ވިޔަފާރި / ތައުލީމް

ހުޅުމާލެއަށް ސިންގަޕޫރު މޮޑެލްގެ ސްކޫލެއް

ސިންގަޕޫރުގައި ހުންނަ އިރުޝާދު ސްކޫލުގެ ދަރިވަރުންތަކެއް

19 އޮކްޓޯބަރ 2018 - 08:55

ދުނިޔޭގައި އެންމެ ފުރިހަމަ އަދި ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދޭ ސިންގަޕޫރު މޮޑެލްގެ ސްކޫލެއް އަންނަ އަހަރު ހުޅުމާލޭގައި ހުޅުވާނެ ކަމަށް ކޮލިޓޭޓް އެޑިޔުކޭޝަނުން ބުނެފި އެވެ.

ހުޅުމާލޭގައި މިހާރު ވެސް ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް ހިންގަމުން އަންނަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ ރަޝީދު ވިދާޅުވީ، "ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް" ގެ ނަމުގައި ގާއިމްކުރާ ސިންގަޕޫރުގެ ސްކޫލާ ގުޅޭ މުހިންމު ބޮޑެތި މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން، ދަރިވަރުން ރަޖިސްޓަރީ ކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގާނޫނީގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ ޕްރޮސެސްތަކެއް ފުރިހަމަކޮށް މިހާރުވަނީ ނިމިފައި. އަދި ދަރިވަރުން ރީ-ރަޖިސްޓަރީ ކުރުމާއި އަލަށް ވައްދާ ކުދިންގެ ރަޖިސްޓްރޭޝަން ވެސް މިހާރު ކުރިއަށް އެބަގެންދަން. މާތްﷲގެ ހެޔޮ ރަހުމަތުން ވަރަށް ފުރިހަމަ ތަރުހީބެއް ދަނީ ލިބެމުން. މިގޮތުން މިހާރު ވެސް ސްކޫލުގެ 91 ޕަސެންޓް ޖާގަ ވަނީ ފުލްވެފައި،" މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިންގަޕޫރު ސްކޫލު ގާއިމް ކުރާނީ، މިހާރު ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް ހިންގަމުން އަންނަ ފަރީދިއްޔާ ސްކޫލްގެ އިމާރާތުގަ އެވެ. އަދި ސިންގަޕޫރު ސްކޫލް ގާއިމްވުމާ އެކު، ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް އުވޭނެ އެވެ.

"ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލްގައި ވެސް ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އަށް ކިޔަވައިދޭނެ. އަޅުގަޑުމެން މިދަނީ ސްކޫލަށް ބޭނުންވާ ފަންނީ މުވައްޒަފުން ހޯދުމުގެ މަސައްކަތްކުރަމުން" މޫސަ ވިދާޅުވި އެވެ.

ކޮލިޓެޓް އެޑިއުކޭޝަނުން މިހާރު ހިންގަމުން އަންނަ ގޭޓްވޭ އިންޓަނޭޝަލް ސްކޫލުގެ ގްރެޖުއޭޝަންގެ ތެރެއިން.-- ފޮޓޯ: ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލު

ސިންގަޕޫރު އިރުޝާދު ޓްރަސްޓް ލިމިޓެޑާއި ކޮލިޓެޓް އެޑިޔުކޭޝަން ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މި ސްކޫލުގައި ބޭނުންކުރާނީ ސިންގަޕޫރުގެ މަޝްހޫރު މާޝަލް އެންޑް ކެވެންޑިޝްގެ ފޮތްތަކެވެ. އަދި ސިންގަޕޫރުގައި ބާއްވާ އެކި އެކި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު މި ސްކޫލުގެ ދަރިވަރުންނަށް ލިބޭނެގޮތް ވަނީ ހަމަޖައްސައިފަ އެވެ.

"ސިންގަޕޫރު އިންޓަނޭޝަނަލް މެތްސް ކޮންޓެސްޓްސް ސެންޓަރާއި، ޑަކް ލާނިން ފަދަ ސެންޓަރުތަކާއި އަޅުގަނޑުމެންވަނީ އެއްބަސްވުންތަކެއް ޤާއިމްކޮށްފައި. އެބޭފުޅުން އިންތިޒާމްކުރާ ހުރިހާ މުބާރާތްތަކެއްގައި ސިންގަޕޫރުގައި ކިޔަވާ ދަރިވަރުންނެކޭ އެއްފަދައިން މި ސްކޫލުގެ ދަރިވަރުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ." މޫސަ ވިދާޅުވި އެވެ.

ސިންގަޕޫރު ސްކޫޕު ގާއިމްކުރުމަށް ކޮލިޓެޓާއި އެކު މަސައްކަތްކުރާ އިރުޝާދު ޓްރަސްޓަކީ ސިންގަޕޫރު، މެލޭޝިޔާ، އިންޑޮނޭޝިޔާ އަދި އޭޝިޔާގެ އެހެނިހެން ގައުމުތަކުގައި ފުޅާދާއިރާއެއްގައި ތަޢުލީމު ފޯރުކޮށްދިނުމުގައި މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ. މިގޮތުން ސިންގަޕޫރުގެ މަޝްހޫރު މަދަރުސާ އިރުޝާދު ޒުހުރީ އަލް އިސްލާމް، މެލޭޝިޔާގެ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް އަކީ ވެސް އެ ޓުރަސްޓުން ހިންގާ ބައެއް ތަންތަނެވެ.

މި ސްކޫލާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލުގެ ވެބްސައިޓް www.brightway.mv އިން ނުވަތަ ބްރައިޓްވޭ ސްކޫލުގެ ފޭސްބުކު ޕޭޖުން ލިބޭނެކަމަށް ކޮލިޓެޓުން ބުނެ އެވެ.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454