ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުގެ ހުވާކުރެއްވުމަށް މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތުގައި އެ ގައުމުގެ ބޮޑުވަޒީރު މޯދީ އާއި ނަޝީދު: އިންޑިއާ އަށް އަބަދުވެސް ނަޝީދުގެ ތާއީދު އޮވޭ.
12 ފެބުރުއަރީ 2019 - 17:14
ހިލާފު އުފެދޭ ފަދަ ވާހަކަތައް ދައްކައި ނަފުރަތު އުފައްދަން ކުރާ ކަންތައްތަކީ ހިނގަން ދޫކޮށްގެން ތިބޭނެ ކަންތައްތަކެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާ އަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެފަދަ ވާހަކަތައް ދެއްކުމަކީ ވަރަށް ނާތަހުޒީބު އަދި ބޭއިންސާފު ކަމެއް ކަމަށެވެ.
އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދެއްކެވީ، މި ސަރުކާރު ވެރިކަމަށް އައި ފަހުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިވެ އަދި އެ ގައުމުގެ އަސްކަރިއްޔާގެ ނުފޫޒު ރާއްޖެ އަށް ވަރަށް ބޮޑަށް އޮންނަ ކަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުންދާ ދަނޑިވަޅެއްގަ އެވެ.
"ހިލާފު އުފެދޭ ބާވަތުގެ ވާހަކަތައް ދައްކައި، އަދި އޭގެއިން ނަފުރަތު އުފައްދައި، އެކަމުގެ ޖަރުބާތުތަކެއްގައި ރައްޔިތުން ގުނބޯ ހެއްދުމަކީ، އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ވަރަށް ނާތަހުޒީބު ކަމެއް. އަދި ވަރަށް ބޭއިންސާފު ވެސް ކަމެއް،" އަބަދުވެސް އިންޑިއާ އަށް ތައުރީފު ކުރައްވާ ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، އެކަން އެގޮތަށް ހިނގަން ދޫކޮށްލައިގެން [ސަރުކާރާއި އެމްޑީޕީ]ން ނުތިބޭނެ ކަމަށެވެ. ރާއްޖޭގެ ރައްޔިތުންގެ އުއްމީދުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރު އަދި އެމްޑީޕީ އަށް ވެސް ސާފުވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމާ ބެހޭ ގޮތުން ނަޝީދު ވިދާޅުވީ، އެ ގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަން ކަމަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށެވެ. އެގޮތުން، ދެ ގައުމުގެ އަސްކަރިއްޔާއާ ދެމެދު އޮންނަން ގުޅުން ބަދަހިވުމަކީ ރާއްޖެ އަށާއި މުޅި އެތެރެވަރިއަށް މުހިއްމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެ ގުޅުންތައް ބަހައްޓަން ޖެހޭ މިންވަރާއި ބަހައްޓަން ޖެހޭ އިންތައް ވަރަށް ސާފު. އެއްވެސް ހާލެއްގައި ދިވެހިރާއްޖޭގެ މިނިވަން ކަމަަކަށް، ދިވެހިރާއްޖޭގެ އިސްތިގުލާލަކަށް ކުޑަވެސް ބުރުލެއް އަރައިގެން ނުދާނެ ކަމީ އަޅުގަނޑުމެންގެ ހިތުގައި ޝައްކު އުފެދޭ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖެ އަޅުވެތި ކުރަން އިންޑިއާ ސަރުކާރުން ދުވަހަކު ވެސް ނޫޅެ އެވެ. އެގޮތަށް މަސައްކަތް ކޮށްފައި ނުވަނީ އެއީ އެމީހުންގެ މަސްލަހަތު އޮތް ކަމަކަށް ނުވާތީ ކަމަށް ވިދާޅުވި އެވެ. އަދި ނަޝީދު ވިދާޅުވީ، ޑިމޮކްރެޓިކް ވެރިކަންތައް ހިންގަމުން އަންނަ އިރު އެއްބައެއްގެ މިނިވަންކަން ނަގައިލުމަކީ އެއްވެސް ބައެއްގެ މަސްލަހަތުގައި އޮތް ކަމެއް ނޫން ކަމަށެވެ.
ރާއްޖޭގައި ޗައިނާގެ މަސްލަހަތު ކުރިއަރުވަން އެ ގައުމުން ބޭނުންވާ ކަމަށް ކުރިއްސުރެ ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅު މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ. ޗައިނާގެ މަސްލަހަތު ކުރިއަރުވަން ފާއިތުވި 10-15 ވަރަކަށް އަހަރުގެ ތެރޭގައި ކަންތައްތައް ކޮށްފައިވާ ގޮތް ސާފުކޮށް ފެންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ގިނަ އަދަދުގެ ލޯނު، ގިނަ އަދަދުގެ ފައިސާ މިވަނީ ދިވެހިރާއްޖެ އާއި މި އެތެރެވަރީގައިވާ އެތައް ގައުމަކަށް ޗައިނާގެ ފަރާތުން ގެނެސްފައި. މި ފައިސާ ގިނަ ފަހަރަށް ގެނެސްފައި މިވަނީ ނުއަގުގައި މަސައްކަތްތައް ކުރުމަށް. ދެން މި ދަރަނި އަނބުރާ ނުދެއްކުނީމާ، ޗައިނާ އެދެމުން އެ ދަނީ އޭގެ ބަދަލުގައި، ހެދި އެއްޗެއްގެ ހިއްސާ ދިނުމަށް،" ޗައިނާގެ ސިޔާސަތުތަކާ އަބަދުވެސް ދެކޮޅު ހައްދަވާ ނަޝީދު ވިދާޅުވި އެވެ.
އެގޮތުން ދަރަނި ނުދެއްކިގެން ބަނދަރާއި އެ ނޫން ބައެއް ތަންތަނުގެ ހިއްސާ ޗައިނާ އަށް ދޭން ޖެހި އެކަމުގެ ސަބަބުން އިސްތިގުލާލަށް ގެއްލުންވާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.
ނަޝީދު، ޗައިނާއާ ގުޅޭ ގޮތުން ދެއްކެވި މިފަދަ ބައެއް ވާހަކަފުޅުތަކަށް އެ ގައުމުން ކުރިން ރައްދު ވެސް ދީފައި ވެ އެވެ. އެގޮތުން، ރާއްޖެ އަށް އެ ގައުމުން ކޮށްދޭ ކަންކަމުގެ ފަހަތުގައި ފޮރުވިފައިވާ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ޗައިނާ އިން އަންނަނީ ތަކުރާރުކޮށް ބަނަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަމާ
13 February 2019
ވެރިކަން ނުލިބޭއިރު ރާއްޖެ ހިފަން އައުމަށް އިންޑިއާއަށް ދައުވަތު ދިން ނަޝީދު މި ގައުމުގެ މިނިވަންކަމުގެ ވާހަކަ ދެއްކީމަ އެކަމާ އަތްޖަހާނެ ބަޔަކުވެސް ތިބޭނެ. ރައްޔިތުންގެ އިހްސާސްތަކާ ކުޅެ ރައްޔިތުން ގުނބޯ ހެއްދުން އެއީ ވަކި ޕާޓީއަކުން ކުރަން ލިއެވިފައި އޮތްކަމެއްނޫން. ވަކިފަރާތަކަށް ނުޖެހި އޮތް ރާއްޖޭގެ ޚާރިޖީ ސިޔާސަތު ފުނޑާލީ ނަޝީދު ވެރިކަމަށް އެރުމަށްފަހު.
ޔަހުޔާ
13 February 2019
ނަޝީދަކީ މިޒަމާނުގެ 9ވަނަ ހަސަންރަސްގެފާނު. ބޭނުންވަނީ ވެރިކަން. ކޮންްމެ މަޅިއެއްޖަހައިގެން ނަމަވެސް ވެރިކަން. ނަޝީދަށް ދެން މިގައުމުގައި އިންތިޚާބަކުން ރައީސްކަމަށް ނާދެވޭންކަން ޔަގީންވާތީ ބަރުލަމާ ނިޒާމެއް ގެންނަން މަސައްކަތް ކުރަނީވސް. އިންޑިޔާއާއި މާގުޅުން ބަދަހިކުރަނީ އެންޑީޕީގެ ވެރިކަން ބާރުގެ ބޭނުންކޮށަގެން ވެސް އިންޑިޔާ އިން ދަމަހައްޓަ ދޭނެކަމަށް ބަލާފަ. ޢެކަމަކު އާޚިރުގަ ޖެހޭނީ ތާޖުއްދީނުގެ ދެބޭންނަށް ޖެހުނު ހާލު
ތެދުވެރިޔާ
13 February 2019
އަހަރުން ބޭނުން ވަނީ އިންޑީޔާ ބޭރުކުރަން. ދިވެހިންގެ މުސްތަގްބަލައްޓަކާ.
ހަނދޭގިރިކަލޭވެ
13 February 2019
އިންޑިއާ ސިފައިންގެ ބާރުގައި ވެރިކަން ކުރަން ނަޝީދު މިވިސްނަނީ...
އެހެންތޯ
13 February 2019
ރައީސް ނަޝީދުގެ "ކޮންމެ ކަމެއްވެސް ވަރިހަމަ" އިންޑީއާ ސިޔާސަތަކަށް ތާއީދެއް ނުކުރެވޭނެ.. ސ. ގަން އިންޑިއާއަށް ދޭކަށް އެއްބަހެއް ނުވެވޭނެ. އިންޑިއާ ސިފައިން މިގައުމުގައި ބައިތިއްބަން އެއްބަހެއް ނުވެވޭނެ. މިހާރު ތިޔަ އުޅުއްވަނީ ވަރަށް ގަބޫލުކުރަން ދަތި ގޮތަކަށް އަދި އިތުބާރު ނުކުރެވޭ ގޮތަކަށް.
ސަޕޯޓަރ
13 February 2019
އަންނި ބުންޔަސް އެޔީ ތެދެއް.ޗައިނާްއިން ދޭ ބެޑޮތި ލޯނުތަކުގައި ފޮރުވިފައިވާ ކަންތައް ތަކެއްވޭ.މިހާރު ލަންކާއަށް އެއުޅެނީ އެކަމުން ސަލާމަތްނުވެވިގެން .އެންމެ ފަހުން ޕޯރޓްވެސް ދޭންޖެހުނީ. ވަގުތީ ފައިދާއަކަށްވުރެ ދުރު މުސްތަގުބަލައް ވިސްނާލުން މުހިންމު
Hassan
13 February 2019
މީނަ މިދައްކަނީ ކޮންކަހަލަ ވާހަކައެއްތަ އިންޑިއާ އައް ދާންވީމަ އިނޑިއާ މޮޅުކޮއްފަ ޗައިނާ އައް ނަފްރަތު އުފައްދާފަ..މީނަ 2008 ގަ ބުނި ތިމަންނަމެން ވެރިކަމެއްގަ ޔޫރަޕުންނޭ އެހީ ހޯދާނީ މައުމޫން އަކައް ޔޫރަޕުން އަޅައެއް ނުލާނޭ މައުމޫން ހުންނަން ޖެހޭނީ ޗައިނާ އިންޑިއާ އެއްޗެއް ދިއްކޮއްލާތޯ އޭ އެކަމަކު ވެރިކަން ލިބުނީމަ ޔޫރަޕުން އެއްކަމެއްވެސް ނުވި ފުލެޓް އަޅަން ޗައިނާ އެއާރޕޯޓް ހިންގަން އިންޑިއާ 300މިލިއަން ޑޮލަރެއްވެސް ޔޫރަޕުން ނުދިން
ދޮންބީފާނު
13 February 2019
ކަލެއަށްވުރެ ނާތަހުޒީބު މީހެއް ކޮބާ؟ ނޫޅޭ.
މުހައްމަދު އަހްމަދު
13 February 2019
7 ފެބުރުއަރީ 2012 އަކީ، އެމްޑީޕީ މީހުންނަށް ބާޣާވާތެއް.. އެހެން މީހުންނަށް ދީނަށް ލިބުނު ހިމާޔަތެއް.. ޤާނޫނު އަސާސީ ދުވަސް.. 8 ފެބުރުއަރީ 2012 އަކީ އެމްޑީޕީ މީހުންނަށް ޖިހާދުގެ ދުވަހެއް... އެހެންމީހުންނަށް ބިރުވެރި އުދުވާނުގެ ދުވަހެއް.. މީތަ ޚިލާފު އުފެދޭ ވާހަކަތަކަކީ
ކަޅުސޮރުއާ
13 February 2019
ނަސީދުވެސް މިހިންކިޔާފަ ޗައިނާއާ މެދު ނަފުރަތު އުފެދޭ ގޮތަށް މިވާހަކަ ދައްކަނީ!
Dhaadhey
13 February 2019
ރަނގަޅުވާހަކައެއް. ބޭރުގެ ގައުމުތަކާ ރާއްޖެއާ ދެމެދު އޮންނަ ގުޅުން ގޯސްކުަރަން ހަމައެކަކުވެސް ވާހަކަ ދެއްކުމުގެ ފުރުޞަތަު ދީގެން ނުވާނެ.
ބާބޫ ޖީ
13 February 2019
ޚިލާފު އުފެދޭވާހަކަ ތިދައްކަވަނީ އިބަ މަނިކުފާނު. މަމެން މިދައްކާވާހަކަ ފަހުމް ނުވާތީ ހިތާމަކުރަން