ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް
04 ޖޫން 2019 - 18:26
މިދިޔަ ހަފުތާގައި ހުވާކުރި 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީތަކުގައި އިދިކޮޅު މެމްބަރުންގެ އަޑު އިއްވުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އިއްޔެ ވިދާޅުވެއްޖެ އެވެ.
މަޖިލިހުގައި ދާއިމީ ކޮމިޓީތަކުގެ އަދަދު 17 އަށް ބަދަލު ކުރި އިރު، މަޖިލިހުގެ ގަވައިދުގައި ކުރިން އޮންނަނީ 13 ކޮމިޓީ އެކެވެ. އެކަމަކު، މަޖިލިހުގެ ގަވައިދު އިސްލާހު ކުރަން ހެދި ވަގުތީ ކޮމިޓީން ވަނީ ފަސް ކޮމިޓީއެއް އުފެއްދުމުގެ އިތުރުން ބައެއް ކޮމިޓީތަކުގެ ނަން ބަދަލުކޮށް އަދި ބައެއް ކޮމިޓީތައް އެއްކޮށްލައިފަ އެވެ. މި ނިންމުމާ އެކު، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަޖިލިހުގައި ގިނަ ކޮމިޓީތަކެއް ހުންނާނެ އެވެ.
އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް "މިހާރު" އަށް ވިދާޅުވީ މަޖިލިހުގެ ކޮމިޓީތައް އެކުލަވައިލަން އެންމެ ރަނގަޅު ގޮތަކީ މަޖިލިހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކެއް ތަމްސީލްވާ ގޮތަށް ކަމަށެވެ. އަދި މައިނޯރިޓީގެ އަޑު އިވެން ބޭނުންވާ ކަން އެމްޑީޕީން ކުރިން ފާހަގަކޮށްފައިވާތީ އެ މަގުން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް ކޮމިޓީއެއްގައި 11 މެމްބަރުން ތިބި ކަމަށްވާ ނަމަ، ހަ މެމްބަރުން އެމްޑީޕީ އަށް މައްސަލައެއް ނެތް. އޭރުން އެ ޕާޓީ އަށް މެޖޯރިޓީ ލިބުނީ. އަނެއް ފަސް މެމްބަރުން އެހެން ސިޔާސީ ޕާޓީތަކާއި އަމިއްލަ މެމްބަރުންނަށް ބަހާލީމަ، ޕާޓީތައް ކޮމިޓީތަކުގައި ތަމްސީލްވޭ،" އަށާވަރަ ރައްޔިތުންގެ މަޖިލިހުގައި ތިއްބެވި ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތެރެއިން، މިހާރު ހިނގަމުން އަންނަ 19 ވަނަ ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވި ތިން މެމްބަރުންގެ ތެރޭގައި ހިމެނޭ ޝިޔާމް ވިދާޅުވި އެވެ.
"އެއީ އެކަން ވާންވީ ގޮތަކީ. އޭރުން މައިނޯރިޓީގެ ބަސް ވެސް ކޮމިޓީގައި އިއްވޭނީ."
ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި މެމްބަރުން ބައިވެރިވެޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް
ޝިޔާމް އެގޮތަށް ވިދާޅުވި ނަމަވެސް، 18 ވަނަ މަޖިލިހުގެ އަޣުލަބިއްޔަތު ލިބުނީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަށެވެ. އެކަމަކު، ކޮމިޓީތައް ބެހި އިރު، އޭރުގެ އިދިކޮޅު ފަރާތްތަކަށް ކޮމިޓީން ފުރުސަތު ނުދިން މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ. ހާއްސަކޮށް، ކޮމިޓީތަކަށް އިދިކޮޅު ފަރާތްތަކުން ހުށަހަޅާ މައްސަލަތައް ބަލައި ނުގަނެ، ބޭރުކޮށްލާތީ އެ ކޯލިޝަނަށް އޭރު ވަރަށް ބޮޑެތި ނުރުހުން އަމާޒުވި އެވެ.
އެކަމަކު، ޝިޔާމް ވިދާޅުވީ ޕީޕީއެމަށް އޭރު އަޣުލަބިއްޔަތު އޮތަސް، ހުރިހާ ޕާޓީތަކުގެ މެމްބަރުން ވެސް ކޮމިޓީތަކުން ފުރުސަތު ދިނުމަށް ޕާޓީ ތެރޭގައި ވާހަކަ ދެއްކެވުނު ކަމަށެވެ. ނަމަވެސް، އެކަން ފުރިހަމަ ގޮތުގައި ހާސިލް ނުވި ކަމަށް ޝިޔާމް ވެސް އެއްބަސްވެވަޑައިގެންނެވި އެވެ.
"މިފަދަ ކަންކަން ނިމިގެން ދަނީ އެންމެންގެ މެދުގައި ނަގާ ވޯޓަކުން. އަޅުގަނޑުމެން އެންމެ ހިތްހަމަނުޖެހޭ ގޮތަށް ވެސް ކަންކަން ނިމިފައި ހުރީ. މި ކަންކަން ބަދަލު ކުރަން އެމްޑީޕީން [ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ ނެގުން] މި އައީ. އެހެންވެއްޖެ ނަމަ، އެ ބޭފުޅުން އޭރު ތަހައްމަލު ކުރެއްވި ކަންކަން މިއަދު ބޭނުން ނުވަނީ މައިނޯރިޓީގެ ގޮތުގައި އޮންނަ ޕާޓީން ތަހައްމަލު ކުރަން. އެގޮތަށް ވިސްނާ ނަމަ، ބަދަލު ކުރާނެ ކަމަށް ބަލަނީ،" ޝިޔާމް ވިދާޅުވި އެވެ.
މަޖިލިހުގައި ކުރިން އަމަލު ކުރަމުން އަންނަ އުސޫލަކީ މަޖިލިހުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގައި ތިއްބަވާ މެމްބަރުންގެ އަދަދަށް ބަލާފައި ކޮމިޓީތަކަށް ސްލޮޓްތައް ކަނޑައެޅުމެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީތަކަށް މެމްބަރުން ހަމަޖައްސަން 11 މެމްބަރުންގެ ވަގުތީ ކޮމިޓީއެއް ވަނީ އުފައްދައިފަ އެވެ. އެކަމަކު މި ކޮމިޓީގެ އަޣުލަބިއްޔަތު އޮތީ މަޖިލިހުގައި ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީ އަށެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި މަޖިލިހުގެ ތަޅުމުގައި ހިނގާ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް އެކަށީގެންވާ ވަގުތެއް ހުރިހާ މެމްބަރުންނަށް ލިބިވަޑައިގެންނެވި ނަމަވެސް ކޮމިޓީތަކަށް މެމްބަރުން އައްޔަންކުރާ އިރު، އިދިކޮޅު މެމްބަރުންނަށް އެ ފުރުސަތު ފަހިވާނެކަމުގެ ޔަގީންކަމެއް ނެތެވެ.
"އެމްޑީޕީ އާއި މަޖިލިހުގެ ރިޔާސަތުން ވަރަށް ބާރަށް ކުރިން ފާހަގަ ކުރެއްވީ މެމްބަރުންނަށް ހަމަހަމަ ފުރުސަތުތަކެއް ދޭން ޖެހޭނެ ކަމަށް. އެންމެ ކުޑަ ޕާޓީގެ އަޑު ވެސް ނޫނީ ތަމްސީލްވެގެން ދިއުމޭ ބޭނުން ވަނީ. އެކަމަކު، އެހެން ހައްދަވާނެ ކަމަށް ގަބޫލެއް ނުކުރެވޭ،" ---ޝިޔާމް
"އެމްޑީޕީ އާއި މަޖިލިހުގެ ރިޔާސަތުން ވަރަށް ބާރަށް ކުރިން ފާހަގަކުރެއްވީ މެމްބަރުންނަށް ހަމަހަމަ ފުރުސަތުތަކެއް ދޭން ޖެހޭނެ ކަމަށް. އެންމެ ކުޑަ ޕާޓީގެ އަޑު ވެސް ނޫނީ ތަމްސީލްވެގެން ދިއުމޭ ބޭނުން ވަނީ. އެކަމަކު އެހެން ހައްދަވާނެ ކަމަށް ގަބޫލެއް ނުކުރެވޭ،" ޝިޔާމް ވިދާޅުވި އެވެ.
މަޖިލިހުގެ ކޮމިޓީތަކުގެ ތެރެއިން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް ބޭނުންވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އެ ކޮމީޓީގެ މެޖޯރިޓީ ނުލިބޭ ނަމަ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ކުޑަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި މެމްބަރުން ބައިވެރިވެޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް
"އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރުކަން އިދިކޮޅު ފަރާތްތަކަށް ދިނުމަށް. މުގައްރިރުކަން ދިނުމަކުން އަދި ސަރުކާރު ޖަވާބުދާރީ ކުރުވަން ފުރުސަތުތައް ފަހިވެގެން ނުދާނެ،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި މަޖިލިހުގެ ތަޅުމުގައި ވާހަކަ ދެއްކެވުމުގެ އެކަށީގެންވާ ފުރުސަތު މެމްބަރުންނަށް ލިބިވަޑައިގަތަސް، ހަގީގީ މަސައްކަތް ކުރެވެން އޮތީ ކޮމިޓީތަކުގަ އެވެ. އެހެންވެ، ކޮމިޓީތައް އެކުލަވާލާ އިރު، މުހިންމު ކޮމިޓީތަކުން އިދިކޮޅު މެމްބަރުންނަށް ޖާގަ ލިބެން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލިހުގައި މެމްބަރުން ބެހިފައި އޮތް ގޮތަށް ބަލާ އިރު، އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި 65 މެމްބަރުންނާ އެކު އޮތީ އެމްޑީޕީ އެވެ. ޖުމްހޫރީ ޕާޓީގައި ފަސް މެމްބަރުން، ޕީޕީއެމްގައި ފަސް މެމްބަރުން، ކޮންގްރެސް ޕާޓީގެ ތިން މެމްބަރުން އަދި އެމްޑީއޭގައި ދެ މެމްބަރުން އެބަތިއްބެވި އެވެ. އަދި އަމިއްލަ މެމްބަރުންގެ ގޮތުގައި ހަތް މެމްބަރަކު މަޖިލިހުގައި ތިއްބަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު.
21 November 2019
ޗަކޮޔާ، ޗަކޮއިމެން ކިތަންމެ އަނގައެއް ތެޅިއަސް އަހަންމެން އަޑުއެހިއްޔާނު. ޗަކޮއިމެންގެ ވެރިކަމުގައި އަހަންމެންގެ އަޑު އެހީންތަ. އަހަންމެން އަޑު އިއްވީން، ކިއެއްތަ ޗަކޮއިމެން އަޑުނޭހީ ؟ މިހާރު ދެން ޗަކޮއިމެން މަޑުން ތިބެވޭތޯ ބަލޭބަލަ.
ހުޝާމް
06 June 2019
3 ވަރަކަށް މެންބަރުން 17 ކޮމެޓީގަ ތިބޭނެ ގޮތެއް ނޭނގުނެވެ. ރައްޔިތުން އަޑު އިއްވަން ފުރުސަތު ދިން ވަރަކުން ދޯ އިއްވޭނީ. ހެހެ.. ޝިޔާމު މީ ލިބުނު ފުރުސަތު ރަނގަޅަށް ބޭނުން ނުކުރީމަ ވީ ގޮތް.
އަސޭލާ ހޮރު މަހައްތިޔާ
05 June 2019
އިދި ކޮޅު މީހުންގެ----- އަޑު---- ދެން އެންމެ އަވަހަށް އިވޭނީ މިހާރު ހުރި މީހާގެ 2 ދައުރު ނިމޭ ދުވަހު
ސޭޓުގެ އަނބިމީހާގެ ފިރިމީހާ
05 June 2019
18 ވަނަ މަޖިލިހުގެ އަޣުލަބިއްޔަތު އޮތީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގައި. އެކަމަކު، ކޮމިޓީތައް ބެހި އިރު، އޭރުގެ އިދިކޮޅު ފަރާތްތަކަށް ކޮމިޓީން ފުރުސަތު ނުދިނުމުގެ އިތުރަށް ހުށަހަޅާ މައްސަލަތައް ބަލައި ނުގަންނަނީ މަދެއްކޮށްނޫން. މިމީހުންގެއިރު ކަންކުރީ މިގޮތަށް. މިހާރުދެން ކޮންވާހަކައެއްދައްކާކަށް. ކަލޭމެންގެއިރު ޗާބޫކުންތަޅާފަ، މިހާރު ފިރުމާދޭށޭ ކިޔާނެކަމެއްްނެތް. ދައުރު ހަމަވަންދެން ކެތްކޮށްލައިގެން ތިބިއްބަވާ. ތެޅޭވަރަކަށް ދާނީ ހުޅުނބު. ވިސްނާ!
ކަރިސް
05 June 2019
ނުޖެހޭ އިއްވާކަށް ކަލޭމެން މިދިޔަ5 އހަރު ކުރީކީއް
ޢަބްދުﷲނާފިޒް
06 June 2019
މާސްޗޮކުލެޓު ބަންދުކުރީ، ދެން ޒާތެއްގެ މަހާސިންތާއެއް ބޭއްވި، ނަތީޖާ ނެރެން ނޭގޭ ޒާތުގެ، ހީހީހީ.
ޢަލީމް
05 June 2019
ޢެންމެ މެމްބަރަކު ތަމްސީލުކުރާ ޕާޓީއަކަށް ހުރިހާ ކޮމެޓީއަކުން ޖާގަ ދިނީމަ ރައްޔަތުން ބޮޑު އަޢުލަބިއްޔަތުދިން ޕާޓީގެ އަޑު އިއްވާނީ ކިހިނެއް. ރައްޔަތުން ޒިންމާހަވާލުކުރި މިންވަރަށް އެމްޑީޕީ އިން ކޮމެޓީތައް ތަމްސީލުނުކޮށް މަސައްކަތެއް ނުކުރެވޭނެ
ޢަދީބު
05 June 2019
އެމްޑީޕީ ފުރަތަމަ ވެރިކަމުގަ އިދިކޮޅޭ ކިޔައިގެން ޖެއްސުންކުރި ހަންދާންވޭބާ
އަލިބެއްޔާ!
05 June 2019
ވިސްނާލަބަލަ މީ ޕީޕީެމްގެ ސުޕަރ މެޖޯރިޓިއެއްނަމަ ކަންތައްވާނެގޮތް؟ ތި ޝިޔާމެމެން ބަލާވެސް ނުލާނެ އަހާވެސް ނުލާނެ އިދިކޮޅު ފަރާތްތަކެއް މަޖުލީހުގައި ތިބިތޯވެސް. އެވަރު ބަޔެއް ތީ.
ޙިނި
05 June 2019
ހަހަހާ އެދޮގު އިދިކޮޅެއް ނެތް، ތީ ޔާމިނުގެ ޕަފެޓުން
ފޮނިޓައްޕު ހަސަނު
05 June 2019
ޗަކޮޔާމެން ކަންތައް ކުރިގޮތް މިހާރު ހަނދާން ނެތުނީތަ.