންމާފުޅުގެ ލޮލުން ކަރުނަ އޮހިގެން ދިޔަ އެވެ. ޖަމީލަށް މަރުހަބާ ދެންނެވުމަށް، އެމަނިކުފާނުގެ އާއިލާގެ ގިނަ މެމްބަރުންނާއި ތާއީދުކުރާ ބައެއް މީހުން އެއާޕޯޓަށް ދިޔަ އެވެ.
ތިން އަހަރު ފަހުން، ރާއްޖެ ވަޑައިގަތުމުން ކުރެވުނު އިހްސާސްތަކަކީ ކޮބައިތޯ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ޖަމީލަށް ހަމައެކަނި ވިދާޅުވެވުނީ "ވަރަށް އުފާވެއްޖެ" ކަމަށެވެ.
ކުޑަ އިރުކޮޅެއް ފަހުން ޖަމީލް ވިދާޅުވި ގޮތުގައި މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުން ދައްކައިދިނީ ދިވެހި ގައުމިއްޔަތުގެ ލާމަސީލު މިސާލެކެވެ. އިންތިޚާބުގެ ނަތީޖާ އިން ދިވެހިންނަށް މުހިންމުވީ ރީތި އަހުލާގާއި އަމާނާތްތެރިކަން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
ޖަމީލް މިއަދު އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
ރާއްޖޭގައި ބޭއްވި ކޮންމެ ރިޔާސީ އިންތިޚާބެއް ކާމިޔާބުވީ ކޯލިޝަނެއްގެ ތެރެއިން ކަމަށާއި ގިނަ ބައެއްގެ އެހީތެރިކަން ނުލިބުނު ނަމަ، ރައީސް އަބްދުﷲ ޔާމީނަށް "ޒައާމަތުގެ ވަސް ވެސް" ނުލިބުނީސް ކަމަށް ޖަމީލް ވިދާޅުވި އެވެ. އެހެންވެ، އެމަނިކުފާނު ވަނީ ވެރިކަން ދެމެހެއްޓުމަށާއި ކުރިއަށް އޮތް އާންމު އިންތިޚާބުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މިއީ ދިވެހި ގައުމިއްޔަތަށް ލިބުނު ވަރަށް ކުރިއެރުމެއް. ކުރިއަށް އޮތް ދުވަސްތަކުގައި ގައުމު އާރާސްތު ކުރުމުގެ އާ މަރުހަލާއަކަށް ރާއްޖެ ދަތުރު ކުރާނެ ކަމަށް އުންމީދު ކުރަނީ،" ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވި ގޮތުގައި، ރައީސް ޔާމީނަށް އެއްވެސް ބޭފުޅަކާއެކީގައި އުޅެން ދައްޗެވެ. ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ލިބުނު އެންމެ ބޮޑު ހިތްދަތި ކަމަކީ ގިނަ ބަޔަކު ޖަލަށް ދާން ޖެހުމާއި އެތައް ބަޔަކަށް ހައްގަކާ ނުލައި އަނިޔާ ލިބުން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. ޖަމީލް ވިދާޅުވި ގޮތުގައި، ރައީސް ޔާމީން ވަނީ ޝަރީއަތް ހިންގުމުގެ ބާރަށް ވެސް އަރައިގެންފަ އެވެ.
"ކިހިނެއްބާއޭ މިވީ؟. މުޅި ނިޒާމަށް މިވީ؟. އެކަކު އައިސް މިކަން ކުރި ގޮތް. އަޅުގަނޑު ހިތުން މިކަން ނިމުނީމަ ގައުމުގެ ހުރިހާ ވެރިން އިށީނދެގެން ތިބެގެން ވިސްނާފައި ދިރާސާ ކުރަން ޖެހޭ،" މީގެ ފަސް އަހަރު ކުރިން ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިންގައި އުޅުއްވި ޖަމީލް ވިދާޅުވި އެވެ.
"ދިވެހިންނަކީ ވަރަށް ހިތްވަރު ގަދަ ބައެއް. އަޒުމް ވަރަށް ވަރުގަދަ ކުރިއަށް އޮތް ފަސް އަހަރަކީ ރާއްޖޭގެ ލިޔެވުނު ދުސްތޫރަށް އަމަލީ ގޮތުން އެއަށް އަމަލު ކުރަން ލިބޭ ފުރުސަތަކަށް ވެގެންދާނެ ކަމަށް،"
ޖަމީލް މިއަދު އެއާޕޯޓުގައި ކުއްޖެއްގެ ގައިގައި ބޮސް ދެއްވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކޯލިޝަން ދެމެހެއްޓޭނެ ކަމުގެ ޔަގީންކަން ދެއްވައި، ޖަމީލް ވިދާޅުވީ އިބޫ އާއި ފައިސަލްގެ ޒައާމަތު ދެމެހެއްޓޭނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ގެ ތަޖުރިބާއާ އެކުގައި ކަމަށެވެ.
މިދިޔަ ފަސް އަހަރު ރައީސް ޔާމީން މަސައްކަތްޕުޅު ކުރެއްވީ ހުރިހާ ލީޑަޝިޕެއްގައި ތިއްބެވި ބޭފުޅުން ދުއްވާލަން ކަމަށާއި ރައީސް ޔާމީނަށް އެންމެ ބޮޑެތި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވީ ލީޑަޝިޕާ ނުލައި ކަންކަން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރެއްވުމުން ކަމަށް ޖަމީލް ވިދާޅުވި އެވެ.
ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރެފައިވާކަން ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލައިގައި ޖަމީލްގެ މައްސަލަ މީގެ ކުރިން ފުލުހުން ބެލުމާ ގުޅިގެން އެއީ ޖަމީލް ހައްޔަރު ކުރުމަށް އޮތް ބިރެއްތޯ "މިހާރު" ން ސުވާލު ކުރުމުން ޖަމީލް ވިދާޅުވީ ރާއްޖޭގެ އިންސާފުގެ ނިޒާމު މިނިވަންވެފައިވާ ކަމަށާއި ކޮންމެ ރައްޔިތަކަށް ވެސް މިހާރު އިންސާފު ލިބޭނެ ކަމަށެވެ. އަދި އެމަނިކުފާނު އެއްވެސް ކުށެއް ކުރައްވާފައި ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނައިބު ރައީސް ކަމަށް ވަޑައިގެންނެވިތާ، ދެ އަހަރު ފަހުން، އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލިހަށް ވައްދައި ނައިބު ރައީސްގެ މަގާމުން ވަކި ކުރި އެވެ. އެކަމަކު، އެއީ ގާނޫނުއަސާސީއާ ހިލާފަށް ނެގި ވޯޓެއް ކަމަށް ޖަމީލް ތަކުރާރުކޮށް ވަނީ ވިދާޅުވެފަ އެވެ.
ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރެފައިވާކަން ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލައިގައި ޖަމީލްގެ މައްސަލަ ފުލުހުން ދިޔައީ ބަލަމުންނެވެ. އެމަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވާ ގޮތުގައި އޭރު ޖަމީލް އެނބުރި ރާއްޖެ ވަޑައިގެންނެވި ނަމަ ނިންމާފައި އޮތީ ހައްޔަރުކުރާ ގޮތަށެވެ. އެގޮތުން، 2016 ގެ އޮގަސްޓް މަހު އެމަނިކުފާނު ހައްޔަރު ކުރަން ކޯޓު އަމުރެއް ވެސް ނެރުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަތަލް.
07 October 2018
ސޭޓަށް ދަންނަވާލަން ބޭނުންވަނީ، ބޮއިގެން އެތައްބޮޑިއެއް މިއިންސާނާ ކުރިއަށް ދަނީ، ފޮއިގެ ދަށުގާ ޗިސްވެގެން ހީނާ ފަތައް ކުލަ އަންނަނީ،
މީހާގެ
07 October 2018
ތިޔަގޮތަށް ބައްދާ ސަލާންގަލާން ކުރި އަންނިގެ ވެރިކަން ބަޤާވާތް ކޮށްގެން ވައްޓާލާފައިވެސް
ހަބޭސް
07 October 2018
އެއީ ވެރިކަން ހޯދަން ބޭނުން ކުރާ ފޯމިއުލާއެއް އެފޯމިއުލާ އަކު ވެރިކަމެއް ނުހިންގޭނެ ކަމަށް ނަޝީދުވެސް ޔާމީނުވެސް ވަނީ ބުނެފައި އެހެންވީމަ މިފޮމިއުލާގެ ނަތީޖާ އަކީ މިޑިމޮކުރަސީ މިރާއްޖެއަށް ކަމުނުދާކަން
ކުރެންދޫ
07 October 2018
"މަނިކުފާނު އޮންނަވަން ޖެހޭނީ ކުޑަގޮޅީގައި" މީ ޖަމީލުގެ ބަސް އިއްވި ދުވަސް، ދޮއްތޯ..؟!!
އުނިމާ
07 October 2018
އެމް.ޑީޕީ އެކަނި ނިކުމެގެން ވެރިކަމެއް ކާމިޔާބެއް ނުވާނެ.ޔަޤީންކަމެއް. ވެރިކަން ރޫޅެން ފަސޭހަވޭ ތިޔަ ކޯލިޝަންގެ ސަބަބުން
ފްރީނާޒިމް7878
07 October 2018
އެމްޑީޕީން ޑރ ޖަމީލު ބަލައިގަންނަން މަޖުބޫރުވާނެ!
އަބޫދާބީ
06 October 2018
އެންމެ ކާމިޔާބު ފޯމިއުލާއަކަށް ކޯލިޝަން ވެގެން ދިޔައީ ރާއްޖެ ނާދެވި ގޮތްހުސްވެފާ ތިބި މީހުންނާ ޖަލުން ސަލާމަތް ނުވެފަ ތިބި މީހުން އެ.އަނިޔާއިން ސަލާމަތް ކުރުމަށް. އެމް ޑީ ޕީ އެކަނި ނުކުތަސް މި އިންތިޚާބު އިބޫއަށް ކާމޮޔާބުވާނެކަން ޔަޤީން.. އެކަމަކު ފެބްރުއަރީ 7 ގެ " ޣާޒީން" ނަށްވެސް އަނިޔާ ލިބުމަށް ރައީސް ނަޝީދު ބޭނުންނުވާތީ ކޯލިޝަނުގެ ނަމުގާ އިބު ނެރުނީ. ދެރަކަމަކީ މިކަންވެސް މި ހާރު މި މީހުން ހަނދާން ނުހުންނާނެތީ
ވަހީދު
06 October 2018
ވެރިކަމަށް އަންނަން ކާމިޔާބު ފޯމިއުލާއަކަށް ކޯލިޝަން ވެދާނެ. އެކަމަކު ކޯލިޝަން ސަރުކާރެއް ރިޔާސީ ނިޒާމެއްގައި ކާމިޔާބު ވެފައިނެތް. އެމްޑީޕީ ނޫން އެހެން ހުރިހާ ޕާޓީއެއް ސަރުކާރާއި ދުރަށް ޖެހޭތަން ވަރަށް އަވަހަށް ފެންނާނެ.
ޔާމިން
06 October 2018
ފިލާތިބެ އައިސްފަނިހަދަން ނޫޅޭތި
ޑީޕީ
06 October 2018
މިހާ އަވަހަށް އެމް.ޑީ.ޕީ މީހުން ކޯލިޝަންގެ ލީޑަރުންނަށް ފާޑުފާޑުގެ ޗުކު ޗުކު ލައްވަން ފަށައިފި. ދެން ކިޔަން ފަށާނީ މިވެނި ލީޑަރަކީ ހަމަ ޔާމީނުގެ މީހެކޭ ނުވަތަ މިވެނި ލީޑަރަކީ ކޮންމެ ތަނެއްގައިވެސް ފަނި ހަދާ މީހެކޭ.
ޖާދު
06 October 2018
ހަމައެކަނި ވޯޓްހޯދުމުގަ ކޯލިޝަން ކާމިޔާބީ ވެރިކަން ހިންގުމުގަ 2013 2008 ގަވެސް ވަނީ ފެއިލްވެފަ ދެން މިފަހަރު ވާގޮތެއްވެސް ބަލަން ތިބެމާ ހީވަނީ ހަމަ ރޫޅޭނެހެން