އާސަންދަ އިން ބޭސް ނަގަން ބަޔަކު ބޭސް ފިހާރައެއްގައި: ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އާސަންދަ ދޭން ނިންމުމަކީ ދައުލަތުގެ ބަޖެޓަށް އަނެއްކާ ވެސް ބޮޑު ބުރައަކަށް ވާނެ. -- ފޮޓޯ: މިހާރު
05 ފެބުރުއަރީ 2019 - 08:53
އާސަންދަ އިން ކުރާ ހޭދަ ކޮންޓްރޯލް ނުކޮށްފި ނަމަ، ޚިދުމަތް ހުއްޓާލަން ޖެހިދާނެ އެވެ! މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން، ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު، މި އިންޒާރު ދެއްވި ސަބަބުތައް ބައިވަރެވެ.
ދައުލަތުގެ ބިޔަ ބަޖެޓުން ކޮންމެ އަހަރަކު ވެސް އެންމެ ބޮޑު ހޭދައެއް ކުރަނީ އާސަންދަ އަށެވެ.
މިދިޔަ އަހަރުގެ ޚަރަދަށް އެކަނި ބަލަިލާނަމެވެ؛ އާސަންދަ އަށް ކަނޑައަޅާފައި އޮތީ 750 މިލިއަން ރުފިޔާ އެވެ. އެކަމަކު އަހަރު ނިމުނުއިރު އާސަންދަ އަށް ކުރި ހޭދަ އުޅެނީ، ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން އެނގޭ ގޮތުގައި، 1.4 ބިލިއަން ރުފިޔާގަ އެވެ. މިއީ ބަޖެޓް ކުރި އަދަދަށް ވުރެން 118 ޕަސެންޓް އިތުރުވުމެކެވެ.
ހިލޭ ބޭސްފަރުވާ ކުރެވުމަކީ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެކެވެ. އެ ނިޒާމުން ދައުލަތަށް އުފުލަން ޖެހިފައިވާ ބުރަ އާއި ތަކުލީފް އާއްމުންނަށް އިހްސާސް ނުކުރެވި ހިނގައިދާނެ އެވެ. އެކަމަކު، ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އާސަންދަ ދޭނެ ކަން މިދިޔަ އަހަރު ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ސަރުކާރު ކޯލިޝަނުން ވައުދުވީ ޔަގީނުން ވެސް ދައުލަތަށް ބޮޑު ބުރައެއް ކަން އެނގި ތިބެ އެވެ.
މި އަހަރަށް ލަފާ ކުރާ ބަޖެޓުގެ ތަފްސީލްތައް ހިމެނޭ ފޮތެއް: ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ހިނގަނީ އާސަންދަ އަށް.--ފޮޓޯ: ހުސައިން ވަހީދު/މިހާރު
މިހާތަނަށް އިއުލާންކޮށްފައި ވަނީ އިންޑިއާ އާއި ސްރީ ލަންކާގެ އިތުރުން މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އާސަންދަ ހިދުމަތް ދޭށެވެ. އެންމެ އަވަހަށް ޚިދުމަތް ފަށަން ހަމަޖައްސާފައި އޮތީ، ނިސްބަތުން ދިވެހިން އެންމެ ގިނަ ލަންކާގަ އެވެ. އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް އަންނަ އެޕްރީލް މަހުން ފެށިގެން އާސަންދަ ލިބޭނެ ކަމުގެ ޔަގީންކަން މި ހަފުތާގައި އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ދެއްވައިފަ އެވެ.
އާސަންދަ ދޭން ނިންމުމުން އެއް ބަޔަކަށް ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނަސް އެއީ ދައުލަތުގެ ބަޖެޓަށް އަނެއްކާވެސް ނުކަތާ ވަރުގެ ބޮޑު ބުރައެކެވެ. އާސަންދަ ނިޒާމް މިހާރު ވެސް އޮތީ ބޮއްސުން ލައިފަ އެވެ. ބޭކާރު ޚަރަދު އެހާ ބޮޑެވެ. އެއް ބަޔަކަށް އެއީ ބޮޑު ވިޔަފާރިއެއް ވެސް މެ އެވެ.
ރާއްޖެ ދޫކޮށް، ބޭރު ގައުމުތަކަށް ދިވެހިން ބަދަލުވަނީ ފެންވަރު ރަނގަޅު ތައުލީމަކަށް ނުވަތަ ދިރިއުޅުމަކަށެވެ. އަމިއްލަ ގައުމުގައި ތިބެގެން ލިބޭ ޚިދުމަތް، ގައުމު ދޫކޮށްފައި ދާ މީހުންނަށް ފޯރުކޮށްދިނުމުގެ ޒިންމާ ނުވަތަ ބުރަ ވެސް ދައުލަތުން އުފުލަން ޖެހޭ ހެއްޔެވެ؟
ލަންކާ ގައި ދިރިއުޅޭ ދިވެހިންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ހަސަން އާމިރު/މިހާރު
ރާއްޖެ ދޫކޮށް ދިއުމަކީ ހައްގުތަކުން މަހްރޫމްވާން ޖެހޭ ކަމެއް ނޫނެވެ؛ ޚާއްސަކޮށް އާސަންދަ ލިބެން ޖެހެނީ، އެ ނިޒާމު، ވަކި އުމުރެއް، ވަކި ގިންތިއެއް ތަފާތު ނުކޮށް ހުރިހާ ރައްޔިތުންނަށް ހުޅުވާލާފައި އޮތުމުން ކަމަށް ގަބޫލުކުރާ ބަޔަކު އެބަ ތިއްބެވެ.
ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން ރަޝީދު ވިދާޅުވީ ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް އާސަންދަ ފޯރުކޮށްދޭން މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ގޮންޖެހުން ބޮޑު އެކަން، ކުރަން ވާނީ، ހަމަހަމަ އުސޫލުން، އިންސާފުވެރިކޮށް ކަމަށް ވިދާޅުވި އެވެ.
އާސަންދަ އަކީ ހުރިހާ ރައްޔިތުންނަށް އެކުލަވާލާފައި އޮތް ނިޒާމަކަށް ވާތީ ދިވެހިން ދިރިއުޅޭ ބައެއް ގައުމުތަކުގައި ޚިދުމަތް ފެށުމަކީ އެންމެ ރަނގަޅު ގޮތެއް ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.
އައިޑީ ކާޑު ދައްކާލުމުން ރާއްޖޭގައި ޚިދުމަތް ދޭ އުސޫލުން، ބޭރު ގައުމުތަކުގައި ވެސް އާސަންދަ ހިދުމަތް ހޯދެން އޮންނަ ނަމަ، ބޭކާރު ގޮތުގައި ހޭދަކުރުމުގެ ފުރުސަތު ބޮޑުވާނެ އެވެ. އާސަންދަ އެހީގައި ބޭރަށް ފޮނުވާ މީހުން ކުރަން ނުޖެހޭ އޮޕަރޭޝަންތަކާއި ދޭން ނުޖެހޭ ފަރުވާތައް ދިނުމާއި އައިސީޔޫގައި މާ ގިނަ ދުވަހު ބޭއްވުން ފަދަ ތުހުމަތުތައް މިހާރު ވެސް ބޮޑެވެ.
"ވަރަށް ބޮޑަށް މިސް ޔޫސް ކުރުމުގެ ފުރުސަތު އޮންނާނެ، ހަރުދަނާ ގޮތެއްގައި ނުބެލެހެއްޓިއްޖިއްޔާ. އެ ފުރުސަތު ނުދޭން ނިޒާމް ހަރުދަނާ ކުރެވިއްޖެތޯ؟ އެ ނޫން ގޮތަކަށް، ޚިދުމަތް ދޭން ފަށައިފި ނަމަ، ފޫ ވެއްޓިފައި އޮތް ގޯންޏަކަށް އެ ވާނީ،" ސިއްހީ ދާއިރާގައި އިސްކޮށް އުޅުއްވާ ބޭފުޅަކު، ނަން ނުޖެހުމަށް އެދިވަޑައިގެން، ވިދާޅުވި އެވެ.
"މިހާރު ވެސް އާސަންދަ ދަނީ މެނޭޖް ނުކުރެވި، ދައުލަތަށް ބުރަ ބޮޑުވެގެން."
ހުސެއިން ވެސް ގަބޫލުކުރައްވާ ގޮތުގައި ބަދަލު ނުގެނެސް، ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އާސަންދަ ދޭން ފެށުމަކީ މިހާރުވެސް ހަމައަކަށް ނޭޅިފައި އޮތް ނިޒާމެއް އިތުރަށް ބޮއްސުން ލައިގެންދާނެ ކަމެކެވެ.
"މި ނިޒާމަކީ ރާއްޖޭގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ހަދާފައިވާ ނިޒާމެއް. ލަންކާ ހޮސްޕިޓަލްތަކާއި ވާހަކަ ދައްކައިގެން އެކަން ކުރާ ނަމަ، މިހާރު ވެސް ވަރަށް ބޮޑަށް ހީނަރުވެފައިވާ އަދި ފައިސާގެ ގޮތުން ހާލުގައި ޖެހިފައިވާ ނިޒާމު އިތުރަށް ބޮއްސުން ލައިގެން ގޮސް ޚަރަދު އިންތިހާ އަށް ބޮޑު ވެގެންދާނެ،" ހުސެއިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޭރުގައި އުޅޭ ދިވެހިންނަށް އާސަންދަ ދޭން ފެށުމަކީ، ދިގު މުއްދަތަށް ބޭސްކުރާ މީހުން އެ ގައުމުތަކަށް ހިޖުރަކޮށްގެން ޚިދުމަތް ހޯދަން ވެސް ބަރޯސާވެދާނެ ކަމެކެވެ. އެއީ ވެސް ހަމަޖެހޭ އުސޫލެއް ނޫނެވެ. އާސަންދައިގެ ދަށުން މިހާރު ބޭރަށް ފޮނުވަނީ ރާއްޖެ އިން ނުލިބޭ ފަރުވާތަކަށް އެކަންޏެވެ.
ހެލްތު މިނިސްޓަރު އަމީން، އައިޖީއެމްއެޗަށް ވަޑައިގެން އެ ހޮސްޕިޓަލުގެ މަސައްކަތްތައް އޮޅުންފިލުވާލައްވަނީ: އާސަންދަ ނިޒާމަށް ބަދަލު ގެންނަން ޖެހޭ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
ސަރުކާރު ހޮސްޕިޓަލްތަކުން ހުރިހާ ޚިދުމަތެއް އާސަންދައިގެ ދަށުން ހިލޭ ލިބުނަސް އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ކަވަރުކުރަނީ ވަކި ޕަސެންޓެކެވެ. ބޭރު ގައުމުތަކުގައި އާސަންދަ ދޭން ކަނޑައަޅާފައިވާ އުސޫލެއް އަދި ހާމައެއް ނުކުރެ އެވެ. ދިވެހިން ދިރިއުޅޭ ހުރިހާ ގައުމުތަކެއްގައި އާސަންދަ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސާނެތޯ ވެސް ސާފެއް ނޫނެވެ.
"ބޭރު ގައުމުތަކުގައި ކިތައް ޕަސެންޓްތޯ ކަވަރު ކުރާނީ އެ ވެސް ސާފުވާން ޖެހޭ. މިސާލަކަށް އޭޑީކޭ އިން ހޯދާ ހުރިހާ ޚިދުމަތަކަށް އާސަންދަ ކަވަރު ނުކުރާ ނަމަ ލަންކާގައި ދިރިއުޅޭ މީހާ އަށް ކުރަންވީ ކީއްވެތޯ. އާސަންދައިގެ އެންމެ ބޮޑު އަސާސަކީ ރާއްޖެ އިން ބޭރަށް ފޮނުވާނީ ރާއްޖެ އިން ނުކުރެވޭ ފަރުވާތަކަށް އެކަންޏޭ. މި އަސާސް ދިޔައީ ނޫންތޯ ބޭރު ގައުމުތަކުގައި ދިރިއުޅޭ މީހުންނަށް އާސަންދަ ދޭން ފެށުމުން،" ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
"މިސާލަކަށް ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރަން އެދޭ ކިޔޫ އައިޖީއެމްއެޗުގައި ވަރަށް ބޮޑުވާނެ. ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އާސަންދަ ދޭން ފެށުމުން، ލަންކާގައި ހުންނަ މީހާ އަށް ވަރަށް ފަސޭހަވާނެ ނޫންތޯ ޚިދުމަތް ހޯދަން،"
އާސަންދަ ނިޒާމުގެ ތެރޭގައި ބޭރުގެ ހޮސްޕިޓަލްތައް އިތުރުވުމަކީ ބޭރު ފައިސާގެ ގޮތުގައި އަނެއްކާވެސް ބޮޑު އަދަދެއް ރާއްޖެ އިން ބޭރުވާނެ ކަމެކެވެ. އިގްތިސާދީ ނަޒަރަކުން ބަލާ ނަމަ، އެއީ ވެސް އޮތް ގޮންޖެހުމެކެވެ.
"ރާއްޖެ އިން ބޭރުގައި ދިވެހިން އުޅޭއިރު، ކިޔަވާ ކުދިން ތިބެނީ މެޑިކަލް އިންޝުއަރެންސް ހަދާފައި. ދެން މި ތިބެނީ ޑިޕެންޑެންޓުން. އެ މީހުންނަށް މެޑިކަލް އިންޝުއަރަންސް ޕްރީމިއަމްއެއް އާސަންދައިގެ ޚަރަދުން ދައްކާ ގޮތަށް މެޑިކަލް އިންޝުއަރަންސް ހަމަޖައްސައިފިއްޔާ އަސްލު ޚަރަދުގެ ގޮތުން ކުޑަވެފައި، އެ ރައްޔިތުން ބޭނުންވާ ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެހިދާނެ،" ހުސެއިން ވިދާޅުވި އެވެ.
"އެލައިޑް ނުވަތަ ލަންކާގެ އިންޝުއަރަންސް ކުންފުންޏަކާ މަޝްވަރާކޮށްގެން ރަނގަޅު ނިޒާމެއް ގާއިމުކުރުމަކީ އާސަންދަ އަށް އަދި ގައުމަށް ވެސް އެންމެ ރަނގަޅު ގޮތް. އަދި ބޭނުންވާ ކަން އާޚިރުގައި ކުރެވިގެން ވެސް ދާނެ ކަމަށް ފެނޭ. އެހެންވީމާ، ކަމާ ބެހޭ އިދާރާތަކުން ކޮސްޓް އިފެކްޓިވް އަދި ކޮސްޓް ބެނެފިޓް އެނަލިސިސްއެއް ހައްދަވާފައި އެންމެ ރަގަޅު އޮޕްޝަނެއް ބަލާފައި ނޫނީ، ހަގީގަތުގައި މިކަން ފެށުން ރަނގަޅެއް ނުވާނެ."
ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް އާސަންދަ ދިނުމުގައި ހަރުދަނާ ނިޒާމްތަކެއް އެކަށަނޭޅިއްޖެ ނަމަ އާސަންދަ އިން ދައުލަތަށް ލިބޭ ގެއްލުން މިހާރަށް ވުރެ ވެސް ބޮޑުވާނެ އެވެ. އެހެންކަމުން އަވަސް އަރުވާލައިގެން ޚިދުމަތް ފެށުމުގެ ކުރިން ސަރުކާރުން ހައްލު ހޯދަން ހުރި ކަންކަން ގިނަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ. ރާމީ މ.ވައިނުޖޭގެއާގެ
12 April 2019
އަޅުގަނޑު ދެކޭ ގޮތުގައި އާސަންދަ ބަލައިގަންނަ ބޭރުގެ ހޮސްޕިޓަލް ތަކުން އެކި އޮޕަރޭޝަން ތަކަށް ނަގާ އަގުތައް އޮންނާނީ އާސަންދަ އަށް އިނގިފައެވެ. ރެސްޓޯރަންޓް އެއްގެ މޭނޫ ގައި ލިޔެފަ އޮންނަ ފަދައިންނެވެ. ވީމާ މަކަރު ހެދުމަކީ އުނދަގޫ ކަމެކެވެ.
ސަރުކާނު
14 February 2019
ހަޤީޤަތުގައި ބޭރުގަ އުޅޭ ދިވެހިންނަށް އާސަންދަ ދޭން ފެންނަނީ ވަކި ބަލިތަކެއް ތަހައްމަލްކުރާމީހުނަށް. ކޮންމެވެސް އުސޫލެއް އެބައޮންނަންޖެހޭ ރާއްޖޭންބޭރުގަ ދިރިއުޅުން އުޅެމުން ގެންދާ މީހުނަށް. މާލޭން ބޮޑެތި އަގުގަ ގޭގެ ކުއްޔަށް ދީފަގޮސް ރާއްޖޭންބޭރުގަ މަތިފަޑީގަ ދިރިއުޅެނީ ސަރުކާރުން ހެޓަކަސް ބޭސް. ކަޑަ.
އަހުމަދުު
07 February 2019
ބޭރުގަ އުޅޭ މީހުންނަށް ކަންކަން ކޮށްދެވޭތޯ ބަލާ. އަހަރެން މިއުޅެނީ ރާއްޖޭގަ. ރާއްޖޭން ހެދެންނެތް ޓެސްޓެއް ހަދަން އައިސް މިހިރީ ބޭރުގައި. އާސަންދައެއް ނުލިބުން. އެންސްޕާއަކުން އެހީއެއް ނުލިބުން. ނުވިތާކުން ހަމުގެ ބައްޔަކަށް އަމިއްލައަށް ބޭސްގަނެގެން ފަރުވާ ހޯދާތާ ހަ އަހަރު ވެއްޖެ. ޑޮކްޓަރު ލިޔެދޭ ބޭހެއް އާސަންދައކުން ނުލިބޭ. ޤައުމު ކަމެއްނުކޮށްދޭ ނަމަ މަ ވަކި ކޮންކަމެއް ޤައުމަށް ކޮށްދޭންވީ.
ގަރީބު
06 February 2019
ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންނަކަށް އާސަންދައިގެ ޙިދުމަތް ލިބިގެނެއް ނުވާނެ. ދިވެހިންގެ ތެރެއިން ފޯރާ މީހުން ރާއްޖެއިން ބޭރުގައި ދިރިއުޅެނީ. ނުފޯރާ މީހުން ތިބީ ރާއްޖޭގައި. ގިނަ އަދަދަކަށް ޓެކްސް ވެސް ދައްކަނީ ރާއްޖޭގައި ތިބި މީހުން. އަހަރެމެންނަށް ސްޕެޝަލިޝްޓް ޑޮކްޓަރަކަށް ދެއްކެނީ ހާލަކުން ފަހަރަކު. ރާއްޖެއިން ބޭރުގައި އުޅޭ މީހާ ދައްކަނީ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް. ކޮބާ އިންސާފާއި ހަމަހަމަކަން..!! އާސަންދައިން ހާފް ޕޭ ދިނުމަށް އޯކޭ.
ޓިކްޓޮކް
06 February 2019
ބައެއް ދިވެހިން ލަންކާ ޑޮކްޓަރާ ގުޅިގެން ބޮޑެތި ޖަރީމާ ހިންގާކަން އާސަންދަ ކުންފުންޔަށް އެގިލައްވާތޯ؟ މިސާލަކަށް އެބަ ނަގާ ޕޭޝަންޓަށް ޕްރައިވެޓް ރޫމް ބިލްގަ އެހެން އެހެން އެއްޗެއް ހިމަނައިގެން ޑޮކްޓަރާ ގުޅިގެން....ގުޅިގެން ކުރަންޔާ ކިހިނެއް އިނގޭނީ....ތިއޮތީ މިހާރު އެދޮރު ރަގަޅަށް ހުޅުވަދީފަ....ޑޮކްޓަރުންވެސް ތިބެނީ އާސަންދަ ލިބޭތޯ ބަލަބަލާ މިހާރު....
ހެހެހެ
06 February 2019
ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބަޔަކީ ރާއްޖޭގައި ދިރި އުޅޭ މީހުންގެ އަތުން ލިބޭ ފައިސާއެވެ. މިހެން ކަން އޮއްވާ، ރާއްޖޭން ބޭރުގަ ދިރިއުޅޭ އަދިި ރާއްޖެއަށް އެބަޔެއްގެ އަތުން ޓެކްސް ނުދައްކާ ބަޔަކަށް ހިލޭ އާސަންދަ ދިނުމަކީ ހަމަޖެހޭ ކަމެއް ނޫން. އެހެނީ ދައުލަތަށް ޓެކްސް ދައްކާއިގެން ރާއްޖޭ ގައި ދިރި އުޅޭ މީހުންނަށް ވެސް މިއުޅެނީ ރަނގަޅަށް އާސަންދަގެ ހިދުމަތް ނުދެވިގެން.
ހޮޓްކިންގ
06 February 2019
ބަލަން މިތިބީ ކިހާދުވަހަކު ސަރުކާރު ހިންގޭތޯ؟ މުވައްޒަފުންނަށް މުސާރަ ދޭނީ ކިތައްމަހުތޯ؟ އިންޑިއާއިން ރާއްޖޭގެ ސަރުކާރު ހިންގަން ހިލޭ ފައިސާ ދޭނެތޯ؟ އަހަރު ދުވަސް ނުވަނީސް ސަރުކާރު ބަނގުރޫޓް ވާނެ ކިތަންމެ ގަނޑެއް އެބަގަނޭތިބެގެން.
ެއީނާ
06 February 2019
ޓެކުސް ދައްކަނީ ރާއްޖޭގަ ދިރި އުޅޭ ރައްޔިތުން...އޭގެ ފައިދާ އެހެންމީހުންނަށް....ލަންކާ ހޮސްޕިޓަލް ކަހަލަ ތަންތާގަ ތިބޭ ޑޮކްޓަރުން މި ހަދާ ގޮތަކީ އާސަންދަ ލިބޭކަން އެގިއްޖިއްޔާ އެ އޮޕަރޭށަނަކަށް އަރާ ވަރުގެ ދެގުނަ ބޮޑުކޮށްލަނީ...މިހާރު އެވެރިންނަށް އާސަންދަ ފެންނަނީ ބޮޑު ލާރި ގޯންޔެއްހެން...މިއީ ހަމަ ހިނގާ ކަންކަން....ދައުލަތަށް ވަންނަ އާމްދަނީގެ ބޮޑު ބައެއް ވަންނަނީ ރާއްޖޭގަ ދިރި އުޅޭ ރައްޔިތުންގެ އަތުން ނަގާ ޓެކުސް އިން....މީތި ކަޑަ!!!
ސައި
06 February 2019
އާސަންދަ ދެނީ ހަމަހަމަ އުސޫލަކުންނޫން ކެންސަރު ޖެހިފަ ތިބޭމީހުންނަށް ރާއްޖޭން ބޭރައްދާން އަހަރަކު ދެފަހަރު ޖެހިއްޖެނަމަ ޓިކެޓުދެނީ ބަލި މީހާއަށް އެކަނި އެހީތެރިއަކަށް ޓިކެޓެއް ނުދޭ ބޮޑުންގެ ގާތް މީހުންނަށް ބޭރަށް ދާންނުޖެހޭ ކަންނަމަށް އާސަންދަލިބިފަ އެބަހުރި އާސަންދައިން އެއްވެސް ވަރަކަށް ބޭސްނުކުރެވޭމީހުންވެސް އެބަތިބި އެކިމީހުން ބޭސްކުރާނީ އެކިކަންކަމަށް މީ އެއްވެސް ވަރަކަށް ހަމަހަމަ އުސޫލަކުން ދޭ އެއްޗެށް ނޫން
އަބްދޫ
05 February 2019
ބޭރުގަ ދިރިއުޅޭ މީހުނަކަށް އާސަންދަ ދޭކަށް ނުޖެހޭނެ. ބޭރުގަ ދިރިއުޅޭ މީހާ އެއުޅެނީ ރާއްޖޭގަ އުޅުމުގެ ފެންވަރު ދަށްވެ މަތީފެންވަރުގެ ދިރިއުޅުމެއް ހޯދަންވެގެންދޯ . އާސަންދަޔަކީ ދިވެހިރާއްޖޭގަ ދިރިއުޅޭ ދިވެހިންނަށް ބޭސްފަރުވާ ކޮށްދޭ މަސްރޫއެއް. އެމަސްރޫއުގާ ބޭރުގައުމުތަކުން ބޭސްފަރުވާ މިކުރަނީ ރާއްޖޭގަ ނުކުރެވޭ ފަރުވާތަކަށް އިންޑިޔާގަ ދިރިއުޅޭ ދިވެހިން މާލެއައިސް މާލޭގައޮފަރޭސަން އެބަކުރޭ އެއީ ކީއްވެ؟ވީމާ މާލެ އައިސް ފަރުވާ ހޯދާ.