ސުޕްރީމް ކޯޓުގެ ފަނޑިޔާރުން:--. ފޮޓޯ: ނިޝާން އަލީ/މިހާރު
27 ޖެނުއަރީ 2019 - 02:49
ސުޕްރީމް ކޯޓުގެ ބާރުތައް ދަށްކޮށް، ކޯޓުތަކުގެ ރަޖިސްޓްރާ އަށް ބޮޑެތި ބާރުތަކެއް ދިނުމަށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ ކެމްޕެއިނަށް އެމްޑީޕީން އެކުލަވައިލި ސިޔާސަތުގައި މިރޭ ހިމަނައިފި އެވެ.
އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެމްޑީޕީން ނުކުންނަ ކެންޑިޑޭޓުންނަށް ބޭއްވި ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި، އެ ޕާޓީގެ ލީގަލް ޑިރެކްޓަރު ހިސާން ހުސައިން ވަނީ ޝަރުއީ ދާއިރާ އަށް އެމްޑީޕީން ގެންނަން ބޭނުންވާ ބަދަލުތަކުގެ ތަފްސީލް ހިއްސާ ކުރައްވައިފަ އެވެ. އެގޮތުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ކޯޓުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހަޅާފައި ވެ އެވެ.
ޑީޖޭއޭ އަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ ދަށުން ހިންގާ ވަކި ޑިޕާޓްމަންޓެއްގެ ގޮތުގައި ހަމަޖެއްސުމަކީ އެމްޑީޕީގެ ޕްލޭނެކެވެ. އެގޮތުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައްޔަންކޮށް ވަކިކުރުމަކީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ޒިންމާއެއް ކަމަށް އެމްޑީޕީގެ ސިޔާސަތުގައި ވަނީ ހިމަނައިފަ އެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޖަވާބުދާރީވާން ޖެހޭނީ ވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ކަމަށް، އަލަަށް ގެންނަ ބަދަލުތަކުގައި އެމްޑީޕީން ހުށަހަޅާފައި ވެ އެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު މިހާރު އައްޔަން ކުރަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުންނެވެ. އެއީ ސުޕްރީމް ކޯޓުގެ އިދާރީ މަސައްކަތްތައް ކުރާ އިދާރާ އެވެ.
ހުޅުމާލޭގެ ބްރައިޓް ވޭ އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި ބައްދަލުވުމުގައި ހިސާން ވިދާޅުވި ގޮތުގައި، މި ބަދަލު ގެނެސްފި ނަމަ، ކޯޓުތަކަށް ރަޖިސްޓްރާ އިން ވެސް އައްޔަން ކުރާނީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެވެ. އެހެން ކަމުން، މި ބަދަލު ގެނެސްފި ނަމަ ރަޖިސްޓްރާ އިން އައްޔަން ކުރުމުގައި ކޯޓުތަކުގެ ދައުރެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު، ރަޖިސްޓްރާ ކަނޑައެޅުމަށް ފަހު ރަޖިސްޓްރާ އަށް ބާރުތަކެއް ދޭން ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން، ފަނޑިޔާރުންގެ ދައުރެއް ނެތި މައްސަލަ ބަލައިގަތުމަކީ ރަޖިސްޓްރާގެ ޒިންމާއެއްގެ ގޮތުގައި ހަމަޖެއްސުމަށް ހުށަހަޅާފައި ވެ އެވެ.
ކޯޓަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަަލަ ހަވާލުކުރާނީ ކޮން ފަނޑިޔާރަކަށްތޯ ކަނޑައެޅުމާއި އަދި މައްސަލަ ކޯޓަށް ހުށަހެޅޭ ތަރުތީބުން މައްސަލަތައް ފަނޑިޔާރުންނާ ހަވާލުކުރުމާއި މައްސަލައިގެ ކިއު ތަރުތީބުން ހާމަކޮށް އެނގޭ ގޮތަށް ބެލެހެއްޓުމަކީ ވެސް، ރަޖިސްޓްރާ އަށް ދޭ ބާރުތަކުގައި ހިމެނޭ ކަމެކެވެ.
އެމްޑީޕީން މިރޭ ބޭއްވި ޕޮލިސީ ވޯކުޝޮޕުގައި، އެ ޕާޓީގެ ލީގަލް ޑިރެކްޓާ ހިސާން ވާހަކަދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ
މަތީ މަރުހަލާގެ މައްސަލަތައް ބަލާނެ ބެންޗު ވެސް އެކުލަވައިލާނީ ރަޖިސްޓްރާކަން، ކޯޓުތައް އިސްލާހު ކުރުމަށްޓަކައި އެމްޑީޕީން ހުށަހަޅަން ނިންމާފައިވާ އިސްލާހުތަކުގައި ވަނީ ހިމަނައިފަ އެވެ. އޭގެ ސަބަބުން ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ކޯޓުތަކުގެ ފަނޑިޔާރުންގެ ދައުރެއް ނޯންނާނެ ކަމަށާއި އެ މައްސަލަތަކަށް ބެލުމަށް ފަހު އެ މައްސަލައިގެ ޒާތުން ބެންޗު އެކުލަވައިލުމަކީ ވެސް ރަޖިސްޓްރާގެ ޒިންމާ އެކެވެ. ކޯޓުތަކުގެ އިސް ގާޒީން ކުރާ ހުރިހާ އިދާރީ މަސައްކަތްތަކަކީ ރަޖިސްޓްރާގެ މަސްއޫލިއްޔަތަށް ބަދަލުވެ، ކޯޓުތަކުގެ ފަނޑިޔާރުންނަކީ ސީދާ މައްސަލަ ބެލުމަށް ހުސްވެގެން ތިއްބަވާ ބޭފުޅުންނަށް ބަދަލުވާނެ ކަން ހިސާން ފާހަގަކުރެއްވި އެވެ.
ކޯޓުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމުގެ މުއްދަތާ ގުޅޭގޮތުން ވެސް ބަދަލުތަކެއް ގެންނަން އެމްޑީޕީގެ ސިޔާސަތުގައި ވަނީ ހިމަނައިފަ އެވެ. މައްސަލައެއްގެ ނިންމުމާ މެދު ހިތްހަމަނުޖެހިއްޖެ ނަމަ، އިސްތިއުނާފަށް ހުށަހެޅުމަށް މިހާރު ލިބެނީ 10 ދުވަހެވެ. ނަމަވެސް އެޕީލް ކުރުމުގެ ނޯޓިހާ އެކު 10 ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅުމަށް ފަހު 30 ދުވަހުގެ ތެރޭގައި މައްސަލަ އިސްތިއުނާފަށް ހުށަހެޅޭނެ އެވެ.
ރަށްރަށުން ނިންމާ މައްސަލަތައް ވެސް އިލެކްޓްރޯނިކާއި ޕޯސްޓާއި އެ މައްސަލަ ބެލި ކޯޓު މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އިސްލާހުގައި ފާހަގަކުރި އެވެ.
MDP #Majlis19 Campaign Policy workshop#Agenda19
— MDP Secretariat (@MDPSecretariat) January 26, 2019
Facebook live: https://t.co/OpyaqKxN2e pic.twitter.com/lfxaEF5AxQ
އެމްޑީޕީގެ ޕޮލިސީ ވޯކްޝޮޕްގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން.
ސުޕްރީމް ކޯޓުގެ ބާރު ދަށްކުރުމަށްޓަކައި އެމްޑީޕީން ބޭނުންވަނީ އާންމުކޮށް ހުޅުވާލާފައިވާ ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވައި އެއްވެސް ނިންމުމެއް ނުވަތަ އަމުރެއް ނެރުމުގެ ބާރު އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ނުދިނުމަށެވެ. އަދި ދުސްތޫރީ މައްސަލަ ބެލުމާއި ގާނޫނެއް، އަދި ގާނޫނީ މާއްދާއެއް ނަމަވެސް ބާތިލް ނުކުރެވުމާއި ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަށް އެއްވެސް މައްސަލައެއް ކުރިއަށް ނުގެންދެވޭ ގޮތަށް ހެދުމަށް ވެސް އެމްޑީޕީން ބޭނުންވެ އެވެ.
ދަށު ކޯޓެއްގައި ނުވަތަ ހައި ކޯޓެއްގައި ހިންގަމުންދާ މައްސަލައެއްގެ ލިޔުންތަކާއި ފައިލްތައް ސުޕްރީމް ކޯޓަށް ފޮނުވަން އެންގުމުގެ ބާރު ވެސް އުނި ކުރަން އެމްޑީޕީގެ ސިޔާސަތުގައި ހިމަނާފައި ވެ އެވެ. އަދި ދަށު ކޯޓުތަކަށާއި ހައި ކޯޓުތަކަށް ސުޕްރީމް ކޯޓުން ލަފަ އާއި އިރުޝާދު ނުދެވޭނެ އެވެ. ދަށު ކޯޓާއި ހައި ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ސުޕްރީމް ކޯޓުގެ ދައުރެއް ނެތުމާއި ވަކީލުންނަށް ހުއްދަ ދިނުމާއި ފިޔަވަޅު އެޅުމަކީ ބާ ކައުންސިލުން ކުރާ ކަމެއް ކަމަށް ކަނޑައަޅަން ވެސް އެމްޑީޕީން ބޭނުމެވެ.
މީގެ އިތުރުން، ހައި ކޯޓުގެ އުތުރާއި ދެކުނު ގޮފި އުވައިލުމަކީ، ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ނިންމާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްالله
27 January 2019
ހޫނ ރަގަޅު
ހަންބެ
27 January 2019
ކަލޯގެއާ ތިޔައީ ކުރަންޖެހޭކަމަކީ. ތިމީހުންނަކީ ގާނޫނު ހަދާ މީހުންކަމަށް އެމީހުން ގަބޫލުކުރަނީ. އަދި އެމީހުންނަށް ބޭނުން ގާނޫނެއް އުވާލައި ބޭނުން ގާނޫނަކަށް ބަދަލު ގެނެވޭނެޔޯ؟؟ މަޖްލީހުގެ ބޭނުމެއްނެތޯ. އެހެންވީމާ އެމީހުންގެ ގާނޫނުވެސް އެމީހުން ހަދަން ދޫކޮށްލާށޯ. ހުވާއި ވެސް އިސްލާހުކޮށް އެމީހުން ބޭނުން ގޮތަކަށް ހަދަން ފުރުސަތު ދޭށޯލަ.
ލުހެލާ
27 January 2019
އެބްޒޮލިއުޓްލީ ފެންޓާސްޓިކް. ބޭނުމަކީ އެކިމީހުންނަށް ބާރުތައް ބަހާލުން....އެންމެމީހެއް/މުއައްސަސާއެއް އަތުގަ ހުރިހާ ބާރެއްއޮތީމަ ރައްޔިތުންނަށް ބޭނުންގޮތެއް ހަދާލެވެނީ. މިހާރު ރައްޔިތުން ކުރިމަތީގަ އެމީހުންނަށް ސައިޒު ފެނިގެންދާނެ. އބަދުވެސްހަދާންކުރާތި ރައްޔިތުންނށް ދެރަކޮށް ކަންތައްކުރުމާ ކިބރުވެރިކަމާ ބޮޑާކަމާ ވައްކަންކުރުމާ އަނެކާއަށް ނުބައިކޮށް މިހިތަނީ މާބޮޑަށް ވަކި ފަރުދަކު/މުއައްސަސާއެއް ބާރުގަދަވީމަ.
މިއަރެން
27 January 2019
ސްޕްރީމްކޯޓް އުވާލާފަ ޑިޕާރޓްމެންޓްް އޮފް ޖަސްޓިސް އުފައްދާ އޭރުން ހުރިހާތަނެއް އެއްތަނެއްގެގޮތުގައިހިންގީމާ ހުންނާނީއިންސާފުލިބިފަ ތިއުޅެނީކޮންމެހެން ވަޒީފާދޭންޖެހޭމީހަކައް ވަޒީފާއެއްނުދެވިގެން
އަހުމަދު އާދަމް
27 January 2019
މިނިވަން މުއައްސަސާތަކައި ބެހޭ ކޮމެޓީ މެޖޯރިޓީ އޮންނާނީ އެމް.ޑީ.ޕީ.އަތުގައި ނޫންހެއްޔެވެ.ދެން ރަޖިސްޓްރާރ އަކަށް އަންނާނީ ކޮން ވިސްނުމެއްގެ ބައެއްކަން އެގޭނުންހެއްޔެވެ. އަދި އެމަޤާމަށް އަންނަ މީހަކަށް ބާރު ދިނުމުން ކަންވާނެ ގޮތް މިއޮތީ ނިކަން ސާފުކޮށް އެގޭށެވެ.މީގެން އަދި މުޅި މަންޒަރު ސާފެއްނޫނެވެ.
ބޯދާ ވިސްނުން
27 January 2019
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މެޖޯރިޓީ އޮންނާނީ ރައްޔިތުން މަޖިލީހުގައި މެޖޯރިޓީދިން ޕާޓީއަކަށެވެ. ޑިމޮކްރަސީއަކީ ރައްޔިތުންގެ ނިންމުމެކެވެ.
އަހައްމަދާ
27 January 2019
މަގޭ ހިތަށް އަރަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މި ހަބަރު ފެނިފަ ކޮން ސައްލާއެއްބާއޭ ކުރާނީ!
ދިރާސްތާ
27 January 2019
މިހަބަރުގެ ސުރުހީފެނިފަ މަ ފުރަތަމަވެސް ހިތައްއެރީ މީގޯސްކަމަކޭ. ނަމަވެސް ހަބަރު ކިޔާލީމަ އެނގިއްޖެ، މިއީހަމަ ކުރަން ރަނގަޅުކަމެއްކަން. މަޖިލީހުގެ ބާރުވެސް ހަމަ މިގޮތަށް ކަނޑއަޅަންފެނޭ، މިސާލަކަށް އަމީންއާއްމު ހަމަޖައްސަން ކޮންމެވެސް މިނިވަން މުއައްސައާއަކުން ނޫނީ މަޖިލީހުގެ ބާރުނުހިގާ މިނިވަން ކޮމިޓީއަކުން
ބަޑިތަކުރު
27 January 2019
ކިތަންމެ ގިނަ ބާރުތަކެއް ރަޖިސްޓްރާއަށް ދިނަސް ތިމާއަށް ވެދާނެގޮތަކަށް ނުވަތަ ލިބެންއޮތް މަންފާއަކަށް ބަލައިގެން ހުކުމްކުރާ މީހުން ތިތަންތާނގައި ތިބެގެން ގާއިމްކުރެވޭނެ އިންސާފެއް ނޯންނާނެއެވެ. ޤާޟީއެއްގެ ރަށްޓެއްސެއްގެ އެކައުންޓަށް ލައްކައިން ފައިސާ ޖަމާކުރުވާފައި އެމީހާލައްވާ އެފައިސާ ނަގަމުންދާކަމަށް ވެއެވެ. ޤާނޫނުތަކުގައި ހުންނަ ބާގަނޑުތަކުން މިވެރިން ދެމިގަންނަމުން ދަނީ މިހެންކަމަށްވަންޏާ ދެން މިވެރިންނާ ޤާނޫނު އަރާހަމަކުރާނެ ބާވައެވެ.
ޙުސޭނުބެ
27 January 2019
ފަނޑިޔާރުންގެ ގޮތުގަ މިހާރު އެތިބަމީހުން އެތަނުނއ ބޭރުކޮށްގެން މެނުވީ ޖުޑިޝަރީ އިސްލާހެއް ނުވާނެ
ތިމާވެށި
27 January 2019
ރާއްޖެ އިން ބޭރުން ފަނޑިޔާރުން ގެންނަން ކުރާ ކަމެކެވެ. ކުރީގެ ވެސް ޕްލޭން އެކެވެ .